އާސަންދަ ސްކީމްގެ ހިދުމަތް ދިނުމަށް ތައިލެންޑުގެ ބެންކޮކް ހޮސްޕިޓަލާއެކު މިދިޔަ މަހު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އާސަންދަ
03 ފެބުރުއަރީ 2025 - 08:12
ދައުލަތުގެ ހަރަދުގައި ބޭސްފަރުވާ ކުރާ ނިޒާމު "އާސަންދަ" ގެ ހިދުމަތް ރާއްޖެ އިން ބޭރަށް ފުޅާކުރުމާ މެދު ރާއްޖޭގެ ސިއްހީ ދާއިރާގައި އަމަލީ ގޮތުން ހަރަކާތްތެރިވާ މީހުންނާއި އެ ދާއިރާގެ އިސްވެރިންނާއި ހިދުމަތް ހޯދާ މީހުންގެ ހިޔާލު ތަފާތުވުން އަބަދުވެސް އޮވެ އޮވެ. ތައިލެންޑާއި ޔޫއޭއީ އަށް އާސަންދަ ފުޅާކުރުމުން ވެސް ފެނުނީ އެ ކަމެވެ. ރާއްޖޭގެ ސިއްހީ ދާއިރާ ކިތަންމެ ބޮޑަށް ކުރިއެރިޔަސް އަދިވެސް އިތުބާރުގެ މައްސަލަ ވަރަށް ބޮޑެވެ.
ހިދުމަތުގެ ކިއު ދިގުވުމާއި ބަލިމީހާ އަށް ހިދުމަތް ދިނުން ލަސްވުމާއި ހިދުމަތުގެ ފެންވަރުގެ މައްސަލަ އެވެ. އަމިއްލަ ތަނެއް ނަމަ އަގު އިންތިހާ އަށް ބޮޑެވެ. އެޑްމިޓް ކޮށްގެން ދޭ ފަރުވާ އަށް ފަހު މީހާ ނުކުންނައިރު އޮންނަނީ ވޮލެޓް ހުސްވެފަ އެވެ.
ސިއްހީ ދާއިރާގައި 10 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ޑރ. އަސަދު ޝަހީދަށް ދާދި ފަހުން އާސަންދަގެ ހިދުމަތް ރާއްޖެ އިން ބޭރަށް ފުޅާކުރި ކުރުން ފެނިވަޑައިގަންނަވަނީ ފަހަތަށް އެޅި ފިޔަވަޅެއްގެ ގޮތުގަ އެވެ. ރާއްޖޭގެ ސިއްހީ ހިދުމަތް ކުރިއެރުވުމުގެ ބަދަލުގައި އިތުރު ގައުމުތަކަށް އާސަންދަ ފުޅާކުރުމަކީ، ރާއްޖޭގެ ސިއްހީ ދާއިރާ އަށް މީހުންގެ އިތުބާރު ހޯދަން ކުރާ މަސައްކަތަށް ލޮޅުމެއް އަރާނެ ކަމެއް ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.
ތަދުތަކަށް ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި އައިޖީއެމްއެޗުގައި މަސައްކަތްކުރައްވާ އަސަދު ވިދާޅުވީ ފަރުވާތަކަށް ބޭރަށް ފޮނުވުން މަދުކުރަން ނުވަތަ ހުއްޓުވަން ކޮންމެ ކަމެއް ވެސް މިހާރު ކުރަން ޖެހިފައިވާ ކަމަށެވެ. ބޭރަށް ފޮނުވާ ގިނަ ކަންކަމަކީ، ކުދިކުދި ބަދަލުތަކާއެކު ރާއްޖޭގައި މި ވަގުތު ތިބި ޑޮކްޓަރުންނަށް ވެސް ކޮންމެ ވެސް ގޮތަކަށް ހަގީގަތުގައި ފަރުވާ ކުރެވޭނެ ކަންތައްތައް ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. އަސަދު ވިދާޅުވީ ކިތަންމެ ކުޑަ ކަމެއްގައި ވިއަސް ފަރުވާ އަށް ބޭރަށް ފޮނުވުމަކީ އޭގެ ޒާތުގައި ހަރަދު ކުޑަ ކަމެއް ނޫނެވެ. ބޭސް ފަރުވާގެ ހަރަދު ސީދާ ބަލި މީހާގެ ޖީބުން ނުދައްކާތީ އޭގެ ބުރަ ނޭނގުނަސް، ހުރުމާއި ކެއުމުގެ ކަންކަން ހަމަޖައްސަން ޖެހެނީ އަމިއްލައަށެވެ.
"ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެސް ރާއްޖެ އިން ބޭރަށް ފޮނުވުމުގެ ބަދަލުގައި ކާޑިއެކް ސެންޓަރާއި ޔޫރޯ ސެންޓަރު ފަދަ ސެންޓަރުތައް ގާއިމް ކުރެވިދާނެ. އެކަމަކު އަޅުގަނޑުމެންނަށް ބޭނުންވާ ވަރަށް މީހުން ތިބޭއިރު ދިވެހިންނާ އެ މަސައްކަތް ހަވާލުކުރުމުގެ ސާފު އަމާޒެއް އޮންނަން ޖެހޭނެ،" އަސަދު ވިދާޅުވި އެވެ.
އެހެންވެ، އޭނާ ގަބޫލު ކުރައްވަނީ ސިއްހީ ހިދުމަތް ކުރިއަރުވަން އާ ހިދުމަތްތައް ތައާރަފްކުރުމާ އެކު، ޑޮކްޓަރުންނާއި ނަރުހުން އަދި ފަންނީ މުވައްޒަފުން ވެސް ތަމްރީނު ކުރަންޖެހޭ ކަމެވެ.
ނަމަވެސް އާންމުން މީހާ ނުވަތަ އެންމެ ނިކަމެތި އަދި ސިޔާސީ ބާރެއް ނެތް މީހާގެ ނަޒަރުން ކަންކަން ވިސްނައިފި ނަމަ ފެންނަނީ އެހެން މަންޒަރެކެވެ.
"އައިޖީއެމްއެޗުގެ ޑޮކްޓަރުގެ އެޕޮއިންޓްމަންޓް ނޫނީ ބޮޑު ކަމެއް ދިމާވެގެން ހަދާ ސްކޭނަކަށް ނަން ނޯޓު ކޮށްލައިގެން އެބަ ނަގާ ދެ މަސް. ސާޖަރީއެއް ހަދަން އެޕޮއިންޓްމަންޓް ލިބުނަސް ހޭނައްތާ ޑޮކްޓަރު އޭގެ ކުރިން ބަލައި ގޮތެއް ނިންމަން ހަފުތާއަކަށް ވުރެ ގިނަ ދުވަސް. ބަލިމީހާއާ ހަމައަށް ޑޮކްޓަރަށް އާދެވޭއިރު އޭރު އޮންނަނީ ވާނެ އެއްޗެއް ވެފައި. އެހެން ރަށެއްގެ މީހެއް ނަމަ މާލެ އައިސް އެތައް ހަރަދެެއް ކޮށްގެން ހުންނަން ޖެހެނީ،" ރާއްޖޭގެ ސިއްހީ ދާއިރާގައި އަދިވެސް ހައްލު ނުވެ ހުރި ކަންކަން އާންމު މީހަކު ކިޔައި ދިނެވެ.
އެކަމަކު، އޭނާ އަށް އޮތް ޔަގީން ކަމަކީ އާސަންދަ ލިބުނަސް ނުލިބުނަސް އަމިއްލަ އަތުން ހަރަދެެއް ކޮށްގެން ވިޔަސް ރާއްޖެ އިން ބޭރަށް ގޮސް ހުރިހާ ކަމެއް ހަފުތާއެއްގެ ތެރޭގައި ނިންމައިގެން އަމިއްލަ ރަށަށް ގޮސް އަރާމުގައި އުޅެލެވޭނެ ކަމެވެ.
"އަނެއްކާ ކޮބާ؟ މާލޭގައި ތިބޭ ބައެއް ޑޮކްޓަރުން ބުނާ ގޮތަކަށް ނޫން ބައެއް ފަހަރު ކަންކަން ދިމާވަނީ ރާއްޖެ އިން ބޭރުން. ވަރަށް ބޮޑު ކަމެއް ކަމަށް ބުނާ ކަންކަން ކުޑަކުޑަ ސާޖަރީއަކުން ފުއްދާލެވޭ،" އެ މީހާ ބުންޏެވެ.
