އައިއެމްއެފްގެ ވަފްދުން މަޖިލީހުގެ އިގުތިސާދީ އަދި މާލިއްޔަތު ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަށް މައުލޫމާތު ދެނީ. --ފޮޓޯ: ނިޝާން އަލީ | މިހާރު
12 ފެބުރުއަރީ 2025 - 11:53
ރާއްޖޭގެ މާލީ އަދި އިގުތިސާދީ ދަތިކަމާ ގުޅިގެން، ސަރުކާރުން އަޅަން ހުށަހަޅާފައިވާ އިސްލާހީ ފިޔަވަޅުތަކަކީ ކޮންމެހެންވެސް އަޅަންޖެހިފައިވާ ފިޔަވަޅުތަކެއް ކަމަށާއި ނަމަވެސް އެ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ވަގުތު ކުޑަތަންވަމުންދާ ކަމަށް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން މިއަދު ބުނެފި އެވެ.
ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތު ވަޒަން ކުރަން މި ވަގުތު އައިސް އުޅޭ އައިއެމްއެފްގެ ވަފްދުން އެއްކުރި ބައެއް މައުލޫމާތުތައް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ އަދި މާލިއްޔަތު ކޮމިޓީގެ ޖޮއިންޓް ކޮމިޓީއާ ހިއްސާކޮށްފަ އެވެ.
އެ ވަފްދުގައި އިސްކޮށް ހުންނެވި ޕިޔާޕޯން ސޮޑްސްރިވިބޫން ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމަށް އަހަރުން އަހަރަށް އަންނަ ކުރިއެރުމަކީ ފާހަގަކުރަންޖެހޭ ކަމެއް ކަމަށެވެ. މިދިޔަ އަހަރު ރާއްޖޭގައި ތާރީހުގައި ފުރަތަމަ ފަހަރަށް ދެ މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރިކަން ފާހަގަކުރައްވައި، މި އަހަރު ވެސް ފަސް ޕަސެންޓުން ކުރިއަރާނެ ކަމަށް ލަފާކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލީ އަދި އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް ސަރުކާރުން އެކުލަވާލާފައިވާ އިގުތިސާދީ އިސްލާހީ އެޖެންޑާގައި ހިމަނާފައިވާ ފިޔަވަޅުތަކަށް އައިއެމްއެފްގެ ފަރާތުން އޭނާ މަރުހަބާ ވިދާޅުވި އެވެ.
އައިއެމްއެފްގެ ވަފްދުން މަޖިލީހުގެ އިގުތިސާދީ އަދި މާލިއްޔަތު ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަށް މައުލޫމާތު ދެނީ. --ފޮޓޯ: ނިޝާން އަލީ | މިހާރު
މިގޮތުން، ސަބްސިޑީ އާއި އާސަންދަ ދިނުމުގެ ނިޒާމާއި ދައުލަތް ހިންގުމުގެ ހަރަދު ކުޑަކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުޑަކުރުމާ އެކު ފައިސާ ޗާޕު ކުރުން މި ސަރުކާރުން ހުއްޓައިލުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަންކަމުގެ ގޮތުގައި ޕިޔާޕޯން ފާހަގަކުރެއްވި އެވެ.
ނަމަވެސް، ރާއްޖޭގެ ދަރަންޏާއި ފިސްކަލް ޑެފިސިޓަށް ބޭރާއި އެތެރެއިން ޕްރެޝަރު ބޮޑުވަމުންދާ ކަމަށް ވިދާޅުވެ، އޭނާ ވަނީ ސަރުކާރުން ހުށަހަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރަން ވަގުތު ކުޑަވަމުންދާ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.
"ހަރުދަނާ ފިޔަވަޅުތައް ނާޅައިފި ނަމަ ކުރިއަށް އޮތް އަހަރުތަކުގައި ދަރަންޏާއި ފިސްކަލް ޑެފިސިޓް އިތުރަށް ބޮޑުވެގެންދާނެ. މި ކަން ކުރުމަށް ވަގުތު ވަރަށް ކުޑަތަންވެއްޖެ،" ޕިޔާޕޯން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިދިޔަ އަހަރު ތަކުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އިންތިހާއަށް ގިނަވުމުގެ ސަބަބުން ޑެފިސިޓަށް ނޭދެވޭ އަސަރުކުރި އެވެ.
