މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އޮޑިޓް އޮފީހުގެ ބޭފުޅުން މައުލޫމާތު ދެއްވަނީ.
10 ފެބުރުއަރީ 2025 - 14:35
ފުލުހުންގެ ވެލްފެއާ ކުންފުނި ކަމަށްވާ ޕޮލްކޯ އިން ވަކި ބަޔަކަށް ފައިދާވާ ގޮތަށް ހުޅުމާލޭގައި ފުލުހުންގެ ފްލެޓް އިމާރާތް ކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، އެކަމާ ގުޅޭ މުހިންމު ލިޔެކިޔުންތަކެއް ޕޮލްކޯގައި ނެތް ކަމަށް އޮޑިޓް އޮފީހުން މިއަދު ބުނެފި އެވެ.
"ބްލޫސް ހައުސިން"ގެ ނަމުގައި ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯއިން ހުޅުމާލޭ 1 ގައި އިމާރާތްކުރި ފްލެޓް މަޝްރޫއުގައި ގިނަ މައްސަލަތަކެއް ފާހަގަކޮށް، މިދިޔަ މަހު ނެރުނު އޮޑިޓް ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ވަނީ އޮޑިޓާ ޖެނަރަލް ހުސައިން ނިޔާޒީ ހާޒިރު ކުރައްވައިފަ އެވެ.
އެ ރިޕޯޓާ ގުޅިގެން ކޮމެޓީގައި މެމްބަރުން ގުޅިގެން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނިޔާޒީ ވިދާޅުވީ ފުލުހުންގެ ފްލެޓްތަކުގެ މަޝްރޫއުގެ ބިޑްކުރުމާއި އިވެލުއޭޓް ކުރުމުގެ ކަންކަން ގޮސްފައި އޮތް ގޮތް ބެލުމަށް އޮޑިޓް އޮފީހުން މަސައްކަތްކުރި ކަމަށެވެ.
އެކަމާ ގުޅޭގޮތުން ފުލުހުންގެ މެނޭޖްމަންޓާ ވެސް ބައްދަލުކުރި ކަމަށާއި އެކަމަކު ޕޮލްކޯގެ ސާވާއެއްގެ މައްސަލަ ޖެހިފައި ހުރުމުން ލިޔެކިޔުންތައް މިހާރު ފެންނަން ނެތް ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ނިޔާޒީ ވިދާޅުވި އެވެ.
"އޮޑިޓުގެ ސްކޯޕުގައި އަޅުގަނޑުމެން ހިމެނިން މަޝްރޫއުގެ ބިޑް ކުރުމުގެ ކަންކަން ހިނގާފައި އޮތީ ކިހިނެއްތޯ. އެހެން ނަމަވެސް މަޝްރޫއު ފެށިފައި އޮތީ 2013 ގައި. ދެން ޕޮލްކޯއާ މެނޭޖްމަންޓާ ބައްދަލު ކުރުމުން އެ ބޭފުޅުން ވިދާޅުވީ ލިޔުންތަކެއް އެބޭފުޅުން އަތުގައި މިހާރު ނެތް ކަމަށް. ސާވާއަށް ދިމާވި މައްސަލައެއްގެ ސަބަބުން،" ނިޔާޒީ ވިދާޅުވި އެވެ.
ފުލުހުންގެ ހައުސިންގ ޕްރޮޖެކްޓް (ބްލޫސް ހައުސިންގ ޕްރޮޖެކްޓް)ގެ ޚާއްޞަ އޮޑިޓް ރިޕޯޓާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރުން pic.twitter.com/8eE01qlRrW
— People's Majlis (@mvpeoplesmajlis) February 10, 2025
އޭނާ ވިދާޅުވީ ފުލުހުންގެ ތެރެއިން އެ މައުލޫމާތު ނުލިބުމުން އެކަމުގެ ލިޔުންތައް ގެޒެޓް މެދުވެރިކޮށް ވެސް ބެލުމަށް މަސައްކަތްކުރި ކަމަށާއި އެކަމަކު ގެޒެޓްގައި ވެސް އެ މައުލޫމާތު ނެތް ކަމަށް ނިޔާޒީ ވިދާޅުވި އެވެ.
އެހެންވެ، އެކަން ގޮސްފައި އޮތްގޮތް ސާފުނުވާ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑުމެންނަށް ހަގީގަތުގައި ބިޑް ކުރުމުގައި އިވެލުއޭޓް ކުރުމުގެ ކަންކަން ގޮސްފައި އޮތް ގޮތެއް އަޅުގަނޑުމެންނަކަށް އެންމެ ރަނގަޅަށް އެނގޭކަށް ނެތް. ދެން އަޅުގަނޑުމެން ބެލިން ގެޒެޓް. ގެޒެޓުގައި ވެސް ނެތް،"
އޭނާ ވިދާޅުވި ގޮތުގައި އޮޑިޓް ރިޕޯޓް އާންމުކުރިފަހުން ފޮލްކޯ އިން އެކަމާ ގުޅޭ ބައެއް ސިޓީތައް ފޮނުވި ނަމަވެސް އެ ރިޕޯޓު ނެރުމާ ހަމައަށް ވެސް، އެ މަޝްރޫއުއަށް ބިޑުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތެއް އެނގޭކަށް ނެތެވެ.
