އިންޑިއާގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ނޫސްވެރިޔާ މުކޭޝް ޗަންދްރަކަރް
05 ޖެނުއަރީ 2025 - 15:58
އިންޑިއާގައި ނޫސްވެރިޔަކު މަރާލައި ޖަންކްޝަން ވަޅެއްގެ ތެރެއަށް ލައި އެޔަށް ސިމެންތި އަޅާފައި އޮއްވައި ފެނިއްޖެ އެވެ.
މަރާލާފައި އޮއްވައި ފެނުނީ ފްރީލާންސް ނޫސްވެރިޔާ މުކޭޝް ޗަންދްރަކަރް، 28، އެވެ. އޭނާ އަކީ އިންޑިއާގެ މެދުތެރޭގެ ޗައްތިސްގަރް ސްޓޭޓްގައި ޒަމާނުއްސުރެ ހިނގަމުން އަންނަ ކޮރަޕްޝަނާއި މާއޮއިސްޓް ބަޣާވާތާ ބެހޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ރިޕޯޓްކޮށް މަޝްހޫރު ޔޫޓިއުބް ޗެނަލެއް ކަމަށްވާ "ބަސްތާރު ޖަންކްޝަން" ހިންގަމުން ދިޔަ މީހެކެވެ.
ޗަންދުރަކަރްގެ މަރުގެ މައްސަލައާ ގުޅިގެން ޕްރެސް ކައުންސިލް އޮފް އިންޑިއާ އިން ކަންބޮޑުވުން ފާޅުކޮށް ހޮނިހިރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ވަނީ "މައްސަލައިގެ ހަގީގަތް" ހާމަކޮށްދޭން ގޮވާލައިފަ އެވެ.
ޗަންދްރަކަރްގެ ހަށިގަނޑު ފެނުނީ މި މަހުގެ ތިން ވަނަ ދުވަހު އޭނާ ގެއްލިގެން އާއިލާއިން ރިޕޯޓް ކުރުމާ ގުޅިގެން، ފޯނުގެ ރެކޯޑްތައް ފުލުހުން ޓްރެކްކުރުމުގެ ތެރޭގަ އެވެ.
މަރުގެ މައްސަލައިގައި މިހާރު ވަނީ ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފަ އެވެ.
އިންޑިއާގައި ގުދުރަތީ ވަސީލަތްތައް މުއްސަނދި މެދުތެރޭގެ ސަރަހައްދުތަކުގައި ނިކަމެތިންގެ ހައްގުތައް ހޯދައިދިނުމުގެ ނަމުގައި ހަނގުރާމަކުރަމުންދާ ނަކްސަލައިޓް ހަނގުރާމަވެރިން އެތައް އަހަރެއް ވަންދެން ހިންގަމުން އަންނަ ހަމަނުޖެހުންތަކުގައި މިހާތަނަށް 10،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ޗައްތިސްގަރްގެ ޗީފް މިނިސްޓަރު ވިޝްނޫ ދޭއޯ ސައި ވަނީ ޗަންދްރަކަރްގެ މަރާ މެދު ހިތާމަ ފާޅުކުރައްވައި އެކަމުގައި ޒިންމާވާ ފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
ރިޕޯޓާސް ވިތައުޓް ބޯޑާސް އިން އެކުލަވާލާ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި އިންޑިއާ އޮތީ މިދިޔަ އަހަރު 159 ވަނައިގަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުއްބާ
05 January 2025
ތިފަދަ ހާލަތެއްގަ ދިވެހި ރާއްޖެވެސް މިއޮތީ. ނޫސްވެރިޔާ ރިލްވާނާއި ޔާމީނު މަރާލާފައި ވަނީ ނުހަނު އަނިޔާވެރިކޮއް..... އެއްވެސް އިންސާފެއް ހަމައެއް ލަމައެއް ނެތް.