މާލެ ސްކޫލެއްގެ ދަރިވަރަކު އޭނާގެ ބެލެނިވެރިޔާ އާ އެކު ދަނީ: ދަރިވަރަކަށް އަނިޔާކުރި ޓީޗަރު ކޯޓުން ވަނީ ދޫކޮށްލާފައި .-- ފޮޓޯ: މިހާރު
19 ޖެނުއަރީ 2025 - 16:02
ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި ޓީޗަރަކު ކޯޓުން ދޫކޮށްލައިފި އެވެ.
މާލޭގެ ސްކޫލެއްގެ ޕްރައިމަރީ ގްރޭޑެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ބިދޭސީ އަންހެން ޓީޗަރަކު ދަރިވަރަކަށް އަނިޔާ ކުރިކަން އެޑިއުކޭޝަން މިނިސްޓްރީއަށް ސްކޫލުން ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެ ޓީޗަރު ސަސްޕެންޑުކޮށް، މައްސަލަ އެ މިނިސްޓްރީން ޕޮލިހަށް ހުށަހެޅި އެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ހުކުރު ދުވަހު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރި ކަމަށެވެ. ނަމަވެސް ކޯޓުން ޝަރުތުތަކާ އެކު އެ ޓީޗަރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ވިދާޅުވީ ދަރިވަރުންނަށް އަނިޔާ ކުރުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
"މިފަދަ މައްސަލަތައް މިނިސްޓްރީގެ ފަރާތުން ޒިންމާދާރުކަމާއެކު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، ތަކުރާރު ނުވާނޭހެން ފިޔަވަޅު އަޅާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ދަރިވަރުންނަށް އަނިޔާ ކޮށްގެން މީގެ ކުރިން ވެސް ޓީޗަރުން ސަސްޕެންޑް ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެލެނިވެރިޔާ
22 January 2025
ޓީޗަރ ދަރިވަރުން ގައިގަ ތަޅައިގަތުމަކީ އެކަނިތޯ އަނިޔާއަކީ؟ އެއްވެސް ކަމަކާނުލައި ތިޔަ ބޭފުޅުން ބޭނުންގޮތަކަށް އެކަޑަމިކް ޔިއަރ ބަދަލުކޮށްގެން ކުޑަކުޑަ ކުދިން އެއް ގްރޭޑެއްގައި ރިޕީޓްކުރުން އަނިޔާ އަކަށް ނުވޭތޯ؟ މުޅި އެޑިޔުކޭޝަން މިނިސްޓްރީ ޒިންމާވާން ޖެހޭ ފަދަ ކަމަކީ ތަޅައިގެން އަނިޔާކުރުން އެކަނި ނޫން އިގޭތޯ!. ބެލެނިވެރިން އަތުން ބޭކާރު ފައިސާ ޚަރަދު ކުރުމާއި، ވަގުތު ބޭކާރު ކުރުމަކީ ވެސް އަނިޔާ އިގޭތޯ.
ދަރަމްވީރު
21 January 2025
މި ޤައުމުގެ މުދައްރިސުން މިހާރު ތިބޭނީ ބިރުވެރިކަމެއްގައި، ބެލެނިވެރިންގެ އޮންނަ ޙަސަދަވެރިކަމާއި ދަރިން ދޮންފުތުކޮށްގެން ގެންގުޅުމާއި ކުދިންގެ ޙައްޤުތަކުގެ ޤާނޫނުތައް ހުންނަގޮތުންނާއި ހެދި ހިތާމަ ކުރަން
ދިވެހިނި
19 January 2025
ދިވެހި މުދައްރިސުން ތަމުރީނުކޮށް ބޭރުމީހުންގެ ތައްޕާހުން ދިވެހިދަރިން ސަލާމަތްވާނެ ކަހަލަ ސިޔާސަތެއް މިސަރުކާރުން ތަންފީޒުކުރާނެ ކަމަށް އުންމީދު ކުރަން. މުދައްރިސުކަމަކީ ރަނގަޅު ވަޒީފާއެއްކަމަށް ފެންނަގޮތަށް ސިޔާސަތު ބަދަލުކުރަން ޖެހޭ. އަމުދުން ފިރިހެން ދިވެހި މުދައްރިސުން މަދު. ސްކޫލުތަކުން ފިރިހެން ކުދިންނަށް ރަނގަޅު ރޯލްމޮޑެލުން ނުފެނޭ. ކުޅިވަރުފަދަ ހަރަކާތްތައް ހިންގޭނެ ދިވެހި ފިރިހެން މުދައްރިސުން އުޅޭނަމަ ވިޔާނުދާ ޑްރަގްބޯ ކުދިން މަދުވާނެ.
އަންދަލޫސިޔާ
19 January 2025
ސިޔާސީ ގޮތުން އިދިކޮޅު މީހެއް ނޫންވީމާ ދޫކޮށްލީ!