މިއަދުގެ އަޑުއެހުމުގައި ނަޒާހާ އާއި އޭނާގެ ވަކީލް: ސުޕްރީމް ކޯޓުން ވެސް ނިންމީ ނަޒާހާގެ އުމުރު ދުވަހުގެ ޖަލު ހުކުމް ދެމެހެއްޓުމަށް
13 ފެބުރުއަރީ 2025 - 14:41
ކުރީގެ ފިރިމީހާއަށް ހަމަލާދީ މަރާލި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ނަޒާހާގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ވެސް މިއަދު ދަމަހައްޓައިފި އެވެ.
ޖޫން، 2010 ގައި ނަޒާހާ ދިރިއުޅުނު ގޭގައި އޭނާގެ ކުރީގެ ފިރިމީހާ ހަސަން ޝާހިދަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި އޭނާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2011 ވަނަ އަހަރު ކުރި ހުކުމަށް 2014 ވަނަ އަހަރު ހައި ކޯޓުން ވެސް އޮތީ ތާއީދުކޮށްފަ އެވެ.
އެ މައްސަލަ ނަޒާހާގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ނިންމެވީ ދަށު ކޯޓާއި ހައި ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ. އެގޮތަށް ނިންމެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދުގެ އަޣުލަބިއްޔަތުންނެވެ.
"މިވަގުތު ފެންނަން އޮތީ މަރިޔަމް ނަޒާހާއަށް ނަފްސާނީ ހީނަރު ކަމެއް ކުރިމަތިވެފައިވާކަން ސާބިތުކޮށް ދެވިފައި ނެތްކަން،" ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ ރައުޔަކީ ނަޒާހާގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ އަދަބު ދެވެން ނެތް ކަމަށެވެ. އެހެންވެ، އެ ހުކުމް ބާތިލްކޮށް، ފަރުވާ ކުޑަ އަމަލެއްގެ ސަބަބުން މީހަކު މެރުމުގެ އަދަބު ކަނޑައެޅުމަށް ދަށު ކޯޓަށް އަލުން ފޮނުވަން ޖެހޭނެ ކަމަށެވެ.
ނަޒާހާގެ ފަރާތުން ދަށު ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ބުނަމުން ދިޔައީ ޝާހިދަށް ހަމަލާދިނީ ނަފްސުގެ ދިފާއުގައި ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ މަޖުބޫރީ ހާލަތުގައި ނަފްސުގެ ދިފާއުގައި ކުރާ ކަމެއްގެ ސަބަބުން އެހެން މީހަކު މަރުވުމަކީ އިސްލާމީ ޝަރީއަތުގެ ދަށުން މާފު ލިބިގެންވާ ކަމަށްވީ ނަމަވެސް، ނަމަވެސް އެ ކުރާ ކަމަކީ ހާލަތާ އެކަށީގެންވާ ބާރެއް ބޭނުންކޮށްގެން ކުރާ ކަމަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ނަޒާހާއަށް ކުރިމަތިވި ހާލަތަށް ބަލާއިރު، އެހެން މީހަކު މަރާލަން ހުއްދަވާ ފަދަ މަޖުބޫރީ ހާލަތެއް އޭނާއަށް ކުރިމަތިވެފައި ނެތް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ މެރުމުގެ ގަސްދެއް އޮތްތޯ ބަލަން ޖެހޭނީ މަރާލުމަށް ބޭނުންކުރި ހަތިޔާރާއި ހަމަލާދިން ގޮތާއި އެކަމުގެ ވަށައިގެންވާ ކަންކަމަށް ބަލައިގެން ކަމަށެވެ. އަދި އެ މައްސަލާގައި ޝާހިދަށް ހަމަލާދީފައިވަނީ ފަސް އިންޗި ހުންނަ ވަރުގެ ވަޅިއަކުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ނަޒާހާގެ މައްސަލާގައި މިއަދު ހުކުމް އިއްވަނީ
