ފުލުހުން މިހާރު ހިންގާ ހާއްސަ އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތި.---ފޮޓޯ: ޕޮލިސް
13 ނޮވެމްބަރ 2025 - 12:52
ޑްރަގުގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް މިއަދު ހެނދުނު ފެށި ހާއްސަ އޮޕަރޭޝަންގައި މިހާތަނަށް 90 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
އެއީ، ފުލުހުންގެ އިދާރާއިން ބުނި ގޮތުގައި، މަސްތުވާތަކެއްޗާ ދެކޮޅަށް ފަހުގެ ތާރީހެއްގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ހަރަކާތެވެ.
މިއަދުގެ ހެނދުނު 5:30 ގައި ފެށި އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، މެންދުރު 12:15 އާ ހަމައަށް 90 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަަމަށެވެ.
📷މިހާރު ކުރިއަށް ގެންދާ މަސްތުވާތަކެތީގެ އޮޕަރޭޝަން " އޮޕަރޭޝަން އަލިމަގު" ގެ ތެރެއިން pic.twitter.com/rH1Am24Dhv
— Maldives Police (@PoliceMv) November 13, 2025
ފުލުހުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ހިންގާ އެ ހާއްސަ އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެއްޗާއި ފައިސާތަކެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރިން ވިދާޅުވީ ރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހަދަން ސަރުކާރުން ކުރާ މަސައްކަތުގައި، ޑްރަގުގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ހާއްސަ ކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް އަންގަވާފައި ވާނެ ކަމަށެވެ.
ފުލުހުން މިހާރު ހިންގާ ހާއްސަ އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތި.---ފޮޓޯ: ޕޮލިސް
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެއްވަގުތެއްގައި 100 އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކުރުމުގެ އެ އޮޕަރޭޝަނުގައި 500 އަށް ވުރެ ގިނަ ފުލުހުން ބައިވެރިވާނެ އެވެ.
ފުލުހުން ބުނީ "އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހާއްސަ އޮޕަރޭޝަން ފަށާފައިވަނީ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށްފައި ކަމަށެވެ.
ފުލުހުން މިހާރު ހިންގާ ހާއްސަ އޮޕަރޭޝަންގައި އަތުލައިގަތް ފައިސާ.---ފޮޓޯ: ޕޮލިސް
އެ އޮޕަރޭޝަންގައި ހާއްސަ ޑިޕާޓްމަންޓުތަކާއި ސަރަހައްދުތައް ވިލަރެސް ކޮށްގެން އެކުލަވާލާފައިވާ ޓީމުތަކުން އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒު ކުރުމުގެ އަމަލީ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިހާރު ހިންގާ ހާއްސަ އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތި.---ފޮޓޯ: ޕޮލިސް
"މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެއް،" ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޚަބަރުކިޔާމީހާ
14 November 2025
މުޅި ފުލުހުންގެ ތެރޭގަ ރަނގަޅަށް ސީސީޓީވީ ހަރުކޮށް ވީޑިއޯ ރެކޯޑިންގ ރާޢްޖޭން ބޭރުގެ ސަރވަރ ތަކުގަ ރައްކާ ކުރެވޭ ގޮތަށް ހަދާ. އޭރުން އިނގޭނެ ޗޭން އޮފް ކަސްޓަޑީއާ އެހެނިހެން ކަންކަން ފަނި ކުރާ މީޙުން.
ޕީއެންސީ ޕީއާރް
14 November 2025
އެއްފަހަރާ 100 ތަނަށް ވަދެގެން މި ފެނުނީ ފުކެއް.. ގަބޫލުކުރަން ވަރަށް ދަތި އެހައިވެސް އެއްޗެއް ނެތީކަމަށް... އެކަމަކު ބަލާލި ކޮންމެ ދިމާއަކުން ބިއްޖެހިފަ ތިބޭ މީހުން ފެންނަނީ.. އެހެންވީމަ ދިމައެއް ނުވޭ ތި ދައްކާ ވާހަކައެއް ހެޑްލައިން ހަދަން އަރާ... އާދައިގެ މަތިން ތީ ޕީއާރް ސްޓަންޓެއް!
ޑައިޖިން
13 November 2025
ފަނޑިޔާރުންނަށް ލާރިކޮޅެއް ހަދާލާނެ ފުރުސަތު ލިބުނީ ތިޔަ!
ޢަލީ ކުރުސީ
13 November 2025
މީގެ ކުރިންވެސް މީހުން ހައްޔަރުކުރޭ! އެކަމަކު ހެކި ނެތިގެން، ހެކި ހޯދިގޮތް ގޯސްވެގެން، ނޫނީ ކޯޓަށް ބަންދުގައި ބަހައްޓަން ނުފެނިގެން ދޫވަނީ! ތިޔަ އޮޕްރޭޝަންތައްވެސް ނިމޭނީ މިގޮތަށް! ހައްޔަރުކުރާ ބަޔަކަށް ކުށްސާބިތުވެ އަދަބު ނުލިބޭހާ ހިނދަކު ތިޔަ ކުރަނީ އިޚްލާސްތެރި މަސައްކަތެއް ކަމުގައި ބަލައިގަންނަން ދަތި!
ޗެއިން
13 November 2025
ޗެއިން އޮފް ކަސްޓަޑީގެ ކަންތައް ހުރީ ކިހިނެތްބާ. ބޮޅުތައް ހުރީ ނުކެނޑިބާ.
އެއްވަގުތުން
13 November 2025
ތިޔަ ކަން ބަލަން ވަންނާނެ 100 ތަނެއް ނޫން. ހާހުން ހާހުން ތަންތަން މި ގައުމުގައި ހުންނާނެ. ކޮންމެ އާއިލާއެއްގައި ތިޔަ މަސައްކަތުން އާމްދަނީ ހޯދާ މީހުން އުޅެއޭ ބުނާ ވަރަށް ބޯކޮށް ތި މީހުން އޮތް ގައުމެއް މީ.
ނޫން
13 November 2025
ވެލިދޫގައު ބޯ މީހުން އުތުރިއަރަނީ ކަލޯ
ރުމާލު1
13 November 2025
ކޮބާ ހެކި ހައްޔަރުކުރި ކަމުގެ؟
ބަންޖޯރޭ
13 November 2025
ކޮބާ ހައްޔަރުކުރި މީހުންގެ ފޮޓޯ؟ ތިހެން އަދި ލާ ފޮޓޯއަކުން ގަބޫލެއް ނުކުރެވޭ. ފުލުހުންނަށް އިތުބާރު ކުރަން ވަރަށް އުނދަގޫ
ހަންޓޯޓޯ
13 November 2025
ކަލޭ ގަބޫލު ނުކުރިޔަސް ހެވޭ ބުނީ...
ޖޖޖޖޖ
13 November 2025
މިކަން ހުއްޓުވޭނީ ބޭންކު ތަކުން ހިންގާ މަނީލޯންޑަރިންގ ހުއްޓުވައުގެން.