އަކްރަމް: އޭނާގެ ޕާސްޕޯޓް ހިފެހެއްޓި އަމުރާ ގުޅޭ މައްސަލަ ހައި ކޯޓުން ބަލައިނުގަތް - ފޮޓޯ: މިހާރު
10 ފެބުރުއަރީ 2025 - 14:47
ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފެހެއްޓި އަމުރު ބާތިލްކުރަން އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.
އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ ކަންކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ފަށާފައިވާ ތަހުގީގުގެ ބޭނުމަށް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ.
އެ އަމުރު ބާތިލްކުރަން އަކްރަމްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި ނަމަވެސް، އެ ކޯޓުން އިއްޔެ ނިންމީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ. އެއީ އެ މައްސަލައަކީ ދަށު ކޯޓަށް ހުށަހަޅައިގެން ބަހުސްކޮށް އަދި މުރާޖާ ކުރުމުގެ ފުރުސަތު އޮތް މައްސަލައަކަށް ވާތީ ކަމަށް ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައިވެ އެވެ.
އަކްރަމްގެ ޕާސްޕޯޓް ފުރަތަމަ ހިފެހެއްޓީ މިދިޔަ 20 ޑިސެމްބަރުން ފެށިގެން 1 މަސް ދުވަހަށެވެ. ނަމަވެސް، މިދިޔަ މަހުގެ 19 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އެ މުއްދަތު އިތުރު އެއް މަސް ދުވަހަށް ދަންމާލައިފަ އެވެ. އަކްރަމް ވިދާޅުވެފައިވާ ގޮތުގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓައި، މުއްދަތު އިތުރުކޮށްފައިވަނީ އޭނާއާ ތަހުގީގުގައި އެއްވެސް ސުވާލެއް ވެސް ކުރުމެއް ނެތި އެވެ.
އަކްރަމްގެ އިތުރުން ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފާއި ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގާމް ވަހީދާއި ޑިރެކްޓާ ޖެނެރަލް އަހްމަދު ވިޝާން ނަސީމްގެ ޕާސްޕޯޓް ވެސް އެ މައްސަލާގައި ހިފަހައްޓާފައިވެ އެވެ.
ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންގެ ލިސްޓުގައި ނެތް ނަމަވެސް، ގޯތި ލިބުނު ކަމުގެ ރަޖިސްޓްރީ ގެންގުޅުނު މައްސަލައެއް ފަޅާއަރައި ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެ ލިޔުންތައް ދިނީ ކުރީގެ ސަރުކާރުން ކަމަށް، އެ މައްސަލައިގައި ފުލުހުން ސުވާލުކުރި ހަ މީހަކު ތަހުގީގަށް ބަޔާން ދީފައިވާ ކަމަށް ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވަނީ ބުނެފަ އެވެ.
އަކްރަމާއި އާރިފްއަކީ ކުރީގެ ސަރުކާރުން ފްލެޓާއި ގޯތި ދިނުމަށް އުފެއްދި ހާއްސަ ކޮމިޓީގައި ވެސް އިސްކޮށް ތިއްބެވި ބޭފުޅުންނެވެ. އެ ބޭފުޅުންނަށް ދައުވާ ކުރަން މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް ދޭން ނިންމި ގެދޮރުވެރިޔާ ފްލެޓްތަކުގެ މައްސަލާގައި އޭސީސީން ކުރި ބޮޑު ތަހުގީގަށް ފަހު ބުނީ ފުރަތަމަ 4،000 ފްލެޓް ދޭން އޭރުގެ ހައުސިން މިނިސްޓްރީން ކަނޑައެޅި މީހުންގެ ތެރެއިން ފްލެޓަށް ހުރިހާ ޝަރުތެއް ހަމަވަނީ އެންމެ 20 ޕަސެންޓް މީހުން ކަމަށެވެ. އެހެންވެ، އެ ލިސްޓް ރިވިއު ކުރަން އެ ކޮމިޝަނުން ވަނީ މިހާރުގެ ހައުސިން މިނިސްޓްރީއަށް އަންގައިފަ އެވެ.
