ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލް.- ފޮޓޯ: ނިޝާން އަލީ | މިހާރު
06 ފެބުރުއަރީ 2025 - 12:42
ގއ. ވިލިނގިލީގައި ސިޒޭރިއަން ހެދުމަށް ފަހު، އަންހެނަކާއި ތުއްތު ދަރިފުޅު ރޭ ނިޔާވެއްޖެ އެވެ.
އާއިލާ އިން ތުހުމަތުކުރާ ގޮތުގައި އެ ދެމައިން ނިޔާވީ ސިޒޭރިއަނަށް ފަހު ހާލު ގޯސްވެ، މާލެ ނުގެނެވި، ފަރުވާ ލިބުން ލަސްވެގެންނެވެ. އެކަމަކު މި ތުހުމަތުތަކަށް ހޮސްޕިޓަލުން އަދި ވާހަކައެއް ނުދައްކަ އެވެ.
ބަނޑަށް 8 މަހުގައި ކުއްލިއަކަށް ނޭވާލާން އުނދަގޫވެ، ވިލިނގިލީ ހޮސްޕިޓަލުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ދެންވަރު 2:00 ހާއިރު އެޑްމިޓުކުރުމަށް ފަހު، ހާލު ސީރިއަސްވާން ފެށުމުން ސިޒޭރިއަން ހެދި ޝިއުނާ ތައުފީގު، 35، އެވެ. އޭގެ 24 ގަޑިއިރު ނުވަނީސް އޭނާ ވަނީ ނިޔާވެފަ އެވެ.
ޝިއުނާ ނިޔާވީ ސިޒޭރިއަން ހަދާފައި އިތުރު ފަރުވާ އަށް މާލެ ގެންނަން ކޫއްޑޫ އެއާޕޯޓުގެ ރަންވޭ މަތީގައި ތިއްބަ އެވެ. ދަރިފުޅު ނިޔާވީ މާލެ ގެނައި ފަހުންނެވެ.
ވިލިނގިލިން، ވާހަކަ ދެއްކި ޝިއުނާގެ އެންމެ ގާތް އެކުވެރިޔާ "މިހާރު" އަށް ބުނީ މީގެ ދެ ދުވަސް ކުރިން ޝިއުނާ ފުރަތަމަ ހޮސްޕިޓަލަށް ދިޔައީ ރޫޓިން ޗެކަޕަށް އަންހެނުންގެ ބަލިތަކުގެ ޑޮކްޓަރަށް ދެއްކުމަށް ކަމަށެވެ. އޭގެ އެއް ދުވަސް ކުރިން ރޯގާ ޖެހުނަސް އިތުރު މައްސަލައެއް ނެތް ކަމަށާއި އެކަމަކު އެތެރެ ހަށީގެ ޑޮކްޓަރަށް ދައްކަން ލަފާދިން ކަމަށް ބުންޏެވެ.
އޭގެ ފަހުން ހޮސްޕިޓަލުގައި އެޑްމިޓުކުރީ ހާސްވެ، ނޭވާލަން އުނދަގޫވާތީ ކަމަށާއި އިއްޔެ މެންދުރު އެ ރަހުމަތްތެރިޔާ ހޮސްޕިޓަލަށް ދިޔައިރު ޝިއުނާ ހުރީ ނޭވާލަން އުނދަގޫވާތީ އެ ތަނުގައި ހުރި އެއްޗެއްގައި ހިފަހައްޓައިގެން ކަމަށެވެ.
އެ ތަނުގައި ތިބި އާއިލާ މީހުންގެ އަތްމައްޗަށް ޝިއުނާ ވެއްޓުނީ ނޭވާލާން އުނދަގޫވާ ކަމަށް ބުނި ފަހުންނެވެ.
"ތިމަންނަ މަރުވަނީއޭ، ތިމަންނައަށް ނޭވާލަން އުނދަގޫވަނީއޭ، ތިމަންނަ މޭގައި ރިއްސަނީއޭ، މަރުވަނީއޭ އުނދަގޫވަނީއޭ، އެހެން ކިޔައި އޭނާ އެނދު މައްޗަށް ވެއްޓުނީމާ ދެން ނަރުހުން މަސައްކަތް ފެއްޓީ. ދެން އެ މީހުން މަސައްކަތް ފެއްޓީ،" އެ ވަގުތު އެ ތަނުގައި ހުރި އެ ރަހުމަތްތެރިޔާ ބުންޏެވެ.
އޭނާ ބުނީ އެ ހުރިހާ ކަމެއް ހިނގިއިރު ވެސް، ފަހުން ދެއްކި އެތެރެ ހަށީގެ ޑޮކްޓަރު، އަންހެނުންގެ ބަލީގެ ޑޮކްޓަރަށް ރިފާ ނުކުރާ ކަމަށެވެ. އަދި ޝިއުނާގެ ހާލަތު ވެސް އަންހެނުންގެ ޑޮކްޓަރަށް ކިޔައިނުދޭ ކަމަށް ބުންޏެވެ.
ރަހުމަތްތެރިޔާ ބުނީ ތިން ވަނަ ދަރިފުޅަށް ބަލިވެ އިން ޝިއުނާގެ ހާލަތު ގޯސްވާން ފެށުމުން ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދޭން ފެށި ކަމަށެވެ. އަންހެނުންގެ ޑޮކްޓަރަށް ގުޅީ އޭގެ ފަހުން ކަމަށް އޭނާ ބުންޏެވެ.
އެކަމަކު، އެފަދަ ހާލަތެއްގައި ވިއްސައިގެން ކުއްޖާ ލާނެ އައިސީޔޫއެއް ރަށުގައި ނެތް ކަމަށް އަންހެނުންގެ ޑޮކްޓަރު ބުނި ކަމަށާއި ބަލި އެހެން ކުއްޖެއް ގޮވައިގެން ކުޑަކުދިންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު މާލެ އައިސްފައިވާތީ ވިލިނގިލީގައި އެ ވަގުތު އެކަމަށް ހާއްސަ ޑޮކްޓަރެއް ވެސް ނެތެވެ.
ރަހުމަތްތެރިޔާ ބުނީ ހާލު ސީރިއަސް ވާތީ ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގަން، އަންހެނުންގެ ބަލިތަކުގެ ޑޮކްޓަރު ނިންމި ކަމަށެވެ. އެހެންވެ، ސިޒޭރިއަން ހެދީ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގެ ކުޑަކުދިންގެ ޑޮކްޓަރެއް އެ ރަށަށް ގެންގޮސްގެންނެވެ.
"އެ ހުރިހާ އިރު އެ މީހުން ކީ ފްލައިޓު އެބަ އާދެއޭ، އާސަންދަ ހަމަޖެހިއްޖެއޭ، ފްލައިޓު އަންނަނީއޭ، ފްލައިޓު އަންނަނީއޭ. އޭނާ ހަމަ ވެއްދި ހިސާބުން (އިއްޔެ ހަވީރު) 4 ޖެހިއިރުން ފެށިގެން މުޅިން އެހެން ކީ،" ރަހުމަތްތެރިޔާ ބުންޏެވެ.
އޭނާ ބުނީ ހޮސްޕިޓަލުން ދޭ މައުލޫމާތުގެ ސަބަބުން އިމަޖެންސީކޮށް ފްލައިޓު ހަމަޖެއްސުމަށް ފަހު ކޮންމެ ފަހަރަކު ވެސް ލަސްކޮށްލަނީ ކަމަށެވެ. އެކަމަކު، ވަރަށް ޝަކުވާކޮށްގެން ފަހުން ފްލައިޓު ހަމަޖައްސައިގެން އެއާޕޯޓަށް ދިޔައިރު އޮކްސިޖަން ދެވޭނެ ގޮތެއް ނެތް ކަމަށް ބުންޏެވެ.
"މި ތަނުގައި ހުރި ހުރިހާ އެއްޗެއް ހުރީ ހުސްވެފައި. ކޫއްޑޫއާ މި ރަށާ ދޭތެރޭގައި ފަންސާހަކަށް ބުރު ސީއެމްބިއުލާންސް ޖެހި ރޭގައި. އެހެންވީމަ ކޮން ބައެއްގެ އިހުމާލެއް މިކަން ވީ؟ މަރުވެގެން ރޭ ދަންވަރު 2:15 ވިއިރު އެއާޕޯޓުން ހޮސްޕިޓަލަށް ގެނައީ،" އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ޝިއުނާ ނިޔާވީ ސިޒޭރިއަން ހަދާފައި އިތުރު ފަރުވާއަށް މާލެ ގެންނަން އެއާޕޯޓުގެ ރަންވޭ މަތީގައި ތިއްބަ އެވެ. އޮކްސިޖަން ލެވެލް ދަށްވާތީ ރަންވޭ މަތީގައި ވެސް ގަޑިއިރަކަށް ވުރެ ގިނަ އިރު ބޭއްވި ކަމަށް ބުންޏެވެ.
އެނގިފައިވާ ގޮތުގައި، އެއާ އެމްބިއުލާންސް ގެންދަން ފުރަތަމަ ހަމަޖެއްސީ ރޭ 7:00 ހާއިރެވެ. ނަމަވެސް، ބަލި މީހާގެ ހާލަތު ސްޓޭބަލް ކަމަށް މައުލޫމާތު ދިނުމުން އެ ދަތުރު ފަހުން ކެންސަލްކުރީ އެވެ. އެކަމަކު، ހާލަތު ގޯސްވާން ފެށުމުން ފަހުން އެމްބިއުލާންސް ގެނައީ އެވެ.
ޝިއުނާގެ 13 އަހަރާއި 8 އަހަރުގެ ދެ ކުދިން އެބަތިއްބެވެ. އޭގެ ފަހުން ދެ ފަހަރަށް އޭނާ ބަނޑުބޮޑުވެ، ބައިގެންދިޔައީ އެވެ. އެ ދެމައިންގެ މަރަށްފަހު، ރަށުގެ އާއްމުންގެ ބޮޑު ހިތްހަމަނުޖެހުމެއް އުފެދި، ރަށުގެ އެތެރެ ހަށީގެ ޑޮކްޓަރަށް ވަނީ އިންޒާރުތައް ދީފަ އެވެ. އެހެންވެ، އެ ޑޮކްޓަރުގެ އާއިލާއާއެކު ވަނީ ރަށުން ފޮނުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓަރު
07 February 2025
ލަފާ ކުރެވެނީ ފުއްޕާމޭގަ ލޭގަނޑުވުމުގެ ސަބަބުންކަމަށް ތި ބަލިމީހާ ނިޔާވީ. ޢެމަޖެންސީ އަށް ޚާއްޞަ ޑޮކްޓަރުންގެ މުހިއްމުކަން ދޭހަވާ ފުރާނައަށް ނުރައްކާވާ ޙާލަތެއްމީ.މިފަދަ ޙާލަތްތަކުުގަ އައި.ޖީ.އެމް.އެޗުގެ އެމަޖެންސީ ޑޮކްޓަރުންނަށް ގުޅާލުން ވަރަށް މުހިއްމު. ފުރާނަސަލާމަތް ކުރުމަށް ކަންތައްކުރަންވާގޮތާއި ބަލިމީހާ މާލެ ފޮނުވާއިރުކަން ކުރަންވާ ގޮތްވެސް އެމީހުން ވަރަށް ރަނގަޅަށް ކިޔާދޭނެ.މައްޔިތާއަށް ސުވަރުގެ މިންވަރު ކުރައްވާށި.އާއިލާއަށް ކެއްތެރިކަން
Ibrahim Rafeeu
06 February 2025
ތީ ހަމަ ސީދާ ސުވަރުގެ ދެމައިން
ތިހޮސްޕިޓާއުވާލާ
06 February 2025
ކުރިމިނަލް ނެގްލިޖެންސް ގެ ދައުވާ އުފުލެން ދެން އިރުކޮޅަކުން ހޮސްޕިޓަލުގެ ކޮންކުރީޓު އިމާރާތް ބަޔާނެއް ނެެރޭނެ ތޯއްޗެ ހޮސްޕިޓަލުގެ މަސައްލައެއް ނެތޭ ކިޔާފައި ޒިންމާވާނެ އިންސާނަކު ނުވާނެ މިއީ ކަން ހިނގާ ގޮތް
ފަރަންޖީ
07 February 2025
އެއްވެސް ޑޮޮކްޓަރަކު އަދި ނަރުހަކު މީހަކަށް ގަސްތުގައި ގެއްލުމެއް ދޭކަށް މަސްއަކަތެއް ނުކުރާނެ. އެމީހުން އެމަސައްކަތް ކުރަނީ އެމީހުންގެ ގާބިލު ކަމުގެ ތެރޭގައި ހައި ސްޓްރެސްގައި ބޮޑެތިކަންކަން ނިންމަން. ކޮންމެ މަރަކީ އެމީހުންނަށްވެސް އެތައް އަސަރެއް ކުރާކަމެއް. ޒިންމާނަގަންޖެހޭނީ ހޮސްޕިޓަލުގައި ތަނައް ބޭނުންވާ ވަސީލަތްތަކާ މީހުން ފޯރުނުކޮށްދިން ސަރުކާރުން. ތިހެން ޑޮކްޓަރުން ހަވަރަށް ދޭން ނިކުތީމައި ޕޭޝަންޓެއްގައިގައި އަތްލާނެ ޑޮކްޓަރަކު ނުވާނެ.
ބާބާ
06 February 2025
ކިތަންމަވަރަކަށް ހޮސްޕިޓަލް އެޅިޔަސް ކިތަންމެއް އުސްކޮށް ރޭނިއަސް ކަމާގުޅޭ ބޭނުންވާ ޑޮކްޓަރުން ނެތިއްޔާ ކަނޑުފެތެންޖެހޭނީ. މީހާރުގެ ހާލަތަކީ ގިނަރަށްރަށުގައި ހުންނަނީ އެންމެ ޑޮކްޓަރެއް، އޭނަ ޗުއްޓީއަށް ދިޔައިމަ ބަލިމީހުން ދެންދާނެ ތަނެއްނެތް. ކާރިރަކަށް އެއްޗެއް ހަޔާކޮށްގެން ދަންނާ އެހާ އަގުބޮޑު، ރައީސުން ބަދަލުވިޔަސް އެކަމަށް ލުޔެއް ނުލިބޭ. މިކަހަލަ ކަންތައް ރަށުން މެނޭޖު ނުކުރެވޭތީ މުޅި އާބާދި މެންޓަލްވަނީ ސިޔާސީމީހުން ފޮނިކަނޑާފަ ދޮގުހަދަނީ
ގުޑުގުޑާ ދޫނި
06 February 2025
ޒިންމާ ދާރެއް ނުވޭ. މަގޭކަމެއް ނޫން. އަހަރުމެންކަމެއް ނޫން. ދެންތިބިމީހުންގެ ކަމެއް ނޫން. މިއީ މިއަދުގެ އަޑަކީ. މ،ިކަހަލ އިހުމާލުތައް ބައިވަރު. ނާގާބިލް ސަރުކާރެއްގެ ނާގާބިލްކަން ހުރިހާކަމަކުން ދަނީ ފެންނަމުން. މީހުންނަށް ކުޅުން ނޫންކަމެއް ނޯވޭ
އީސަ
06 February 2025
މިކަހަލަ ބޮޑެތި އިމާޖެންސީ ދިމާވައިރު ކަންތައް ކުރާނެގޮތުގެ ޕްލޭނެއް، ޕްރޮޓޮކޯލް އެއްވެސް އޮތޮޅު ހޮސްޕިޓަލުގައި އޮވޭބާ؟ ހާދަ ބޮޑެތި އިހުމާލުތަކޭ؟ މިޚަބަރުން ވަށައިނުޖެހި ހުރި ގެޕްތަކެއް ހުރިކަން ފާހަގަކުރެވޭ. މިކަހަލަ ކަމަކަށް ކަންތައް ކުރާނެ އެކްޝަން ޕްލޭނެއް އޮންނަނަމަ މިކަހަލަ ކަންތައް ވުން ދުރުވީސް.... މިނިސްޓްރީގެ އިހުމާލެ އެބަފެނޭ، ހޮސްޕިޓަލުގެވެސް އިހުމާލު، ހުސް އިހުމާލު. މިގޮތައް ކިތައްމީހުން މަރުވީމަތޯ ރަގަޅު ޕްލޭނެެއް އެކުލަވާލަނީ.
