ފަނޑިޔާރު ސުއޫދު: ފަނޑިޔާރު ސުއޫދަކީ އެކްޓިވިސްޓެއް ކަމަށް މަޖިލީހުގައި މިއަދު ވަނީ ސިފަކޮށްފައި
25 ފެބުރުއަރީ 2025 - 14:47
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދަށް ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ބައެއް މެންބަރުން މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ ފަނޑިޔާރުން ވަކިކުރަން ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު ކޯޓުތަކުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ސުޕްރީމް ކޯޓަށް އެކްޓިވިސްޓުން އައްޔަން ކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވާހަކަ އެމްޑީޕީގެ މެންބަރުންނަށް ނުދެއްކޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުގެ ބެންޗުގައި އެކްޓިވިސްޓުންގެ ގޮތުގައި ބޮޑު ބަނޑާރި ހެދިގެން އުޅުނު މީހުން ވެސް އެބަ ތިބި ވާހަކަ ފާހަގަ ކުރަން. އެއީކީ ސުޕްރީމް ކޯޓު އުފެއްދިއިރު މަހުފޫމް އޮތް ގޮތެއް ނޫން. އެކްޓިވިސްޓުން ސުޕްރީމް ކޯޓަށް ލީމަ ދެން އަންނާނެ ނަތީޖާ މިހާރު ވެސް ފެންނަ ކަމުގެ މަލަމަތި ފެންނާތީ އެ ވާހަކަ ދަންނަވާލީ،" ތޯރިގު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވެސް ވަނީ ފަނޑިޔާރު ސުއޫދަށް ފާޑު ވިދާޅުވެފަ އެވެ. އޭނާގެ މައްޗަށް ކުރީގެ ސުޕްރީމް ކޯޓުން 25 އަހަރުގެ ޖަލު ހުކުމެއް ބޭ އިންސާފުން އިއްވިއިރު، އޭނާގެ ވަކީލެއްގެ ގޮތުގައި ހުންނެވީ ސުއޫދު ކަމަށާއި އެހެންވެ، ސުޕްރީމް ކޯޓަކުން ކަން ނުކުރަންވީ ގޮތް ސުއޫދަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނަމަވެސް، މިހާރު ފެނިގެންދަނީ ސިޔާސީ އޮއިވަރުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޖެހިފައިވާ މަންޒަރު ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ، ސިޔާސީ ހުކުމްތައް ނެރެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނާޒިމް ވަނީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލް ކުރަން ހުށަހަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދާތީ އެކަމަށް ވެސް ފާޑު ވިދާޅުވެފަ އެވެ. ނާޒިމް ވިދާޅުވީ މަޖިލީހުގެ އިމްތިޔާޒާ މެދު ވެސް ސުޕްރީމް ކޯޓުން ސުވާލު އުފައްދާފައިވާ ކަމަށެވެ. އެކަން އޭނާ ފާހަގަ ކުރެއްވީ ޝަރީއަތުގައި ފަނޑިޔާރު ސުއޫދު ކުރެއްވި ބައެއް ސުވާލުތަކާ ގުޅިގެންނެވެ.
"މިހާރު މިއޮތް ސުޕްރީމް ކޯޓުން ސުވާލު އުފެއްދި ތަން ފެނިގެންދިޔަ. އެ ސުވާލަކީ ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވަނިކޮށް އެ ދީނަކީ އިސްލާމް ދީން ނޫން ކަމަށް މަޖިލީހުން ނިންމައިފި ކަމަށްވާ ނަމަ ދެން ވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެތޯ. އެ ބާބުގައި ވެސް އެބަ ބުނޭ އިސްލާމް ދީނާ ހިލާފުނުވާ ގޮތުގެ މަތިން ގާނޫނު ހެދުމާއި ގާނޫނު އިސްލާހު ކުރުމަކީ މަޖިލީހުގެ ބާރެއް ކަމަށް،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އެފަދަ ސުވާލުތައް ސުޕްރީމް ކޯޓުން އުފެއްދުމަކީ ވިސްނާލަން ޖެހޭ ކަމެއް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނަން މިއީ އެންމެ މުނާސަބު ދަނޑިވަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސިޔާސީ ވެރިން ޖަހާ ބެރުތަކަށް ނެށުމަށް ތައްޔާރަށް ތިބިކަމުގެ ސިގްނަލްތައް ދެމުންދާ ތަން ފެންނަނީ،" ނާޒިމް ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ބެންޗްގެ އަދަދު ފަހަކަށް މަދުކުރަން ހުށަހެޅި ބިލްގެ ބަހުސްގައި މިއަދު ވާހަކަ ދައްކަވާފައިވަނީ ޕީއެންސީއަށް ނިސްބަތްވާ އެންމެ ތިން މެންބަރުންނެވެ. އެއީ ނާޒިމްގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ. އެ ތިން ބޭފުޅުން ވެސް ވަނީ ބިލަށް ތާއިދު ކުރައްވައިފަ އެވެ.
