ޕޮލްކޯގެ އޮފީސް
19 ފެބުރުއަރީ 2025 - 16:31
ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ، ފުލުހުންގެ ވެލްފެއާ ކޯޕަރޭޝަން، ޕޮލްކޯގެ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މީގެ އިރުގަނޑެއް ކުރިން ވަދެއްޖެ އެވެ. މީގެ ކުރިން ވެސް ހަމަ އެއް މައްސަލަތަކެއްގެ ތަހުގީގަށް އޭސީސީން ޕޮލްކޯ އަށް ވަދެފައި ވެ އެވެ.
މައުލޫމާތު އެނގޭ ކަމާ ގުޅޭ އިސް އޮފިޝަލަކު ވިދާޅުވީ، އިސްކަންދަރު ކޮށީގައި ހުންނަ ޕޮލްކޯގެ އޮފީހަށް އޭސީސީގެ ޓީމުން މިއަދު މެންދުރުފަހު ވަދެ، އެ ކޮމިޝަންގެ ތަހުގީގަށް ބޭނުންވާ ލިޔުންތައް މިހާރު ދަނީ ގެންދަމުންނެވެ.
"މިހާރު ވެސް އެ ޓީމު އެބައުޅޭ ޕޮލްކޯގައި،" އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
ޕޮލްކޯ އަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރަނީ ފުލުހުންނަށް ފްލެޓް އެޅުމުގައި ހިންގާފައިވާ ބައެއް ކަންތައްތަކާ ގުޅިގެންނެވެ. އެ ކޮރަޕްޝަންގައި ފުލުހުންގެ ބައެއް އިސް ވެރިންގެ ޝާމިލުވުން ބޮޑުކަން ފާހަގަކުރެވޭ ކަމަށް އެ މައްސަލަތައް ބަލާ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ވެސް މި ހަފުތާގައި ވަނީ ބުނެފަ އެވެ. އެހެންވެ އެ މައްސަލަ ބަލާއިރު، އެ ބޭފުޅުން މަގާމުތަކުގައި ތިބެވިދާނެ ކަމާ މެދު އެ ކޮމިޓީގެ މެމްބަރުން މިހާރު ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ.
އެ ކޮމިޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ޒިންމާދާރު މަގާމުތައް ކަމަށްވާ އެސިސްޓެންޓް ކޮމިޝަނަރުންނާއި ޑެޕިއުޓީ ކޮމިޝަނަރުންނަށް ތިއްބެވި ބޭފުޅުން ވެސް ފޮލްކޯއިން ހިންގި ކޮރަޕްޝަންގައި ބައިވެރިވެފައިވާކަން އޮޑިޓް ރިޕޯޓުން ފާހަގަކުރެވޭ ކަމަށެވެ.
"އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގެ ޗާޓު އެކެއްގައި މުހިއްމު 16 އިވެންޓެއް އެބަ އޮވޭ. އޭގެ މަރުހަލާތަކުގައި އެބޭފުޅުން [ފުލުހުންގެ އިސްވެރިން] އެބަތިބި ބައިވެރިވެފައި. އަޅުގަނޑަށް ގަބޫލުކުރެވެނީ އެ މައްސަލައިގެ ކަންކަން ކުރިއަށްދާ އިރު އެ ބޭފުޅުން އެ މަގާމުތަކުގައި ތިބެގެން ކުރިއަށް ދާނީތޯ ނުވަތަ ނޫންތޯ އެބަޖެހޭ ނިންމަން،" މިދިޔަ އާދިއްތަ ދުވަހުގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވި އެވެ.
