ލޯންޗު އެކްސިޑެންޓާ ގުޅިގެން ފުލުހުން ދައުވާކުރަން ބޭނުންވާ ދެ މީހުން --
27 ޖެނުއަރީ 2025 - 11:26
މީގެ ދެ އަހަރު ކުރިން ދެ ލޯންޗެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލާގައި، އެ ދެ ލޯންޗު ދުއްވަން ތިބި ކައްޕިންގެ މައްޗަށް ދައުވާކޮށްދޭން އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވައިފި އެވެ.
ފުލުހުން މިމަހު ދައުވާކޮށްދޭން އެދުނީ 2023، އޭޕްރީލް 29 ވަނަ ދުވަހުގެ 16:42 ހާއިރު ފޭދޫ ފިނޮޅު ކައިރިން "ސަސް އީ ސްޕީޑް" ލާންޗާއި "އެމްޑަބްލިޔުއެސްސީ މެރިން 2" ލޯންޗް ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެންނެވެ.
އެ އެކްސިޑެންޓްގައި، އޭގެ ތެރެއިން އެއް ލޯންޗުން ދަތުރުކުރި މީހަކަށް ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ފުލުހުން އެދިފައިވަނީ އެ ދެ ލޯންޗުގެ ވެސް ކައްޕިންގެ އިހުމާލު އޮތް ކަމަށާއި އެހެންވެ، އެމީހުންގެ މައްޗަށް ދައުވާކޮށް ދިނުމަށެވެ.
ދައުވާކޮށްދޭން އެދިފައިވަނީ:
- މުހައްމަދު ޖަމީލް (43އ)، ގްރީންހައުސް ހދ. ނޮޅިވަރަން
- ޔާނިސް ހަމީދު (35އ)، ހީނާވިލާ ކ. ކާށިދޫ
ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމައި، އެ ދެމީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އެންމެ ފުރަތަމަ ފޮނުވީ ޖޫން، 2023 ގައި ކަމަށެވެ. ނަމަވެސް އެ މައްސަލަ އިސްލާހުކުރުމަށް އަނބުރާ ފޮނުވުމުން ދެވަނަ ފަހަރަށް އެ މައްސަލަ ޕީޖީއަށް ފޮނުވީ މި މަހުގެ 15 ވަނަ ދުވަހު އެވެ.
އެކްސިޑެންޓްގައި ނިޔާވެފައިވަނީ 52 އަަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވެފައިވަނީ އެ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރުމޯލުސް
27 January 2025
އަދި މާއަވަސް ދައުވާކުރަން. 15ވަރަކަށް އަހަރުވަންދެން މަޑުކޮށްލާ
މިއީ ފޮޓޯ ޖަހަންޖެހޭނެ ކުށެއް ނޫން
27 January 2025
ސަބަބަކީ ޤަޞްތގައި ކުރި ކަމަކަށް ނުވާތީ އެވެ. އެމީހުންގެ އިހުމާލުން ހިތާމަވެރި ކަމެއް ވީމައެވެ. މިއީ މަ ދެކޭ ގޮތެވެ.
ޛިއާން
27 January 2025
މީހުންގެ ފުރާނައަށް ނުރައްކާވާ ވަރަށް އިހުމާލު ވުމަކީ ކުށްވެރިވެ ފޮޓޯ ޖަހާ ވަރު ކަމެއް
ކައްޕިތާން
28 January 2025
ކޮންޓްރޯލް ނުވާ ވަރަށް ދުއްވަނީ ގަސްދުގަ! ކައްޕިންނަށް ކޮންމެ ދަތުރަކީވެސް ރޭހެއް. އެހެން ލޯންޗަކަށް ވުރެ މަޑުން ދުއްވިއްޖެޔާ އެމީހުންނަށް ނުވެސް ނިދޭ!
ސެއްޅި
27 January 2025
އެކްސިޑެންޓްގައި ބޮޑު މުއްސަންޖެއް މަރުވީމަ ތަހުގީގުކޮށް ލޯންޗް ދުއްވަން ތިބި މީހުންނަށް ދައުވާވެސް ކުރެވިއްޖެ. އެކަމަކު މިހެން ކިތައް އެކްސިޑެންޓް ރާއްޖޭގަ މިހާރު އަހަރެއްތެރޭ ހިނގަނީ.. އެތައް ޓޫރިސްޓުންނަކާ އާއްމުންނެއްވެސް މަރުވެއްޖެ. މިނޫނީ ދައުވާކުރާ އަޑެއް ދުވަހަކުވެސް ނާހަން.
ހަސަންރަހާ
27 January 2025
ޖޫން 2023 ގައި އިސްލާހުކުރުމަށް އަނބުރާ ފޮނުވާލި މައްސަލަ އިސްލާހުވެގެން ޕީޖީ އަށް އައި ކަމަށް މި ވަނީ ޖެނުއަރީ 2025 ގަ! ނޫނޭވާ މިކަމާ ހަވާލުވެ ތިބި ބަޔަކަށް ހަމަ ސާބަސް އިނގޭ!
ޖަމްރާ
27 January 2025
ދެން ގޯސްވާންވީ މައްސަލަ ބަލާ ގާޒީ