ނިޔާޒީ ވިދާޅުވީ އެ މައްސަލަ އޮޑިޓް ރިޕޯޓުގައި ފާހަގަ ކުރެއްވީ ވެސް އެކަމަކީ ތަހުގީގީ އިދާރާތަކުން އިތުރަށް ބަލަންޖެހޭ ކަމެއް ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ.
"އެހެންވެ އަޅުގަނޑުމެން ގަބޫލުކުރަނީ ތަހުގީގުކުރާ ފަރާތްތަކުން ބަލަންޖެހޭ އެކަން ގޮސްފައި އޮތް ގޮތް،"
މިއަދުގެ ކޮމިޓީގައި އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ ޕޮލްކޯގެ ފްލެޓުތަކާ ގުޅިގެން ފާހަގަވި މައްސަލަތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ވެސް ހުށަހަޅައިފަ އެވެ.
އޮޑިޓު ރިޕޯޓުގައިވާ ގޮތުން ފްލެޓްތަކަށް މިހާތަނަށް 1.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެއީ 355 މިލިއަން ރުފިޔާގެ ގެއްލުމުގައި ހިންގާފައިވާ މަޝްރޫއެކެެވެ.
ޖޫން، 23، 2013 ގައި ފެށި އެ މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރީ ނޫމަޑި ކިޔާ ކުންފުންޏަކަށެވެ. އޭރު ރާއްޖޭގައި ހަރަކާތްތެރިވަމުން އައި ނޫމަޑިއާ ހަވާލުކޮށްގެން އެ މަޝްރޫއު ކުރިއަށް ގެންދިޔައީ ނޫމަޑިން ކޮންޓްރެކްޓަ ފައިނޭންސް ކުރާ އުސޫލުންނެވެ. އެކަމަކު ސިޔާސީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި ފައިސާގެ ދަތިކަމާ ހެދި ނޫމަޑީގެ އެގްރިމެންޓް ޖެނުއަރީ 27، 2016 ގައި ބާތިލްކުރި އެވެ.
ދެވަނަ ފަހަރަށް އެ މަޝްރޫއު ހަވާލުކުރީ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކާ އެވެ. އެކަމަކު ކޮވިޑް-19 އެކު ކުންފުނި ބަނގުރޫޓުވެ، މަޝްރޫއު އިތުރަށް ކުރިއަށް ނުގެންދެވުމުން އެ އެއްބަސްވުން ވެސް އުވާލީ އެވެ. އޭގެ ފަހުން އެ ފްލެޓްތަކުގެ މަސައްކަތްކުރީ އަަމިން ކޮންސްޓްރަކްޝަނުންނެވެ. އަދި 2022 ގައި އެ ކުންފުނިން އެ މަޝްރޫއު އެއްކޮށް ނިންމަން އޮތަސް، އެ މަޝްރޫއު ނިންމީ އެއަށް ވުރެ އިތުރަށް މުއްދަތު އިތުރުކޮށްދީގެންނެވެ.
އޮޑިޓުގައި ބުނީ މި ކުންފުނިތަކަށް މަޝްރޫއު ހަވާލުކުރީ އެ ކުންފުނިތަކުގެ ގާބިލުކަން ނުބަލާ ކަމަށެވެ.
އެފަދަ މަޝްރޫއުއަށް ހޭދަކުރަންޖެހޭ މިންވަރަށް ވުރެ ގާތްގަނޑަކަށް ދެގުނަ ބޮޑު އަދަދެއް އެ މަޝްރޫއުއަށް ހަރަދު ކޮށްފައިވުމުން، މިފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމުގެ ފަންނީ ގާބިލުކަން ޕޮލްކޯގައި ނެތް ކަމަށާއި އަދި ކޮންޓްރެކްޓަރުންނަށް ފައިދާވާ ގޮތަށް އެއްބަސްވުންތަކަށް ބަދަލު ގެނައުމުގެ އިތުރުން ފްރޯޑާއި ކޮރަޕްޝަނުގެ އަމަލުތަކަށް ޝައްކު ކުރެވޭ ކަންކަން އެ މަޝްރޫއުގެ ތެރޭގައި ހިންގާފައިވާ ކަމަށް ވެސް އޮޑިޓުގައި ބުންޏެވެ.
