11 ފެބުރުއަރީ 2025 - 08:05
ޓޫރިޒަމް ހިދުމަތްދޭ ފަރާތްތަކުން ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ބޭންކުތަކަށް 50 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ އިތުރަށް މާރުކޮށް، އޭގެ ހެޔޮ އަސަރު ދައުލަތުގެ ރަސްމީ ރިޒާވުން ފެންނަން ފަށައިފި އެވެ.
މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ، މި އަހަރުގެ ފުރަތަމަ މަސް ނިމުނުއިރު، ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 708.1 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށެވެ.
މިއީ، ޑިސެމްބަރު 2024 ގެ ނިޔަލަށް ރިޒާވްގައި ހުރި މިންވަރާ ބަލާއިރު ފަސް ޕަސެންޓުގެ އިތުރުވުމެކެވެ.
މީގެ މައިގަނޑު ސަބަބަކީ، އެމްއެމްއޭއިން ބުނިގޮތުގައި ޖެނުއަރީ މަހު ރިޒާވުން ހަރަދު ކުރި މިންވަރަށް ވުރެ ލިބިފައިވާ އަދަދު އިތުރުވުމެވެ. ޖެނުއަރީގެ ނިޔަލަށް ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ ބޭރު ފައިސާގެ މިންވަރު ވަނީ އޭގެ ކުރީ މަހާ އަޅާބަލާއިރު 12 ޕަސެންޓު އިތުރުވެފަ އެވެ.
ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ގެނައި ބަދަލާ އެކު، މި މުއްދަތުގެ ތެރޭގައި ލިބުނު ބޭރު ފައިސާ އިތުރުވެފައި ވުމަކީ ވެސް މީގެ މައިގަނޑު އެއް ސަބަބު ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ބޭރު ފައިސާ އިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ލިބިފައިވާ ބޭރު ފައިސާގެ އާމްދަނީ އަށް ބިނާކޮށް، މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ބޭންކުތަކަށް 50 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ އިތުރަށް މާރުކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކުން ވަނީ ހާމަކޮށްފަ އެވެ.
އެމްއެމްއޭ އިން ބުނީ މި މުއްދަތުގައި 90 ޕަސެންޓު ރިސޯޓުތަކުން މި ގަވާއިދާ އެއްގޮތަށް ބޭންކިން ނިޒާމަށް ބޭރު ފައިސާ މާރުކޮށްފައިވާ ކަމަށެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަސް ދުވަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރުކުރުމެވެ.
"ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސްދުވަހުގެ ތެރޭގައި އެ ފަރާތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
އެމްއެމްއޭ ކުރިން ލަފާކޮށްފައިވަނީ، ގަވާއިދަށް އަމަލުކުރަން ފެށި ފުރަތަމަ މަހު، 30 އާއި 40 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް މާރުކުރާނެ ކަމަށެވެ. އެހެންކަމުން، ފުރަތަމަ މަހު ބޭންކުތަކަށް މާރުކޮށްފައިވާ ޑޮލަރުގެ އަދަދު މަރުކަޒީ ބޭންކުން ލަފާކުރި މިންވަރަށް ވުރެ ވެސް އިތުރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރަންޖީ
13 February 2025
ރިޒާވް %5 އިތުރުވުމާ ޑޮލަރު މާރުކުރުމާ ހުރީ ކޮން ގުޅުމެއްބާ؟ ރިޒާވް ބޮޑުވާނެ ރިޒާވުން ޚަރަދު ކުރާވަރު ކުޑަކުރީމަ. ޖެނުއަރީ މަހަކީ އާންމުގޮތެއްގައި ސަރުކާރުގެ އާމްދަނީ އިތުރުވާ މަހެއް. އެއީ ޕީކް ޓޫރިޒަމް ޓެކްސް ވަންނަ މަސް. އެކަމަކުވެސް 50 މިލިއަން ޑޮލަރު އަތުޖެހުމަކީ ސަރުކާރުގެ ކުންފުނިތަކަށް ޑޮަލަރު ދޫކުރަން ލިބުނު ލުޔެއް.
މުނައްވަރ
11 February 2025
ގަވަރނަރު މުނައްވަރުގެ ދުރުވިސްނޭ ސިޔާސަތަށް މަރުހަބާ!
ފިނރުޓޭ
11 February 2025
އާނ މީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކަން ކުރާ އުސޫލު! އެ ތަނަކަށް އެކްސްޕޯޓުން ލިބޭ އާމްދަނީ އެ ގައުމަަކަށް ގެނެސް ބޭންކު ތަކުގަ މާރު ކުރަން ޖެހޭ! މި ދިޔަ 30 ހަކަށް އަހަރު ބްލެކް މާރުކޭޓެއްގައި ޑޮލަރު ވިއްކައިގެން ފައިދާ ނަގާ ބަޔަކު އެބަ އުޅޭ! ޑޮލަރު ރާއްޖޭގައި ނެތިގެންނެއް ނޫނޭ! ރަސްމީ އަގުގައި ބޭންކުން ގަންނަން ނުލިބޭތީ ހުރިހާ އެންމެންވެސް ބްލެކުން ގަނެގެން މި އުޅެމުން ދަނީ! އެއީ ހަމަ އާއްމު އުސޫލު ކަމަށް ދެކިގެން!
