ޚަބަރު / ރައީސް މައުމޫން އަބްދުލްގައްޔޫމް

ޑީއާރްޕީގެ ދަރަންޏާ ގުޅޭ މައްސަލަ ފެށުން ސުޕްރީމް ކޯޓުން ފަސްކޮށްފި

މައުމޫން: ޑީއާރްޕީގެ ދަރަންޏާ ގުޅޭ މައްސަލަ ފެށުން ސުޕްރީމް ކޯޓުން ވަނީ ފަސްކޮށްފައި

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ދަރަންޏަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ކުރުވަން އުޅޭތީ އެކަމާ ދެކޮޅަށް އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ފެށުން ފަސްކޮށްފި އެވެ.

ޑީއާރުޕީން ހޯދި ހިދުމަތްތަކަށް އެމްޓީސީސީއަށް ދޭންޖެހޭ 1.1 މިލިއަން ރުފިޔާ އެ ޕާޓީން ނުދައްކާ އޮއްވާ އެ ޕާޓީ އުވާލުމުން އެމްޓީސީސީން ދައުވާކުރީ ޕާޓީގެ އޭރުގެ ރައީސްގެ ހައިސިއްޔަތުން މައުމޫން އެ ދަރަންޏަށް ޒިންމާ ކުރުވުމަށެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމާފައި އޮތީ މައުމޫން ޒިންމާ ނުކުރުވޭނެ ކަމަށެވެ.

އެ މައްސަލަ އެމްޓީސީސީން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މައުމޫންގެ ފަރާތުން އިޖްރާއީ ނުކުތާއެއް ނެގީ އެ މައްސަލަ އެގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅުމަށެވެ. ނަމަވެސް ހައި ކޯޓުން ނިންމީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެހެންވެ، ހައި ކޯޓުގެ އެ ނިންމުން އިސްތިއުނާފް ކުރަން މިދިޔަ އަހަރުގެ އޭޕްރީލް މަހު ސުޕްރީމް ކޯޓަށް މައުމޫންގެ ފަރާތުން ހުށަހެޅި އެވެ. އެ މައްސަލައިގެ ޝަރީއަތް މިއަދު ފަށަން ތާވަލްކުރި ނަމަވެސް މިއަދުގެ އެ އަޑުއެހުން ކެންސަލްކޮށް ތާވަލުން ވަނީ ނަގައިފަ އެވެ. އެނގިފައިވާ ގޮތުގައި އަޑުއެހުން ކެންސަލްކުރީ އެމްޓީސީސީން އިތުރު ވަގުތަށް އެދިފައިވާތީ އެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

ދަރަނީގެ ފައިސާ ދެއްކުމަށް މައުމޫންގެ ފަރާތުން އިންކާރުކޮށް، ކޯޓުގައި ބުނެފައިވަނީ ޑީއާރްޕީގެ މައްޗަށް ހުކުމެއް އައީ ސިޔާސީ ޕާޓީތަކުގެ ގާނޫނު ވުޖޫދުވުމުގެ ކުރިން ހިނގި މުއާމަލާތަކާ ގުޅިގެން ކަމަށާއި އެހެންވެ އެ ގާނޫނުގެ ދަށުން ލާޒިމްކުރި ކަމެއް، ކުރިން ހިނގި މުއާމަލާތެއްގެ މައްޗަށް ނުހިންގޭނެ ކަމަށެވެ.

މީގެ އިތުރުން ދަރަނި އުފެދުނުއިރު ޕާޓީގެ އެންމެ އިސް ފަރާތަކީ މައުމޫން ނޫން ކަމަށް ވެސް އެ މަނިކުފާނުގެ ފަރާތުން ކޯޓުގައި ބުނެފައިވެ އެވެ. އަދި އެ މުއްދަތުގައި މައުމޫނަކީ ޕާޓީގެ އިސް ފަރާތް ނޫންކަން އިލެކްޝަން ކޮމިޝަން (އީސީ) ގެ ލިޔުންތަކުން އެނގޭ ކަމަށް ވެސް ބުނެފައިވެ އެވެ.

މައުމޫންގެ ފަރާތުން ބުނެފައިވަނީ ޑީއާރުޕީ އުވާލަން ނިންމައި، އެކަން އިއުލާނުކޮށް ހުރިހާ ކަމެއް ކުރިއިރު ވެސް، އެމްޓީސީސީން ދަރަނީގެ ކަންކަމާ އަޅާނުލައި ތިބުމުން ދެން ދިމާވި ކަންކަމަށް އެ ކުންފުނިން އަމިއްލައަށް ޒިންމާވާން ޖެހޭނެ ކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމްގައިވާ ގޮތުން ވަކި ގޮތަކަށް ދަރަނި ސާބިތުކޮށްފައި ވަނިކޮށް އެ ހުކުމް ތަންފީޒުކުރަން ހުށަހެޅުމުން، އަސްލު މައްސަލައިގެ ތެރޭގައި ނުހިމެނޭ ފަރާތަކަށް ދަރަނީގެ ޒިންމާ ބަދަލު ކުރުމަކީ ހުކުމް ތަންފީޒު ކުރުމުގައި ހުއްދަ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި ތިން ވަނަ ފަރާތެއް ދަރަންޏަށް ޒިންމާ ކުރެވޭނީ އެ ފަރާތެއް އެއްގޮތަށް ރުހިގެން ކަމަށާއި އެކަމަކު އެ މައްސަލާގައި މައުމޫންގެ ފަރާތުން އިންކާރު ކޮށްފައިވާތީ އެ މަނިކުފާނު ދަރަންޏަށް ޒިންމާ ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާ އިދުރީސް ކުރައްވާފައިވާ ހުކުމުގައިވެ އެވެ.

ކުރިން އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޑީއާރުޕީގެ އެތެރޭގެ ހިޔާލު ތަފާތުވުންތަކާ ހެދި މައުމޫން އެ ޕާޓީން ވަކިވެ ވަޑައިގެން، 2011 ވަނަ އަހަރު ޕީޕީއެމް އުފެއްދެވި އެވެ. އަދި 2016 ވަނަ އަހަރު ޕީޕީއެމްއިން އެމަނިކުފާނު ވަކި ކުރުމުން އެމްއާރުއެމްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވި އެވެ. އޭގެފަހުން ޑީއާރުޕީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ 3،000 މެމްބަރުން ހަމަ ނުވާތީ އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދަންނަ

22 January 2025

ރައީސް މައުމޫން ޑީއާރުޕީ ދޫކޮށްލެއްވި ފަހުން، ތަސްމީން، ކާނަލް، ޖާބިރު ވެރިވެގެން ހިންގަވއިފި. ދެން މާކުރިން އެޕާޓީގައި އުޅުއްވިޔޭ، ޒައީމޭ، ކިޔައިގެން އެމަނިކުފާނުގެ މައްޗަށް ދައުވާ ކުރެވިގެން ނުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454