ސަލީމާއި ހަމީދު: ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފެންނަ ކަމަށް ވަނީ ފާސްކޮށްފައި
11 ޖޫން 2025 - 10:08
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުންގެ ދެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެ ދެބޭފުޅުންގެ ނަމަށް ރުހުން ހޯދަން މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފަނޑިޔާރު ސަލީމާ އެއްކޮޅަށް 61 މެންބަރަކު ވޯޓު ދެއްވި އެވެ. ފަނޑިޔާރު ހަމީދާ އެއްކޮޅަށް 60 މެންބަރަކު ވޯޓު ދެއްވި އެވެ. އެ ދެ ބޭފުޅުން އެ މަގާމަށް އައްޔަން ކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވަ އެވެ.
ފަނޑިޔާރު ސަލީމާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން މިއަދު ނެގި ވޯޓުގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ބައިވެރިއެއް ނުވެ އެވެ. އެކަމަކު، އެ ދެ ބޭފުޅުންގެ ނަމަށް ރުހުން ދޭން ޖުޑިޝަރީ ކޮމިޓީން ނިންމީ އެމްޑީޕީގެ މެންބަރުންގެ ތާއިދާ އެކު އެވެ.
ސުޕްރީމް ކޯޓުގެ ދެ މަގާމަށް މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހަފުތާއެއްހާ ދުވަހަށް ހުޅުވައިލުމުން 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ބޭފުޅުންނާ ޖޭއެސްސީން އިންޓަވިއު ކޮށްފައިވާއިރު، އެންމެ ގިނައިން މާކްސް ދިނީ ފަނޑިޔާރު ސަލީމާއި ހަމީދަށެވެ.
އިންޓަވިއުގައި މާކްސް ދިން ތަރުތީބުން އެ ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަން ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވަން ޖޭއެސްސީން ވެސް ނިންމާފައިވެ އެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ޖޭއެސްސީ އަށް އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށް ލަފާއެރުވުމުގެ މަސްއޫލިއްޔަތެވެ. އެ ކޯޓަށް ފަނޑިޔާރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވައިގެން ރައީސެވެ. މަޖިލީހަށް ފޮނުއްވާނީ ވެސް ރައީސް ބޭނުންފުޅުވާ ނަންތަކެވެ.
ޖޭއެސްސީން ލިސްޓްގެ އެންމެ ކުރިއަށް ލާފައިވާ ފަނޑިޔާރު ސަލީމަކީ ހައި ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސަލީމް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ 2022 ވަނަ އަހަރު އެވެ.
ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ހަމީދަކީ އެ ކޯޓުގައި ވަރަށް ގިނަ އަހަރު ފަނޑިޔާރެއްގެ ގޮތުން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން 2007 ވަނަ އަހަރުން 2022 ވަނަ އަހަރާ ދެމެދު ފަނޑިޔާރުކަން ކުރެއްވި އެވެ. ހައި ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރުކަން ވެސް ކުރެއްވި އެވެ.
އޭނާ ފަނޑިޔާރު ކަމުން ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފަނޑިޔާރުންނަށް ދޫކުރި ފްލެޓްތަކެއް ޑިސްކައުންޓް އަގުތަކެއްގައި ބައްލަވައިގަނެ, އޭގެ ބަދަލެއްގެ ގޮތުން ހައި ކޯޓުގެ ގަޒިއްޔާއެއްގައި ވަކި ގޮތަކަށް ހުކުމް ކުރެއްވި ކަމަށް ބުނާ މައްސަލައެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފެނިގެއްލި އޮފިސަރު
11 June 2025
މަވެސް ލީގަލް އޮފިސަރަކަށް އުޅޭތާ 10 ވަރަކަށް އަހަރުވެއްޖެ. ދެން ދެތިން އަހަރު ދަށު ކޯޓެއްގެ ގާޒީކަން ކޮއްލީމަ ސުޕްރީމުކޯޓައް ލައިދޭތި. އެހެން ގައުމެއްގައި ވާކަހަލަ ކަންކަމެއް ނޫން ވިއްޔަ މިޔަކީ
އިއްޒަތު
11 June 2025
ސްޕްރިމްކޯޓަށްއޮތް ރައްޔިތުންގެ އިރުބާރު ބޮޑުތަނުން ގެއްލިއްޖެ! ޝަރުޢީ ނިޒާމަކީ ސަރުކާރުން ބޭނުންގޮތަކަށް ހެދޭ ނިޒާމަކަށް ބަދަލުވެއްޖެ. ކުޅޭ ކުޅޭ ނިޒާމަކަށް ބަދަލުވެއްޖެ.
