އަޒަރްބައިޖާންގެ ވެެއްޓުނު މަތިންދާބޯޓު ކައިރީ އެހީގެ ޓީމުތައް ހަރަކާތްތެރިވަނީ. -- ފޮޓޯ: އޭއެފްޕީ
31 ޑިސެމްބަރ 2024 - 05:55
ރަޝިއާގެ ވައިގެ ދިފާއީ ބާރުތަކުން ދިން ހަމަލާތަކުގެ ސަބަބުން ވެއްޓުނު ކަމަށް އަޒަރްބައިޖާނުން ބުނާ އެ ގައުމުގެ މަތިންދާބޯޓަށް ހަމަލާ ދިން މީހުންނަށް އަދަބު ދޭނެ ކަމުގެ ޔަގީކަން ރަޝިޔާއިން ދީފި ކަމަށް އަޒަރްބައިޖާނުން ބުނެފި އެވެ.
މި މަހުގެ 25 ވަނަ ދުވަހު ކަޒަކިސްތާނަށް އަޒާލް އެމްބްރޭއާ 190 ޖެޓް ވެއްޓުނު ހާދިސާގައި ބޯޓުގައި ތިބި 67 މީހުންގެ ތެރެއިން 38 މީހުން ވަނީ މަރުވެފަ އެވެ.
އަޒަރްބައިޖާންގެ ރައީސް އިލްހާމް އަލިޔޭވް ވަނީ ދެކުނު ރަޝިއާގެ ގްރޮޒްނީ އެއާޕޯޓަށް ޖައްސަން މަސައްކަތް ކުރަމުން ދަނިކޮށް، އޮޅުމަކުން ބޯޓަށް ބަޑިޖެހުމުގެ ޒިންމާ ރަޝިޔާއިން އުފުލުމަށް ގޮވާލައިފަ އެވެ.
މަތިންދާބޯޓަށް ވައިގެ ދިފާއީ މިސައިލެއް އަމާޒުވިކަން ރަޝިއާއިން ކަށަވަރުކޮށްދީފައި ނުވިޔަސް، ރައީސް ލަޑިމިއާ ޕޫޓިން މިދިޔަ ހަފުތާ ބަންދުގައި އަލިޔޭވްއަށް ފޯނުން ގުޅުއްވައި އެއީ އެއާ ޑިފެންސް ސިސްޓަމް އެކްޓިވޭޓްކޮށްފައި ހުރި ވަގުތެއްގައި ހިނގި ހާދިސާއެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި ދިމާވި ކަންތަކާ މެދު ހިތާމަކުރައްވާ ކަމަށް ވިދާޅުވި ނަމަވެސް ހަމަލާގެ ޒިންމާއެއް ނުނަންގަވަ އެވެ.
އަޒަރްބައިޖާންގެ ޕްރޮސެކިއުޓާ ޖެނެރަލް އިއްޔެ ވިދާޅުވީ ކުށްވެރިވާ މީހުން ދެނެގަނެ ޒިންމާކުރުވާނެ ކަމަށް ރަޝިއާގެ ތަހުގީގީ ކޮމިޓީގެ ވެރިޔާ ވިދާޅުވެފައިވާ ކަމަށެވެ. އަދި މިހާރު ވަނީ ރަޝިޔާއިން ޖިނާއީ ތަހުގީގެއް މި މައްސަލައިގައި ފަށާފައި ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް މަތިންދާބޯޓަށް އަމާޒުވީ ވައިގެ ދިފާއީ މިސައިލެއް ކަމަށް އެއްބަސްވާ ކަމެއް ނުވަތަ ނޫން ކަމެއް އަދި އެކަން ކުރި އެއްވެސް މީހަކު ހޯދުމާއި އިންސާފުގެ ކުރިމައްޗަށް ގެނައުމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ.
ރަޝިޔާ އަކީ އަޒަރްބައިޖާންގެ އެކުވެރި ގައުމެކެވެ. އެކަމަކު އަޒަރްބައިޖާނުން ވަނީ ބޯޓު ވެއްޓުނު ހާދިސާގައި ރަޝިޔާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
"ހަގީގަތަކީ އަޒަރްބައިޖާންގެ މަދަނީ މަތިންދާބޯޓު ރަޝިއާގެ ސަރަހައްދުގެ މަތިން، ގްރޮޒްނީ ސިޓީ ކައިރިން ދަނިކޮށް ހަމަލާ އަމާޒުވެ ހަލާކުވެ، ގާތްގަނޑަކަށް ކޮންޓްރޯލް ގެއްލުނު ކަން،" ރައީސް އަލިޔޭވް ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑަށް ވެސް އެނގޭ އިލެކްޓްރޯނިކް ވޯފެއާ ސިސްޓަމްތަކުގެ ސަބަބުން މަތިންދާބޯޓު ކޮންޓްރޯލުން ނެއްޓިފައިވާކަން... ހަމައެއާ އެކު ބިމުން ދިން ހަމަލާގައި މަތިންދާބޯޓުގެ ފަހަތު ބަޔަށް ބޮޑެތި ގެއްލުންތަކެއް ވެސް ވަނީ ލިބިފައި."
އަލިޔޭވް ވިދާޅުވީ "މިކަން ހިނގީ އެކްސިޑެންޓަކުންކަން އެނގޭ" ކަމަށާއި އެކަމަކު މައްސަލަ އަކީ އެކަން ފޮރުވަން ރަޝިޔާއިން މަސައްކަތްކުރުމުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮއްޓިބިޒް
31 December 2024
ދެރަވަރުކަމެއް. އެކަމަކު ބުޅިކެނޑޭނީވެސް ހަމަ ކެޔޮޅު އަތުން.