ހުޅުމާލެ 2 ގެ ޓްރާންސްފޯމަރަކަށް ގެއްލުން ދީފައި. -- ފޮޓޯ: ސްޓެލްކޯ
16 ޖެނުއަރީ 2025 - 12:43
ހުޅުމާލެ 2 ގައި ހުންނަ ކަރަންޓު ޓްރާންސްފޯމަރުތައް މޮނިޓާކުރަން ސީސީޓީވީ ކެމެރާ ހަރުކުރުމުގެ ހުއްދަ ސްޓެލްކޯ އަށް ލިބިއްޖެ އެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މިއަދު "މިހާރު" އަށް ވިދާޅުވީ އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުންނަ އެ ޓްރާންސްފޯމަރުތައް މޮނިޓާކުރުމަށް ސީސީޓީވީ ހަރުކުރުމުގެ ހުއްދައަށް އެ ކުންފުނިން އެދިފައިވާތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އެ ހުއްދައަށް އެންމެ ފުރަތަމަ އެދުނީ އެޗްޑީސީގެ ކުރީގެ އެމްޑީ ހުންނަވަނިކޮށް ކަމަށާއި އެކަމަކު އެކަން އޭރު ކާމިޔާބު ނުވި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ހުންނެވި އެޗްޑީސީގެ އާ އެމްޑީއާ މަޝްވަރާ ކުރެވި، އެ ހުއްދަ ލިބި ސީސީޓީވީ ހަރުކުރުމުގެ މަސައްކަތް ފަށަން އުޅެނީ،" އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ 2 އަށް ކަރަންޓު ދިނުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 70 މިލިއަން ޑޮލަރަށް ޗައިނާގެ ކުންފުންޏަކާ އެވެ. މިއަދާ ހަމައަށް ވެސް އެ މަސައްކަތް އެއްކޮށް ނިންމައެއް ނުލެވެ އެވެ. އޭރު ސްޓެލްކޯ އިން ބިޑްކުރުމުން ވެސް އެ ކުންފުންޏަށް އެ މަސައްކަތް ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ. އަދި މަސައްކަތް ނުނިމޭތީ، އެ ނެޓުވޯކް ރަސްމީކޮށް ސްޓެލްކޯއާ އަދި ހަވާލުކޮށްފައި ވެސް ނުވެ އެވެ.
މި ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލަ ވަރަށް ބޮޑުވެފައިވާއިރު، އޭގެ ކައިރީގައި އެއްވެސް ކަހަލަ ސެކިއުރިޓީއެއް ނުވަތަ ސީސީޓީވީ ކެމެރާއެއް ވެސް ނުހުރެ އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސް މީހަކު ވަނީ ކަރަންޓު ޓްރާންސްފޯމަރެއްގެ ތެރެއަށް ވަދެ، އޭގައި ހުރި ކޭބަލްތައް ބުރިކޮށްލައިގެން ވަގަށް ގެންދަން އުޅެފަ އެވެ. ކޭބަލްތައް ބުރިކުރުމާ އެކު ކަރަންޓު ކެނޑުމުން، އެ ސަރަހައްދުގައި ހުރި ސްޓެލްކޯގެ މުވައްޒަފަކު އެތަނަށް ދިޔައިރު ދެ ވަގުން އެތަނުގައި ތިބި ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެފައިވެ އެވެ.
އެ މީހުން ހުއްޓުވަން އެ މުވައްޒަފު މަސައްކަތް ކުރުމުން އެ މީހުންގެ އަތުގައި އޮތް ރެންޗަކުން ޖަހައި، މާރާމާރީ ވެސް ހިންގި އެވެ. އެ މާރާމާރީގައި އެ މުވައްޒަފުގެ ބޮލާއި އަނގަމަތި ފަޅައިގެން ގޮސްފައިވެ އެވެ.
ޓްރާންސްފޯމަރުތަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހިގެން މިދިޔަ އަހަރު މީހަކު މަރު ވެސް ވި އެވެ.
