ފިލްޒާ މީގެކުރިން ސުޕްރީމް ކޯޓުގެ އަޑުއެހުމަކަށް ވަޑައިގަންނަވަނީ: ބިލް އޮތް ގޮތުން ފަނޑިޔާރުން ވަކިކުރުން މަޖުބޫރުވެ އެ ހާލަތު އުފެދިގެން ދިޔުން އިންސާފުވެރި ނޫން ކަމަށް އޭނާ ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު
26 ފެބުރުއަރީ 2025 - 00:00
ފަނޑިޔާރުންތަކެއް ގާބިލް ނޫން ކަމަށް ކަނޑައަޅަންޖެހޭ ފަދަ ހާލަތެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މައްޗަށް އުފައްދައި، ފަނޑިޔާރުން މަގާމުން ވަކިކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދުކޮށް، ދެ ފަނޑިޔާރެއް މަގާމުން ވަކި ކުރަން ލާޒިމްވާ ގޮތަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު މިއަދު މަޖިލީހުން ވަނީ ބަލައިގެންފަ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ޖުޑީޝަލް ކޮމިޓީން ވެސް ވަނީ ބިލް ފާސްކޮށްފަ އެވެ.
ނަމަވެސް، ކޮމިޓީން ބިލް ފާސްކުރި ފަހުން ފިލްޒާ ވަނީ އެ ބިލާ ގުޅޭ ގޮތުން ބައެއް ލަފާ އަރުވައިފަ އެވެ. ފިލްޒާ ދެއްވި ލަފާގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނުއަސާސީގައި ކަނޑައަޅާފައި ނެތް ކަމަށާއި އަދި އެ އަދަދު އެހެން އޮނަހިރި އަދަދަކަށް ބަލުކުރުމަކީ އޭގެ ޒާތުގައި ސީދާ ގާނޫނުއަސާސީއާ ތައާރަޒުވާކަމެއް ނޫން ކަމަށެވެ.
ނަމަވެސް ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް ބަދަލުކުރުމަށް ހުށަހަޅާފައިވާ ގޮތަކީ އެ މަގާމުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ބައެއް ފަނޑިޔާރުން މަގާމުން ވަކިކޮށްގެންކަން ފިލްޒާ ފާހަގަކުރެއްވި އެވެ. އެއީ އެންމެ އިންސާފުވެރި ގޮތް ކަމާ މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަޖިލީހުން ފާސްކުރާ ގާނޫނަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަށް ގެނެވޭ ބަދަލަކާ ގުޅިގެން އެ އަދަދަށް ތަބާވުމަށްޓަކައި، އެ ބޭނުމަށްޓަކައި، އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެ ފަނޑިޔާރެއްގެ ގާބިލުކަމާ މެދު ޖޭއެސްސީން މަޖިލީހުގައި ސުވާލު އުފައްދާފައި ނުވާ ފަނޑިޔާރުންތަކެއް ގާބިލް ނޫން ކަމަށް ކަނޑައަޅަންޖެހޭ ފަދަ ހާލަތެއް ކޮމިޝަނުގެ މައްޗަށް އުފެދި، އެ ފަނޑިޔާރުން މަގާމުން ވަކިކުރުމަކީ އިންސާފުވެރި ގޮތެއްކަމާ މެދު ސުވާލު އުފެދޭ،" ފިލްޒާ ވިދާޅުވި އެވެ.
އެހެން އޭނާ ވިދާޅުވާ ސަަބަބެއް ކަމަށް ފާހަގަކުރެއްވީ ފަނޑިޔާރުން މަގާމުން ވަކިކުރުމާ ގުޅޭ ތަފްސީލީ އިޖުރާއާތުތަކެއް ޖޭއެސްސީގެ ގާނޫނުގައި ބަޔާންކޮށްފައިވާތީ އެވެ. އެގޮތުން، ފަނޑިޔާރަކު މަގާމުން ވަކިކުރުމުގެ މަރުހަލާ ފެށިގެން އަންނަނީ ފަނޑިޔާރަކާ ބެހޭ ގޮތުން ހުށަހެޅޭ ޝަކުވާއަކާ ނުވަތަ ތުހުމަތަކާ ގުޅިގެން، ނުވަތަ ވަކި ފަނޑިޔާރެއްގެ ސުލޫކާ ބެހޭގޮތުން ސުވާލު އުފެދޭ ސަބަބުތަކެއް ހުރި ކަމަށް ކޮމިޝަނަށް ގަބޫލުކުރެވިގެން ކަން ފިލްޒާ ވިދާޅުވި އެވެ.
