އިންތިހާބެއްގެ ކެމްޕެއިންގައި ޕާޓީތަކުން ދަމާފައި ހުރި ބެނާތަކެއް: ޕާޓީތައް އުވާލުމަށްފަހު ދަރަނިތައް ދައްކާނެ ގޮތެއް ނެތި، ގިނަ ފަރާތްތަކަަށް ފައިސާ ނުލިބި އެބަހުރި --- ފޮޓޯ/މިހާރު
12 ފެބުރުއަރީ 2025 - 08:57
މަގާމުތަކާއި ސިޔާސީ ބާރުވެރިކަން ހޯދުމަށް ބޭނުންކުރަނީ ސިޔާސީ ޕާޓީތަކެވެ. ނަމަވެސް ވަކި ހިސާބަކުން ޕާޓީތަކުގެ އެތެރޭގެ ހިޔާލު ތަފާތުވުންތަކާ ހެދި ނުވަތަ ސިޔާސީ އެހެން ޕްލެޓް ފޯމެއް ހޯދުމަށްޓަކައި ޕާޓީ އުވާލާއިރު ޕާޓީތަކުގެ ނަމުގައި އޮންނަ ދަރަނިތަކަކީ އޭގެ އަނެއް ފަރާތެވެ. އެ ދަރަނިތައް އަނބުރާ ހޯދޭނެ ގޮތެއް ނެތިގެން ފައިސާ ލިބެންޖެހޭ ފަރާތްތަކުން ކުރަންޖެހޭ ދިގު ދަތުރަކީ ބޮޑުވެފައި އޮތް މައްސަލަ އެކެވެ.
ކުރިން ވެރިކަންކުރި އަދި ފަހުން އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޑީއާރުޕީ އުވާލިއިރު، އެ ޕާޓީން އެކި ފަރާތްތަކަށް ދައްކަންޖެހޭ ހަ މިލިއަނާ ގާތްކުރާ އަދަދެއްގެ ފައިސާ ނުދައްކާ ހުއްޓެވެ. އޭގެ ތެރޭގައި ގިނައީ އަމިއްލަ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ އެވެ. ދައުލަތުގެ ކުންފުންޏަކަށް 1.1 މިލިއަން ރުފިޔާ އާއި ސަރުކާރަށް ދައްކަންޖެހޭ 83،000 އަށް ވުރެ ގިނަ ރުފިޔާ ވެސް ހުއްޓެވެ. މީގެ ތެރެއިން ގިނަ މައްސަލަތައް ކޯޓުތަކުގައި ހިނގަމުން ދާއިރު، ޕާޓީ އުވާލާފައި އޮތުމުން އެ ފައިސާ އަނބުރާ ހޯދުން ވަނީ އުނދަގޫ ކަމަކަށް ވެފަ އެވެ.
ސަރުކާރުގެ ކުންފުނިތަކުން ވެސް އެ އިރެއްގައި ވެރިކަމުގައި އޮންނަ ޕާޓީއަކަށް އެތައް މިލިއަން ރުފިޔާގެ ހިދުމަތް ދެނީ ކޯޕަރޭޓް ގަވަނެންސް އުސޫލަށް ބެލުމެއް ނެތި، ފަހުން ފައިސާ ދޭ ގޮތަށެވެ. އެހެންވެ، ކޮންމެ ސަރުކާރެއް ނިމުމާ އެކު، ސަރުކާރު ކުންފުނިތަކުން ޖެހެނީ ކުރިން ވެރިކަން ކުރި ޕާޓީން ފައިސާ ނުދީގެން ކޯޓުތަކަށް ދާށެވެ. ޑީއާރުޕީގެ އިތުރުން ޕީޕީއެމާއި އެމްޑީޕީގެ ވެރިކަން ނިމުމާ އެކު، އެ ޕާޓީތަކާ ދެކޮޅަށް ވެސް ދައުލަތުގެ ކުންފުނިތަކުން ކޯޓަށް ދާން ޖެހުނެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު އޮންނަ ގޮތުން ޕާޓީއެއް އުވާލާއިރު، ނުދައްކާ ހުރި ދަރަނިތައް ދައްކަން ޖެހެނީ އެ ޕާޓީއެއްގެ ނަމުގައި ހުރި މުދަލެއް ވިއްކާލައިގެންނެވެ. ނަމަވެސް މުދަލެއް ނެތް ނަމަ ދެން އަމަލު ކުރަންވީ ގޮތެއް ގާނޫނުގައި ބުނެފައެއް ނުވެ އެވެ. އެކަމަކު، ފަހުން އިލެކްޝަންސް ކޮމިޝަނުން ހެދި ގަވާއިދުގައި، ޕާޓީތައް އުވާލާއިރު ހުރި ދަރަންޏަށް ޕާޓީގެ ވަކި ފަރާތަކުން ނުވަތަ އެ ދަރަންޏެއް އުފެދުނުއިރު ޕާޓީގެ އެންމެ އިސް ފަރާތަކަށް ހުރި މީހަކު ފަރުދީ ގޮތުން ޒިންމާ ކުރުވޭ ގޮތަށް އޮވެ އެވެ.