ފުލުހުންގެ ފްލެޓްތަކާ ގުޅޭ ރިޕޯޓުގައިވާ ގޮތުން ފްލެޓްތަކުގެ މަޝްރޫއުގެ އެގްރީމެންޓް ތިން ފަހަރެއްގެ މަތިން ބަދަލުކޮށް، މަސައްކަތުގެ އަގަށް 122 މިލިއަން ރުފިޔާ އިތުރުކޮށް މަސައްކަތް ނިންމަން ކަނޑައެޅި ތާރީހު 54 މަހަށް ދިގު ދަންމާފައިވެ އެވެ. އެ ޕްރޮޖެކްޓް އެންމެ ފުރަތަމަ ހަވާލުކުރީ 580 މިލިއަން ރުފިޔާ އަށް ދެ އަހަރު ތެރޭ ނިންމަން، ނޫމަޑި ކުންފުންޏާ އެވެ. އެކަމަކު މަސައްކަތް ނިމުނު އިރު އެ ޕްރޮޖެކްޓަށް އެއް ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.
އޮޑިޓާ ޖެނަރަލް ހުސައިން ނިޔާޒީ މާލިއްޔަތު ކޮމިޓީގައި ފުލުހުންނާ ހަވާލާ ދެއްވައި ވިދާޅުވީ، ފުލުހުންގެ މެނޭޖްމަންޓާ ވެސް އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ޓީމުން ބައްދަލުކުރި ކަމަށާއި އެކަމަކު ޕޮލްކޯގެ ސާވާއެއްގެ މައްސަލަ ޖެހިފައި ހުރުމުން ލިޔެކިޔުންތައް މިހާރު ފެންނަން ނެތް ކަމަށެވެ.
"އޮޑިޓުގެ ސްކޯޕުގައި އަޅުގަނޑުމެން ހިމެނިން މަޝްރޫއުގެ ބިޑް ކުރުމުގެ ކަންކަން ހިނގާފައި އޮތީ ކިހިނެއްތޯ؟ އެހެން ނަމަވެސް މަޝްރޫއު ފެށިފައި އޮތީ 2013 ގައި. ދެން ޕޮލްކޯއާ މެނޭޖްމަންޓާ ބައްދަލު ކުރުމުން އެ ބޭފުޅުން ވިދާޅުވީ ލިޔުންތަކެއް އެ ބޭފުޅުން އަތުގައި މިހާރު ނެތް ކަމަށް. ސާވާއަށް ދިމާވި މައްސަލައެއްގެ ސަބަބުން،" ނިޔާޒީ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައުކަލޯ
20 February 2025
އެފްބީ އައިޑީ، މިފްކޯ، އެމްއެމްޕީ އާރްސީ ސިޓުއޭށަން ރިޕީޓިން އިޓްސެލްފް!
ހުސަ
20 February 2025
އޭސީސީއަށް ދެން ފުލުހުން ވަންނަންވީ ކޯޓް އަމުރު ހިފައިގެން! އަނެއްހެން ގޯހެއްނޫން! ރާއްޖޭގެ ކަންކަން މިދާގޮތް! ކަންކަން ބަލާ ހަމަޔަކަށް އަޅުވަން ހުންނަ މުއައްސަސާތަށް ހަމަޔަށް އަޅުވަން އެއް މުއައްސަސާއިން އަނެއް މުއައްސަސާއިން އުޅޭތަން މިފެންނަނީ! މިއީ ރައިސް މައުމޫނުގެ ޒަމާނުގައި ހިނގާފައިވާ ކަންތައްތަކެއްނޫން! އޭރުވެސް ވައްކަންކުރޭ ކޮރަފްޝަން އިންތިހާއަށް ބޮޑު! މުއައްސަސާތަކުގެ އަގު ހިފެހެއްޓޭގޮތަށް ކަންކަން ބަލާ ތަހްގީގުކޮށް ފިޔަވަޅުއެޅީއޭރު!
ޖަމަލު ފޮޑި
20 February 2025
ދައުލަތުގެ ކޮންމެ މުއައްސަސާ އަކަށް ޖަމަލެއް ހޯދާފަ.. ދެން އެންމެ ބާރަށް ފޮޑި ޖެހެނީ ކޮން ޖަމަލަކަށް ތޯ ބަލާބަލަ.
ކަމުދާ މީހެއްނޫން
19 February 2025
މާ ކަމުދާ މީހެންނޫން އޭ ސީ ސީ ގައި ހުރީކީ !ނާޒިމް އެއްޗެކޭ ބުނެލީމަ އެދިއައީ ފައިލްކޮޅު ހިފައިގެން ދެން ބާރު ގަދަހެން ހީވާކޮޅެއް ރުހޭގޮތަށް ނިތްމަދޭނެ !
