ސަރުކާރުގެ ޓެކްސީ ލައިންގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
12 ފެބުރުއަރީ 2025 - 13:31
ސަރުކާރުގެ "އީވީ ޓެކްސީ ލައިން" ފެށުމުން މިހާރު ޓެކްސީގެ ހިދުމަތް ދޭ އަމިއްލަ ވިޔަފާރިތަކަށް އެއްވެސް ދައްޗެއް ނުވާނެ ކަމަށާއި ވާނީ ފައިދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް އެމްޓީސީސީއާ އެކު ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރުމަށް ހ. މީރުމާ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ، ޓެކްސީގެ ހިދުމަތަކީ މިހާރު އާންމުންގެ އަސާސީ ބޭނުމަކަށް ވާތީ، އެ ހިދުމަތުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އެ ހިދުމަތް ހޯދުމުގައި މިހާރު ހުރި ދަތިތަކެއް، ލުޔެއް ހޯދައިދޭން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން އެމްޓީސީސީއާ އެކު ޓެކްސީ ހިދުމަތް ތައާރަފްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މިނިސްޓަރު ވިދާޅުވި ގޮތުގައި، ޓެކްސީގެ ހިދުމަތް ހޯދުމުގައި އާންމުންނަށް ވަރަށް ގިނަ ދަތިތަކެއް ހުރިކަން ޓްރާންސްޕޯޓް މިނިސްޓްރީން ކުރި ބައެއް ދިރާސާތަކުން އެނގެ އެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ދަތިތަކަކީ؛
• ޓެކްސީގެ ހިދުމަތުގެ ފެންވަރު ދަށްވުމާއި ރައްކާތެރިކަން ކަށަވަރު ނުވުން.
• ބައެއް ސަރަހައްދުތަކަށް ދަތުރުތައް ނުކޮށްދީ، ޑްރައިވަރުން ބޭނުންވާ ތަންތަނަށް އެކަނި ދަތުރުތައް ކޮށްދިނުން.
• މުހިންމު ގަޑިތަކުގައި ޓެކްސީގެ ހިދުމަތް ނުލިބުން.
• ޑްރައިވަރުން ބޭނުން އަގެއް ނަގައިގެން ދަތުރުތައް ކުރުން.
އަމީން ވިދާޅުވީ ޓެކްސީ ހިދުމަތުގެ ފެންވަރު ދަށްވީ، އެ ހިދުމަތް ރެގިއުލޭޓްކުރަން ސަރުކާރުން ގަވާއިދުތައް ހެދި ނަމަވެސް، މޮނީޓަކުރެވޭނެ ރަނގަޅު ނިޒާމެއް ނެތުމުން ކަމަށެވެ.
"ސަރުކާރުން މިހާރު ނިންމާފައި ވަނީ މި ޓެކްސީ ލައިނަކީ 100 ޕަސެންޓް، ތިމާވެއްޓާ ރަށްޓެހި، އީވީ ޓެކްސީ ލައިނެއްގެ ގޮތުގައި ތައާރަފުކުރަން،" އަމީން ވިދާޅުވި އެވެ.
"ނަމަވެސް، މި ހިދުމަތް މިގޮތަށް ފެށީމަ، ރެގިއުލޭޓް ކުރެވުނީމަ، އެއާ ގުޅިގެން އަމިއްލަ ފަރާތްތަކުން ދެއްވާ ހިދުމަތްތައް ވެސް އެ ސްޓޭންޑާޑަށް ބަދަލުވެގެންދާނެ ކަން އެނގޭ، އަޅުގަނޑުމެންނަށް މިހާރު ފެންނަން އޮތް ހަގީގަތެއް."