އެމްޑީޕީގެ ގިނަ މެންބަރުން ބަހުސްގައި ބައިވެރިވިއިރު، އެ ހުރިހާ މެންބަރުން ވެސް ވަނީ ބިލާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. މެންބަރުން ވިދާޅުވި ގޮތުގައި މަޖިލިސް މެންބަރުންނާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް ބެންޗް ބަދަލުކުރުން ވާނީ ސީދާ ނުފޫޒު ފޯރުވުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަހަހިތި
27 February 2025
ބޯހިޔާވަހިކަމެއް ރާއްޖޭގެ އެއްވެސް ތަނަކުން ލިބިފައިނުވާ ނިކަމެތިން ހާލުގައި ތިއްބާ ރިޝްވަތުގެބާރުން އަމިއްލަ ރަށުން 5000އަކަފޫޓަށްވުރެ ބޮޑު ބިން ހޯދައި އަދި ކައިރީގައޮތް ހުސް ބިންވެސް އިތުރުކުރުވައި ގެ ކުއްޔަށްދިނުމަށްފަހު، ހުޅުމާލެއިން ލަގްޒަރީ އެޕާރޓްމަންޓް ގަނެގެން 18އަހަރުން ދަށުގެ ހުރި އެންމެ ދަރިއާއެކު އެތަނުގައި ދިރިއުޅެމުން ދާމީހާއަށް ފްލެޓް ކަށަވަރު ކުރެވުނުއިރު ރައްޔިތުންނަށް އިންޞާފު ހޯދައި ދިނުމަށްކުރި މޮޅު ތަހުގީގުކުރީ ކިހިނެތް ؟
އަންދަލޫސިޔާ
27 February 2025
މިއީ މިހާތަނަށް ރާއްޖެދުށް އެންމެ އިންސާފުވެރި، އެންމެ ނަޒާހާތްތެރި ސްޕްރީމް ކޯޓް ބެންޗް. ޤާނޫނީ ދާއިރާގެ ވަރަށް ގިނަ ބަޔަކު މިކަމަށް އެއްބަސްވާނެ. ސަރުކާރަށް ޘަނާ ކިޔައި ދެއްވީމައި ކައިގެން އުޅޭ ފަރާތްތަކަށް، ވެފައިވާ މަޖުބޫރަކުން، މި ސްޕްރީމް ކޯޓް ކަމުނުގޮސްދާނެ.
ޢަހިސަން ފަލީ
26 February 2025
ޓަރަމްޕް ހެދިގޮތަކީ އައިސީސީ ގެ ފަޑިޔާރުންނާ ކޯޓް އަދި ކޯޓަށް އެހީތެރިކަމެއްދޭ މީހަކުވެސް ސަލާމަތުން ނުހުރެވޭ ވަރުކޮށްލީ އެވެ. ޢެެއީ އިޒުރޭލާ ދެކޮޅަށް ހުކުމެއް ނެެރުނީމައެވެ. ޜާއްޖޭގައިވެސް އެހެންވާން އުޅޭތަންފެންނަން އުޅޭވައްތަރު އެބަޖަހައެވެ!