"ދަރަނި ނުދެއްކޭ ހާލަތެއް ގޮސްގެން މީހަކު ޒިންމާ ކުރުވަން ބަލާއިރު ކާކުތޯ ގަވާއިދުގައި އެ ބުނާ ޕާޓީގެ އެންމެ އިސްވެރިއަކީ"
ނަމަވެސް މިއީ ހުކުމް ތަންފީޒު މަރުހަލާގައި ކުރެވޭ ކަމެއް ނޫނެވެ. ސަބަބަކީ ސުޕްރީމް ކޯޓުގެ ނިންމުންތައް ހުރި ގޮތުން، ދަރަނި ނުދައްކައިގެން ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގައި އެހެން ފަރާތެއް ދަރަންޏަށް ޒިންމާ ކުރުވުމަކީ ކުރެވޭނެ ކަމަކަށް ނުވާތީ އެވެ. ޑީއާރުޕީގެ މައްސަލާގައި ކޯޓުން ނިންމީ އެގޮތަށެވެ.
ނަތީޖާއަކަށް ވަނީ އަނެއްކާވެސް ކޯޓުތަކުގައި އިތުރު ދައުވާތައް ވަކިން ކުރަން ޖެހި، ފައިސާ ހޯދުމަށްޓަކައި އިތުރު ހަރަދުތަކެއް ކުރަން ޖެހުމެވެ.
އިންތިހާބެއްގައި ވޯޓު ކަރުދާސްތަކެއް ގުނަނީ --- ފޮޓޯ/މިހާރު
ނަމަވެސް މީގެ އަނެއްކޮޅަށް ވިސްނާއިރު، ޕާޓީތަކުގެ އިސްވެރިންނަކީ ޕާޓީތަކުން ދުވަހުން ދުވަހަށް ހޯދާ ހިދުމަތްތަކާއި ހިންގާ މުއާމަލާތްތައް ބެލުމުގެ ޒިންމާ އޮންނަ ފަރާތްތަކެއް ނޫނެވެ. ބައެއް ޕާޓީތަކުގެ މަގާމުތަކާއި އިސްވެރިންގެ ޒިންމާތައް އޮންނަ ގޮތުން ޕާޓީގެ އެންމެ އިސްވެރިޔާއަކީ ކާކުކަން ކަނޑައެޅުމަކީ ފަސޭހަ ކަމެއް ނޫން ކަމެކެވެ. ބައެއް ގާނޫނީ ބޭފުޅުން ވެސް ފާހަގަ ކުރައްވާ މައްސަލައަކީ އެއީ އެވެ.
"އެމްޑީޕީގައި އެބަހުރި ޗެއާޕާސަނަކާއި ރައީސެއް. އެ ޕާޓީން ދަރަނި ނުދެއްކޭ ހާލަތެއް ގޮސްގެން މީހަކު ޒިންމާ ކުރުވަން ބަލާއިރު ކާކުތޯ ގަވާއިދުގައި އެ ބުނާ ޕާޓީގެ އެންމެ އިސްވެރިއަކީ؟ އެފަދަ މަރުހަލާއަކަށް ގޮސްފި ނަމަ އިތުރު ލަސްތަކެއް އަންނާނެ ޒިންމާވާނެ މީހަކު ކަނޑައަޅަން،" ވަކީލަކު ވިދާޅުވި އެވެ.
