22 ފެބުރުއަރީ 2025 - 07:51
މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ ދަށްވެފައި ވިޔަސް، ދައުލަތުގެ ހިންގުމުގެ ހަރަދުތައް ކުޑަކޮށްގެން، މި އަހަރުގެ ބަޖެޓު އަދި އޮތީ 1.4 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައި ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ ފެބްރުއަރީ 13 ވަނަ ދުވަހާ ހަމައަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 4.8 ބިލިއަން ރުފިޔާ އެވެ. ނަމަވެސް، މި އަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ 4.4 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.
މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު ޓެކްސް އާއި ޓެކްސް ނޫން އާމްދަނީ ވެސް ވަނީ ކުޑަވެފަ އެވެ.
މިދިޔަ އަހަރު ޓެކްސްގެ ގޮތުގައި ލިބުނު 4.1 ބިލިއަން ރުފިޔާ، މި އަހަރު ވަނީ 3.9 ބިލިއަނަށް ވެއްޓިފަ އެވެ. ޓެކްސް ނޫން ގޮތް ގޮތުން ލިބުނު އާމްދަނީ 718.7 މިލިއަން ރުފިޔާ އިން، މި އަހަރު 541.3 މިލިއަން ރުފިޔާ އަށް ވަނީ ތިރިވެފަ އެވެ.
ނަމަވެސް، އާމްދަނީ ދަށްވުމުގެ އަސަރު ދައުލަތުގެ ޖުމްލަ ހަރަދުން ސަލާމަތް ކޮށްގެން ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ.
މިގޮތުން، މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖުމްލަ ހަރަދުގެ ގޮތުގައި ހުރި 4.1 ބިލިއަން ރުފިޔާ، މި އަހަރު ވަނީ ތިން ބިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ.
ޖުމްލަ ހަރަދުން ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ ސަލާމަތްކޮށްފައިވަނީ، ރިކަރަންޓު ހަރަދުތައް ވެސް ކުޑަކޮށްގެންނެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ރިކަރަންޓު ހަރަދަށް 3.27 ބިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ. ނަމަވެސް، މި އަހަރުގެ މިހާތަނަށް އެ ހަރަދުތައް ވަނީ 2.87 ބިލިއަން ރުފިޔާއަށް ތިރިކޮށްފަ އެވެ.
މި ހަރަދުގެ ތެރޭގައި މުސާރަ އާއި ޕެންޝަނަށް ކުރާ ހޭދަ މިދިޔަ އަހަރަށް ވުރެ 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިތުރުވެފައިވިޔަސް، ޖުމްލަ ރިކަރަންޓު ހަރަދު ކުޑަކޮށްފައިވަނީ އިދާރީ އަދި ހިންގުމުގެ ހަރަދުތައް ކުޑަކޮށްގެންނެވެ. މިގޮތުން، މިދިޔަ އަހަރު 2.18 ބިލިއަން ރުފިޔާ އިދާރީ އަދި ހިންގުމުގެ ހަރަދުތައް ހޭދަކޮށްފައިވާ އަދަދު، މި އަހަރު ވަނީ 1.73 ބިލިއަން ރުފިޔާއަށް ކުޑަކޮށްފަ އެވެ.
ނަމަވެސް، ހަރަދުތައް މި މިންވަރަށް ކުޑަވުމުގެ ހިއްސާ އެންމެ ބޮޑީ، ކެޕިޓަލް ހަރަދުތައް ދަށްވުމެވެ.
މިދިޔަ އަހަރު ކެޕިޓަލް ހަރަދުގެ ގޮތުގައި ހުރި 855.8 މިލިއަން ރުފިޔާ، މި އަހަރު ވަނީ 169.8 މިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ.
އުމްރާނީ ތަރައްގީ (ޕީއެސްއައިޕީ)ގެ މަޝްރޫއުތަކަށް ބަލާ ނަމަ މިދިޔަ އަހަރު ހުރި 819.4 މިލިއަން ރުފިޔާއިން މި އަހަރު ވަނީ 324.8 އަށް ވެއްޓިފަ އެވެ.