ސަރުކާރުން ފަށާ ޓެކްސީ ހިދުމަތާ ގުޅޭ މައުލޫމާތު ހިމަނާފައިވާ ފޮތެއް މީހަކު ހުޅުވައިގެން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ޓެކްސީގެ ހިދުމަތް ދެމުން އަންނަ އަމިއްލަ ފަރާތްތަކަށް މިހާރު ވެސް އެ ހިދުމަތް ދެމުން އަންނަ ގޮތަށް ދެވޭނެ ކަމަށާއި އަމިއްލަ ފަރާތްތަކަށް ވެސް ސަރުކާރުގެ ޓެކްސީ ލައިންއާ ގުޅިގެން ހިދުމަތް ދިނުމުގެ ފުރުސަތު ދޭނެ ކަމަށް އަމީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުރިއަރާފައިވާ އެހެން ގައުމުތަކުގައި ވެސް ސަރުކާރުން ޓެކްސީ ލައިންގެ ހިދުމަތް ދޭ ކަމަށެވެ.
"ވުމާ އެކީގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިފަދަ ޓެކްސީ ލައިނެއް ހެދުމުން މިއަދު ޓެކްސީގެ ހިދުމަތުގައި ތިއްބަވާ ބޭފުޅުންނަށް މީގެން ލިބޭނެ ދަތިކަމެއް ވެސް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި، އެމްޓީސީސީން މި ހިދުމަތް ދޭނީ ގެއްލުން ނުވާނެ، ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިންނެވެ. މި ހިދުމަތް ދިނުމަށް ސަރުކާރުން އެމްޓީސީސީ އަށް އެއްވެސް ސަބްސިޑީއެއް ނުދޭނެ އެވެ.
• 24 ގަޑިއިރު ހިދުމަތް ލިބޭނެ.
• ފުލް ޓައިމް އަދި ޕާޓް ޓައިމް ޑްރައިވަރުންނަށް ވަޒީފާގެ ފުރުސަތު.
• މެކޭނިކަލް މުވައްޒަފުންނާއި އޮޕަރޭޝަނަލް މުވައްޒަފުން އަދި ސާފުކުރާ މުވައްޒަފުންނަށް ވަޒީފާގެ ފުރުސަތައް ހުޅުވާލާނެ.
• ޕާޓްޓައިމް މުވައްޒަފުންނަށް މުސާރަ ދޭނީ ކޮންމެ ދެ ހަފުތާއަކުން.
• ރަށްރަށުގައި އުޅޭ މީހުން އެކި ބޭނުންތަކުގައި މާލެ އައިސް އުޅޭ ދުވަސްވަރު އިތުރު އާމްދަނީއެއް ހޯދުމަށް ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި ކުރު މުއްދަތަކަށް ވެސް މަސައްކަތް ކުރެވޭނެ.
• ކުރީ ބައިގައި ޓެކްސީ ބުކް ކުރެވޭނެ.
• ހިދުމަތް ދޭނީ މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށް.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިއުޝާ ޝަރީފު
13 February 2025
މިއީ ލިބިގެންދިޔަ ވަރަށްވެސް ބޮޑު ލުޔެއް. މިއީ ރައްޔިތުން މިއަދު ބޭނުންވެފަ ތިބި އެންމެ ބޮޑުއެއްކަންތައް. ކުރީ ދުވަހުވެސް ބަލި މަަންމަ ގޮވާގެން ހޮސްޕިޓަލަށް ދާން މާލެއަކުން ކާރެއް ނުލިބުން. އެންމެ ފަހުން ޖެހުނީ ގޮޑީގަ މަންމަ ގޮވާގެން ދުއްވަމުންދާން. އިރާދަކުރެއްވިއްޔާ ދެން ނުޖެހޭނެ އެ ދައްޗާއި ކުރިމަތިލާކަށް. އަވަހަށް މިކަންތައް ފެއްޓިގެންދިއުން އުންމީދަކީ
ބަސް
13 February 2025
އަބަދުވެސް ނެއްލާރި ޚަރަދުކޮށް އޭގެއިންބައި އެޅޭނެގޮތް ބަލަނީ. އެމް.ޓީ.ސީ.ސީ އެތަށްވިޔަފާރިއަކަށް ދަރާއޮތީ. ސަރުކާރަކުވެސް ލާރިގިނަވެގެން ކުރާނެ ކަމެއްނެތިގެން އުޅެނީކީނޫން. ޒަރޫރީކަންތައްތަކަށްވެސް ޚަރަދުކުރން ޖެހެނީ ދަރައްޏަށް ލާރިނަގައިގެން.