"ބައެއް ޕާޓީތަކުގެ ގަވާއިދުގައި އެބަ އޮވޭ ޕާޓީގެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާކަން ކުރާއިރު، އެ ޕާޓީގެ އެންމެ އިސްވެރިއަކީ އެ ބޭފުޅެކޭ. އެކަމަކު ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކު ކިހިނެއްތޯ ޕާޓީތަކުން ހޯދާ ހިދުމަތްތަކާއި ގަންނަ މުދަލުގެ އަގު ދެއްކިތޯ ބަލާނީ."
ޕާޓީތަކުގެ ގަވާއިދުގައި، ޕާޓީތަކުން ފަހުން ފައިސާ ދޭ ގޮތަށް ހޯދާ ހިދުމަތްތަކަށް ފަރުދީ ގޮތުން ޒިންމާވާނެ ފަރާތެއް އެ ޕާޓީއަކުން އަމިއްލައަށް ކަނޑައެޅުމަށް ފަހު، އިލެކްޝަންސް ކޮމިޝަނަށް އަންގަން ޖެހެ އެވެ. އެ ގޮތަށް ކަނޑައަޅާފައި ނުވާ ނަމަ އެ ދަރަންޏަކަށް ޒިންމާވާން ޖެހެނީ އޭރު އެ ޕާޓީއެއްގެ އިސް ފަރާތެވެ.
"އެގޮތަށް ނާންގަންޏާ ކޮމިޝަަނަކަށް ނޭނގޭނެ ހިދުމަތެއް ހޯދި ކަމެއް ނުވަތަ ދަރަންޏެއް އޮތް ކަމެއް."
ނަމަވެސް މި އުސޫލަށް ގިނަ ޕާޓީތަކުން އަމަލެއް ނުކުރެ އެވެ. ޕާޓީތަކާ އެކު، ވިޔަފާރީގެ މުއާމަލާތްތައް ހިންގާ ވިޔަފާރިތަކުން ވެސް މިކަން ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ނުދެކެ އެވެ. ނަމަވެސް ފަހުން ގިނަ ޕާޓީތައް ބައިބައިވެ، ހަވާލުވާނެ މީހަކު ނެތި އަދި އެންމެ ފަހުން ދަރަނި ނުދެއްކުމުން ޝަރުއީ މަރުހަލާއަށް ދާން ޖެހެނީ އަޅާލާނެ މީހަކު ނެތް "ހުސް ތޮށިގަނޑެއް" ހިފައިގެންނެވެ. ނަތީޖާއަކަށް ވަނީ ފައިސާ ނުލިބި އެތައް އަހަރެއް ވަންދެން އަރަނިވެރިން ތިބެން ޖެހޭ ޖެހުމެވެ.
ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން --- ފޮޓޯ/މިހާރު
އިލެކްޝަންސް ކޮމިޝަނުން ބުނިގޮތުގައި ޕާޓީތަކުން ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގައި ޕާޓީތަކުގެ ފަރާތުން ފަރުދީ ގޮތުން ޒިންމާވާނެ މީހަކު ޕާޓީތަކުން އެ ކޮމިޝަނަކަށް އަންގާފައެއް ނޯވެ އެވެ. ޕާޓީތަކުގެ ހިންގުމުގެ ކަންކަމަށް ކޮމިޝަނުން ނުވަންނާތީ، އެ މައުލޫމާތު ދުރާލާ ނުލިބޭ ކަމަށް ކޮމިޝަނުން ބުންޏެވެ.
"ޕާޓީތަކުން އެ ގޮތަކަށް ނާންގަންޏާ ކޮމިޝަަނަކަށް ނޭނގޭނެ ހިދުމަތެއް ހޯދި ކަމެއް ނުވަތަ ދަރަންޏެއް އޮތް ކަމެއް. އެއީ އިލެކްޝަންސް ކޮމިޝަނަކުން ނުވަންނާނެ ޕާޓީތަކުގެ އެތެރޭގެ އޮޕަރޭޝަނަލް ކަންކަމުގެ ތެރެއަށް،" އެ ކޮމިޝަންގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވި އެވެ.