ާހުތާ
11 February 2025
ރަނގަޅު ބަދަލެއްގެ ގޮތުގައި އަޅުގަނޑު ބަލައިގަންނަން،
ްއޮނަރަބްލް ބަކުރުބޭ
11 February 2025
.ކުރިންވެސް ބޭންކު ތަކަށް ކޮންމެ މަހަކު ދައްކަންޖެހޭ ޑޮލަރު ލޯނުތަކާއި އޯޑީތަކާއި ޑޮލަރު ގޯލްޑް ޕްލެޓީނިއަމް ކާޑު ތަކުން 50 މިލިއަން ޑޮލަރު އެވްރެޖްކޮށް ބޭންކުތަކުން ދިޔައީ އުނިކުރަމުން . ވަކި ތަފާތެއް ނާދޭ ޑޮލަރު އުޅެނީ ކަޅުބާޒާރުގައި 18 19 އަށް ..ރަސްމީ ރޭޓު 15.42 އަށް ތިރިއެއް ނުވޭ .
ފަރަންޖީ
13 February 2025
އެމްއެއްއޭއަށް މާރުކުރާ ޑޮލަރުގެ %70-80 ދާނީ އެސްޓީއޯ، އެފްއެސްއެމް، އެމްޓީސީ ކަހަލަ ސަރުކާރުގެ ކުންފުނިތަކުން މިގައުމަށް އިމްޕޯޓުކުރާ ޒަރޫރީ ތަކެތި ގަންނަން. މީގެން ޕަބްލިކަށް ތިލަވާނެކަމަށް ދެކުނުބަޔަކު އޭރުވެސް ދެކުނީ ނަނާ ހުވަފެނެއް.
އަންދަލޫސިޔާ
11 February 2025
ޑޮލަރު އަދިވެސް ހުރީ 19 ރުފިޔާއަށް. މިއީ މަހުގެ ފަހުކޮޅެއް ވެސް ނޫން! ޑިސެންބަރ އަދި ޖަނަވަރީ އަކީ އެންމެ ގިނަ ޓޫރިސްޓުން އަންނަ މަސް. އޭގެ ފައިދާ ފެބުރުއަރީ މަހަށް ލިބިފައި 19 ރުފިޔާ އަށް ޑޮލަރު ހުރީމައި އެބަ އެނގޭ ތީތި ނުހިނގާކަން.
ޫހުހހ
11 February 2025
18.80 އަށް ދޮލަރު ލިބޭ.
ޕަރީޒާ
11 February 2025
މިހާރު ދެން އިތުރުވީ އެތިކޮޅު ބަހަންފަށަން އެ ރެޑިވަނީ. ބޯހަލާކު. ލޯނުތައް އެހުރީ ބޯ ނުހިކޭވަރަށް.
އެމް.އެމް މެތްސް
11 February 2025
ހިސާބު ދިމާނުވޭ! އޮކްޓޯބަރު 2024 ގަ ރާއްޖެ އައި ކަމަށްވަނީ 172261 ޓޫރިސްޓުން. މީގެ 80% ރިސޯޓްތަކަށް ދިޔަކަމަށް ބަލައިއްޔާ، ރިސޯޓުތަކުންނާ ގެސްޓް ހައުސްތަކުން ޖުމުލަ 70 މިލިއަން ވަރު މާރުކުރަން ޖެހޭނެ. 50 މިލިއަނަކީ އޭގެ އެންމެ 71%. ދެން ކޮން 90% އެކޭ މިކިޔަނީ؟ ނަންބަރުތަކުގެ ތަފްސީލު ޕަބްލިޝް ނުކުރަނީ ކީއްވެ؟ ބްލެކް މާކެޓު ރޭޓު އަދިވެސް ރަނގަޅު ނުވަނީ ކީއްވެ؟ ހުސްވެސް އޮޅުވާލުންތައް.
ލީލާ12
11 February 2025
އެމްއެމްއޭގެ ހާމަކުރުންތަކުން ދައްކާގޮތުގައި ރާއްޖޭގެ 90 އިންސައްތަ ރިސޯޓުތަކުން ގަވާއިދާ އެއްގޮތަށް ބޭރުފައިސާ ބޭންކިންގ ނިޒާމަށް ވައްދަމުން ގެންދެއެވެ.އެހެންނަމަވެސް، 10 އިންސައްތަ ރިސޯޓުތަކުން މި ގަވާއިދަށް ޢަމަލުނުކުރާ ސަބަބު ބަލައި ސާފުކުރަން ޖެހިފައިވެއެވެ.ޤައުމީ މަސްލަހަތާ ގުޅިފައިވާ މުހިންމު މައްސަލައެކެވެ.މީޑިއާގެ ފަރާތްތަކުން މިކަން ތަޙްޤީޤުކޮށް، އެކަމާ ގުޅޭ މަޢުލޫމާތު އާންމުންނާ ހިއްސާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ގާސިމް
11 February 2025
ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ޓްރެވެލް އެޖެންސީތަކުން ވެސް ރާއްޖޭގެ ބޭންކުތަކަށް ފައިސާ ޖަމާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. އެހެނީ މިފަދަ ވިޔަފާރިތަކުން ބޭރު ޤައުމުތަކުގެ ބޭންކުތަކަށް ފައިސާ ޖަމާކުރުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އެއްވެސް މަންފާއެއް ނުކުރޭ.