އަސަރު68
13 February 2025
ކުރާނެ ބަޔަކު ޓެކްސީ ކުރަންވީ. އެމީހަކު ކިޔާނެ އަގަކަށްވެސް ޓެކްސީކުރަންވީ. ޓެކްސީދުއްވާމީހާއަށް އެނގޭނީ އެމީހެއްގެ ޓެކްސީއަކު ދަތުރުކޮށްދޭންވީވަރެއް. މިހާރުވެސް 500 ނުވަތަ 1000 ޓެކްސީ ޚިދުމަތުގާ އުޅޭކަމަށްވޭ. އެކަމަކު ޚިދުމަތެއްނުލިބޭ. ބޭނުންވަނީ ގިނަބަޔަކު މިކަމުގެ ތެރެއަށް ނުކުމެ އަގުހެޔޮ ޚިދުމަތެއްގެ ގޮތުގާ މިކަން ވެގެންދިއުން. އޭރުން އެމީހަކު ގުޅާނީ މިކަމުގެ އެންމެ އަގުހެޔޮފަރާތާ.
ތޯއިފްް
13 February 2025
4 ފުރޮޅުލީ އޭ،ބީ،ސީ ގެ ހުރިހާ ވެހިކަލެއް ނައްތާލީމަ މި ޒޯނު އެއްކޮށް ހަމައަކަށް އެޅޭނެ. ހުސް ބާވެ ވީރާނާ ވެފަ ހުރި ފޮށިގަޑުލީ ކާރު ގަނޑުތައް މިއުޅެނީ މިތާ ތެރޭ. މިހާރު ޓެކްސީ ލައިނާ އެކީ ހިދުމަތުގެ ފެންވަރު ރަނގަޅުވެ ތިމާވެއްޓާ ވެސް ރައްޓެހި ވެގެން ދާނެ.
މަމީމަ
13 February 2025
ޓެކުސީ ހިދުމަތަކީ ރައްޔިތުންގެ އަސާސީ ހިދުމަތެއް ނޫން. އެހެނަސް ރަނގަޅު ދަތުރު ފަތުރުގެ ނިޒާމަކީ އަސާސީ ހިދުމަތަކަށް ވެދާނެ. ޕަބްލިކް ޓްރާންސްޕޯޓް ކުރިއަރުވައިގެން ނޫނީ މިކަން ވާކަށް ނެތް.
ޖިންބެ
13 February 2025
ވަރަށް ސަޅި ކަމެއް ސަރުކާރުން ފެށި. ދެން ކުރަންވީ ކަމަކީ ބާ ވެފަ ހުރި ކާރުތައް، ނޫނީ ވަކި ވަރަކަށް އަހަރު ވެފަ ހުރި ކާރުތަކާ ޕިކަޕްތައް ނައްތާލަން. މިހާރު ނޫނަސް ވީ އެންމެ އަވަހަކަށް ތަސްދީގް ކުރަން ޖެހޭ ގާނޫނެއް މީ. އާން! ކާރުތަކުގެ ވެރިން ރުޅި އަންނާނެ އެމީހުން 1880 ގަ ގަނެފަ ހުރި ކާރުވެސް ނައްތަން ޖެހުނީމަ. ސަރުކާރުން ވަކި ވަރަކަށް ލާރި ދީގެން އެ ވެހިކަލްތައް ގަނެގެންވެސް މި މާލޭ އޭރިއާ އިން ވަކި ވަރަކަށް ނައްތަން ޖެހޭ
ޖާވިދު
13 February 2025
