ކެޓްރީނާ ކައިފް އިންސްޓަގްރާމްގައި ހިއްސާކުރި ބައެއް ފޮޓޯތައް.
02 ޖެނުއަރީ 2025 - 13:02
އާ އަހަރުގެ ޗުއްޓީއަށް ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް އާއި އޭނާގެ ފިރިމީހާ، އެކްޓަރު ވިކީ ކައުޝަލް ވެސް ރާއްޖެ އަތުވެއްޖެ އެވެ.
ކެޓްރީނާ އާއި ވިކީ ރާއްޖެ އައީ މީގެ ދެތިން ދުވަސް ކުރިންނެވެ. އެކި މުނާސަބަތުތަކާ ދިމާކޮށް މީގެ ކުރިން ވެސް މި ދެމަފިރިން ރާއްޖެ އައިސްފައިވެ އެވެ.
ނަމަވެސް، އެ މީހުން މިފަހަރު ތިބީ ކޮން ރިސޯޓެއްގައި ކަމެއް އަދި ޔަގީން ނުވެ އެވެ.
ކެޓްރީނާ އިއްޔެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ވަނީ މި ދަތުރުގެ ބައެއް ފޮޓޯތައް ވެސް ހިއްސާކޮށްފަ އެވެ. އޭނާގެ ބައެއް ފޮޓޯތައް ހިއްސާކުރި އެ ޕޯސްޓަކީ އާ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ކުރި ޕޯސްޓެކެވެ. އެކަމަކު، އެ ޕޯސްޓުގައި އެމީހުން ތިބި ތަނެއް ޓެގުކޮށްފައެއް ނެތެވެ.
މީގެ ދެ އަހަރު ކުރިން ކެޓްރީނާގެ 39 ވަނަ އުފަންދުވަސް ފާހަގަކުރީ ވިކީގެ އާއިލާ އެކު ރާއްޖޭގަ އެވެ.
ކެޓްރީނާ އާއި ވިކީ ވަނީ މިދިޔަ މަހު ނުވައެއްގައި އެމީހުންގެ ކައިވެނީގެ ތިންވަނަ އަހަރީ ދުވަސް ވެސް ފާހަގަކޮށްފަ އެވެ. އަހަރީ ދުވަހާ ދިމާކޮށް އެ ދެމަފިރިން ދިޔައީ އިންޑިއާގެ ރާޖިސްތާނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy