އެމްއެންޑީއެފް: ނަތީޖާ ދަށް ދަރިވަރުން ޕޮލިހާއި ސިފައިންގެ އަށް ވެއްދުމަށް ސެކްޝަނެއް ހަދައި އިދާރީ މަސައްކަތް ވަނީ ފަށާފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
02 ފެބުރުއަރީ 2025 - 13:01
ސްކޫލު ނިންމުމަށް ފަހު އިތުރަށް ކިޔެވުމުގެ ވިސްނުން ނެތް ކުދިންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ނެޝަނަލް ސާވިސް ޕްރޮގްރާމުގެ އިދާރީ ކަންކަން ފަށަން، ރައީސް އޮފީހުގައި ސެކްޝަނެއް ހަދައި މީހުން ހޯދަން އިއުލާންކޮށްފި އެވެ.
ކިޔެވުމުގައި އިތުރަށް ކުރިއަށް ނުދާ ދަރިވަރުން ސިފައިންގެ އާއި ޕޮލިހަށް ވެއްދުމުގެ ޕްރޮގްރާމެއް ފަށާނެ ކަން އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ސިފައިންގެއަށް ކޮންމެ އަހަރަކު 1،000 މީހުން އަދި ފުލުހުންގެ ހިދުމަތަށް މި ދައުރުގައި 1،000 މީހުން ނެރެން ބޭނުންވެ އެވެ.
އެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.
ރައީސް އޮފީހުން މިއަދު ވަނީ، އެ އޮފީހުގެ ނޭޝަނަލް ސާވިސް ކޯޑިނޭޝަން ސެކްރެޓޭރިއޭޓަށް ޑެޕިއުޓީ ޑިރެކްޓަރަކާއި އެސިސްޓެންޓް ޑިރެކްޓަރެއް ހޯދަން އިއުލާންކޮށްފަ އެވެ. މިއީ އެ އޮފީހުގައި ގާއިމުކުރި މުޅިން އާ ސެކްޝަނެކެވެ.
އެ ދެ މަގާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ނޭޝަނަލް ސާވިސް ޕްރޮގްރާމާ ގުޅޭ ގޮތުން އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ސެކްރެޓޭރިއޭޓް ހިންގަވާ އިސް ބޭފުޅެއްގެ މަޝްވަރާގެ މަތިން ހިންގުމާއި ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ވިލަރެސް ކުރުމެވެ. ޕްރޮގުރާމް ހިންގުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކުގެ ޓައިމްލައިން ތައްޔާރުކޮށް، މޮނިޓާކުރުމާއި ޕްރޮގްރާމުގެ މަގުސަދު ހާސިލުވަމުންދާ މިންވަރު ބަލައި އެސެސްމަންޓް ހެދުމަކީ ވެސް އެ މަގާމުގައި ކުރަންޖެހޭ ކަމެކެވެ.
އިއުލާނުގައިވާ ގޮތުން ޑެޕިއުޓީ ޑިރެކްޓަރަށް މުސާރައިގެ ގޮތުގައި ލިބެނީ 15،918ރ. އެވެ. އަދި އެސިސްޓެންޓް ޑިރެކްޓަރުގެ މުސާރައަކީ 14،700ރ. އެވެ.
ޑެޕިއުޓީ ޑިރެކްޓަރަށް ކުރިމަތިލާ ފަރާތަކީ ހުނަރާއި ގާބިލުކަން ސާބިތުކޮށްދިނުމާ އެކު މަގާމަށް ބޭނުންވާ ދާއިރާ އިން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް އޮތުމާ އެކު މަގާމާ ގުޅޭ ދާއިރާއަކުން 9 އަހަރުގެ ތަޖުރިބާ ހުރި މީހަކަށް ވާންޖެހެ އެވެ.
އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާ ފަރާތެއްގެ އެންމެ ދަށްވެގެން ޑިޕްލޮމާއަކާ އެކު 6 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ހުންނަން ޖެހެ އެވެ.
އެ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާ އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅަން އޮތް އެންމެ ފަހު ތާރީހަކީ އަންނަ އާދިއްތަ ދުވަހުގެ 1:00 އެވެ. އަދި އިންޓަވިއު ކުރާނީ މަގާމުގެ ޝަރުތު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ މީހުން އެކަނި ކަމަށް އިއުލާނުގައިވެ އެވެ.
