މުރައިދޫގައި އަލަށް އިމާރާތް ކުރާ ޕޮލިސް ސްޓޭޝަންގެ ބިންގާ، ހޯމްލޭންޑް އެންޑް ސެކިޔުރިޓީ މިނިސްޓަރު އަލީ އިހުސާން އަޅުއްވައިދެއްވަނީ .-- ފޮޓޯ: ރައީސް އޮފީސް
28 ޖެނުއަރީ 2025 - 11:39
ހއ. މުރައިދޫގެ ކައުންސިލާއި އެ ރަށު ޕޮލިސް ސްޓޭޝަން އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.
ޕޮލިސް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ހއ. އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އަރިހުގައި ވަޑައިގަތް ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
އެ ރަށު ކައުންސިލް އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އެވެ.
ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް މުރައިދޫ ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް މިއަދު ވަނީ މުރައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.
އޭގެ އިތުރުން އެ ރަށުގައި އަލަށް ބަހައްޓާ ބީއެމްއެލްގެ އޭޓީއެމް ވެސް ކައުންސިލާ ހަވާލުކުރާނެ އެވެ.
ތިން ދުވަހުގެ މި ދަތުރުފުޅުގައި އެ މަނިކުފާނު 10 ރަށަކަށް ވަޑައިގަންނަވާނެ އެވެ. އެއީ މުރައިދޫގެ އިތުރުން ދިއްދޫ، ފިއްލަދޫ، ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، ތަކަންދޫ، އުލިގަން އަދި އުތީމެވެ.
ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މުރައިދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެ މަނިކުފާނުގެ މި ދަތުރުފުޅުގައި، ބައެއް ރަށްރަށުގައި އަލަށް އިމާރާތްކުރަން ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކާއި ކައުންސިލް އިމާރާތްތަކުގެ އިތުރުން ކޯލްޑް ސްޓޯރޭޖް ފެސިލިޓީ މަޝްރޫއުގެ މަސައްކަތް ފައްޓަވައިދެއްވުމާއި އައިޑީކާޑު އަދި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފައްޓަވައިދެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި "މަގޭ ސޯލާ" ޕްރޮގްރާމްގެ އަމަލީ މަސައްކަތް، ރަސްމީކޮށް ފައްޓަވައިދެއްވާނެ އެވެ. އަދި ރަށްރަށުގައި އޭޓީއެމްގެ ހިދުމަތް ދެއްވުމަށް ކައުންސިލްތަކާއި ބެންކް އޮފް މޯލްޑިވްސްއާ ދެމެދު ވެވޭ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބާއްވަވާ ހަފްލާތަކުގައި ވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސްގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަ ޅި
28 January 2025
އެކަކު ބިންގާއަޅަން އަނެކަކު ގެޔަށް.
ޛެނިން
28 January 2025
ތިޔަހެން މީގެކުރިން ދިއްދޫ ގައިވެސް އެއާޕޯޓުގެ ބިންގާއެޅި ، އަދިއަދައް ދަންދެންވެސް ވީހިސާބެއްވެސް ނޭގޭ
މޯލްޑިވިޔަން ޕެޓްރޮއިޓް
28 January 2025
ދެންތިޔަތަންވެސް ބޭނުންކުރޭ ޕިއްޒާކައި ފާޓީއަށްމީހުން ވެއްދުމަށް. އިހުސާނު އެހުރީ ދައުލަތުގެ މުދާ ނައިޖައިޒުގޮތުގައި ބޭނުންކޮށް ދައުލަތުގެ ހުވައަށް ބޭވަފާވެފަ.
ކަޓުލަރީ
28 January 2025
މުރައިދޫގަނދުވަރު ރަސްގެފާނު ވަަޑައިނުގަންނަވާތަ؟