ނާއިމ
26 February 2025
ސުޢޫދަކީ ކިތަންމެ ޢިލްމީ މީހަކަސް އެއީ ހަމަ އެމްޑީޕީގެ އެކްޓިވިސްޓެއް. ހަމަސީދާ އެކްޓިވިސްޓެއް ހުސްނުއްސޫދަކީ ރަތްލާޖެހި އެކްޓިވިސްޓެއް
އަބުދުލް ޤާދިރު
25 February 2025
ޔާމީނަށް ރިޔާސީ އިމްތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ސްޕްރީމް ކޯޓުން ނިންމި އިރު މި މީހުންނަށް ހުސްނުއްސުޢޫދު ވަރުގެ ބަޠަލެއް ނެތް. އެކަމަކު މިހާރު އެކްޓިވިސްޓެއް. ލަދުގަނޭތަ؟
12321
25 February 2025
މީނަ މިއީ މޑޕ ގެ އެކްޓިވިސްޓެއް، މީނަ މޑޕ ދިދަހިފައިގެން ޔެލޯހެދުން ލައިގެން މަގުމަތީގަޔާ ބޮއްކުރާ ތަކުގަ ޕާޓީ ހަރަކާތުގަ އުޅެނިކޮށް
ރާވެރިބެ
25 February 2025
އެިކްޓިވިސްޓެއް ނޫނީ ކާކު؟ މުޅި ސަރުކަރާއި ސަރުކާރުގެ ކުންފުނިތަށް ހިންގަން ތިބީ ހުސް އެކްޓިވިސްޓުން. މުޅި މަޖިލިސްގަ ތިބި އެކްޓްވިސްޓުން. ހުރިހާ މިނިވަން މުއައްސަސާއަށް ލަނީ އެކްޓްވިސްޓުން. ވީއިރު ކޯޓުގަ އެކްޓިވިސްޓެއް އެބަހުއްޓޭ ގޮވާނެ ބޭނުމެއް އެބަ އޮތްތަ؟ ކޮރަޕްޓްވެ ވަކި ފަރާތަކަށް ބުރަވާ ނުވަތަ ފައިސާއަށް ހެއްލޭ ފަނޑިޔާރަކަށް ވުރެ އަދުލުވެރި އެކްޓިވިސްޓެއް މާރަގަޅު.
ޢަހު
26 February 2025
ބޭފުޅާ ޝަރުޢީ ކޯޓް ތަކަކީ ސިޔާސީ އެކްޓިވިސްޓުން ލވައްދާ ތަނެއްނޫނޭ
ނިޔާން
25 February 2025
ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް 15 މަސްދުވަސް ވީއިރު ދިވެހިރާއްޖޭގެ ސްޕްރީމްކޯޓްގެ ފަނޑިޔާރުންގެ ވާހަކަ ދައްކާ އަޑެއް ނީވެ ހުރެފަ ކުއްލިއަކަށް ސްޕްރީމްކޯޓުގެ ފަނޑިޔާރުންގެ ވާހަކަ ދެއްކުމާއި ސްޕްރީމްކޯޓުގެ ފަނޑިޔާރުންގެ ޢަދަދު މާއަވަސް އަރުވާލައިގެން މަދު ކުރަން މިއުޅެނީ ސްޕްރީމްކޯޓުން ކޮންކަހަލަ އާދަޔާއި ޚިލާފު ޙައެރާންވާ ވަރުގެ ކަމެއް ކޮށްގެންތޯ ސުވާލު އުފެދެއެވެ. ހުރިހާ ފަރާތަކުން މިޤައުމުގެ ހަމަޖެހުމަށް ލޯބި ކުރަމާތޯއެވެ.
ސާރަ
25 February 2025
ތިމާމެންނަށް މިކުރެވެނީ ކީއްކަން ނޭގި އަތުން ގޯސްހެދި އަމިއްލިޔަށް ބަދެވިގެން ދާތަން ދެން ފެންނާނީ
ހަންޓޯ
25 February 2025
ފަނޑިޔާރު ހޯސްނަމަ, ފަނޑިޔާރު ބަދަލު ކުރާނީ, ފަނޑިޔާރުގެ އުވާލަންވީތޯ,? މަޖިލިސް މެންބަރުން މަދުކޮށްދީބަލަ ކަމެއްކުރާނަމަ, 30 ޕީއެންސީ މެންބަރުން ވަކި ކޮށްދީ.