ރައީސް ވިދާޅުވެފައި ވަނީ އޯ ލެވެލް ނިންމުމަށް ފަހު އޭ ލެވެލްއަށް ވަދެވޭ ވަރަށް ކޮންމެ އަހަރަކު ވެސް 2،000-3،000 ދަރިވަރުން ފާސްނުވާ ކަމަށެވެ. އޭ ލެވެލް ނިންމާފައި ޑިގްރީއަށް ނުފެށޭ 500-1000 ކުދިން އެބަތިބޭ ކަމަށް ވިދާޅުވި އެވެ.
ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ޕްރޮގްރާމަކީ ކިޔަވާ ނިންމުމަށް ފަހު ދިރިއުޅުމުގައި އެއްވެސް ކަމެއް ނުކުރާ ކުދިންނަށް ވެސް އިތުރު ތައުލީމާއި ތަމްރީނު ފުރުސަތު ފަހިކޮށްދޭން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އޭގެ ތެރޭގައި އެ ކުދިން ސިފައިންގެ އާއި ޕޮލިހުން ފުރުސަތު ދިނުމާ އެކު އިތުރު އެހެން ދާއިރާތަކަށް ވެސް ނެރުން ހިމެނެ އެވެ.
މި ޕްރޮގްރާމުގެ ބޭނުމަކީ ހަމައެކަނި ޕޮލިހާއި ސިފައިންގެއަށް ވެއްދުން ނޫން ކަމަށާއި އެންމެ މުހިއްމީ ތައުލީމާއި ތަމްރީނުދީގެން އެ ކަންކަމަށް ނެރުން ކަމަށް ވެސް ވިދާޅުވި އެވެ.
އެ ޕްރޮގްރާމާ ގުޅޭ ގޮތުން ނަސްރުގެ ދުވަހުގެ ޖަލްސާގައި ރައީސް ވިދާޅުވީ އެ ޕްރޮގްރާމްގައި ބައިވެރިވެގެން ތަމްރީނު ރެކްރޫޓްމަންޓް ޕްރޮގްރާމް ނިންމުމުން ސިފައިންގެއިން ނުވަތަ ފުލުހުންގެ އިދާރާއިން ވަޒީފާ ލިބޭނެ ކަމަށެވެ.
ރަނގަޅު ނަތީޖާ ނުލިބޭތީ ވަޒީފާއެއް ނުލިބުނަސް، ގާނޫނު އޮތްގޮތުން ސިފައިންގެ ހިދުމަތަށް އެ ކުދިން ނުނެގޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު، އެކަށީގެންވާ ތައުލީމު ނެތުމާއި ޑްރަގްގެ ވަބާގައި ޖެހުމުންދާތީ މުޖުތަމައު އަދި ސަރުކާރުން އުފުލާ ބުރަ ބޮޑުވެ، އިގުތިސޯދަށް ނުރަނގަޅު އަސަރުކުރާ ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ރަނގަޅު ތަރުބިއްޔަތު ދެވި، މިލިޓަރީ ތަމްރީނު ދެވިއްޖެނަމަ އެ މީހުންނާއި އެ އާއިލާއަށް ވެސް ކުރިއެރުން އަންނާނެ ކަމަށެވެ.
އެ ޕްރޮގްރާމަށް މި އަހަރުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އެއަށް ފަހު، ކޮންމެ އަހަރަކު ވެސް އެކަމަށް އެކަނި 400 މިލިއަން ރުފިޔާ އިތުރުކުރާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
0ޮ0ޮ0ޮ0ޮ00
04 February 2025
ތި ހުރިހާއެންމެން ހަދަންޖެހޭ އެއްޗަކަށް ހަދާބަލަ. ސިންގަޕޫރު ގޮތަށް. ވޯކް ކުދިން ތިބޭނެ ހަޅެއްލަވަން. އެއަށް އަޅާލާނެ ކަމެއްނެތް
ފިނރުޓޭ
04 February 2025
މަދަރުސީ ތައުލީމް ނިންމާ ހުރިހާ ދަރިވަރުންނަށްވެސް މި ތަމްރީނު ދޭން ޖެހޭނެ ކަމަށް ދެކެނީ! އަސްލު ހަގީގަތުގަ މިލިޓަރީ ތައުލީމް ދެވިއްޖެ ނަމަ ކުރިމަގުގައި މަސައްކަތް ކުރަން ނުކުންނަ މީހުންގެ މަސައްކަތްތެރި ކަމުގެ އަހްލާގް ވަރަށް ބޮޑު ތަނުން ރަގަަޅު ވާނެ ކަމަށް ގަބޫލު ކުރެވެނީ!