ރަމަ
11 June 2025
ސަރުކާރުން ބުނާގޮތަކަށް ރަބަރު ތައްގަނޑު ޖަހާނެބަޔަކު އަދިކިރިޔާ މިވެރިވެގަތީ ސްޕްރިމްކޯޓަށް.
އަނބި
11 June 2025
ސުޕުރީމް ކޯޓުގެ ވަޒީފާއަކީ 5 އަހަރު ދުވަހުގެ ވަގުތީ ކަމެއް. ހައިކޯޓުގަ ހުރިއްޔާ މާ ރަނގަޅުވާނެ. އަނބިދަރިންނާމެދު ވިސްނާ.
ނޫސަންގު
11 June 2025
ކޯޓާ ޓައި އަދި ގްރެޖުއޭޝަން ގައުން އަކީ ތިމާގެ ނަޒާޙަތްތެރިކަން، ފެންވަރު އަދި އަމާނާތްތެރިކަން ދައްކުވައިދޭ އެއްޗެއް ނޫން. ފަހަކަށް އައިސް ރާއްޖޭގައި އެންމެ ގިނައިން ފެންނަ މަންޒަރަކީ މީ. އެކަމަކު މުސްލިމުންގެ ކިބާގައި ހުންނަން ޖެހޭ އެންމެ އަސާސީ ސިފަ ގިނަމީހުންގެ ކިބައިން ނުފެނޭ. ދޮގުހެދުން މަކަރުހެދުން އޮޅުވާލުން ޚިޔާނާތްތެރިވުން. ގަނޑުކޮށް މިކަން ހިންގަން ފެށީ ސިޔާސީ ޕާޓީތަށް އުފަންވުމާއެކު.
ޖުޑީޝަލް ވޮޗް
11 June 2025
އަލަށް ކަންނޭނގޭ ކޮރަޕްޝަންގެ ޢަމަލެއްގެ ތުހުމަތުކުރެވި، އިތުބާރު ނެތްކަމުގެ ވޯޓުން ފަނޑިޔާރުކަމުން ވަކިކޮށްފަ ހުރި މީހަކު، ބާރު އޮތީމަ އަލުން ވެއްދީ. ވައުވް ޓު ދަ ޒީރޯ ޓޮލަރެންސް، ސާބަހޭ ރައީސް.
ނަތީޖާ
11 June 2025
ޖޭވީ ދޯ!ސިޔާސީ މަގްސަދެއްގައި 3ލައިން ވިޕް ނެރެގެން ފަނޑިޔާރުން ވަކިކުރީ.ކޮރަޕްޝަނުގެ އަމަލެއް ވެއްޖިއްޔާ ދައުވާ ކުރަން ފޮނުވަންޖެހޭ. އެއީ އިންޓެގްރިޓީ ކޮމިޝަންގެ ލޯޔަރ
މާލު
11 June 2025
މަހީކުރީ ހައްޔަރު ކުރަން ރުހުންދީފަ އޮތިއްޔޭ ހެޑިންގަ ލިޔެފަ އޮތީކަމަށް
ނަޖަޓު
11 June 2025
ތަޖުރިބާއެއް ފެންވަރެއް އިންޓަގްރިޓީއެއް ބޭނުމެއް ނުވޭ.
އަބުދުލް ޤާދިރު
11 June 2025
ސަލީމުގެ ޝަރުތު ހަމަނުވިޔަސް ހެޔޮތާ، "ގޮނެއް ދިން މީހަކަށް މަަލާފަތެއް" ދޭން ޖެހޭނެތާ. މި އޮތީ ވާ ދުނިޔެއެއް.
ސޭން
11 June 2025
ޝަރުތު ހަމަވޭތޯ ބަލަން ހަވާލުކޮށްފައިވަނީ ތިބޭފުޅާޔާތޯ؟ ތިބޭފުޅާ ބޭނުންވާ ގޮތަށްތޯ ޝަރުތު ބަލަންޖެހެނީ؟ ޖޭއެސްސީން އެމާއްދާ މާނަކޮށް ބުނެފަ އޮތީ ޝަރުތު ހަމަވެޔޭ. ތިހެން މައުމޫނަކީ ސުންނަތް ޖަމާއުތުގެ މީހެއްނޫނޭ ކިޔާފަ ވެސްއުޅުން.