ހޯމް މިނިސްޓަރު އަލީ އިހުސާން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ: އިހުސާން މިއަދު ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅު އޮޕަރޭޝަން ހުއްޓާލާނީ އެކަން ކުރާ މީހުން އެކަން ހުއްޓާލުމުން ކަމަށް. -- ފޮޓޯ: މިހާރު
13 ނޮވެމްބަރ 2025 - 15:25
މަސްތުވާތަކެތީގެ ވިޔަފާރި ރާއްޖޭގައި ދެން ނުކުރެވޭނެ ކަމަށާއި އެކަން ކުރާ ނަމަ "ރާއްޖޭގައި އުޅެން އުނދަގޫ ކުރާނެ" ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވަން މުޅި ރާއްޖޭގައި އެއްވަގުތެއްގައި ފުލުހުން ކުރިއަށް ގެންދާ ބޮޑު އޮޕަރޭޝަނާ ބެހޭ ގޮތުން ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި އިހުސާން ވިދާޅުވީ ޑްރަގް ވިއްކުމުގައި އުޅުނު މީހުން މިއަދަށް ފަހު ދެން ޖެހޭނީ އެކަންތައް ހުއްޓާލަން ކަމަށާއި ރާއްޖޭގައި ދެން އެ ފުރުސަތު ނުދޭނެ ކަމަށެވެ. ޑްރަގްގެ ވިޔަފާރި ހުއްޓުވަން ރާއްޖޭގައި ގާނޫނީ ގޮތުން އެޅެން ހުރި އެންމެ ވަރުގަދަ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެން އެދޭ އެދުމަކީ މިކަމުގައި މިއުޅޭ ކުދިން ވެސް މިކަން ހުއްޓާލާފައި އެހެން ކަމަކައިގެން މިއަދުން ފެށިގެން އުޅެން ފަށަން. ދިވެހިރާއްޖޭގައި އަޅުގަނޑުމެން އެ މީހުންނަށް އުޅެން އުނދަގޫކުރާނަން، މި މަސައްކަތުގައި އުޅޭ ކަމަށް ވަންޏާ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުން މިއަދު ހިންގާ އޮޕަރޭޝަނަކީ ޑްރަގްގެ ވިޔަފާރި ހުއްޓުވަން އަޅާ ވަރުގަދަ ފިޔަވަޅުތަކުގެ ފެށުމެކެވެ. އެ މަސައްކަތް ހުއްޓާލާނީ ޑްރަގްގެ ވިޔަފާރީގައި އުޅޭ މީހުން އެކަން ހުއްޓާލި އިރަކުން ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ފުލުހުން 24 ގަޑި އިރު މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އިހުސާން ރައްޔިތުންނަށް ދެއްވި އެވެ.
ޑްރަގުގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް މިއަދު ހެނދުނު ފެށި ހާއްސަ އޮޕަރޭޝަންގައި މިހާތަނަށް 90 އަށް ވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުންޏެވެ.
މިއަދުގެ ހެނދުނު 5:30 ގައި ފެށި އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، މެންދުރު 12:15 އާ ހަމައަށް 90 އަށް ވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަަމަށެވެ.
އިހުސާން ވިދާޅުވި ގޮތުގައި މިއަދު ހައްޔަރުކީ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ މީހުންނެވެ.
މިއަދު ފެށި އޮޕަރޭޝަން "އަލިމަގު" އަކީ ފުލުހުންގެ އިދާރާއިން ބުނި ގޮތުގައި، މަސްތުވާތަކެއްޗާ ދެކޮޅަށް ފަހުގެ ތާރީހެއްގައި އެންމެ ފުޅާ ދާއިރާއެއްގައި އެއް ވަގުތެއްގައި ހިންގި އެންމެ ބޮޑު އޮޕަރޭޝަނެވެ.
ފުލުހުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ހިންގާ ހާއްސަ އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެއްޗާއި ފައިސާތަކެއްގެ ފޮޓޯ ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރިން ވިދާޅުވީ ރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހަދަން ސަރުކާރުން ކުރާ މަސައްކަތުގައި، ޑްރަގުގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ހާއްސަ ކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް އަންގަވާފައި ވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސުނާރު
15 November 2025
އުޅެން އުނދަގޫ ކުރާނަމޭ! ގިލިގިލި ކޮށްޓާދޭންވީނު އެމީހުންގެ. އެހާވެސް ލުއިކޮށްވިއްޔަ މިއޮއްހާދުވަހު އެމީހުން އުޅުނީ، ތިބޭފުޅުންގެ އެހީގަ.
ފޮއިލް
14 November 2025
5000 އަށްވުރެއް ގިނަ އަހަރު ވަނީ މީހުން މަސްތުވާތާ. ހުއްޓުވިއްޖެތަ ؟ ނުހުއްޓުވޭނެ !