ކަޑަބޮއް ސައީދު
04 February 2025
މިޢީ ވަރަށް ބޮޑު ގޯހެއް. ގައުމުގެ ހަރަދު ބޮޑު ކުރަން ކުޜާ އަމަލެއް.
ތެފައާސާ.
03 February 2025
ސިފައިންނާއި ފުލުހުންނަކީ ގައުމަށް އެންމެ ބޭނުންތެރި މީހުންގެ ތެރޭގައި ހިމެނޭ ބައެއް. މި ދެ ތަނަށް ވައްދަންވާނީ ތައުލީމީ ގޮތުންވެސް އެނޫން ގޮތްގޮތުންވެސް އެންމެ ރަނގަޅު މީހުން.
އެދުރު ބެ
04 February 2025
ތަޢުލީމާ ތަމްރީނަކީ ހޯދޭނެ އެއްޗެއް. ކޮންމެ ކުއްޖަކަށް އޯލެވެލް އިން މަތީ ފާހެއް ނުލިބިދާނެ. އެއީ މައްސަލައެއް ނޫން. އެހެނޭ ކިޔާފަ އެކުދިން މަގުމަތީގައި ލާހޫރެން ދޫކޮށްލައިގެން ތިބެވޭކަށް ނެތް. މީހަމަ ވަރަށް ރަގަޅު ޕްރޮގްރާމެއް
ޚިޔާލު
03 February 2025
ނެޝަނަލް ސަރވިސްއަކީ އޭގެ ޒާތުގައި ކިޔަވައި ނިމިގެން މުޖުތަމައަށް ނުކުންނަ ޒުވާންޖީލު މުޖުތަމައަށް އަހުލުވެރި ކުރުވުމުގެ އިތުރުން އާންމު އިޖުތިމާއީ އަޚުލާޤު އެކުދިންގެ ކިބައިގައި އަށަގެންނެވެމުގެ ގޮތުން ބައެއް ގައުމުތަކުގައި ހިންގަމުން ގެންދާ ޕްރޮގުރާމެއް. އަދި މިޕްރޮގުރާމަކީ ކުދިންގެ ތައުލީމީ ފެންވަރު އިސްތިސްނާ ނުކޮށް ހުރިހާ ކުދިން ބައިވެރިވުން މަޖުބޫރު ކަމެއްގެ ގޮތުގައި އޮންނަ ޕްރޮގުރާމެއް. ނަމަވެސް ސަރުކާރުން މިކަން ކުރަނީ ރަނގަޅަކަށް ނޫން.
ޕޮލިސްއެއް
02 February 2025
ސިފައިންގެ އަށް 4000 މީހުން، ޕޮލިސް އަށް 1000 މީހުން. ސިފައިން ކޮން ކަމެއް ކުރަންތޯ އެ ވަރަށް މުވައްޒަފުން ބޭނުންވަނީ ؟ 200 މީހުން އުޅޭ ރަށްތަކުގައި ވެސް ޕޮލިސް ސްޓޭޝަން ހުޅުވަމުން ދާއިރު، ފުލުހުންނަށް ދިމާވެފައިވާ މޭންޕަވަރ ޝޯޓޭޖް ހައްލުކުރަން ޕޮލިސް އަށް ނޫންތޯ ގިނަ މީހުން ބޭނުންވަނީ ؟
އުދުހޭ
02 February 2025
ސިފައިންނާ ފުލުހުންނަށް ވަޒީފާދިނުމަށް ރައީސް އޮފީހުގަ ކުރަން އޮތް ކަމެއް އޮތްކަަމަކަށް ނުވިސްނޭ. މީގެކުރިންވެެސް އެތަންތަނުން ވަޒީފާ ދިން. ރައީސް އޮފީހުގަ މާގާމުތަކެއް އިތުރުކޮށް ސިޔާސީ ބޯ އިތުރުކުރަނީތަ؟
ސުންބުލް
02 February 2025
މެނިފެސްޓޯގައި މިކަން ކުރާނޭކަމަށް ނުބުނާ އިރު، މިކަން ކުރުމަކީ ގޯހެކެވެ. އަދި މިކަމަށް މިހާ ބޮޑު އަދަދެއް ބަޖެޓު ކުރުމަކީ މާ ބޮޑު ގޯހެކެވެ. އެކަމަކު، ހައިރާނެއް ނުވެއެވެ. މިސަރުކާރުގެ ކަންތައްތައް ހުންނާނީ މިގޮތައްކަން ނުދަންނަ ކުޑަކުއްޖަކުވެސް ނޫޅޭނެއެވެ.