އޭސީސީން އެގޮތަށް އެންގުމުން ހައުސިން މިނިސްޓްރީން ވަނީ ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި ފޯމު ހުށަހެޅި އެންމެންގެ ފޯމުތައް ރިވިއުކުރަން ނިންމައި، އެ މަސައްކަތް ފަށައިފަ އެވެ. އެއީ 20،000 އަށް ވުރެ ގިނަ ފޯމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފީފުގެ ވަތުކިބަ އަނީސާ
10 February 2025
އަކުރަމު ބޮލައް ނުކަނޑާ މާލޭމީހުން ބޭނުންވިގޮތައް މާލޭމީހުންނައް ބިންތައްބަހާލީ އައިލެންޑް ބޯއީސް ފަސްކުޅަނދު މަދުވާނެ އައްޑޫމީހުން ސާދަ ކުޅަނދުމަދުވާނެ މިމީހުން އެމްޑީޕީއިން އެއްވުމެއް ބާއްވާއިރައް މަގުތަކައް ނިކުމެ ހަޅޭއްލަވާނެ އައްޑޫމީހަކު މިނިސްޓަރަކައް ހުރިނަމަ އެމީހަކު ވަޒީފާ ގެއްލުވަން އެންމެކުރީގަ އުޅޭނީ މި ގޫބައްޑާމެން…
ސަމްބޮޑީ
10 February 2025
ވަރަށް ކަމުނުދާ މީހެއް ތީ. ދޮގު ހެދުމުގެ އިންތިހާ. މިހެން ބުނީމަ ދޮގު ލިޔުން ހުށައެޅައިގެން ފްލެޓް ލިބުނު މީހުން އުޑުގަ ޖެހިފަ ބިމުގަ ޖެހޭނެކަން އެނގޭ. އެކަމަކުވެސް ހަގީގަތަކީ އެއީ.
ހަމަ ހުވާމިބެނީ
10 February 2025
ތި އަކރަމް އަކީ ވަރަށް މަކަރުވެރި އިންސާނެއް
ބިންތު
10 February 2025
މީ ދެން ކާކު؟
އޮނަރަބްލް އަފީފު ދީދީ
10 February 2025
މިމީހާ އަކީވެސް އިބްރާހިމްގެމައްޗަށް ބާރުވެރިކަންހިންގި އެބޭޅާގެ ވަޒީރުންގެ ގޮތުގައިތިބި ކ،މާލޭމީހުނާއި މަޖިލިސް މެންބަރުންނަށްތިބި އެރަށުމީހުން ދައުލަތުގެ ޤާނޫނުއަސާސީގެ 41 ވަނަ މާއްދާގެ ށ، ނ އާއި ޙިލާފަށް "ކ.މާލޭ ދަފުތަރުގައިތިބި އެރަށުގެ ޤާނޫނީރަށްވެހިންނަށް ބައިވެރިވުމުގެ ފުރުސަތުނުދީ" ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތެއްގެދަށުން ތުބުން ކިރުނުނެއްޓޭ ތިރަށުގެ ކުޑަކުދިންގެ ބޯވެސް ގުނައިގެން ކޮންމެމީހަކަށް 25މ ރުފިޔާގެ ބިމެއް ދިނުމުގެ މޭސްތިރިއެއް.
އޮނަރަބްލް އަފީފު ދީދީ
10 February 2025
މިމީހުން ހިންގާފައިވާ މަތީގައި ދެންނެވި ރޭސިސްޓް އަމަލަކީ ރާއްޖެއާއި ބައިނަލްއަޤުވާމީ ޤާނޫނު ތަކާއި ޙިލާފަށް ހިންގާފައިވާ "ތަފާތު ކުރުމުގެ އަމަލަކަށްވާތީ" ސަރުކާރުން މިމައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެނެސް ދައުލަތުގެ ކުންފުންޏެއްގެ މުދާ (ހުޅުމާލޭގެ ބިން ތައް) ޤާނޫނީ ހަމަތަކާއި ޙިލާފަށް ބަހާފައިވާތީ، މިކަން ކުރި އެންމެންގެ މައްޗަށް ޝަރީއަތް ޙިންގުމަށާއި މިދެންނެވި ބިންތައް އަބުރާ ކުންފުންޏާއި ޙަވާލުކުރަން މަޖިލީހުގެ ޤާނޫނީ ލަފާ ހޯދާންޖެހޭ.