އައިޖީއެމްއެޗުގެ ޑޮކްޓަރުގެ އެޕޮއިންޓްމަންޓް ނޫނީ ބޮޑު ކަމެއް ދިމާވެގެން ހަދާ ސްކޭނަކަށް ނަން ނޯޓު ކޮށްލައިގެން އެބަ ނަގާ ދެ މަސް. ސާޖަރީއެއް ހަދަން އެޕޮއިންޓްމަންޓް ލިބުނަސް ހޭނައްތާ ޑޮކްޓަރު އޭގެ ކުރިން ބަލައި ގޮތެއް ނިންމަން ހަފުތާއަކަށް ވުރެ ގިނަ ދުވަސް. ބަލިމީހާއާ ހަމައަށް ޑޮކްޓަރަށް އާދެވޭއިރު އޭރު އޮންނަނީ ވާނެ އެއްޗެއް ވެފައި."
ދާދި ފަހުން ދިމާވި އެހެން ހާދިސާއެކެވެ. މާލޭގައި ހިނގި ބޮޑު އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ފައިން ތިރި އެއްކޮށް ވާގި ނެތުމުން ދިވެހި މަޝްހޫރު ޑޮކްޓަރަކު ދިން ހިތާމަވެރި ޚަބަރަކީ އެ މީހާ މުޅި އުމުރު އުޅެން ޖެހޭނީ އެހެން މީހެއްގެ އެހީތެރިކަމާ އެކީގައި ކަމެވެ. އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމެވެ. އެކަމަކު، ދެވަނަ އޮޕީނިއަންއެއް ހޯދުމަށްޓަކައި އެހެން ގައުމަކަށް ގޮސް ހޯދި ފަރުވާގެ ނަތީޖާއަކީ މިއަދު އެއީ އެހެން މީހުންނެކޭ އެއްފަދައިން އޮފީހަށް ގޮސް އުޅޭ ހަރަކާތްތެރި ޒުވާނެކެވެ. އެކަމަކު، ފުރޮޅުލީ ގޮނޑިއެއްގަ އެވެ.
"ހިތްވަރު އެލުވާނުލައި ގޮތެއް ހޯދަން އުޅުނީމާ މި ވަރު ވެސް މިއީ،" އޭނާ މިދިޔަ ހަފުތާގައި "މިހާރު" އަށް ބުންޏެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ހައިބްރިޑް ކެތުލެބް. މި ތަނުގައި ރިސްކު ބޮޑު ގިނަ ސާޖަރީތައް ހެދޭނެ.
އާންމުންގެ ވިސްނުން އެހެން ހުއްޓަސް ރާއްޖޭގެ އެންމެ ފުރަތަމަ އަމިއްލަ ހޮސްޕިޓަލް، އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރާނީ އެ ހިދުމަތްތައް ރަނގަޅު ކުރުމަށް ބާރު އަޅާނެ ނިޒާމުތައް ބައްޓަން ވެގެން ކަމަށެވެ. އާންމުންގެ އިތުބާރު ހޯދޭނެ އެ މަގުން ގޮސްގެން ކަމަށް އަފްއާލް ފަދައިން ދިވެހި ޑޮކްޓަރުން ވެސް ގަބޫލު ކުރަނީ އެހެންނެވެ.
ކޮންމެ ސަރުކާރަކުން ވެސް ސިއްހީ ހިދުމަތް ކުރިއަރުވަން މަސައްކަތް ކުރާއިރު، އޭގެ އަނެއްކޮޅުން ރާއްޖެއިން ބޭރުގެ ގައުމުތަކަށް އާސަންދަ ފުޅާކުރުމުގެ ކަންކަމުން ރާއްޖޭގެ ނިޒާމަށް އޮންނަ އިތުބާރާއި މި ތަނުގައި ސިއްހީ ހިދުމަތް ހޯދަން އޮންނަ ހިތްވަރު ގެއްލޭ ގޮތަށް ޕޮލިސީތައް ބައްޓަންވާ ކަމަށް އަފްއާލް ވިދާޅުވި އެވެ.
ސަރުކާރު އަދި އަމިއްލަ ހޮސްޕިޓަލްތައް މިހާރު ވެސް ވަރަށް ބޮޑަށް ކުރިއަރައި އަދި ބޮޑެތި ފަރުވާތައް ފަށަން ތައްޔާރުވެފައި ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ. އެއް ކަމެއްގެ ގޮތުގައި އަފްއާލް އަލިއަޅުއްވާލެއްވީ ކިޑްނީ ޓްރާންސްޕްލާންޓް ހެދުމެވެ.
އޭނާ ވިދާޅުވިގޮތުގައި، ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް އޭޑީކޭ ހޮސްޕިޓަލް ވެސް ތައްޔާރުވެ، އެކަން ހެލްތު މިނިސްޓްރީ އަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ވެސް ވަނީ ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ފެށުމަށް ހެލްތު މިނިސްޓްރީގެ ހުއްދައަށް 2023 ވަނަ އަހަރު އެދިފަ އެވެ.