އިންބާ
19 February 2025
މިކަހަލަ ކިތައް އާޓް ތިދައްކަނީ، ވީކޮންކަމެއް.
ފުލުސް
19 February 2025
މިއީ ބޭކާރު ވާހަކަ.... މިރާއްޖޭގެ ޖަލެއްގަ މަދުވާނެ ސަރުކާރު އޮފީހަކުން ކޮރަޕްޝަން ހިންގައިގެން ހުކުމްކޮށް ޖަލަށް ލެވި ހުކުމް ތަންފީޒުކުރާ މީހެއް. އެކަމަކު މިތާ ހުރިހާ އޮފީހަކުން ވެސް މި ހިންގަނީ ކޮރަޕްޝަން އިންތިހާއަށް. ހަރާމެއް ހަލާލެއް ބަލަނީ ކީ ނޫން.
ސީޒަން ޖެކްޝަން
19 February 2025
ނިކަން ބާރަށް ވަންނާނެ. އެކަމަކު އެއްޗެއް ނުފެނިގެން ކަރުވަތަށްޖަހައިގެން ނުކުންނާނީ. ލިޔުންބޮނޑިއެއް ގެންދާނެ ކަންކުރާކަން ރައްޔިތުންނަށް ދައްކާލަން.
ޢަލީ ކުރުސީ
19 February 2025
އައްދޭ ހާދަ އަވަހަކަށް؟ މިހާރު ދެތިން ހަފްތާ ވެއްޖެ ތިޔަ މަޝްރޫޢުގެ ކޮރަޕްޝަނުގެ ވާހަކަ ދައްކާތާ! މިހާ އަވަހަށް ވަނީމަ އެ ފައިލްތައް ފޮރުވާ، ޑިލީޓްކޮށް، ވީދާ ކުދިކުދި ކުރާނެ ވަޤުތެއްވެސް ރަގަޅަށް ނުލިބޭނެ ނުން؟
ބުހާރީ
19 February 2025
ހާދަ އަވަސްއަރުވާލައިގެންމިގެންދަނި. އެތާކުނުހުންނާނެ ހެކިހޯދޭނެ އެއްވެސް ލިއުމެއް، ހުސް ތޮށިގަނޑު އޮންނާނީ.
ފޯވިންޑް
19 February 2025
މަޖީދީމަގުގައި ހުންނަ ޕޮލިސް ގެ ފޯވިންޑް އިމާރާތުގެ ލިޔެކިޔުންތައްވެސް ހޯދާ، އެތަން ހަދާ އެނިމުނީ 13 އަހަރުން. 2000 އަކަފޫޓު ތަންކޮޅެއް 13 އަހަރުން ހެދޭނީ ހާދަ އެއްޗެއް ހަރަދު ކޮށްގެންތާ... ހަހަހަހަހަހަހަ
ސާަދު
20 February 2025
އެސްޖޭ މީހުން ނާ ނުކުޅޭ އެމީހުން ހައްޤު ފައިސާ ހުރިހާ ވެރިކަމެއްގެގައި ވެސް ހޯދާނެ. ލަސްވީ ޕޮލިސް ނޫނޫ ކޮންޓްރެކްޓް ދިން ފަރާތުގެ މައްސަލައަކުން: އަދި މިޤައުމުގައި އެސްޖޭއިން ވެރިކަން ކުރަން އޮތީ.
އެނަލިސްޓް
20 February 2025
އެސްޖޭ އެއް ޕީޖޭ އެއް ކިޔާނެ ކަމެއް ނެތް، މިއުޅެނީ ނުހައްޤުން އެއްވެސް ކަމެއް ކޮށްފައި އޮތިއްޔާ އެކަމެއްގެ ތަޙްޤީގުކޮށް މިކަހަލަ ކަންކަން އެއްކޮށް ހުއްޓުވާލަން.