ހޯމް މިނިސްޓަރު އަލީ އިހުސާން: 18 އަހަރުވުމުން ޕާޓީއަށް ވައްދަން އުޅޭ ވާހަކަ އިހުސާން ވަނީ ދޮގު ކުރައްވާފައި.
14 ޖެނުއަރީ 2025 - 22:03
އުމުރުން 18 އަހަރު ފުރެން ގާތްވެފައިވާ ކުދިންގެ މައުލޫމާތުތައް އެއްކޮށް، އެ ކުދިން ސިޔާސީ ޕާޓީއަކަށް ވެއްދުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ދައްކާ ވާހަކަތައް އޭނާ މިއަދު ދޮގުކުރައްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ މައްސަލާގައި އިހުސާން ވާހަކަ ދެއްކެވީ އިދިކޮޅު އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ކުރެއްވި ތުހުމަތުތަކަކާ ގުޅިގެންނެވެ.
އިބްރާހިމް ވަހީދު ވިދާޅުވި ގޮތުގައި އުމުރުން 18 އަހަރު ފުރެން ގާތްވެފައިވާ ކުދިންގެ މައުލޫމާތު ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން އެއްކޮށް، އެ ކުދިންނަށް 18 އަހަރު ފުރުމާ އެކު، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމަށް ތައްޔާރުކޮށް، ޕީއެންސީ އޮފީހުގައި ހުރި ކަމަށް މައުލޫމާތު އޭނާ އަށް ވަނީ ލިބިފަ އެވެ. އެކަން ކުރަނީ އިހުސާންގެ ބެލުމުގެ ދަށުން ކަމަށް އެ ޓްވީޓުގައި އިބްރާހިމް ވަހީދު ތުހުމަތު ކުރެއްވި އެވެ.
އެކަމާ ގުޅިގެން މިނިސްޓަރު އިހުސާން ދެއްވި ރައްދުގައި ފުރަތަމަ ކުރެއްވީ ސުވާލެކެވެ. އެއީ އެމްޑީޕީގެ ވެރިކަމުގައި އެކަން ކުރައްވަން އިބްރާހިމް ވަހީދު ވިސްނެވީތޯ އެވެ. އަދި އޭނާ އަށް އިބްރާހިމް ވަހީދު ކުރެއްވި ތުހުމަތުތަކުގައި ބުނާ ކަންކަން ކުރައްވަން ހިޔާލަށް ވެސް ނާންނަ ކަމަށް އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ދައްކާ ކޮންމެ ދޮގު ވާހަކައަކަށް ޖަވާބު ދެއްވަން ވަގުތު ނުވަތަ ފުރުސަތު އެ މީހަކަށް ނުލިބިދާނެ ކަމަށެވެ. އަދި އެފަދަ ބޮޑު ދޮގެއް ބޮލުގައި އެޅުވުމަށް ވުރެ، އެމްޑީޕީގެ ސިޔާސަތުތަކުގެ ރަނގަޅު ވާހަކަ ދެއްކުން މާރަނގަޅު ކަމަށް ވިދާޅުވި އެވެ.
މަނިކުފާނުގެ ސަރުކާރުގަ މިކަން ކުރައްވަން
— Minister of Homeland Security & Technology (@min_mohst) January 14, 2025
މަނިކުފާނު ވިސްނެވީތޯ؟ ހަމަޔަގީނުންވެސް އަޅުގަނޑު މިހާތަނަށް ޚިޔާލަށްވެސް ނުގެންނަކަމެއްގެ ވާހަކަ ތިޔަ ވިދާޅުވީ. ތިބޭފުޅުން ތި ދައްކަވާ ކޮންމެ ދޮގުވާހަކައަކަށް ޖަވާބުދޭނެ ވަގުތު ނުވަތަ ފުރުސަތު އެމީހަކަށް ނުލިބިވެސްދާނެ. މީހުންގެ ބޮލުގަ… https://t.co/9wv1ypU8gH
މީހުންނަށް ނޭނގި ޕާޓީތަކަށް މީހުން ބަދަލުކުރާ މައްސަލަ އަނެއްކާ ވެސް ފެންމަތިވީ އެމްޑީޕީގެ މަޖިލިސް މެންބަރެއް ކަމަށްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ނޭނގި އޭނާ ޕީއެންސީ އަށް ބަދަލުކުރި ކަމަށް މީގެ ދެތިން ދުވަހެއް ކުރިން އެނގުމުންނެވެ. މިހާރު އެ ފޯމު ވަނީ ބާތިލުކޮށްފަ އެވެ.
އެ މައްސަލަ ހޫނުވެފައި ވަނިކޮށް، ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ވެސް ވަނީ ސައްހަ ނޫން ފޯމުތަކެއް ޕީއެންސީން އީސީ އަށް ހުށަހަޅާފައިވާ ކަމަށް އެެއްބަސްވެފަ އެވެ. އެކަން ފުލުހުން ވެސް ތަހުގީގުކުރަމުން އަންނައިރު އެކަމަށް އެއްބާރުލުންދޭނެ ކަމަށް އެ ޕާޓީން ބުންޏެވެ.
މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި މީހުންނަށް ނޭނގި ސިޔާސީ ޕާޓީ ބަދަލުވުމާއި ޕާޓީތަކަށް ވެއްދުމުގެ 300 މައްސަލައެއް ވަނީ އީސީ އަށް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
'ޗަކޮއެ
15 January 2025
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ސީއެޗްއެސްސީ ކުދިންގެ ވަނަވަރު ހޯދައިގެން އެކުދިން ޕާޓީއަށް ނުވެއްދިގެން ނޫޅެމުބާ؟ އެކުދިންނަށް ރަނގަޅަށް 18 ނުފުރެނީސް އެކުދިންގެ މައިންބަފައިނަށް ގުޅައިގެން ވޯޓުހޯދަން ނޫޅެމު؟
ގުދޯގުދޯ ގުދޯގުދޯ
15 January 2025
މީހުންނަށް ނޭނގި ޕާޓީއަަށް މީހުން ވައްދާފައި ނެތް އެއްވެސް ޕާޓީއެއް އޮންނާނެހެން ހީނުވެ. ހާއްސަކޮށް އެއިރެއްގައި ވެރިކަމުގައި އޮންނަ ޕާޓީއަކުން މިކަން މައްޗަށް ޖައްސާލަތަން ފެނިފަ އޮތީ. އޭގެ ތެރޭގައި އެމް.ޑީ.ޕީ ވެސް ހިނެނޭ. ޔަގީނުންވެސް މިރަށުގައި އެބަތިބި ދުވަހަކުވެސް ތިއިން ފުރައިގެން، ދުވަހަކުވެސް ޕާޓީއަކަށް ނުވަންނާނެ މީހުން އެކި ޕާޓީތަކަށް ވައްދާފަ. މަށަކީވެސް އެއިގެ މީހެއް. ގުދޯގުދޯ ގޮވައިގެން މަމޮޅުހެދެން އެއްވެސް ބަޔަކު ނޫޅެންވީނު
ޢިމި ޒުވާން
15 January 2025
މަނިކުފާނު ގެ ބާރުތައްވެސް މާ ބޮޑުވެފައި އިމިގުރޭޝަނަ، . ކަސްޓަމްސް، ޕުރިޒަންސް ،ޕޮލިސް، އެން.ސި.އައި.ޓީ ހިންގާނީ ސުޕަރހީޜޯ އެއްތޯ! ، ސާބިތު ނުހިފޭ ދޮގުވާހަކަ ތައް ދައްކައި އެ މުއައްސަސާ ތަކުގެ އަގު ވައްޓައި، ހިތައް އަރާ ގޮތަކީ ރަގަޅު ގޮތްކަމަށް ބަލައި ، އަމިއްލަ ނަފުސް މަޝްހޫރުވެ “ގަޓްމީހެކޭ” މީހުންލައްވާ ބުނުއްވަން އުޅޭއިރު ، އުސޫލު އާޢި ހަމަޔާއި ގަވާއިދާއި އަނެކާގެ ހައްގުތަކާޢި ،ދައުލަތުގެ އަގުވެއްޓުނަސް މަނިކުފާނަށް އޯކޭތޯ؟ ޕޮލިސް އެކަނި އޯކޭ
އަލިބެ...
15 January 2025
މިވަރުގެ ކަންކަން ފަޅާއެރުމުން މިގޮތައް ގަދަބަސް ބުނާނީ ވަރަށް ނުލަފާ މީހުން.
ހަމީޒް ހުސައިން
15 January 2025
އީސީ އިން ބޭނުންވާ ވެރިފިކޭޝަން ސިސްޓަމަށް މިއަހަރުގެ ބަޖެޓްގައި ހުރި ޕާޓީ ފައިސާ އިންވެސްޓް ކުރަން ވީނު؟
ވަގުންގެބޮސް
15 January 2025
އިހުސާން ފޯމްބޮނޑިއެއް ހިފައިގެން ހުރިތަން ފެނުނީމަ ހިތައްއެރީ އެއީވެސް ވަގު ފޯމްބޮނޑިއެއް ނޫންބާވައޭ.
އަސް
14 January 2025
ޕާޓީ ތަކަށް ދައުލަތުން ފައިސާ ދިނުން ހުއްޓާލީމަ ޕާޓީއަށް މީހުން އިތުރު ކުރާކަށް ނޫޅޭނެ.
ތަމީމު
14 January 2025
ވަގު ފޯމުތައް، ސިޔާސީ ޕާޓީތަކުން ހުށަހަޅަނީ ނިޒާމު އޮތް ގޮތުންނެވެ. އެ ފުރުސަތު ފަހިވެފައި އޮތަތީއެވެ. ސިޔާސީ ޕާޓީތަކަށް، މީހުންގެ ނިސްބަތުން ކޮންމެ އަހަރަކު ދައުލަތުން ފައިސާ ދިނުން ހުއްޓާލަންޖެހޭ! ހަމަ އެހެންމެ، ވަގު ފޯމެއް ހުށަހަޅާ ޕާޓީ ޖޫރިމަނާ ކުރުމުގެ ބަދަލުގައި، ވަގު ފޯމު ހުށަހަޅާ ފަރާތާއި، ހެކިވެރިންގެ ގޮތުގައި އިގްރާރުވީ މީހުންނާއި، ޕާޓީގެ ރަޖިސްޓްރާ އަށް ޖަލު ހުކުމް އަންނަ ގޮތެއް ހަދައިފި ނަމަ، މިކަން ހުއްޓޭނެ!
އުަލްފަތުގެ ހާރު
14 January 2025
އަޑެއްކިއްޔާ ރެނދެއް ލާނެ. ތިކަމުގައިވެސް ހަޤީޤަތެއް އޮންނާނެ.
ޝޭމް
15 January 2025
ރެނދު އޮތީ ލާފަ. އިހުސާނުމެން ދެން ޖެހޭނީ ރެނދު ބައްދަން..