ގަންބޭސް، ހަބޭސް
06 February 2025
ހަބޭސް ހެލްތް ސެކްޓަރ ކުރިއަރައިގެން ދަނީ ރައްޔަތުން ހަނާވަނީ، އެއްވެސް ކަމަަކަށް ޒިންމާއެއް ނުނަގާ ސަރުކާރެއް. ކޮންމެވެސް އެހެން މީހެއްގެ ބޮލުގައި އަޅުވާނެ. ކުރީސަރުކާރު ނޫނީ އަންނަން އޮތް ސަރުކާރު. މިއީތޯ ކަންކަން ދިވެހިން ބޭނުންވި މިންވަރަކީ. ދޮގާ މަކަރުން ހުރިހާ ކަމެއް ކޮށްގެން ރައްޔަތުންގެ ޚަޒާނާ .ނަގަގައިގެން، ހުރިހާ އެއްޗެއް ދަނީ އެންމެންނަށް ބައި އެޅިގެން.
ބަބޫ
06 February 2025
ގއ. ވިލިނގިލީ ހޮސްޕިޓަލުގެ މައްސަލަތައް ވަރައްގިނަ. ތަހުގީގެއް ހިންގާ މެނޭޖްމެންޓް ބަދަލުކުރަން ފެނޭ
ޢެޑްމުންޑޯ
06 February 2025
ތިޔަ ހޮސްޕިޓަލުގެ ނަރުހުންގެ ފަރުވާކުޑަކަމާއި ވިޔާނުދާވާހަކަ ނޫސްތަކުން އިވުނުތާ މަހެއްނުވަނީސް މިޚަރު މިފެނުނީ ، ނަޑެއްލާ ބަލީމީހަކު ހޮސްޕިޓަލުން ބޭރުކޮއް އޭނާގެ ބަލީގެ ސިއްރު ހާމަކުރިވާހަކަ އެފަހަރު އިވުނީ ، މިފަހަރުވެސް ފުރާނައެއް ގެއްލިގެން ދިޔައިރު ހަމަ އެއްކަލަ ނަރުހުންގެ ފަރުވާކުޑަ ޝަކްވާވެސް އިވިގެން މިދިޔައީ ، މިއީ މިނިސްޓްރީން ވިސްނަންޖެހޭކަމެއް ،
މައްކުބޭ
06 February 2025
ވެރިން ރަށްރަށުގައި ބޭނުންވާ ފަރުވާތައްދެވޭނެ ސިސްޓަމްސް ޤާއިމް ނުކުރަނީ ޤަސްދުގަ. މާލެއަށް ދިވެހި ކޮންމެ ދިވެހި ރައްޔިތަކު ޖެހޭކޮންމެވެސް ގޮތަކަށް ޖިޒީ ދޭން، މި ނޫން ސިސްޓަމަކަށް މިޤައުމު ވާރކެއް ނުކުރާނެ، އެމްޑީޕީ އިން ވެސް ޕީއެންސީ އިން ކަންކުރަނީ މި ބީދައިން. އެމްޑީޕީ އިން ބިންތައް ބަހަން ޖެހެނީ ހަތަރުކަށި މަތި ބަލާފަ، އެހެން މީހުން ޖެހެނީ ކުލި ދައްކައިގެން އުޅެން. ވެރިކަން ލ އަށް ބަދަލުކުރަންވީ. ދެމައިންނަށް ﷲ ސުވަރުގެ ދެއްވާނދޭ. އާމީން