ދުނިޔޭގެ ކުޅިވަރު / ޗެމްޕިއަންސް ލީގު

އާސެނަލް އާއި އިންޓަ ގަދަ 16 ޓީމުގެ ބުރާ ގާތަށް

އާސެނަލްގެ އީތަން އެންވަނޭރީ (ކ) އަތުން ބޯޅަ ހޯދަން ޒެގްރެބުގެ ކުޅުންތެރިޔަކު މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ

23 ޖެނުއަރީ 2025 - 09:38

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް އިންގްލެންޑުގެ އާސެނަލް އާއި އިޓަލީގެ އިންޓަ މިލާނުން މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުން ސީދާ ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

އާސެނަލް މޮޅުވީ ކްރޮއޭޝިއާގެ ޑައިނަމޯ ޒެގްރެބް އަތުން އަމިއްލަ ދަނޑުގައި 3-0 އިންނެވެ. އިންޓަ މޮޅުވީ ޗެކް ރިޕަބްލިކްގެ ސްޕާޓާ ޕްރާހާ އަތުން ރަށުން ބޭރުގައި 1-0 އިންނެވެ.

އާސެނަލް އާއި އިންޓަ އަށް ވެސް ލިބިފައިވަނީ 16 ޕޮއިންޓެވެ. ލަނޑުގެ ތަފާތުން އާސެނަލް ތިން ވަނައިގައި އޮތްއިރު، އިންޓަ އޮތީ ހަތަރު ވަނައިގަ އެވެ. ދެ ޓީމަށް ވެސް ގަދަ 16 ޓީމުގެ ބުރުން ސީދާ ޖާގައެއް ކަށަވަރުކުރަން ފަހު މެޗުން ބޭނުންވަނީ އެންމެ ޕޮއިންޓެވެ. ގަދަ 16 ޓީމުގެ ބުރުން ފުރުސަތު ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ 8 ޓީމެވެ. އެ ބުރުން މިހާތަނަށް ޖާގަ ކަށަވަރުކޮށްފައިވަނީ އެއް ވަނައިގައި އޮތް ލިވަޕޫލާއި، ދެ ވަނައިގައި އޮތް ބާސެލޯނާ އެވެ.

މުބާރާތުގެ ނުވަ ވަނަ އާއި 24 ވަނައާ ދެމެދު ނިންމާ ޓީމުތަކަށް ޖެހޭނީ ގަދަ 16 ޓީމުގެ ބުރުން ފުރުސަތު ހޯދަން ޕްލޭއޮފް ކުޅޭށެވެ. އަދި އެ ބުރުގައި ސީޑުކުރެވިފައި އޮންނާނީ ނުވަ ވަނަ އާއި 16 ވަނައާ ދެމެދު ނިންމާ ޓީމުތަކަށެވެ. ގަދަ 16 ޓީމުގެ ބުރުން ސީދާ ޖާގަ ލިބޭ ޓީމުތަކަށް ފެބްރުއަރީ މަހު ޗެމްޕިއަންސް ލީގު މެޗެއް ނޯންނާނެތީވެ، ލީގަށް ފޯކަސްކުރަން ފުރުސަތު ލިބޭނެ އެވެ.

އެމިރޭޓްސްގައި ޒެގްރެބާ ދެކޮޅާށް ކުޅުނު މެޗުގެ ދެ ވަނަ މިނެޓުގައި އާސެނަލްގެ ޑެކްލަން ރައިސް އެ ޓީމަށް ލީޑު ނަގައިދިނެވެ. އަނެއް ދެ ގޯލް ދެ ވަނަ ހާފުގައި ޖެހީ ކައި ހާވާޓްޒް އާއި މާޓިން އޮޑެގާޑް އެވެ.

ޕްރާހާ ކޮޅަށް އިންޓަގެ ހަމައެކަނި ގޯލް 17 ވަނަ މިނެޓުގައި ޖެހީ ކެޕްޓަން ލައުޓާރޯ މާޓިނޭޒް އެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އިޓަލީގެ އޭސީ މިލާން ވަނީ އަމިއްލަ ދަނޑުގައި ސްޕެއިނުގެ ޖިރޯނާ 1-0 އިން ބަލިކޮށް ގަދަ 16 ޓީމުގެ ބުރުން ސީދާ ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފަ އެވެ. އެ ޓީމު މިހާރު އޮތީ 15 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. މި މެޗުގައި މިލާނުގެ ހަމައެކަނި ގޯލް ޖެހީ ޕޯޗުގީސް ފޯވާޑް ރަފައެލް ލިއާއޯ އެވެ.

ރޭ ނެދަލެންޑްސްގެ ފެޔަނޫޑުން ވަނީ އަމިއްލަ ދަނޑުގައި ޖަރުމަނުގެ ގަދަބާރު ބެޔާން މިއުނިކް 3-0 އަތުން މޮޅުވެފަ އެވެ. މި ނަތީޖާއާ އެކު އެ ޓީމު އޮތީ 13 ޕޮއިންޓާ އެކު 11 ވަނައިގަ އެވެ. މި މެޗުން ބަލިވި ބެޔާން އޮތީ 12 ޕޮއިންޓާ އެކު 15 ވަނައިގަ އެވެ. މި ދެ ޓީމަށް ވެސް މިހާރު ވަނީ ލީގު ބުރުން ނުކަޓާނެކަން ކަށަވަރުވެފަ އެވެ. އެކަމަކު ސީދާ ޖާގައެއް ހޯދަން ފަހު މެޗުން މޮޅުވުން މަޖުބޫރެވެ. މި މެޗުގައި ފެނަޔޫނޫޑުގެ މެކްސިކޯ ފޯވާޑް ސެންޓިއާގޯ ޖިމެނޭޒް ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަނެއް ގޯލް ޖެހީ އަޔާސޭ އުއެޑާ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454