ބޮޑެތި ދަރަނިތަކެއް ހުރިކަން އެނގޭއިރު، މެމްބަރުންގެ އަދަދު ހަމަނުވާތީ ޕާޓީތައް އުވާލުމަކީ އެއްކޮޅުން ބަލާއިރު ފައިސާ ލިބެންޖެހޭ ފަރާތްތަކުގެ ހައްގުތައް ގެއްލޭ ކަމެކެވެ. ޑީއާރުޕީ އުވާލިއިރު ވެސް އެ ޕާޓީގެ އެތައް މިލިއަން ރުފިޔާގެ ދަރަންޏެއް އޮތް ކަމީ އިލެކްޝަންސް ކޮމިޝަނަށާއި ހުރިހާ މުއައްސަސާތައް ވެސް އެނގޭ ކަމެކެވެ. އެހެންވެ، އެ ހާލަތުގައި އޮއްވާ އަދި ކޯޓުގައި އެތައް މައްސަލައެއް ހިނގަމުން ދަނިކޮށް ޕާޓީ އުވާލުމަކީ ގިނަ ބައެއްގެ ފާޑުކިޔުން އޮތް ކަމެކެވެ.
"މެމްބަރުންގެ އަދަދު ހަމަނުވެ ނުވަތަ ތަކުރާރުކޮށް ގާނޫނާ ހިލާފްވަމުން ދާއިރު ވެސް އެ ޕާޓީއެއް އުވާލާ ނުލާ ބާއްވަންވީތޯއޭ ހަމައެކަނި ދަރަންޏެއް ނުދެއްކި އޮތީމަ"
ނަމަވެސް އަނެއްކޮޅުން ބަލާއިރު ޕާޓީތަކުގައި ވަކި އަދަދަކަށް މެމްބަރުން ހަމަނުވާ ނަމަ އެ ޕާޓީއެއް އުވާނުލާ ބޭއްވުމުގެ ފުރުސަތެއް ޕާޓީތަކުގެ ގާނޫނުން ނުދެ އެވެ. އޭގެ ބަދަލުގައި ގާނޫނުން ދައްކާ މަގަކީ ދަރަނީގެ ހާލަތު ކޮންމެ ގޮތަކަށް އޮތަސް، ޕާޓީ އުވާލުމަށް ފަހު، ދަރަނިތައް ދެއްކޭނެ އެހެން ގޮތެއް ހޯދުމެވެ. އިލެކްޝަންސް ކޮމިޝަނުން ވެސް ފާހަގަ ކުރަނީ އެ ކަމެވެ.
"މެމްބަރުންގެ އަދަދު ހަމަނުވެ ނުވަތަ ތަކުރާރުކޮށް ގާނޫނާ ހިލާފްވަމުން ދާއިރު ވެސް އެ ޕާޓީއެއް އުވާލާ ނުލާ ބާއްވަންވީތޯއޭ ހަމައެކަނި ދަރަންޏެއް ނުދެއްކި އޮތީމަ؟ އަޅުގަނޑުމެން ގަބޫލު ކުރަނީ އެފަދަ ޕާޓީއެއް އުވާލި ނަމަވެސް އެ ދަރަނިތަކާ މެދު ކޯޓުތަކުން ހައްލެއް ހޯދައިދޭނެ ކަމަށް،" ހަސަން ވިދާޅުވި އެވެ.
އެތައް މިލިއަން ރުފިޔާއެއްގެ ބޮޑެތި ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް ފަހު، ޕާޓީތައް އުވާލާއިރު، ނުދައްކާ ހުރި ދަރަނިތައް އަނބުރާ ލިބޭނެ މަގެއް ނުފެނުމުގެ ސަބަބުން އެތައް ބަޔަކަށް ލިބިގެން ދަނީ އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުންތަކެވެ. މިއީ އަވަސް ހައްލެއް ހޯދަންޖެހޭ ބޮޑު މައްސަލަ އެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާމަސީލު
12 February 2025
ގާނޫން އަސާސީގަ ހުންނަ މިކަހަލަ ލޫޕްހޯލްތައް ބެއްދުމަކީ އެޓަރނީ ޖެނެރަލްގެ ޒިންމާއެއް. ސްޕްރީމް ކޯރޓުންނާއި އެޓަރނީ ޖެނެރަލް އިސްނަގައިގެން މިކަން ހަެްލުކުރާކަށއ ނުވޭތޯ؟
ސުހާނާ
14 February 2025
ކޮއްކޯ. ޤާނޫނު އަސާސީއަކު ނޫން އެ ވާހަކަތައް ހުންނާނީ. އެ ވާހަކަތައް ހުންނާނީ، އެކަމާ ބެހޭގޮތުން ހަދާ ވަކި ޤާނޫނެއްގައި ނުވަތަ ވަކި ގަވާއިދެއްގައި. ވާނުވާ ތިމާއަށް ނޭނގުނަސް ކޮންމެ ކަމަކާ ބެހޭތި.