އައިޖީއެމްއެޗްގެ ހާލަތަކީ ވެސް އެއީ އެވެ. އެނގިފައިވާ ގޮތުގައި ސަރުކާރުގެ މައި ހޮސްޕިޓަލު އޮތީ ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ފެށުމަށް މެޑިކަލީ ހުރިހާ ގޮތުން ތައްޔާރުވެފަ އެވެ. ގުނަވަން ބަދަލުކުރުމުގެ ގާނޫނު ތަންފީޒު ކޮށްފި ނަމަ ވަރަށް އަވަހަށް އެ ފަރުވާ ފެށޭނެ އެވެ.
ނަމަވެސް، ގިނަ ދިވެހިން މިހާރު ވެސް ބޭރުގައި ގިނަ ދުވަހު ތިބެންޖެހޭ ފަރުވާ ރާއްޖޭގައި ފެށުމުގެ ބަދަލުގައި އަދި ރާއްޖޭގެ އެންމެ ބޮޑު ތިން ހޮސްޕިޓަލުގައި ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ހުރިހާ ކަމެއް ތައްޔާރުވެފައިވިއަސް ސަރުކާރުން ނިންމީ އެހެން ނިންމުމެކެވެ. އެ ފަރުވާއަށް މިދިޔަ މަހުގެ 15 އިން ފެށިގެން ޔޫއޭއީއަށް ބަލި މީހުން ވަނީ ފޮނުވަން ފަށައިފަ އެވެ.
ސިއްހީ ދާއިރާގައި މި ސަރަހައްދުގައި ކުރިއަރާފައިވާ އިތުރު ދެ ގައުމަށް އާސަންދަ ފުޅާކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ ޖެނުއަރީ 13، 2024 ގަ އެވެ. އެކަމަކު، ރާއްޖޭގައި ތިބެގެން ކިޑްނީ ޓްރާންސްޕްލާންޓް ހަދައިދިނުމަށް ސަރުކާރުގެ ވިސްނުން ހުރި ނަމަ ގުނަވަން ބަދަލުކުރުމުގެ ގާނޫނެއް މިދިޔަ އެއް އަހަރުގެ ތެރޭގައި ވުޖޫދަށް ގެނައުމަކީ ވެސް ފަސޭހަ ކަމެއް ކަމަށް ސިއްހީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ދެކެވަޑައިގަންނަވަ އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަފްއާލް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އާސަންދަ ތައާރަފްވި ފަހުން އިންޑިއާ އަދި ލަންކާގެ 57 ހޮސްޕިޓަލަކަށް އެ ހިދުމަތް ވަނީ ފުޅާކޮށްފަ އެވެ. އެ ލިސްޓަށް މި ފަހުން އިތުރުވީ ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގެ ބުރްޖީލް މެޑިކަލް ސިޓީ އާއި ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ވޯލްޑް މެޑިކަލް ހޮސްޕިޓަލާއި ބެންކޮކް ހޮސްޕިޓަލެވެ.
ކިޑްނީ ޓްރާންސްޕްލާންޓަށް އަބޫދާބީ ހަމަޖެއްސީ ޔޫއޭއީގެ ހެލްތު ކައުންސިލުން ކަނޑައަޅާފައި އޮންނަ ހާއްސަ މިންގަނޑެއްގެ ތެރެއިން ފަސްޓް ޑިގްރީ ޑޯނާ ނޫނަސް، ދިވެއްސެއް ނުވަތަ މުސްލިމަކު ކަމުގައިވާ ނަމަ، ދުރު މީހަކަށް ވެސް ކިޑްނީ ޑޮނޭޓްކުރުމުގެ ހުއްދަ އެ ގައުމުގައި ދޭތީ އެވެ.
ތައިލެންޑަށް ފޮނުވުމުގައި އިސްކަންދޭނީ އެއް ބައްޔަކަށް މި ސަރަހައްދުގެ ހޮސްޕިޓަލުތަކުން ގިނަ ދުވަސްތަކެއް ވަންދެން ފަރުވާކޮށްގެން ވެސް ކުރިއެރުން ނުލިބޭ މީހުންނެވެ.