އޮޑިޓުގައި ފާހަގަކުރި ގޮތުގައި ޕޮލްކޯ އިން ހަދާފައިވާ 628.7 މިލިއަން ރުފިޔާގެ ކޮންޓްރެކްޓްތަކަކީ ވަކި ފަރާތަކާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގުޅިފައިވާ ކުންފުނިތަކެކެވެ. އެ ފަރާތަކީ ނޫމަޑި ކުންފުނީގެ ރެޕްރެސެންޓަޓިވް، އައިލެންޑް އެކްސްޕާޓްގެ މެނޭޖިން ޑިރެކްޓަރު އަދި ދެ ކޯމަސްގެ މެނޭޖިން ޑިރެކްޓަރާ އާއިލީ ގުޅުން އޮންނަ މީހެއް ކަމަށް ބެލެވޭ ކަމަށް ބުންޏެވެ.
އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް މިހާރު ދަނީ އަވަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.
އެ މަޝްރޫއުގެ ދަށުން އިމާރާތް ކުރި ތިން ކޮޓަރީގެ 361 ފްލެޓުގައި މިދިޔަ އަހަރު ވަނީ ހަވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންވަރު
12 February 2025
ފުލުހުންގެ ތެރޭގައި ޚިޔާނާތާއި ވައްކަމާއި މަކަރާއި ހީލަތްހެދުން އަށަގެންފައިވާ މިންވަރު ވަރައްސާފު! މިފަދަ ބަޔަކަށް ގައުމުގައިހިނގާ ވައްކަމާއި ގޭންގުމާރާމާރީއާއި ކޮރަޕްޝަން ފަދަ ކުއްތައް ނުހުއްޓުވޭނެ ކަމާއިމެދު އެއްވެސް ޝައްކެއްނެތް. ލޯއެންފޯސްމަންޓް ޑައިރަކްޓްރޭޓެއް އުފައްދާ ބޭނުން ވަގުތެއްގައި ފުލުހާއި ޝަރުއީދާއިރާފަދަ ގާނޫނުތަންފީޒުރާ ބާރުގަދަ އިދާރާތަކަށް ވަނުމުގެބާރުދީ އަދި ތުހުމަތު ކުރެވޭމީހުން ތަހުގީގު ކުރުުމުގެ ބާރުދޭން އެބަޖެހޭ.
ގަމީބެ
10 February 2025
އިބްރާހިމް ޒަކަރިއްޔާ - ޕޮލިސް ސިވިލް ސްޓާފް ( ސުވާލު ތަކުގެ ޖަވާބު )
ފެންނަގޮތް
10 February 2025
ތި ހުރިހާ ކޯ ތަކެއް ހަދައިގެން ތިއުޅެނީ އެތަންތާގެ ބޮޑުން ރުއްސާ، އެމީހުންނަށް ޔެސް ސަރ ބުނާމީހުންގެ ހިއްރުއްސަން.. އެތައް ގޮތަކުކުއް އެތައް މިލިޔަނެއް.. މިކަން އިސްލާހު ކުރަން ކެރޭނެ ރައިސަކު އެބަހުރިބާ. އަންނާނެ ބާ.
ބަރަބޯ
10 February 2025
ޑީޕް ސުޓޭޓް
އެންމެން ހެޕީ
10 February 2025
ގުޅިގެން އަބުރާ ގޭސް
ބުރަތޭރީ
10 February 2025
ތިޔަ ބުނުއްވާ ހުރިހާ ކުންފުނިތަކާ ގުޅުންހުރި ބޭފުޅެއްގެ ނަން ނެތީތޯ...އެބޭފުޅާ އެކިނަންނަމުގައި ކުންފުނި ހަދައިގެން ފައިސާނަގަމުންދިޔައިރު އެކަން ރޭކާލާވަރުގެ އޮފިސްރެއްނެތީތޯ
ވިންދު
10 February 2025
ގަޓު ރައީސް މުއިއްޒުއަށް މިމީހުންނާ ކުޅެލާން ކެރިދާނެބާ؟
ކޮވެލި
10 February 2025
ބަލަ އެކުދިން ކުރާ ކަންކަން ފަޅާ އަރާ ގޮތަށް އެެކުދިން ކަމެއް ނުކުރާނެެއެއް ނުން. ތީގެ އިސް ބޭފުޅުން މިހާރު ތިބީ ޢިނާޔަތް ލިބޭ ގޮތަށް ރިޓަޔަރ ކޮށްފައި.
ހަމަ ހިނި އައީ
10 February 2025
ނާންނަ ވަރެއް ނޫންދޯ މީ ރިކަވަރީ ކުރާންވެސް ތިބި މީހުން. އަރަތަކަށް ކިޔާލަން ރަނގަޅު.
ސިމްޕާލް
10 February 2025
މި މައްސަލަ ތަހުގީގުކުރަން ފުލުހުންނާ ހަވާލުކުރަން ފެނޭ.