އެ ހާދިސާ ހިނގިއިރު އަމަލުކުރި ގާނޫނުލް އުގޫބާތުގައި ނަފްސުގެ ދިފާއުގައި އެހެން މީހަކު މެރުން ހުއްދަނުވި ނަމަވެސް، މިހާރު އަމަލުކުރާ ގާނޫނުލް އުގޫބާތުގެ ދަށުން އެއީ ހުއްދަ ކަމެއް ކަމަށްވާތީ، މިހާރު އަމަލުކުރާ ގާނޫނުލް އުގޫބާތުގެ ދަށުން ނަޒާހާގެ އެ އަމަލަކީ ނަފްސުގެ ދިފާއުގައި ކުރި ކަމެއްތޯ ބަލަން ޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. ނަމަވެސް އެގޮތަށް ބެލުމުން ވެސް، ނަފްސުގެ ދިފާއުގައި ކުރި ކަމެއް ކަމަށް ބެލެވެން ނެތް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެގޮތުން، ޝާހިދަށް ހަމަލާދިން ވަގުތު ނަޒާހާއަށް ޝާހިދުގެ ފަރާތުން ނުރައްކަލެއް ކުރިމަތިވިކަން އެނގެން ނެތުމުން އެއީ ނަފްސުގެ ދިފާއުގައި ކުރި ކަމެއް ކަމަށް ނުބެލެވޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި ބުއްދިއަށް އުނިކަން އައިސްފައިވުމުގެ ދިފާއު ނަޒާހާއަށް ލިބޭތޯ ބެލިއިރު ވެސް، އެފަދަ ކަމެއް އޭރު ނަޒާހާއަށް ދިމާވެފައިވާކަން އެނގޭނެ މެޑިކަލް ލިޔުމެއް އެއްވެސް މަރުހަލާއެއްގައި ނަޒާހާގެ ފަރާތުން ހުށަހަޅާފައިނުވާ ކަމަށް ހުކުމުގައިވެ އެވެ.
ނަޒާހާގެ ފަރާތުން ފާހަގަކުރި އަނެއް ކަމަކީ ހަމަލާދިނީ ކުރިން އޭނާއަށް ޝާހިދުގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުން ކަމަށާއި އެހެންވުމުން އެކަން ކުރެވުނީ ބެޓާޑް ވުމަން ސިންޑްރޯމްގެ ހާލަތުގައި ހުރެގެން ކަމަށެވެ.
އެކަމާ ގުޅިގެން ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވީ އަނިޔާތަކުގެ ސަބަބުން ނަފްސުގެ ކޮންޓްރޯލް ގެއްލިގެން ކުރެވޭ ހާލަތުގައި ކުށުގެ ދަރަޖަ ދަށްވެގެންދާ ކަމަށެވެ. އަދި ބޭރު ގައުމުތަކުގެ ކޯޓުތަކުން ނިންމާފައިވާ ބައެއް މައްސަލަތައް ފާހަގަ ކުރައްވައި، ފަނޑިޔާރު ވިދާޅުވީ ނަފްސުގެ ދިފާއު ސާބިތުކޮށް ދިނުމަށްޓަކައި "ބެޑާޓް ވުމަން ސިންޑްރޯމް" ބޭނުން ކުރެވޭ ކަމަށެވެ. އަދި ބުއްދިއަށް އުނިކަން އައިސްފައިވާކަން ސާބިތުކޮށް ދިނުމަށްޓަކައި ވެސް ބެޑާޓް ވުމަން ސިންޑްރޯމް ބޭނުން ކުރެވޭ ކަމަށް ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވި އެވެ.
ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވީ ނަފްސުގެ ދިފާއުގައި ކުއްލިއަކަށް ކުރާ ކަމަކުން އަދި އެކަށީގެންވާ ބާރެއް ބޭނުންކޮށްގެން ކުރާ ކަމަކުން މީހަކު މަރުވުމަކީ މާފު ލިބިގެންވާ ކަންކަމަށް އިސްލާމީ ޝަރީއަތުގައި އޮންނަ ކަމަށެވެ. ނަމަވެސް ނަޒާހާއަށް އެކި ފަހަރު މަތިން ޝާހިދުގެ ފަރާތުން އަނިޔާތައް ލިބުނު ނަމަވެސް ނަޒާހާގެ ކިބައިގައި ބެޑާޓް ވުމަން ސިންޑްރޯމް ހުރިކަން އެނގޭނެ އެއްވެސް އެކްސްޕާޓެއްގެ ލިޔުމެއް މިހާތަނަށް ހުށަހަޅާފައިނުވާ ކަމަށް ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވި އެވެ.