އާސަންދައިން މިދިޔަ އަހަރުގެ ކުރީކޮޅު "މިހާރު" އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު ކިޑްނީ ބައްޔަކީ އެ ސްކީމުން ހަތަރުވަނަ އަށް އެންމެ ބޮޑު ހޭދައެއްކުރި ބައްޔެވެ.
ކިޑްނީ ބައްޔަށް ފަސް އަހަރުގެ ތެރޭގައި 116،783،5550ރ. ހަރަދުކުރި އެވެ.
އަފްއާލް ވިދާޅުވީ ހިދުމަތްތައް ފެށޭނެ މަގުތައް ވީހާ ވެސް އަވަހަކަށް ފަހިވެއްޖެ ނަމަ އަމިއްލަ ގައުމުގައި ތިބެގެން ފަރުވާ ފެށޭނެ ކަމަށެވެ.
"ޓްރާންސްޕްލާންޓަށް ތައްޔާރުވެ، އެކަމަށް ބޭނުންވާ އާލަތްތަކާއި ވަސީލަތްތައް އެބަހުރި. އަދި ހަމަ ޔަގީނުން ވެސް މިނިސްޓްރީ އޮފް ހެލްތަށް ހުށަހަޅާފައި އަޅުގަނޑުމެން ވާނީ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެހެން ތަންތަނުން ވެސް ހުށަހަޅާފައިވަނީ،" އަފްއާލް ވިދާޅުވި އެވެ.
"އެކަމަކު، ގާނޫނެއް ނެތުމުގެ ސަބަބުން ކަމަށް ވަނީ މިހާރު މި ކަންތައް ކުރުމަށް ރާއްޖެ އަށް ހުއްދަ ނުދެވި އޮންނަނީ. އަނެއްކާ ވެސް މި ކަހަލަ ކަންކަމަށް ރާއްޖެ އިން ބޭރަށް ފޮނުވާ ވާހަކަ މި ދައްކަނީ."
ނަމަވެސް ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ފާތުމަތު ޝޫބާ ވިދާޅުވި ގޮތުގައި ކިޑްނީ ޓްރާންސްޕްލާންޓަށް ފަހިވާ ގޮތަށް، ގުނަވަން ބަދަލުކުރުމާ ގުޅޭ ބިލެއް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ތެރެއިން 2023-2028 އަށް ވަނީ ހިމަނައިފަ އެވެ. އެޓާނީ ޖެނެރަލްގެ އޮފީހާ ގުޅިގެން އެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭތޯ މަސައްކަތް ކުރާ ކަމަށް ޝޫބާ ވިދާޅުވ އެވެ. އެކަމަކު، އެކަން މިހާރު ގޮސްފައިވާ ހިސާބެއް ސާފެއް ނުވެ އެވެ.
އަފްއާލް ވިދާޅުވީ ރާއްޖެ އިން ބޭރަށް ފޮނުވުމަކީ އިގުތިސާދީ ގޮތުން ބެލިއަސް ރާއްޖެއަށް ބޮޑު ގެއްލުމެއް ކަމަށެވެ. ދިވެހިންގެ ޓެކްސް ފައިސާ ދަނީ އެހެން ގައުމެއްގެ އިގުތިސާދަށް ކަމަށާއި އެ ފައިސާތައް ރާއްޖޭގެ ސިއްހީ ހިދުމަތް ކުރިއަރުވަން ހަރަދުކޮށްފި ނަމަ އެތައް ގުނައެއް މި ގައުމުގެ އިގުތިސާދުގައި ދައުރު ކުރެވޭނެ ކަމަށް، ހެލްތު މެނޭޖްމަންޓުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އަފްއާލް ވިދާޅުވި އެވެ.
"ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ކުރެވޭ އިހުސާސަކީ އަޅުގަނޑުމެންގެ ގައުމުގައި ހުރި ހިދުމަތްތައް ކުރިއަރުވާ ގޮތަށް ޕޮލިސީތައް ބައްޓަން ކުރާނީ ކޮން އިރަކުންބާއޭ؟ އެ ޕޮލިސީތައް އައިސްގެންތާއޭ އަޅުގަނޑުމެންނަށް މި ހިދުމަތްތައް ފަށައި ކުރިއަށް ގެންގޮސް އެ ހިދުމަތްތަކުގައި އަޅުގަނޑުމެންނަށް ކުރިއެރުން ހޯދޭނީ،" އޭނާ ވިދާޅުވި އެވެ.
