ސުޕްރީމް ކޯޓު: ޖާބިރުގެ ޔޮޓް ޓުއާޒްގެ އެކައުންޓްތައް ފްރީޒްކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައި
12 ފެބުރުއަރީ 2025 - 17:25
ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާޒްގެ އެކައުންޓްތައް ފްރީޒްކުރީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާ މީރާ އިން އަންގައިގެން އެ ކުންފުނީގެ އެކައުންޓްތައް ފްރީޒްކުރީ އަލިދު އާއި ބީނާފުށި ރިސޯޓް އަދި ކަނޑާލިފިނޮޅުގެ ކުއްޔާއި ޖޫރިމަނާ ފައިސާ ދައްކާފައި ނުވާ ކަމަށް ބުނެ އެވެ.
އެކައުންޓްތައް ފްރީޒްކުރި މައްސަލާގައި ޔޮޓް ޓުއާޒްގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކުރުމުން އެ ކޯޓުން ހުކުމްކުރީ އެކައުންޓްތައް ފްރީޒްކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ. އެ ހުކުމަށް ހައި ކޯޓުން ވެސް ތާއިދުކުރި އެވެ.
އެކަމަކު، ޔޮޓް ޓުއާޒްގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު އިއްވި ހުކުމްގައި ބުނީ މީރާ އަށް ޔޮޓް ޓުއާޒްގެ އެކައުންޓްތައް ފްރީޒް ކުރުމުގެ ބާރު ލިބޭ ކަމަށް ދައްކާ ގާނޫނީ ހުއްޖަތްތައް ބަލިކަށި ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
މި މައްސަލާގައި އޮތީ ވިޔަފާރީގެ މުއާމަލާތެއް ކަމަށާއި ވިޔަފާރީގެ އެއްބަސްވުމެއްގެ މައިގަނޑު އަސާސަކީ ދެ ފަރާތުގެ ރުހުމާއި އެއްބަސްވުމުގެ މާއްދާތަކާއި ކޮންޓްރެކްޓްގެ ބައިވެރިން ގާނޫނުގެ ކުރިމަތީގައި ހަމަހަމަވުން ކަން ހުކުމްގައި ފާހަގަކުރި އެވެ.
"ކޮންޓްރެކްޓްގެ ބައިވެރިޔަކީ ދައުލަތް ކަމަށްވީ ނަމަވެސް މަދަނީ އެއްބަސްވުންތަކުގައި ކޮންޓްރެކްޓްގެ ވަކި ބައިވެރިއަކަށް ކޮންޓްރެކްޓްގެ ބޭރުން އޭނާގެ ހައިސިއްޔަތުގެ ސަބަބުން ނުވަތަ މަގާމުގެ ސަބަބުން އިތުރު އިސްކަމެއް ނުވަތަ އިތުރު ފައިދާއެއް ނެތެވެ،" ހުކުމްގައިވެ އެވެ.
ސުޕްރީމް ކޯޓުން ބުނީ، ކުލި ނުދައްކާ ހާލަތުގައި އަމަލު ކުރަންޖެހޭ ގޮތް މި މައްސަލާގައި އޮތް އެއްބަސްވުމުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި އެގޮތުން ކުލި ނުދައްކާ ނަމަ އެންމެ ފުރަތަމަ އަރަނީ ލިކުއިޑޭޓެޑް ޑެމެޖަސް ކަމަށެވެ. އޭގެ ފަހުން އެއްބަސްވުން ބާތިލް ކުރުމުގެ ބާރު ދީފައިވެ އެވެ.
ކުލި ނުދައްކާ ހާލަތުގައި ދައުލަތަށް އަމަލު ކުރެވޭނެ ގޮތްތައް ނުވަތަ ހޯދޭނެ ރެމެޑީސްތައް ބަޔާންކޮށްފައިވަނިކޮށް އޭގައި ނެތް ފިޔަވަޅެއްގެ ގޮތުން ޔޮޓް ޓުއާޒްގެ އެކައުންޓްތައް ފްރީޒް ނުކުރެވޭނެ ކަން ހުކުމްގައި ފާހަގަކުރި އެވެ.
"ހައްލުތަކުގެ ބޭނުން ހިފުމެއް ނެތި ގަވާއިދެއްގެ ދަށުން އެހެން ގޮތްތަކެއް ހިޔާރެއް ނުކުރެވޭނެ އެވެ،" ހުކުމްގައިވެ އެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު ހުކުމްގައި ބުނީ މީރާ މެދުވެރިކޮށް އެކައުންޓް ފްރީޒް ކުރުމުގެ ހައްލު ދައުލަތަށް ބޭނުން ކުރެވޭނީ ދެ ފަރާތް ދެމެދުވި އެއްބަސްވުންތަކުގައި ގަވައިދުގައިވާ އެ ހައްލު ބަޔާންކުރުމަށް ފަހު، އެކަމަށް އެއްބަސްވެގެން ކަމަށެވެ.