"މިވަގުތު ފެންނަން އޮތީ މަރިޔަމް ނަޒާހާއަށް ނަފްސާނީ ހީނަރު ކަމެއް ކުރިމަތިވެފައިވާކަން ސާބިތުކޮށް ދެވިފައި ނެތްކަން،" ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރު ޝުޖޫން ވިދާޅުވީ ނަޒާހާއަށް ޝާހިދުގެ ފަރާތުން އެކި ގޮތްގޮތަށް އަނިޔާތައް ލިބެމުން ދިޔައިރު އޭނާއަށް ރައްކާތެރިކަން ލިބިފައިނުވާ ކަމަށެވެ. އަދި ޝާހިދަށް ހަމަލާދިން ކަމަށް ނަޒާހާ އެއްބަސްވިޔަސް، މަރާލުމުގެ ގަސްދު އޮތްކަމާ މެދު ނަޒާހާ އެންމެ ފުރަތަމަ މަރުހަލާއިން ވެސް ފެށިގެން އިންކާރު ކޮށްފައިވާތީ ގަސްދު އޮތްކަމާ މެދު ހިލާފެއް އެބައޮތް ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ. އަދި ހަމަލާދިން ގޮތާއި ކަން ހިނގި ގޮތަށް ބަލާއިރު ގަސްދު އޮތް ކަމަށް ނުބެލެވޭ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.
ފަނޑިޔާރު ޝުޖޫން ވިދާޅުވީ ހަމަލާދިނީ ނަޒާހާއަށް ޝާހިދު ހަމަލާދޭން އުޅޭ ކަމަށް ބެލެވިގެން ކަމަށް ނަޒާހާ ބުނެފައިވާ ކަމަށެވެ. އަދި ނަޒާހާ ތަހުގީގަށް ބަޔާން ދިނީ ވަކީލެއްގެ އެހީތެރިކަން ލިބުމެއް ނެތި ކަމަށް ވާއިރު، އޭރު އޭނާއަށް ކުރި ތުހުމަތެއް ބުނެދީފައިނުވާތީ އެ ބަޔާނަކީ ގަސްދު އޮތްކަން ސާބިތުކުރަން ބޭނުން ކުރެވޭނެ ބަޔާނެއް ނޫން ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި އެ ބަޔާނުގައި އޮތް ގޮތަށް ބަލާއިރު ވެސް ގަސްދު އޮތް ކަމަށް ނަޒާހާ އެއްބަސްވި ކަމަށް ބެލެވެން ނެތް ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.
ކުރީގެ އަޑުއެހުމެއްގައި ނަޒާހާއާ އެކު އޭނާގެ ވަކީލް ބައިވެރިވަނީ
ނަޒާހާއަށް އެތައް ފަހަރެއްގެ މަތިން ޝާހިދު ބިރު ދައްކާފައިވާ ކަމަށް ނަޒާހާ ބުނެފައިވާއިރު، ޝާހިދު މަރުވި ދުވަހު އޭނާ ނަޒާހާ ދިރިއުޅޭ ގެއަށް ވަދެގަތީ ގަދަކަމުން ކަމަށް ނަޒާހާ ބުނެފައިވާ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ. އަދި އެގެއަށް ވަންނަމުން، އިތުރު މީހަކަށް ގޮވުމަށްފަހު އެގެއަށް ވަންނަން ގޮވާފައިވާ ކަމަށާއި އެގެއަށް ޝާހިދު ވަދެގަތީ ހުއްދަ ނެތި ކަމަށް ވެސް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.
އެކަންކަން ފާހަގަ ކުރައްވައި، ފަނޑިޔާރު ޝުޖޫން ވިދާޅުވި ގޮތުގައި ނަޒާހާ އެ ހަމަލާދިނީ މެރުމުގެ ގަސްދު އޮވެގެން ކަމަށް ބެލެވެން ނެތް ކަމަށެވެ. ނަމަވެސް ގަސްދަކާ ނުލައި މެރުމުގެ އަދަބު ދޭން ޖެހޭތީ، އެ މައްސަލަ ދަށު ކޯޓަށް ތަހުވީލް ކުރަން ޖެހޭ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ. އަދި ފަނޑިޔާރު ޝުޖޫންގެ މި ރައުޔަށް ފަނޑިޔާރު މުހައްމަދު އިބްރާހިމް ވެސް ތާއީދު ކުރެއްވި އެވެ.