އަފްއާލް ވިދާޅުވީ، ހިދުމަތް ދިނުމަށް ހޮސްޕިޓަލް ގާއިމްކޮށް، ހޮސްޕިޓަލްތަކުގައި ޓެކްނޮލޮޖީ އިތުރު ކުރުމުގެ ކަންކަން ކުރާ ތަން ފެނިވަޑައިގަންނަވާ ކަމަށާއި އެ ކަންކަމަށް މަރުހަބާ ވެސް ކިޔާ ކަމަށެވެ.
"އެކަމަކު، އެ ހުރިހާ ކަމެއް ކުރާއިރު، އެ ކަންތައްތަކުގެ ޖުމްލަ ބޭނުން ހިފޭނީ މާލީ މިނިވަންކަން ވެސް ރާއްޖޭގައި ހިފެހެއްޓިގެން ކަމަށް ގަބޫލުކުރަނީ،" އޭނާ ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީން މިދިޔަ ހަފުތާގައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނާޒިމް އަދި އެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ
އާސަންދައިން ކުރިން ދިން މައުލޫމާތުތަކަށް ބަލާއިރު 2019-2023 އާ ދޭތެރޭގައި ބޭރުގެ ހޮސްޕިޓަލްތަކަށް ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ. އެ އަދަދުތައް އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން، ފަސް އަހަރުގެ ތެރޭގައި ބޭރުގެ ހޮސްޕިޓަލްތަކަށް 912 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
އާސަންދައިން ކުރިން ބުނާ ގޮތުން، ރާއްޖެއިން ލިބޭ ހިދުމަތްތަކަށް ވެސް ބޭރަށް ފޮނުވަނީ، ރާއްޖެއިން އެ ހިދުމަތްތައް ލިބޭ ތަންތަނުގެ އަގުބޮޑުވުމުންނެވެ. ނަމަވެސް، އަފްއާލް ވިދާޅުވީ 1.4 ބިލިއަން މީހުން އުޅޭ ގައުމަކާއި ހަތަރު ލައްކަ މީހުން އުޅޭ ގައުމެއްގެ ސިއްހީ ހިދުމަތުގެ އަގު ތަފާތުވާނެ ކަމަށެވެ. އެކަމަކު، އަގުތައް ވެސް ކުޑަވާނީ ރާއްޖޭގައި ފަރުވާ ހޯދާ މީހުން ގިނަ ވެގެން ކަމަށާއި އެކަމަށް ސަރުކާރުގެ ސިޔާސަތުތައް ބަދަލުކުރަންޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލު ޝޫބާ ވިދާޅުވީ ބޭސް ފަރުވާ އަށް ރާއްޖެ އިން ބޭރަށް ބަރޯސާވުން ކުޑަކުރަން ސަރުކާރުގެ ސިޔާސަތަކީ އެކި ބަލިތަކަށް ހާއްސަ ހޮސްޕިޓަލްތައް އެޅުމެވެ.
ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ކުރެވޭ އިހުސާސަކީ އަޅުގަނޑުމެންގެ ގައުމުގައި ހުރި ހިދުމަތްތައް ކުރިއަރުވާ ގޮތަށް ޕޮލިސީތައް ބައްޓަން ކުރާނީ ކޮން އިރަކުންބާއޭ؟ އެ ޕޮލިސީތައް އައިސްގެންތާއޭ އަޅުގަނޑުމެންނަށް މި ހިދުމަތްތައް ފަށައި ކުރިއަށް ގެންގޮސް އެ ހިދުމަތްތަކުގައި އަޅުގަނޑުމެންނަށް ކުރިއެރުން ހޯދޭނީ،"--- އަފްއާލް
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި ދައުރުގެ ތެރޭގައި ކެންސަރާއި ތެލެސީމިއާ އަށް ހާއްސަ ހޮސްޕިޓަލެއް އަޅާނެ ކަމަށެވެ. އޭގެ އިތުރުން ކުޑަކުދިންނާއި އަންހެނުންނަށް ފަރުވާ ދިނުމަށް ހާއްސަ ހޮސްޕިޓަލެއް އިމާރާތް ކުރުމުގެ ޕްލޭންތައް ކުރަމުން އަންނަ ކަމަށް މިނިސްޓަރު އޭރު ވިދާޅުވި އެވެ.