އެއާ އެކު، މިދިޔަ އަހަރާ އަޅާބަލާއިރު، ފެބްރުއަރީ 13 ވަނަ ދުވަހާ ހަމައަށް، ދައުލަތުގެ ޖުމްލަ ހަރަދަށް ވުރެ އާމްދަނީ 1.4 ބިލިއަން ރުފިޔާ އިތުރު ކަމަށް މާލީ ހިސާބުތަކުން ދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސާ ޔައިޝް
23 February 2025
ދައުލަތެއްގެ ސިފައިގައި ގައުމު ހިންގާތަން މި ފެންނަނީ. މިދިޔަ ސަރުކާރުތަކުން މިސްމެނޭޖް ކުރި ކަންކަން ހަރުދަނާ ކުރަމުން އަދުގެ ސަރުކާރުން ދާތަން މި ފެންނަނީ
ނޫޙުް އިބްރާހިމް
23 February 2025
ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ގައުމުގެ އިގްތިސާދާށް ހެޔޮ ބަދަލް އަންނަން ފަށާފައިވާތަން މި ފެންނަނީ.
ގުޑް
22 February 2025
މި އަހަރާ އަންނަ އަހަރުގެ ބޮޑު ދަރަނި ދައްކާ ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓު ހިފެހެއްޓޭނީ ހަރަދު ކުޑަކޮއްގެން އެހެން ނޫނީ ދައުލަތް ދަރަނިވެރި ވެރި ސޮވެރިން ޑިފޯލްޓަކަށް ގޮސް ދިވެހި ރާއްޖޭގެ ކުރެޑިޓް ރޭޓިންނަށް ލިބޭ ގެއްލުން އެތައް އަހަރަކަށް ދެމިގެންދާނެ ސާޕުލަސް ވުމަކީ ރަނގަޅު ކަމެއް
އަހުމަދުު
22 February 2025
ކޮބާ ކޯޓުތަކާ ރަށު އޮފީސްތަށް އެންދި މީހުންތަށް، ޕާޓީގެ ހިލަމެއްވެސް ނުވޭދޯ މިހާރު
ކޮސް
22 February 2025
ދިވެހި ރައްޔިތުން ހޮވ ރައީސްގެ ނާގާބިލުކަމުން ޤައުމު ވަނީ ދަށު ހާލަތަކަށް ބަދަލުކޮށްފަ. ކިތަންވެ ވަރަކަށް ރައީސްގެ ދިފާޢުގައި ލިޔުނަސް , އެންމެނަށް ޙަޤީޤަތް އެނގިއްޖެ.
ކެކެކެކެކެކެކެ
22 February 2025
ހުރިހާ އުމްރާނީ ތަރައްގީގެ ލާރިއެއް ނުކޮއް! ސާޅީ!
ތެލި
22 February 2025
ޕީއެސްއައިޕީ އަދި ކެޕިޓަލް ޚަރަދުތައް ކުޑަވުމުގެ މާނައަކީ ތަރައްގީގެ މަސްރޫޢުތައް މަޑުޖެހިއްޖެއޭ، އެކަމަކު ރައީސް ވިދާލުވަނީ ދިމާ އިދިކޮޅަށް
ސުފްޔާން
22 February 2025
އަހަރުމެން އުފާ ކުރަން ނާގާބިލު ބައެއް ވެރިކަމަށް ނުހޮވުނީމަ. މުޅިގައުމު ލޫޓުވާލާފަ ދިޔަ ބަޔަކަށް ދެން ދޭނެ ވެރިކަމެއް ނޯންނާނެ. މިއަދު ދައްކާ ވާހަކައިން އެއްވެސް އިހުލާސްތެރިކަމެއް ނުފެނޭ
ފާއިދް
22 February 2025
މިތާ ކޮމެންޓު ކުރާކުދިން މިހާރު ހަދާން ނެތިއްޖެ އެމްޑީޕީ މިގައު ޖައްސާލާފަ ދިޔަ ބިކަހާލެއް. މުއިއްްޒުގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން އިގްތިސޯދް ހަމަޔަކަށް އެޅިގެންދާތަން ފެނިގެންދޭ
ރާހިލްް
22 February 2025
މިވަރުން ދަންޏާ މިގައުމުގެ މުސްތަގުބަލު ވަރަށް އުޖާލާކޮށް ފެނިގެންމިދަނީ