ނަމަވެސް، މިހާރު އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ވެސް ކޮންމެވެސް މިންވަރަކަށް މަޑުޖައްސާލައި، ކޮންމެހެން ބޭނުންވެފައިވާ ކަންކަމަށް އަމާޒު ކުރުމަކީ ރަނގަޅު ނިންމުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
އައިއެމްއެފްގެ ވަފްދުން މަޖިލީހުގެ އިގުތިސާދީ އަދި މާލިއްޔަތު ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަށް މައުލޫމާތު ދެނީ. --ފޮޓޯ: ނިޝާން އަލީ | މިހާރު
އެކަމަކު، މިހާރު އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ވެސް ކޮންމެވެސް މިންވަރަކަށް މަޑުޖައްސާލައި، ކޮންމެހެން ބޭނުންވެފައިވާ ކަންކަމަށް އަމާޒުކުރުމަކީ ރަނގަޅު ނިންމުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
"އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި އިޖުތިމާއީ ޕްރޮގްރާމުތައް ވެސް ހިންގަންވާނީ، އެ ގައުމެއްގެ މާލީ ހާލަތަށް ރިއާއަތްކޮށް ގައުމަށާއި ރައްޔިތުންނަށް އެންމެ ބޮޑު ފައިދާއެއް ކުރާނެ ގޮތަކަށް،" ޕިޔާޕޯން ވިދާޅުވި އެވެ.
ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި)ގައި ތިން ދަރަޖަ ފަހަތަށް ގޮސްފައިވާކަން ފާހަގަކުރައްވައި، އެކަމާ މެދު އައިއެމްއެފުން ދެކޭ ގޮތް ސާފުކުރަން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ޕިޔާޕޯން ވިދާޅުވީ ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުތައް ތައާރަފްކުރުމުގެ ސަބަބުން ދައުލަތުގެ މާލީ ކަންކަން ބެލެހެއްޓުމުގައި ދެފުށްފެންނަ ގޮތަށް ކުރިއަށް ގެންދިޔުމަށް އިތުރު ހިތްވަރަކަށް ވާނެ ކަމަށެވެ.
މިއަދުގެ ކޮމިޓީގެ ބައްދަލަވުމުގައި، އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އިންޑިޔާއިން މިދިޔަ އަހަރުގެ ފަހުކޮޅު ނެގި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ އާ ގުޅޭގޮތުން ވެސް އައިއެމްއެފްގެ ވަފްދާ ސުވާލުކުރައްވައިފަ އެވެ.
އެކަމާ ގުޅިގެން ޕިޔާޕޯން ވިދާޅުވި ގޮތުގައި، އެ ފެސިލިޓީގެ ސަބަބުން ރާއްޖޭގެ ފިސްކަލް އަދި ދަރަނި މެނޭޖްކުރުމުގެ ހާލަތަށް ކޮންމެވެސް ވަރެއް ލުޔެއް ލިބޭނެ އެވެ.
އަދި ނިޒާމީ ސިފައެއްގައި ގައުމެއްގެ މާލީ ކަންކަންކަމަށް މިފަދަ ބޮޑެތި ބަދަލުތައް ގެންނައިރު، އެފަދަ ބަފަރުތަކެއް ހުރުމަކީ ވެސް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އައިއެމްއެފްގެ ވަފްދުން މަޖިލީހުގެ އިގުތިސާދީ އަދި މާލިއްޔަތު ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަށް މައުލޫމާތު ދެނީ. --ފޮޓޯ: ނިޝާން އަލީ | މިހާރު
ޕިޔާޕޯން ވިދާޅުވި ގޮތުގައި، ރާއްޖެއަށް ކުރިމަތިވެފައިވާ ފަދަ މާލީ ދަތިކަމުން އަރައިގަތުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ ދަތިކަން ކުރިމަތިވެފައިވާ ކަން ގަބޫލުކޮށް، އެކަމުން އަރައިގަތުމަށް ޕްލޭނެއް އެކުލަވައިލުމެވެ.