ރާއްޖެ އިން ބޭރަށް އާސަންދަ ފުޅާކުރާއިރު، އަނެއްކޮޅުން އެ ނިޒާމުގެ "ލީކުވުން" އެއީ ވެސް ކަންބޮޑުވުމެކެވެ. އެކަމަކު، އާސަންދަ ޕޯޓަލްގެ ތެރެއިން މިހާރު "ހިފެހެއްޓުންތަކެއް" ހުރުމުން ކުރިއާ ތަފާތުކޮށް އެ ނިޒާމު މެދުވެރިކޮށް ކޮންމެ ބައްޔަކަށް ރާއްޖެ އިން ބޭރަށް ފޮނުވުން ވަނީ މަޑުޖެހިފަ އެވެ. ޑޮކްޓަރުގެ ލިޔުން ޕޯޓަލް އަށް ޕޯސްޓް ކުރަން ޖެހެނީ ޑޮކްޓަރު އަމިއްލަ އަށް ކަމަށް ވުމުން އެއީ ކޮންމެކޮންމެ މީހަކަށް ފަސޭހަ ކަމަކަށް ނުވެ، ބަޖެޓަށް ލުޔެއް ލިބޭނެ އެވެ.
ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ކަންބޮޑުވުންތައް ހުއްޓަސް ސަރުކާރުން ގަބޫލުކުރާ ގޮތުގައި ބޭރަށް ފޮނުވަން ޖެހެނީ ރާއްޖެ އިން އެ ހިދުމަތްތައް ނުލިބޭތީ ނުވަތަ ފަރުވާގެ އަގުބޮޑުވުމުންނެވެ. އެކަމަކު، މިހާރު ޔަގީންވާ ކަމަކީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރުވަން މިހާރަށް ވުރެ ސީރިއަސްކޮށް ވިސްނަން ވެއްޖެ ކަމެވެ. އެހެން ނޫނީ ސަރުކާރަށް މާލީ ބުރައަކަށް ނޫނީ މިކަން ނުވާނެ އެވެ. އަނެއްކޮޅުން އާންމުންގެ އިތުބާރު ހޯދަން އަދިވެސް އޮތް ގޮންޖެހުން އިންތިހާ އަށް ބޮޑެވެ. މުޅި ސިއްހީ ނިޒާމު އޯވަހޯލް ކޮށްގެން ނޫނީ އަދިވެސް ހައްލެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
03 February 2025
ޝަކުވާ ގިނަކުރިވަރަކަށް ދިވެއްސެއްގެ ހައިބަތާއި ގަދަރު އުފުލޭނީ. އަސްލު ދިވެއްސަކަށްވާނީ އޭރުން.
ގަބުޅިބޯ
03 February 2025
ވޯޓް ހޯދަން މޮޔަދިވެހިން މޮޔަޖެއްދޭހާ ހިދަކު ރާއްޖެ ކުރިޔަކަށްނުދާނެ!
ޖެނެޓު
03 February 2025
ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމު ދުވަހަކުވެސް ރާއްޖެއިން ބޭރަށްނުގޮސް ޙައްސަކޮން އިންޑިޔާއަށް ނުގޮސް ރާއްޖެއިން ހުރިހާ ކަމެއްކުރެވޭނެ ލެވެލްއަކަށް ދުވަހަކުވެސް ނުދާނެ. ސަބަބުތަށް ބައިވަރު، ވީމާ ނުވާވަރުގެ ކަންކަން ދޫކޮށް، ޕެޓް ސީޓީއެއް ނުހެދިގެން ރާއްޖެއިން ބޭރަށްދާން އާސަންދަ ދިނުންފަދަ ކުދި ކުދި ސިމްޕަލް ކަންކަން މިގައުމުގައި ކުރެވޭނެގޮތް ހަދަންވީ. ސިއްޙީ ނިޒާމު ތަރައްގީ ކުރުމަށް އެކިއެކި ހުށަހެޅުންތަށް ހުށަހެޅިއްޖެ.
ސަރަގުބެ
03 February 2025
ގިނަ މީހުން އެބަ ބުނޭ, އާސަންދަ އިން ގިނަ ބޭސް މިހާރު ނުލިބޭ, ކުލިނިކުތަކުންވެސް އާސަންދަ ކުރީން ލިބޭގޮތް ނުލިބޭ, އެކަމަކު, ސަރުކާރުން ދޮގުކުރޭ, މިޙާރު މިއެގުނީ, އާސަންދަ އަށް ކުރި ހަރަދު ބޮޑުތަނުން ދައްވެއްޖެކަން. މިހާރު ރައްޔިތުންނަށް އޮންނާނީ ހޮޔޮ ވެރިކަން ކަށަވަރު ވެފަ. ކުރީން ކުރި ހަރަދު ވެރީން ޕިކުނިކު ހަދަން އޮތީ ހަދާފަ.