ނަމަވެސް ސައްތާރު ހުށަހަޅުއްވާފައިވާ އިސްލާހުގައިވާ ގޮތުން ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓުން ވަކިކުރަން މަޖުބޫރެވެ. އަދި އެ ފަނޑިޔާރުން ވަކިކުރުމުގެ ހުރިހާ މަރުހަލާއެއް އެންމެ ހަތް ދުވަސް ތެރޭ ނިންމަން ވެސް ޖެހެ އެވެ.
ފިލްޒާ ވިދާޅުވީ ފަނޑިޔާރަކަށް ޖޭއެސްސީގެ ގާނޫނުގެ ދަށުން ލިބިދޭ ޖަވާބުދާރީވުމުގެ ފުރުސަތުތައް ބިލްގެ ބޭނުމަށްޓަކައި ގާބިލް ނޫން ކަމަށް ކަނޑައަޅާ ފަނޑިޔާރުންނަށް ނުލިބުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް، ކޯޓަތަކުން ކޮށްފައިވާ ހުކުމްތަކަށް ބަލާއިރު، ދައުލަތަށް ހިދުމަތްކުރާ ދައުލަތުން އުޖޫރު ލިބޭ މީހަކު ވިޔަސް، އެ މީހަކާ ދޭތެރޭ ތުހުމަތެއްކޮށް އެ ކަމަކީ އެ މީހަކަށް އެކަމުގެ އަސަރުކުރާނެ ކަމެއް ނަމަ، އެކަމެއް އެ މީހަކަށް އަންގައި އެކަމާ ގުޅޭގޮތުން އެ މީހަކަށް ޖަވާބުދާރީވެ ދިފާއުވުމުގެ ހައްގު ލިބިގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެއިތުރުން ފިލްޒާ ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނުން ކަނޑައަޅާފައިވާ ހާއްސަ އިނާޔަތްތަކާ އިމްތިޔާޒުތަކަކީ ޝަރަފުވެރިކަމާ އެކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވާ ފަނޑިޔާރުންނަށް ދައުލަތުގެ ފަރާތުން ލިބިދެވޭ އިމްތިޔާޒުތަކަކާއި އިނާޔަތްތަކެއް ކަމަށެވެ. ނަމަވެސް ފަނޑިޔާރުކަމުގެ ގާބިލުކަން ނެތް ކަމަށް ޖޭއެސްސީން ކަނޑައަޅައި، މަޖިލީހުން ވަކިކުރާ ފަނޑިޔާރުންނަށް ދައުލަތުން ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތައް ދިނުމަކީ ދެކޮޅުޖެހޭ އުސޫލެއް ކަމަކަށް ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ކައުންސެލް ޖެނެރަލްގެ މި ލަފާއާ ގުޅިގެން ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް މިރޭ ވަނީ ބާއްވައިފަ އެވެ. ނަމަވެސް، އެ ކޮމިޓީގައި ތިއްބެވި ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނަށް ފެނިވަޑައިގަތީ އެހެން ލަފާ ދެއްވިޔަސް ބިލް އޮތް ގޮތަށް މަޖިލީހަށް ފޮނުވާށެވެ. އެހެންވެ، ކައުންސެލް ޖެނެރަލްގެ ލަފާތަކެއް ހުއްޓަސް، ބިލަށް އެއްވެސް ބަދަލެއް ނުގެންނަން ކޮމިޓީން މިރޭ ފާސްކުރި އެވެ. އެ ވޯޓުގައި ކޮމިޓީގައި ތިއްބަވާ އެމްޑީޕީ ދެ މެންބަރުން ވޯޓު ދެއްވީ ބިލް ފާސްނުކުރާށެވެ. ވަކި ގޮތަކަށް ނުފެންނަ ކަމަށް ޕީއެންސީއަށް ނިސްބަތްވާ ކޮމިޓީގެ މުގައްރިރު އަނާރާ ނައީމް ވޯޓު ދެއްވި އެވެ.
ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތް ކުރާހާ ހިނދަކު ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެ އެވެ. އެހެންކަމުން، ގާނޫނެއް ފާސްކޮށްގެން ފަނޑިޔާރުން ވަކިކުރުމަކީ އޮތް ފުރުސަތެއް ނޫން ކަން ސާފެވެ. ޖޭއެސްސީއަށް ސުލޫކީ މައްސަލައެއް ސާބިތުވެ، މަޖިލީހުގެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ ތިންބައިކުޅަ ދެބައި ވޯޓު ލިބިގެން މެނުވީ ފަނޑިޔާރަކު ވަކިނުކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުނައިދު ޝަރީފް
26 February 2025
ރާއްޖޭގަ މަދުން ނަމަވެސް އިންސާފަށް ލޯބިކުރާ މީހުން އެބައުޅޭ.
އައިމިނާ
26 February 2025
ހައިރާންވެއްޖެ. 3 ސަރުކާރުން ބައެއްސަރުކާރުން ފުރާޅުގެ ޓިނުނެގި އިރު ފިލްޒާ ކޮބައިބާ! އެއްގޮތަކަށް އެކައްޗެއް ކިޔަނީ ހުރިހާ ސަރުކާރުތަކުންވެސް. ކުށެއްނެތި އެތައް ފަނޑިޔާރުންނެއް ވަކިކުރަމުންދާއިރު ބަހެއްބުނާނެ ފަރާތެއް ނެތް.
ސޯބެ
27 February 2025
ހަމަ އޭރުވެސް އެކަމަނާ މިހެން ލަފާދޭކަން އަހަރުންނަށް އެނގޭ. އެކަމު ހަމަ މިއަދެކޭ އެއްފަދައިން އޭރުގެ މަޖިލިސް ތަކުންވެސް މެޖޯރިޓީ އޮތީތީ ހިތުހުރި ގޮތެއް ހަދަނީ.
ޓިނު
26 February 2025
ކޯޓްތަކާއި ،ކޮމިސަންތަށް އުވާލާ ސަރުކާރު ހިންގާ ޕާޓީން ބޭނުންވާގޮތަކަށް ޤައުމު ހިންގީމަ ނިމުނީ
ހަސަންބެ
26 February 2025
ތިންމަަސް ފަހުން, ފަޑިޔާރުން އިތުރު ކޮށްލާނެ?
އިސްމާލި
26 February 2025
މި ހަބަރު ކިޔާލީމަ ބިރު ގަނޭ. ގިނަ މީހުނަށް ފެނިދާނެ މިއީ ހަމައެކަނި 2 ފަނޑިޔާރުންނާ ގުޅޭ ކަމެއް ކަމަށް. އެކަމު މިއީ މިއަށްވުރެ ބިރުވެރި އެތައް ކަމެއްގެ ފެށުން. މަޖްލިސް އެ އޮތީ މުށުތެރެއަށް ލާފައި. އެ މަޖްލިސް ބޭނުންކޮއްގެން ސުޕްރީމް ކޯޓާއި ޖޭ.އެސް.ސީ މުށުތެރެއަށް ލުމުގެ މަސައްކަތް އެ ކުރެވެނީ. ދެން އަންނާނީ، ބަދަލުހިފައި ހަސަދަ ފިލުވުމުގެ ދައުރު. ސިޔާސީ މީހުންތައް ނެތިކޮއްލުމުގެ ދައުރު. މިއީ ބިރުވެރި ކަމެއްގެ ފެށުން.
މިންމަތު
26 February 2025
ރާއްޖޭގައި 3 ބާރު ވަކިކުރަން އެންމެ ރަގަޅު ގޮތަކީ ރައީސުލްޖުމްހޫރިއްޔާއާއި އުއްތަމަ ފަޑިޔާރާއި މަޖްލިސް ރައީސްވެސް ރައްޔިތުންގެ ވޯޓުން ހޮވުމެވެ. ދެން ސަރުކާރު ހިންގާނެ މީހުން ރައީސް އައްޔަންކުރާނީއެވެ. ފަޑިޔާރުގެ ހިންގާނެ މީހުން އުއްތަމަ ފަޑިޔާރު އައްޔަންކުރާނީއެވެ. މަޖްލިސް ހިންގާނެ މީހުންނާއި މެމްބަރުން މަޖްލިސް ރައީސް އައްޔަން ކުރާނީއެވެ. ދައުލަތަށް ލިބޭ އާމްދަނީ 3 ބަޔަށް ބަހައިގެން އެމީހަކު ބޭނުން ގޮތަކަށް ޚަރަދު ކުރަންދޭނީއެވެ.