މިހާރު މިތާ އެބަދުއްވާ ކިރިޔަ ކިރިޔާ ދުއްވޭ ކާރުތައްވެސް. ކާރުތަކުގަ ޝޮކެއް ހުންނަނީކީއެއް ނޫން. ހަލާކުވެ ވީރާނާ ވެފަ ކާރު މިއޮންނީ. ސީޓުގަ ކުޝަންއެއް އޮންނީއެއް ނޫން. ސަރުކާރު މި ނިންމި ނިންމުމާއެކު މިކަހަލަ މީހުންވެސްޖެހޭނީ ރަނގަޅު މިންގަނޑަށް ފެތޭ ގޮތަށް އެމީހުންގެ ކާރުހަދަން ޓެކްސީ ކުރަން ބޭނުމިއްޔާ. ބަރާބަރުކަމެއް މިއީ ސަރުކާރުންކުރި
އިންމިި
13 February 2025
ދަތި ވިޔަސް ހެޔޮ. ޓެކްސީ ޑްރައިވަރުންނަށް ހީވާ ކަހަލަ މި މީހުން ބޭނުންވާ ގޮތް ނުހެދީމަ ކޮންމެ ފަހަރަކު އަޑު ގަދަކޮށްގެން ނޫނީ ކާރުތަކުން މަގުތައް ބްލޮކް ކޮށްގެން ކަންކަން އިސްލާހު ވާނޭ. މިހާރު މި ވީ ގޮތުން މަޖުބޫރު ވީއެއްނު ހިދުމަތްތަކުގެ ފެންވަރު ރަގަޅު ކޮށް ހުޅުމާލެއިން މާލެއަށް ދަތުރުތައް އެކަނި ނުނަގާ މާލޭގެ އެތެރޭގެ ދަތުރުތައްވެސް ނަގަން.
ހަސަންރަހާ
13 February 2025
ސަރުކާރުގެ ޕޮލިސީ ތަކުގެ ތެރޭގައި މިހާތަނަށް ކުރެވޭ އެންމެ ރަނގަޅު ކަންތައް. ރައްޔިތުމީހާ އަށް މުސީބާތަކަށް ވެފައޮތް ކަމެއް މީ. ބަސް ދުއްވަން ފެށީމާ ތިމަންނާމެން ކރގ ހިފީއޭ ގޮވާ ބަސްތައް ކުރިމަތީ ކާރު މަޑުކޮށް ޖެއްސުން ކުރި މީހުންނަށް މިހާރު އިނގޭނެ ބަސް ދުއްވުން ވެސް އެއީ ކުރަންޖެހޭ ކަމެއްކަން. ޒަމާނީ ވިސްނުމަކުން ވިސްނާއިރު އަމިއްލަ ނޫން ކާރު އަދި މެއިންޓަނަސް އަށް ޒިންމާ ވާން ނުޖެހި ޓެކްސީ ކޮށްގެން ލިބޭ އާމްދަނީ މާ ރަނގަޅުވާނެ. ބަލަން ތިބެމާ.
ކިރުސައި
13 February 2025
މިސަރުކާރުން ކުރާ ކަންތަކުގެ ތެރެއިން ތާއީދުކުރާ ހަމައެކަނި ކަމަކީ މިއީ. ޓެކްސީ ޑްރައިވަރުން ނަކީ މިގައުމުގަ އޮތް ގޭންގެއް. އެމީހުންގެ އަމަލަުތައް ހުންނަނީ ބަޔަކަށް ހިދުމަތްދޭ ފަދަ ހިސާބެއްގައެއް ނުން. މާލެއިން ހުޅުމާލެ އެއާފޯޓް އެކަނި އެމީންނަށް ދޭވޭތަންތަނަކީ. ހަމަ އެއްގޮތަކަށް އެތެރޭގެ ދަތުރަކަށް، ހޮސްޕިޓަލް ނޫނީ ޒަރޫރީކަމަކަށް ޓެކްސީ ނުލިބޭ. އެހެންވީމަ އެމީހުންގެ ވިޔަފާރި ބަގުރޫޓްވިޔަސް މިކަން ކުރަން ޖެހޭ.