ސްޓެލްކޯ އިން ބަލަހައްޓާ މާލެ އާއި ހުޅުމާލެ 1 ގެ ޓްރާންސްފޯމަރުތައް ހުންނަނީ ވަރަށް އުސްކޮށް ފާރު ރާނައި އެތެރެއަށް ނުވަދެވޭ ގޮތަށް ތަޅުލާފައި ހުންނަ ތަންތަނުގަ އެވެ. އަދި އެ ތަންތަނުގައި ސީސީޓީވީ ކެމެރާ ހަރުކޮށްގެން ބަރާބަރަށް މޮނިޓާކުރެ އެވެ. ސްޓެލްކޯގެ މުވައްޒަފަކަށް ވެސް އެ ތަނަށް ވަދެވެނީ ހާއްސަ ޕްރޮސީޖާއެއްގެ ދަށުން ސޭފްޓީ ޕްރިކޯޝަންތައް ނަގައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕިސްޕިސް
18 January 2025
ބައްޔެއްނުން. ކޮންހާިަރަދެއ. ނުވަދެވޭގޮތައް ދަގަނޑު ޖެހީމަ ނިމުނީނުން
މޮޑާން ގަވަރނެންސް
17 January 2025
ރައްޔިތުންނަށް ލިބިފައިވާ އެންމެ ބޮޑު ނަސީބަކީ މިކަހަލަ އުނދަގޫތަކުން ސަލާމަތްވާން މުޅިދުނިޔޭގަވެސް މަދުބަޔަކަށް ކުރެވޭ އެހާމެ އަގުބޮޑު އައު އީޖާދުތައް ބޭނުންކުރަން ދަންނަ ބުއްދިވެރި ވެރިން ތިބޭކަން. އަދި ތިޔަ ސީސީ ޓީވީ ކެމެރާތައްހަރުކުރެވޭނެ ކަމުގެ މުނާސަބަތުގަ ހަވާވެސް އަރުވަން ދަންނަވަން.
ރަދީފު ބިން ރަފައިދާ
16 January 2025
ދުވަސްކޮޅަކުން ޖަންގުޝަންތައް މޮނީޓަރުކުރަންވެސް ކެމެރޭ ހަރުކުރަންޖެހޭ ހިސާބު އަންނާނެކަންނޭންގެ. ނަޖިސްނަގައިގެން އެވިއްކާތީ.
އުދުހޭ
16 January 2025
ދެން ސީސީޓީވީ ލައިވްކޮށް ބަލަން މުޒާރަދީފަ 24 ގަޑިިއިރު މީހަކު ބައިންދަން 5 މީހުންނަށް ވަޒީފާ ދިނީމާ ބިލްތަށް ވާނީ ކުޑަތަ ނުވަތަ ބޮޑުތަ؟ ކުށްކުރާ މީހުންނަށް އެކަށީގެންވާ އަދަބު ނުދޭތީ އެމީހުންގެ ކުށުގެ ރެކޯޑް 100 އިން މަތީގަ ހުންނައިރުވެސް ..........
ސަސި
16 January 2025
ނަސީބެއްދޯ އެކަން ކުރަން ވެއްޖެކަން ގެޓްވިކަން
ރަސްތަ
16 January 2025
ތިޔަކަމާއުޅެން އަދި ތަންކޮޅެއް އަވަސް. އަދި ވިއްސަކަށް އަހަރު މަޑުކޮށްލަދީ!
އަހުމިއްޓޭ
16 January 2025
ދެންކުރީގެ އެމްޑީ ބަޔާނެއްނެރޭ ހުއްދަދީފައޭ އޮންނާނީ ކިޔާފަ.
ސީސީޓީވީ
16 January 2025
ސީސީޓީވީ ފުޓޭޖް އަކީ ރާއްޖޭގެ ކޯޓުތަކުގައި ބަލައިގަނެވޭ އެއްޗެއް ކަމުގައި ނުދެކެން. އެހެންނަމަ ގޭންގު މާރާމާރީއާއި މަރުތަކުގެ މައްސަލަތަށް މިހާރު ހުންނާނީ ނިމިފަ. އެހެންވީމަ ތިޔަ ސީސީޓީވީ އަކުން ވަގުން މަތައެއް ނުކުރެވޭނެ، ތި ވާނީ ބޮޑު އިސްރާފަކަށް.
މިހާލި
16 January 2025
ސީސީޓީޥީ ހަރުކޮއްގެންވެސް ބިލްތައް ކުޑަވާނެގޮތެއްބަލާބަލަ.
އަހުމަދުބޭ
16 January 2025
ކަމުގެ އަސަލަށް ވާސިލްނުވެ އަނެއްކާވެސް ބޭކާރު ޚަރަދެއް ކުރަން މިއުޅެނީ؟ ދެންގެންދާނީ ހަރުކުރާ ކެމެރާއާއި ޓުރާންސްފޯމަރ، މިއުޅެނީ ސެކިއުރިޓީ ކެމެރާނެތިގެންނެއްނޫން، މިއުޅެނީ ކުއްވެރިންނަށް ދެވިފައިވާ ލުއިތަކާ ކުއްވެރިންނަށް ގާނޫނުން ދީފައިވާ ލުއިތަކުގެ ސަބަބުން މުޅިސިސްޓަމް ފެއިލްވެގެން އަދަބު ނުދެވިގެން، ޑުރަގް އާއި ގޭންގެތަށް އާއްމުވެގެން، ގޭންގްތަކުގެ ދަށަށް މުޅިސަރުއީ ނިޒާމްގޮސްގެން މިއީ