ނޫޑުލްސް
14 November 2025
މަަޖްލިސް ތެރޭ އުޅޭ އެ ވިޔަފާރި ކުރާ މީހުން ހަތްޔަރު ކުރަން ފެށީމަ ދިވެހިން ދެން ތިކުރާ ކަން ކަން ބަލާގަން ނާނީ! ބޮޑުން އިނގި ހުރެ ހަތްޔަރު ނުކޮއް ކޮންމެސް ކުޑަ ޕެކެއް ވިއްކާ މީހެއް ބަންދު ކުރާނީ
ރާވެރިބެ
14 November 2025
ޑްރަގް ވިޔަފާރި ހުއްޓުވޭނީ މިފަދަ ވިޔަފާރި ކުރާމީހުން ކޯޓުން ދޫކުރާ ގާޒީން ވެސް ވަގުތުން ހައްޔަރުކޮށް ޑްރަގް ވިޔަފާރި ކުރުމަށް އެހީވެދިނުމުގެ ކުށުގަ ދައުވާ އުފުލައިގެން. ހަގީގަތުގަ ޑްރަގް ރާއްޖެ އެތެރެ ކުރުމާ އޭގެ ވިޔަފާރީގެ މައްސަލަތަށް ބެލުމަށް ވަކިން ޙާއްސަ ޑްރަގް ކޯޓެއް އުފައްދަން ވެއްޖެ. އެހެންނޫނީ އަބަދު މިމީހުން ތިބޭނީ ދޫވެފަ!
ޖިބްރީލް އަމީން
14 November 2025
ސާބަހޭ މިނިސްޓަރު... ތިހެން ތިބޭނީ ހަގީގީ ޒިންމާ އަދާ ކުރަން ކެރޭ މީހުންގެ ބަސް މަގު... ހަރުކަށި ވާން ޖެހޭ ތާ ހަރުކަށި ވެލަން ޖެހޭނެ. މިއަދު ތި ކުރީ ވަރަށްވެސް ސަޅި ކަމެއް މި ރާއްޖޭގެ މުސްތަގުބަލަށް ވެސް. ތިކަމުގައި ދޫ ނުދެއްވާތި
ޙުސީނު
14 November 2025
އެހެންވެ ދެއްތޯ މިހާރު ގަވައިދާ ހިލާފަށް އުޅޭ ބިދޭސީއަކުވެސް ރާއްޖޭގައި ނެތީ!
ކަތްދައްތަ
14 November 2025
ސުރުޚީ ހަދައިގެން ރައްޔިތުންގެ ތެރޭން ބަޔަކަށް ހުވަފެނީ އުއްމީދު ތަކެއް ދިނުމުގެ ބޭނުމަކީ ކޮބާ؟ ހެޔޮނިޔަތުގަ މިކަން ކުރާނަމަ ހައެއްކަ ލައްކަ މީހުންގެ ތެރެއިން މިބައިމީހުން ފުރާނާލާކަށް ލައްކަ ދުވަހެއް ނުނަގާނެ. ދެއަހަރުވީ ވީކަމެއް ވާކަމެއް އައިބަދަލެއް ނެތް. ގެންނަ ވަރާ ފެންނަ ވަރު އިތުރު. އެތެރެވާ އަދަދުގެ ބަރުދަން ކިލޯއިން ޓަނަށް ވަނީ.
ރަދީފްއޮފިޝަލް / ޑްރަގް ލޯޑުން ރައްދުވެނީއާ
13 November 2025
ރާއްޖޭގެ ލޯ އެންފޯސްމެންޓް އެޖެންސީތަކުން ޑްރަގް ހުއްޓުވަން ކުރާ މަސައްކަތުގަ ގ.ހުވަފެނީ ގޯޅި ޗެކްކުރުން އެދެން.އަހަރުމެން ކަހަލަ އާދައިގެ ރައްޔަތުންނަށް މުންކަރާތް ހުއްޓުވަން މަސައްކަތް ކުރެވޭނީ މިގޮތަށް.މިކޮމެންޓް ޕަބްލިޝްކޮށްދިނުން އެދެން.
ރަދީފްއޮފިޝަލް / ޑްރަގް ލޯޑުން ރައްދުވެނީއާ
13 November 2025
ނޯޓް:މި ގޯޅީގަ ބަޖިޔާ ގުޅަ ގަންނަން ކިއު ހަދާ ގޮތަށް ކިއު ހަދައިގެން މީހުން ނުތިބޭ އިރެއް ނުދޭ.
ރަދީފްއޮފިޝަލް / ރައްދުވޭ ބާކިއެ
13 November 2025
''އެ މަސައްކަތް ހުއްޓާލާނީ ޑްރަގްގެ ވިޔަފާރީގައި އުޅޭ މީހުން އެކަން ހުއްޓާލި އިރަކުން ކަމަށް ވެސް ވިދާޅުވި އެވެ.'' ވަރަށް ރަނގަޅު ނިންމުމެއް. ސާބަހޭ މިނިސްޓަރ
އަނގައިންނުބުނާ ދިގަލި
13 November 2025
ޑްރަގް ވިޔަފާރީގެ ބޮޑުންތައް ހިފާ ހައްޔަރުކުރަން ކެރޭނެތޯ؟