އެދުެރު1
12 February 2025
ޤާނޫނު ހަދާ މަޖިލީހަށް ޤާނުނީ ތައުލީމެއް ނެތް ފިލްމްކުޅޭ މީހުންނާއި ރެފްރީންނާއި މުޒާހަރާ ތަކުގައި މަގުމަތީގައި އުޅުނު އެކްޓިވިސްޓުން ހޮވައިގެން ޤއ ހަދަން ހަވާލުކުރިމާ މިޤައުމަށް ހަދައިދީފައި އޮތް ޤއ ފުރިހަމަކަން ތިފެންނަނީ . އިއްޔެ ހަބަރު ތަކުގައި އޮތީ ޕޮންޒީ ސްކޭމެއް ހިންގައިގެން އެތައް ސަތޭކަ މިލިޔަން ރުފިޔާ ކަވާލި ބައެއްގެ ކޮމްޕެނީއަށް ދައުވާ ކޮށްފައި އެމީހުން މިނިވަން ކުރަން އެދުނުކަމަށް . ޤއ ގައި އެކަންވެސް އޮތީ ކުރެވޭގޮތަށް
ސުހާނާ
14 February 2025
ކޮއްކޯ. ޤއ (ޤާނޫނު އަސާސީ) އަކު ނޫން އެކަމާ ބެހޭ ވާހަކަތައް ހުންނާނީ. އެ ވާހަކަތައް ހުންނާނީ އެ ކަންކަމާ ބެހޭގޮތުން ހަދާ ވަކި ޤާނޫނުތަކެއްގައި ނުވަތަ ގަވާއިދުތަކެއްގައި. ޤއ އަކީ ކޮން އެއްޗެއްކަން ނޭނގުނަސް ކޮމެންޓް ކުރާތި.
ޓީޖެޓީ
12 February 2025
ޕާޓީއުވާލުމުގެ ކުރިން އިންއެކްޓިވް (ގާވެފަ) ސްޓޭޓެއް ބޭނުންވޭ. މި މުއްދަތުގައި ޕާޓީ ދެމިއޮންނާނެ. އެކަމަކު އެއްވެސް ޙަރަކާތެއް ކުރިއަކަށް ނުދާނެ. މި ގާ ސްޓޭޓްގައި ޖެހޭނީ ދަރަނީގެ މައްސަލަތައް ނިންމަން. މިކަމަށް ވަކި މުއްދަތެއް ކަނޑައެޅިދާނެ. އަދި މި މުއްދަތުގައި ޕާޓީގެ އިސްކޮމެޓީ އެ ގޮތަށް އޮންނަންވާނެ
ރަދީފު ބިން ރަފައިދާ
12 February 2025
އެހެންވެ އަހަރެން ބުނަނީ ޕާޓީސިސްޓަމް އުވާލާ ރަސްކަމުގެ ސިސްޓަމް އަނެއްކާ އިޔާދަކުރާށޭ. ދަރަނިވެރިވީމާ މިމީހުން މިކުރާކަހަމަކީ އޮޑިގަނޑު އެއްލާލާފާ ހިކިފަހަށް އަރަނީ. ދެން އޮޑިވަނީ ވެރިނެތް އެއްޗަކަށް.
ދަރަނިބޯތަށި
12 February 2025
ޕާޓީއަކީވެސް ޤާނޫނީ ޝަޚްސެއް. ދަރަންޏެއް ނެތްކަން ކަށަވަރު ކޮށްފައި ނޫނީ އެއްވެސް ޕާޓީއެއް އުވައެއް ނުލެވޭނެ. އިލެކްސަން ކޮމިޝަނުން ހިތަށްއަރާއިރަށް ޕާޓީތައް އުވާލަނީ ގޯސްކޮށް. ޕާޓީއެއްގެ ނަމުގައި ދަރަންޏެއް ނުވަތަ ތަނަކަށް ދައްކަންޖެހޭ ފައިސާތަކެއް ހުއްޓައި ޕާޓީ އުވާލައިފިނަމަ އެކަމުގެ ޒިންމާ އިލެކްޝަން ކޮމިޝަނުން ނަގަންޖެހޭނެ.