ނަމަވެސް، އެ ޕްލޭނާ އެއްގޮތަށް ފިޔަވަޅުތައް ތަންފީޒުކުރުން އަވަސް ކުރަންޖެހޭ ކަމަށް، މިއަދުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން އޭނާ ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
އަދި ކުރިއަށް ތަނުގައި ވިޔަފާރިކުރުމުގެ މާހައުލު ރަނގަޅުކޮށް، ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ހުނަރު ތަރައްގީކުރުން އިތުރުކުރުމަކީ ވެސް ހަރުދަނާ، ވަށައިޖެހޭ އަދި ދެމެހެއްޓެނެވި އިގުތިސޯދީ ކުރިއެރުމަށް އެހީތެރިވެދޭނެ މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކުރައްވައިފަ އެވެ.
ދައުލަތުގެ ހަރަދު ކުޑަކުރުމަށް ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ފިޔަވަޅުތައް ނާޅައިފި ނަމަ ބަޖެޓަށް ތިން ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ. އެހެންވެ، އިސްލާހީ އެއްވެސް ފިޔަވަޅެއް ކަނޑައަޅާފައިވާ ގޮތަށް ކުރިއަށް ނުގެން ގޮސްފި ނަމަ މި އަހަރުގެ ބަޖެޓުގައިވާ 57 ބިލިއަން ރުފިޔާ، 60 ބިލިއަން ރުފިޔާއަށް އިތުރުވުމުގެ ފުރުސަތު އެބަ އޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިފަތުﷲ
12 February 2025
ސަރުކާރުގެ ފިޔަވަޅުތަކަށް އައިއެމްއެފް އިން މަރުހަބާ މި ކިޔަނީ. އަމީރުއަށް ހަޖަމައް ނުވާނެ
ޝައިގީ
12 February 2025
އިބޫމެން ހަލާކުކޮށްލި ގައުމުގެ އިގްތިސާދު އަދުގެ ރައީސް މިދަނީ މަޑުމަޑު ރަނގަޅު ކުރަމުން. ހަގީގަތަކީ މިއީ. އައިއެމްއެފްއިންވެސް އެވާހަކަ މިބުނަނީ
ރާވެރިބެ
12 February 2025
ނުލިބޭ ވަރަކަށް ޚަރަދު ނުކުރެވޭނެ. ލޯނުނަގައިގެން ލޯނު ދެއްކޭނީ ވަކި ވަރަކަށް. ސަރުކާރެއް އުފައްދަނީ ރައްޔިތުންނަށް ޚިދުމަތް ކުރަން. އެކަމަކު މިހާރު މިޖެހެނީ މުޅި ރާއްޖޭގެ ރައްޔިތުންގެ ކަންކަމަށް ފާސްކުރާ ބަޖެޓް ހަމަ އެކަނި ސަރުކާރާއި ސަރުކާރުގެ މުއައްޒިފުންގެ ޚަރަދަށް ހޭދަ ކުރަން! އެއީ ދެކޮޅު ނުޖެހޭ ކަމެއް. ސަރުކާރުގެ އޯވަރހެޑް ޙަރަދު ހުންނަން ޖެހޭނީ ގައުމުގެ ސައިޒާ އެކަށީގެންވާ ވަރެއްގަ. އޭރުން ސަރުކާރު މުއައްޒިފުންގެ މުސާރަ ބޮޑުވާނެ!
އައިމިނާ
12 February 2025
އައިއެމްއެފުން ގައުމާ ހަވާލުވޭ. އެމްޑީޕީންތައް ދިޔައީ ގައުމުސާފުކޮށްފަ. ދޮވެލާފަ.
ފެތޭއިރު ފެތޭނީ އެންމެން
12 February 2025
މިތާ އޮތް އޮތް އިގްތިސާދީ ނާޒުކު ހާލަތުގެ އަސްލަކީ މާޒީގައި އެންމެ މުހިއްމު ދާއިރާތަކަށް ބެލުމެއްނެތި، ސިޔާސީ ތާއީދާއި ބާރު ދެމެހެއްޓުމުގެ ބޭނުމުގައި ގައުމަށް ނުކަތާވަރަށް އުުމްރާނީ މަސައްކަތްތައް ހިންގަން ދިމާކުރުމާ، ބޭކާރު ވަޒީފާތަކަށް މީހުން އިތުރުކުރުމާ، ނުބައްދަލު ހިންގުމުގެ ނިޒާމެއް ހިޔާރުކުރުންފަދަ ކަންކަން ހައްދުން ނެއްޓުން. އެއާއެކު ކޮރަޕްޝަން. މިހާލަތު ގަބޫލުކޮށް، އެއްކޮޅަސް، އިދިކޮޮޅަސް މީ އެކައްޗެއް ކިޔަންޖެހޭ ގަޑި. ނޫނީ ވާނީ ހަލާކު
އައިމިނާ
12 February 2025
އެވަރުވީމަވެސް ސަރުކާރުން އަންގަނީ 3 މީހުންނަށް ގެއަޅަން ލޯނު ދީފަ ލޯނުދޫކުރީމޭ. ހުރިހާކަމެއް ބަރާބަރޭ. ރައްޔިތުން އަނގަޔާ އަތާދިމާނުވޭ. ތަކެތީގެ އަގު އެހާބޮޑު.90 ރ. ލުނބޯކިލޯއެއް. ރޭގަ 50ރ. އަށް އަތްނުފޯރާ.
