ހޯނޑެއްދޫ މަތިން ނަގާފައިވާ ފޮޓޯއެއް. މި ރަށުގެ ބިމުން ބޮޑުބައެއް ވަނީ އައިސްޕްލާންޓް ހަދަން ކުއްޔަށް ދީފައި.-
13 ޖެނުއަރީ 2025 - 16:23
ނުނިމި ދިގުލައިގެންދާ ގދ. ހޯނޑެއްދޫ ކޯލްޑް ސްޓޯރޭޖް މި އަހަރުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްކުރާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު މިދިޔަ ހަފުތާގައި ގއ. އާއި ގދ. ގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުގެ ތެރެއިން ޝިޔާމް "މިހާރު" އަށް ވިދާޅުވީ ހޮރައިޒަން ފިޝަރީޒް ކުންފުންޏަށް 2005 ވަނަ އަހަރު ކުއްޔަށް ދީފައިވާ ބިމުގައި، ކޯލްޑް ސްޓޯރޭޖް ގާއިމްކުރަން ބޮޑު ހަރަދުތަކާ އެކު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އެކަމަކު، މިދިޔަ މި މުއްދަތުގައި އެ ތަން އޮޕަރޭޝަނަށް ނުގެނެވުމުގެ ކަންބޮޑުވުންތައް އެބަހުރި ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ކޯލްޑް ސްޓޯރޭޖު ހަދަން ހޮރައިޒަން ފިޝަރީޒަށް، ފިޝަރީޒް މިނިސްޓްރީން 13 ހެކްޓަރުގެ ބިމެއް ކުއްޔަށް ދިނީ 35 އަހަރަށް އަކަފޫޓަކަށް 15 ލާރީގެ ރޭޓުންނެވެ. އެކަމަކު، ކޯލްޑް ސްޓޯރޭޖް އޮޕަރޭޝަނަށް ނުގެނައި ނަމަވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެ ކުންފުނިން އެ ބިމަށް ކުލި ދައްކަ އެވެ.
ނަމަވެސް، އެ ވަރުގެ ބޮޑު ބިމަކާ އަޅާބަލާއިރު އެއީ އެކަށީގެންވާ އަގެއް ނޫން ކަމަށް ބުނެ ހޯނޑެއްދޫ ކައުންސިލުން ވަނީ ކުލި 20-60 ލާރިއަށް ބޮޑުކުރަން ހުށަހަޅައިފަ އެވެ.
ޝިޔާމް ވިދާޅުވިގޮތުގައި އެ ތަނުގެ ހިދުމަތްތައް ނުލިބޭތީ ރަށަށް އިތުރު ފައިދާއެއް ނުލިބޭ ކަމަށެވެ. އެއާ އެކު، ސަރުކާރުން އަންނަނީ މި އަހަރުގެ ތެރޭގައި ކޯލްޑް ސްޓޭޖުގެ ފެށޭނެ ގޮތްތައް ބަލަމުންނެވެ.
މީގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
"އެގްރިމެންޓް ބާތިލް ކޮށްފައި އެ ތަން ބޭނުން ނުހިފޭ ގޮތް ހެދުމަށް ވުރެ ރަށުގެ އަދި ސަރަހައްދުގެ މަސްވެރިންނަށް އަދި ވަޒީފާގެ ފުރުސަތުތައް ބޭނުންވާ ފަރާތްތަކަށް ވެސް ރަނގަޅު ވާނެ އެ ތަން އޮޕަރޭޝަނަށް ގެނެވުނީމާ. ކުޑަ މަސައްކަތެއް ކޮށްގެން އެ ތަން އޮޕަރޭޝަނަށް ގެނެވޭނެ. އަޅުގަނޑުމެން މި ބަލަނީ މި އަހަރު ތެރޭގައި ކޮންމެވެސް އެއް ގޮތަކަށް މިކަން ނިންމަން،" ޝިޔާމް ވިދާޅުވި އެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މަސްވެރިކަމުގެ ސިނާއަތުގައި އުޅޭ އަމިއްލަ ކުންފުނިތައް މަދެވެ. އެކަން ގޮތަށް ދިމާވާ ސަބަބުތައް ވެސް އެބަހުރި ކަމަށާއި ސަރުކާރުގެ ވިސްނުމަކީ އަމިއްލަ ފަރާތްތަކަށް ވެސް ފަހިވާ މަސްވެރިކަމުގެ ސިނާއަތެއް އުފެއްދުން ކަމަށް އޭނާ ވިދާޅުވި އެވެ.
މަހުގެ ޕްރޮސެސިން ކެޕޭސިޓީ އިތުރުކުރަން މި ފަހުން ހުޅުވާލި ފުރުސަތުގައި ވެސް ބޭރުގެ އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކުރި ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"ރަނގަޅު މާހައުލެއް މަސްވެރިކަމުގެ ސިނާއަތުގައި ކްރިއޭޓް ކުރައްވައިފި. [ރައީސް] ބޭނުންފުޅު ވަނީ އެ ތަން [ކޯލްޑް ސްޓޯރޭޖް] އޮޕަރޭޝަނަށް ގެންނަން،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހޮރައިޒަން ފިޝަރީޒް މެދުވެރިކޮށް ކޯލްޑް ސްޓޯރޭޖުގެ މިނިވަން އިވެލުއޭޝަނެއް ހަދާފައިވާ ކަމަށެވެ. އޭގެ ސަބަބުން، ބޭރުގެ ބަޔަކާ އެކީ ވާހަކަ ދައްކާއިރު ފެސިލިޓޭޓް ކޮށްދޭނެ ގޮތް ވެސް އެނގޭނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބާދު
14 January 2025
އަދި ބަހައްޓާނުނިމޭ، އަނެއްކާ ކޮންކަހަލަ ބައްޔެއްޖެހިގެންތޯ އޮޕަރޭސަނަށް ގެންނަން ޖެހިގެން ތިއުޅެނީ؟.
ސިކުނޑި
14 January 2025
ޝިޔާމަށް ފިޝަރީޒަކީ ކޯއްޗެއްކަން އިނގޭތޯ؟ އަމިއްލަ ފަރުދުން އެ ސިނާޢަތަށް ނުވަންނަ ސަބަބު އެއޮތީ ވަރަށް ސާފުކޮށް ފެންނަން! ގައިމު ފައިދާއެއް ވާނެނަމަ ގާސިމުވެސް ތި ތަނެއް ތިހެނެއް ނުއެއް ބާއްވާނެ! ސަރުކާރު ތަކުގެ ދެކޮޅުނުޖެހޭ ސިޔާސަތުތަކުގެ ސަބަބުން އަތޮޅުތެރޭގެ ތަރައްގީ މަޑުޖެހިފައިއޮތީ! މިސަރުކާރު ސިޔާސަތު ކީއްކުރަން ވާހަކަވެސް ދެކޮޅު ނުޖެހޭ! ތިވެސް ޖަހާނީ އުނބަށް!!
ރަންނަ
14 January 2025
ނެކްސްޓް ޖޯކް ޕްލީޒް