ސަބީލް
03 February 2025
ޑުބާއީ ތައިލެންޑުން އާސަންދަދޭން ވާހަކަ ދެއްކެވީ މުއިއްޒު..މުއިއްޒު ދައްކަވާ ވާހަކަ ފަހުން އެހެން ގޮތަކަށް އަބަދުވެސް ބަދަލުވޭ..ވޯޓްހޯދަން ޖެއްސި ސްޓަންޓެއް..ކުރިން އިޓަލީއަށްވެސް ބައެއް ބަލިތަކުގައި ފޮނުވާފަހުރީ އެއުސޫލުން ޑުބާއީއަށް ފޮނުވުންވީ.އެކަމު ބުނީ އެހެނެއްނޫން ..ކޮންމެހެން ރައްޔިތުންނަށް އާސަންދަ ފެންވަރުރަނގަޅު ގައުމުތަކުންދޭން ދެއްކި ވާހަކައެއްނަމަ ލަންކާ އިންޑިއާއަށް ފޮނުވާ އުސޫލުން ފޮނުވާނެ.
ހާސަރު
03 February 2025
އާސަންދައިން ހުރިހާ ދިމާލަކުންވެސް ނަގަނީ ކަޓް! ހަގީގަތުގައި މިހާރު ހޭދަކުރާ ވަރުގެ %60 ހޭދަ ކޮށްގެން މިހާރު ލިބޭވަރު ޚިދުމަތް ލިބޭނެ.
ހަސަނުލްކޮސްގޮވިވްސްކީ
03 February 2025
ދިވެހިންނަށް ހިލޭ އެެއްޗެހި ދިނުމުގެ ބަދަލުގައި އަމިއްލައަށް ފުދިގެން އުޅެވޭނެ ގޮތްތަކެއް މަގުފަހިކޮށްދޭންވީ. ބޭސްފަރުވާއަށް ސަލާން ނުޖެހޭ ފާގަތި ދިރިއުޅުމެއް ބޭނުންވަނީ. މިހާރު މި ވާގޮތަކީ މިކަހަލަ "ހިލޭ" ދޭ އެއްޗިއްސަކީ އެއިރު އޮތް ސަރުކާރެއްގެ "ހެޔޮފުޅުކަމުން" ދޭ އެއްޗަކަށް ސިފަކުރެވޭ ގޮތްވުން. އާސަންދަ އަކީ ސަސްޓައިނަބަލް ކަމަކަށް ވެސް ނުވެޔޭ މީހުން ބުނޭ. އެކަމަކު މީހުންގެ ތާއީދު ހޯދަން މި ވެސް އޮތް އާލާތެއްތާ...........
މުސްތަފާބެ
03 February 2025
އާސަންދަ އެތަށް މިތަނަށް ފުޅާ ކުރަން އުޅެނީ ވ ޑީލްހަދާއިގެން ކަޓް ނަގަން ވެގެން ، ތި ތަން އުވާލާ ! ، ތި ފައިސާ މިގައުމުގެ ހެލްތްކެއަރ އަށް އިންވެސްޓްކުރޭ .
ދުންމާރިޖޯރު
03 February 2025
ސަރުކާރުގެ މިހާރުގެ ސިޔާސަތަކަށް ވެފައިއޮތީ، ރާއްޖޭގެ ސިއްޙީ ދާއިރާގައި ހަރަކާތްތެރިވާ ކެދި ވިޔަފާރިތަށް އިނދަޖައްސާ ހަލާކުކޮށްލުން...އާސަންދައާއި ފިނޭންސުން ޕޭމަންޓުތަށް ހިފަހައްޓާ، އަލަށް ހުޅުވާ އެއްވެސް ފާމަސީ އާއި ކޮލިނިކްތަކަށް އާސަންދަ އެމްޕެނަލް ނުކޮށް ބޭރުގައުމުތަކަށް އާސަންދަ ހަމަޖެއްސުން...މިއީ ގައުމީ، އިގްތިސާދި ވިސްނުމަކުން ބަލާއިރު، ހެލްތް ސެކްޓާ އިތުރަށް ހަލާކުކުރުން...
އަލި
03 February 2025
ހުޅުމާލޭގަަ ރަށްފުށު ފެންވަރުގެ ހޮސްޕިޓަލެއް ހުރުން ބަލެއްނުގަނޭވޭ.އެތައް ހާސް މީހުން ދިރިއުޅޭ ތަނެއް.