އެހެންވެ ކުލި ނުދައްކާ ހާލަތުގައި އަމަލުކުރާނެ ގޮތްތައް ކަމަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތްތަކުގެ ބޭރުން މީރާ މެދުވެރިކޮށް ޔޮޓް ޓުއާޒްގެ އެކައުންޓްތައް ފްރީޒްކޮށްފައިވަނީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުކުރަންސުކުރަން
13 February 2025
މީރާއަށް މިހާރު ތިބޭނެ ރާކަނިމަސް ކެވިފަ. މީސްތަކުންނަށް ބިރުދައްކާ މުދާފޭރޭ ބައެއްގެ ވާހަކަ މި ދައްކަނީ.
ގަވާއިދު11
12 February 2025
މުހިންމު ޙުކުމެއް. ޤާނޫނުގައި ނެތް ބާރެއް ޤަވާޢިދަކުން ނުހޯދޭނެކަން މިހާރު އެބަޖެހޭ ދައުލަތުގެ ހުރިހާ އިދާރާއަކުންވެސް ޤަބޫލުކުރަން. ގަވާއިދު ހަދާނީ މިވެނި ބަޔެކޭ ގާނޫނުގައި އޮތީމާ، މިއޮތީއޭ ގަވާއިދު ކިޔާފައި ހިތުހުރި އެއްޗެއް ނުލިޔެވޭނެ. މިގޮތުން ޓެކްސްއަށް ނުވާ ފައިސާއަށްވެސް ހިނގާނީ ޓެކުހުގެ އުސޫލުތަކޭ ކިޔާފައި ޤަވާޢިދުގައި ނުލިޔެވޭނެކަން މިޙުކުމުން ހާމަވޭ.
ރާވެރިބެ
12 February 2025
ތާއިދު. މީރާ ވީމަ ގާނޫނުން މަތިން ބާރުތަކެއްނުލިބޭނެ. ޓެކްސް ނުދައްކާނަމަ ގާނޫނާ އެއްގޮތަށް ފިޔަވަޅު އަޅަން ޖެހޭނެ. ޕޮއިންޓަކީ ފިޔަވަޅު އަޅައިގެން ފައިސާހޯދާށޭ ގާނޫނުގެ ތެރެއިން.
އަފްރާސިޔާބު
12 February 2025
ވަރަށް ރަނގަޅު ހުކުމެއް. ބައެއް އޮފީސްތަކުން އާންމު ރައްޔިތުންނަށް ފޮނުވާ ލިއުންތަކުގައި މިހާރު ޖޫރިމަނާ ވާނެޔޭ އެބަލިޔޭ. އެކަމަކު އާންމު ކުންފުންޏަކަށް ނޯވޭ އެފަދައިން ސަރުކާރު ޖޫރިމަނާ ކުރުމުގެ ފުރުސަތެއް.
އަޅި އަލީ
12 February 2025
އަސްލު ހަމަ މުއްސައްޖަކު ދައުލަތައް އެއްޗެއް ނުދެއްކިޔަސް ހެދޭނެ ގޮތެއް ނޯންނަނީއޭދޯ! މަމެން އަހަރީ ފީ ދެއްކުން އެއްދުވަސް ލަސްވިޔަސް ހޭ ހަދާލާ!
ރާވެރިބެ
12 February 2025
ވަކިމީހަކަށް ވަކި ގޮތެއް އޮވެގެން ނުވާނެ. ސްޕްރީމް ކޯޓުގެ ހުކުމަށް ތާއިދު ކުރަން. ދެފަރާތުގެ ދޭތެރޭ އޮތް އެއްބަސް ވުމަކާ އެއް ފަރާތުން ޙިލާފްވީމަ އަމަލު ކުރަން ޖެހޭނީ އެފަދަ ހާލަތެއްގަ އަމަލުކުރަން އެއްބަސްވުމުގަ ލިޔެފަ އޮތްގޮތަށް. ފައިސާ ދައްކަން ޖެހިފަ އޮތީ ސަރުކާރަށް ވީތީ އެއްބަސްވުމުގަ ނެތް ގޮތަކަށް އަމަލު ނުކުރެވޭނެ. އިންސާފުވެރި ހުކުމެއް. މީރާ އިން ކުރަންވީ ކަމަކީ ޖުރިމާނާއާ އެކީ ފައިސާ ދައްކަން އަންގާ އަދި ނުދެއްކިއްޔާ ޝަރިއަތަށް ދިއުން.
އަފްރާސިޔާބު
12 February 2025
އަނެއްކާ ޔޮޓު ޓުއާސް އެކައުންޓެއް ފްރީޒް ނުކުރެވޭނެތާ ޖާބިރު ޓެކްސް ނުދައްކައިގެން. ޖާބިރު ނުދެއްކީމާ ޖާބިރުތާ ހަފުސް ކުރަންވާނީ. ޖާބިރު ނުދެއްކީމާ ޔޮޓް ޓުއަރސް އިން ކުރާނީ ކޮންކަމެއް.