ހުކުމް އިއްވަމުން ގެންދިޔައިރު ނަޒާހާ ކޮންމެވެސް ވަރަށް ރޮމުން ދިޔަ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
ނަޒާހާ އުމުރަށް ޖަލަށްލީ ޝާހިދުގެ ވާރިސުން ގިސާސް ހިފަން ބޭނުން ނުވާ ކަމަށް ދަށު ކޯޓުގައި ބުނުމުންނެވެ. އަދި އޭނާ އުމުރަށް ޖަލަށްލި ނަމަވެސް ކުރީގެ ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނަޒާހާގެ އަދަބުން ފަސް އަހަރުގެ ޖަލު ހުކުމް އުނިކޮށް ދެއްވައިފަ އެވެ.
އެހެންކަމުން ދެން އިތުރަށް ނަޒާހާގެ ޖަލު ހުކުމުގެ ބާކީ އޮތީ ފަސް އަހަރެއްހާ ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނާރީ
16 February 2025
ލަމްހާ ހުރީ ގޭގަ .
ވަޞައީ ގާނޫން
15 February 2025
އިސްލާމްދީނުގައި ޝަރުޢީ ހުއްދައަކާ ނުލައި އިންސާނެއްގެ މަރު ހިފައިފި މީހެއްގެ އަދަބަކީ މަރު. މި މައްސަލާގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިބި އަޒްމިރަލްދާ އަދި ސުޖޫންގެ ރަޢުޔު އަކީ އިސްލާމީ ޝަރީއަތުގައި ބަލައިގަނެވޭނެ އެއްޗެއް ނޫން. ނަޒާހާ އިނޮސެންޓް ކޮށްފައި ކޮމެންޓު ކުރާމީހުންނަށް ހަލާކުހުރި. ޝާހިދު ކިޔާ މީހަކު މަރުވީ ނަޒާހާ ވަޅިން ހަމަލާދީގެން ކަން ނަޒާހާ މިނިވަންކުރަން ގޮވާ މީހުންނަށް ހަމަ ނޭގެނީތަ؟
ވަކީލްް
15 February 2025
ތިމާއަށް ރަނގަޅަށް ނޭގޭ ކަންކަމުގެ ޔެރެއަށްވަދެ ބަސްބުނުމަކީ ދެރަވަރު ކަންކަމެވެ. މިމައްސަލާގައި ހިމެނޭ ވާރިސުން ގިސާސް ހިފަން ނުވަތަ މަރަށް މަރު ހިފާކަށް ބޭނުމެއް ނުވެއެވެ. އެމީހުންވެސް ބޭނުންވްނީ ގާތިލަށް މާފުދީފައެވެ.
ވާންޗޯ
14 February 2025
އަންނި ވެރިކަމު ގައި 5 އަހަރު ކަޑާނުދެއްވާ ތޯ، ދެން ކެކްކޮލާ ގެން ބާކީ 5އަހަރު ނިމާލާ، މީހާރު 15 އަހަރު ވެސް ކެތް ކުރީޔެން
ސައިކިއެޓްރިސްޓް ގެ ބަސް
13 February 2025
ޑޮކިއުމެންޓު ހުށަނޭޅުނު ނަމަވެސް ފުރިހަމަ ސައިކިއެޓްރިކް އިވޭލުއޭޝަނެއް ހަދަން ކޯޓަށް އަމުރު ނުކުރެވުނީ ކީއްވެ؟ ބުއްދި އެކި މީހުންގެ ހަލާކުވެފަ ވާނީ އެކި ވަރަށް . 100% ގޮވާފަ ހުރި މީހަކު ފެނިއްޖެއްޔާ ކޮންމެ މީހަކަށް ވެސް އެނގޭނެ. އިތުރު މީހުން ގެއަށް ވައްދަން ފިރިމީހާ އުޅުނު ކަމަށް އަނބި މީހާ ބުނާ ބުނުމަކީ ވަރަށް ބޮޑު ރެޑް ފްލެގެއް. އެއީ ޕާސެކިއުޓަރީ ޑިލޫޝަން ގެ ވައްތަރެއް.