ޗޫޤީ
02 February 2025
ނޫނޭ، ޕީއެންސީގެ މިވެރިކަމުގައި އެބަޖެހޭ 2028އަންނަަން ވާއިރަށް ޢުމަރުގެ ވައުދުތައް ފުއްދާފައި ރައްޔިތުންނަށް ދައްކަން. އެހެންނޫންނަމަ 2028ގައި ޕީއެންސީ ފެއިލްވާނެ. ސަބަބަކީ ޢުމަރުގެ މެނިފެސްޓޯއަކީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އާންމުން ފާޑުކިޔާފައިވާ މެނިފެސްޓޯއެއްކަމުގައި ވީނަމަވެސް މިހާރު ގިނަ ދިވެހިންގެ މެދުގައި އެންމެ މަގުބޫލު މެނިފެސްޓޯ ކަމުގައިވާތީ.
ހަސަންބެއްޔާ
02 February 2025
ޑިފެންސް ބަޖެޓު ބޮޑު ކުރަމަކީ ހެދޭ ގޯހެކެވެ. އަހަރުމެންގެ ދިފާއީ ބޭނުންތައް ފުއްދޭނެ އެންމެ އެކަށީގެންވާނެ ގޮތަކީ ދޭދެ ގައުމުތަކާއި އޮންނަ ގުޅުން ރަނގަޅުކޮށް، ސްޓްރެޓެޖިކް ޑިފެންސް އެއްބެސްވުންތައް ގާއިމުކުރުމެވެ. އަހަރުމެން މިތިބާ ސައުތު ކޮރެޔާ ނޫނީ ޔޫކްރެއިން އޮތް ކަހަލަ ހާލަތެއްގައިވެސް ނޫނެވެ. ތިއީ ވަރަށް ގޯސް ސިޔާސަތެކެވެ. ނިސްބަތުން މަދު ދަރިވަރުންތަކެއްގެ، ނަތީޖާ ދަށްނަމަ ހޯދައިދެވޭނެ ބައިވަރު އެހެން ފުރުސަތުތައް އެބަހުއްޓެވެ.
އިސްމާލު2.0
02 February 2025
ސަރަހައްދީ ޓަމޮއިލް އަށް ބަލާނަމަ، އަހަރުމެން މިތިބީ ކޮންމެހެން މެންޑެޓޮރީ ސަރވިސް ގާއިމުކުރަންޖެހޭ ހާލަތެއްގައިތޯ ސުވާލުކޮށްލުން މުހިންމެވެ. އެގޮތުން، ޑިމޮކްރަޓިކް ގައުމުތަކުގައި އަސްކަރީ ހިދުމަތް ލާޒިމުކުރަނީ ސަރަހައްދީ ގޮތުން ގަޑަބަޑުވުމުގެ ސަބަބުން ކަން ދަންނަންޖެހެއެވެ. ބަޔަކުމީހުން ކަމެއް ކުރިޔަސް، އެގޮތަށް އަހަރުމެން އެކަން ކުރާކަށް ނުޖެހެއެވެ. އެކަމަކު، ހަނގުރާމައިގެ ހާލަތުގައި ޑްރާފްޓްކުރުމާއި އަދި ރިޒާވް ފޯސް އޮތުން މުހިންމެވެ.