ފަންނީ ލަފާ
26 February 2025
ހެޔޮ ނިޔަތެއްގައި މަސައްކަތްކުރާ، މުސާރަ ޙަލާލު ގޮތުގައި ބޭނުންކުރާ ކޮންމެ މީހަކުވެސް އެ ބިލާ ދެކޮޅުވާނެކަމީ ޝައްކެއް ނެތް ކަމެއް.
ފިނރުޓޭ
26 February 2025
މީ ދެން އަޅެފަހެ ކިހާ ދެރަ ކަމެއް! އައި އެމް އެފް އިންވެސް މިފަހަރު ރާއްޖެ ބަނގުރޫޓު ވާނެ ކަމަށް އެ ބުނަނީ އިނގޭ! ތި ފާޑަށް ކަންކަން ކުރަންޏާ އިންޑިޔާ އިންވެސް އަދި ޗައިނާއިންވެސް ހިޔެއް ނުވޭ އެހީއެއް ވާނެ ހެނެއް! މިއީ ކޯރޕޮރޭޓް ގަވަރނަސް އާއިވެސް ގުޅޭ ކަމެއް ވީމަ މި ބުނީ އެނގޭ! ސްޕްރީމް ކޯޓުގެ ބެންޗު ހަމަ ހިތަށް އަރާހާ އިރަކު ބަދަލު ކުރުމަކީ ކުރާވަރުގެ ކަންކަމެއް ނޫން!
ކޮމެންޓްތައް
26 February 2025
ގިނަ ކޮމެންޓްތަކުން ދޭހަވަނީ އަހަރުމެން ދިވެހިންރޯނުފިލާ މިންވަރެވެ. ހަމައެހެން ގާނޫނުހަދަން މަޖިލިހަށް ހޮވިފައިތިބި ބައެއް މެންބަރުންނަށްވެސް ގާނޫނު ދޭހަނުވާ މިންވަރެވެ. މިދެކެވެނީ ގައުމެއްގެ ސްޕްރިމް ކޯޓާއި އެކޯޓުގެ ފަޑިޔާރުންގެ ވާހަކައެވެ. އަމިއްލަ ފަރުދެއް ހިންގާ ކެފޭއެއްގެ ވެއިޓަރުންގެ ވާހަކައެއް ނޫނެވެ.
އެޑްމުންޑޯ
26 February 2025
މިގައުމުގެ އިންސާފްވެރިކަމާއި އެކު ރަގަޅަށް ބަސްބުނެ މަސައްކަތްކުރާފަރާތެއްވިއްޔާ ފެއިލްވާނެ ، އެވަގުތަކު އޮންނަ ސަރުކާރަކުން ބޭނުންވާގޮތަކަށް ހުރިހާ ކަމެއްވެސް ގެންދާނެ ، އެކަމަށް ހަމައެއް ލަމައެެއް އުސޫލެއް ބެލުމެއްނޯންނާނެ . މިވީހާތަނަށް ފެނިފައިވަނީ އެގޮތަށް ސަރުކާރުތަކުން އަމަލުކުރަމުންދާތަން ، މިސަރުކާރު އަދި މާކުރީގެ އުޅޭކަމަށް ފާހަގަކުރެވެނީ
ނާދިރު
27 February 2025
ޜަގަޅު ވާހަކަ އެއް. ސާލިހް ސަރުކާރު އައި އިރު ސްޕްެރީމް ކޯޓްގައި އޭރު ތިބި ހުރިހާ ގަޑިޔާރުން އެއްވެސް ޙައްގަކާ ނުލާ ވަކިކުރި އަދި މިހާރު އެތިބަ 7 ފަޑިޔާރުން ނަކީ ސާލިޙް އަތްޔަން ކުރި 7 ފަޑިޔާރުން ދޯ. ދެން މިހާރު މިއޮތް ސަރުކާރުން ފަޑިޔާރު ގެ އަަށް އަނެއްކާވެސް ބަދަލެއް ގެންނަން އުޅުނީމަ ކީކޭ ތިޔަކިޔަނީ.