ނަރީމާބސ
13 February 2025
މި މައްސަލައިގަ އަޒްމިރަލްޑާ ގެ ރައުޔުގަ ބުނޭ ބޭރުގެ ވަރަށްގިނަ ގައުމުގެ ކޭސްތަކެއް. އެ އެއްވެސް ކޭސްއެއްގަ އެކަހަލަ ރިޕޯޓުތައް އެމޯހުން ހުށަހެޅީ ކޯޓުން އަމުރުކޮށްގެނެއްނޫން. މިމައްސަލައިގަ ހުކުމުގަ ބުނި ފުރަގަހުނނޭ ވަޅިހެރީ. އެވަޅި ހެރީމައޭ މަރުވީ. ސެލްފް ޑިފެންސް ނަގަންޏާ އެ ދިފާއުނަގާ މީހެއްގެ ކަމެއް ދިފާއުވެވެންހުރިގޮތްތައް ހޯދުމަކީ. މީހަކު މެރީމަވެސް އަދި ގާތިލު ކުށުން ބަރިއަކުރެވޭނެ ހުރިހާ ގޮތެއް ހޯދަދޭންވެސް ޖެހޭތަ ފާޑުފާޑުގެ އަމުރުކޮށް!
ޝެޒީ
13 February 2025
ކޮންމެ ދޮގެެއް ހަދާފަވެސް ބުނަންވީ ނަފްސާނީއޭ؟
ދައުލަތުގެ ވަކީލާ
14 February 2025
އަސްލު ދިފާއުން ނަގަން ޖެހެނީ ޓެމްޕަރަރީ އިންސޭނިޓީގެ ދިފާއު. ވަކި ގޮތަކަށް ވަޅި ޖެހުމެއް ނޫން. ބުއްދި ގޯސް މީހަކު ކޮންމެ ޕޮޒިޝަނަކުން ވެސް އެޓޭކް ކޮށްފާނެ. ބަލަންވީ އެކަން ކުރީ ކީއްވެތޯ. ޑެލިއުޝަން ގެ އަލާމާތް އެބަ ފެނޭ އަސްލު.
ފުރިޖަމަ
13 February 2025
ވަރަށް ފުރިހަމަ ހުކުމެއް. ސުޕރީމް ކޯޓުގެ މިހާރުގެ ބެންޗުން ކުރާ ހުކުމްތައް ބިނާކޮއްފަ ހުންނަނީ ވ އިލްމީ ދިރާސާ ތަކުގެ މައްޗަށް.
ޝުކުރު
13 February 2025
އޭނާ އުމުރަށް ޖަލަށްލި ނަމަވެސް ކުރީގެ ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނަޒާހާގެ އަދަބުން ފަސް އަހަރުގެ ޖަލު ހުކުމް އުނިކޮށް ދެއްވައިފަ އެވެ.
ޕުޗުސް
13 February 2025
އަހަރެން މި އިންނަނީ ކަރެކްޝަނުގެ އޮފިސަރު ފެނި ބިރުން ހަލާކުވެފައި... ޖަލަށް ދާން ދުވަހަކުވެސް ބޭނުމެއް ނޫން...
ފުލް ބުރައިޓު
14 February 2025
އެ މަންޖެ އެވަގުތު އެހެން ފުފިލައިގެން އިނަސް އަސްލު ވަރަށް ލޯބި މަންޖެޔެއް އެއީވެސް.
ޙުކުމްބެ
13 February 2025
އަހަނ...އިބުރާހީމާ އެ ފޭބީ މި ހުކުމުން ވެސް ފަސް އަހަރު ކައިފަ. މި މީހަކު މަރައިގެން ޖަލުގަ ހުރި މީހެއް. ކީކޭ ބުނާނީ ދެން.
ބުރުގާ
13 February 2025
ރަގަޅު ނިންމުމެއް.!!!!
ސޫޖީން
13 February 2025
ފުރަގަސްދީފަ ސިޑިން ފައިބައިގެން ދާ މީހެއްގެ ބުރަކަށްޓަށް ވަޅިޖެހީމާ ގަސްދު އޮތްތޯ ސުވާލު ކުރާނީ ވަޅިޖެހި މީގާތަކު ނޫނެވެ. އެސުވާލު ކުރާން އެންމެ އުލާންކަން ބޮޑީ މަރުވި މީހާއާއެކެވެ. ނާ އެއްޗެކޭ ނުބުނާ ވަރެއް ނޫނެއްނު.