އިލި
12 February 2025
ބޭރުން އެހެންއަށްނަމީހުންނައް މިދެނީ ގޯސްމައުލޫމާތު . މިސާލަކައް ފ.މަގޫދު އިން ފ.ނިލަންދޫއައްދާން ނުނަގާނެ 5 މިނިޓުވެސް އެކަމު މަގޫދޫގަ 80% ނިމިފަ އޮތް އެއާޕޯޓް އޮއްވާ ނިލަންދޫގަ މިއަޅަނީ އެއާޕޯޓެއް މީތޯ އެބުނާ ހަރުދަނާ ސިޔާސަތަކީ ހުސްއޮޅުވާލުން
ރާވެރިބެ
12 February 2025
މާލީ އިސްލާހުތަކުން ނަތީޖާ ނެރެވޭނީ އަވަހަށް ފިޔަވަޅުތަށް އަޅައިގެން. މިހާރު މާބޮޑަށް އެބަ ލަސްވޭ. ޙަރަދުތަށް ބޮޑުތަކުން ކުޑަކުރަން އެބަޖެހޭ. މިއަހަރުގެ ބަޖެޓް ނުޖެހޭ އެކީ ހުސް ކުރަން. ސަބަބަކީ މިހާރު އޮތީ ޑިފިސިޓް ބަޖެޓެއް ވީމަ. އަމިއްލަ ބުރަ މަސައްކަތުން ފައިސާ ހޯދައިގެން އާއިލާ ބަލަހައްޓާ މީހުންނަށް އެގޭނެ މިދައްކާ ވާހަކަ. ސިޔާސީ އެކްޓްވިސްޓުންނަކަށް ނޭގޭނެ.
ނަލަ ފަރީދާ
12 February 2025
މާލީ އިދާރާތައް ގުނބޯ ހެއްދޭނެބާ
ރާވެރިބެ
12 February 2025
މާލީ އިސްލާހުތަށް ގެންނާކަށް ނޫޅޭ! ފަހަތުފަޔަށް ބުރަވަނީ. ރަގަޅުވާހަކަ ދައްކާފަ އަމަލު ނުކުރޭ! ބަލާބަލަ މިހާރު އެމެރިކާގެ ސަރުކާރުން ބޭކާރު ޙަރަދުތަކާ އިސްރާފުތަށް ކަޑާލާ ގޮތަ. ހަމަ ޓަސް ލާފަ އެއޮތްގެން ބިލިއަނުން ކަޑާލަނީ. ރާއްޖޭގަ ވެސް ޙަރަދު ކުޑަކުރެވޭނީ ސަރުކާރުން މުސާރަދޭ މީހުން މަދުކޮށްގެން ނޫނީ މުސާރަ ކުޑަކޮށްގެން. އެނޫން ގޮތެއް ނެތޭ!
އުއްޗޫ
12 February 2025
ބައްޔެއްނު. އެްޗެއް ވާއިރަށް އާދައިގެ މީހުންގެ މުސާރައޭ ކިޔާތި. 9 ބިލިއަން ރުފިޔާ ޖިޒީގެ ގޮތުގައި ގައުމުން ފޭރޭ ވާހަކަ ނުދައްކާތި. އެ ގެނައީ ހުރިހާ މައސަލައެއް ހައްލުވީ.
މުލޭ
12 February 2025
ޚަރަދު ކުޑަކުރާއިރަަށް ރައީސް މީހާގެ ބޮލަށް އަރައިގަންނާނެ އެންމެން ނިކުމެ. މިއީ އެމެރިކާއެއްނޫން.