އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ނުސާފު ވައިގެ ތެރޭގައި ބަޔަކު ހިނގާފައި ދަނީ: މައްސަލަ ހައްލުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން މިހާރު ވަނީ ނިންމާފައި. -- ފޮޓޯ: އޭއެފްޕީ
02 މާޗް 2025 - 07:56
ވައިގެ ތަޣައްޔަރުކަން އެންމެ ބޮޑު ސިޓީތަކުގެ ތެރޭގައި ހިމެނޭ، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި 15 އަހަރު ވެފައިވާ ކާރުތަކަށް ތެޔޮ އަޅައިދިނުން މަނާކުތަން ނިންމައި އެކަން އިއުލާނުކޮށްފި އެވެ.
ވައިގެ ނުސާފުކަމުގެ މައްސަލައަށް ހައްލު ހޯދަން ދިއްލީގައި ފިޔަވަޅުތައް އަޅަމުން އަންނަ އިރު 10 އަހަރުވީ ޑީސަލް ކާރާއި 15 އަހަރުވެފައިވާ ޕެޓްރޯލް ކާރު މަގުތަކުގައި ދުއްވުން މިހާރު ވެސް މަނަލެވެ. އެކަމަކު މި ގަވައިދާ ހިލާފަށް ވެހިކަލް ދުއްވުމަކީ އާންމު ކަމަކަށް ވަނީ ވެފަ އެވެ.
ދިއްލީގައި ވައި ނުސާފުވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ދަނޑުވެރިކަމުގެ ބޭނުމަށް އަންދާ އެންދުންތަކާއި ފެކްޓަރީތަކާއި ވެހިކަލްތަކުން އަރާ ދުމެވެ. ކޮންމެ އަހަރެއްގެ ވެސް ފިނި މޫސުމުގައި ވައި މަޑުވެ ފިނި ގަދަވުމާ އެކު ތަޣައްޔަރު ދުންތައް ދައުރުނުވެ ހިފެހެއްޓުމުން މައްސަލަ އިތުރަށް ގޯސްވެ ސިއްހަތަށް ނުރައްކާވެ އެވެ.
ދިއްލީގެ އެންވަޔަރަމަންޓް މިނިސްޓަރު މަންޖިންދަރު ސިންގް ސިރްސާ ހޮނިހިރު ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ކުރީގެ ކާރުތަކަށް ތެޔޮ އަޅައިދިނުން ހުއްޓާލަން ނިންމީ ވައި ތަޣައްޔަރުވުމުގެ މައްސަލައާ ބެހޭ ގޮތުން ބޭއްވި ސިލްސިލާ ބައްދަލުވުންތަކަކަށް ފަހު ކަމަށެވެ.
"މާޗް 31، 2025 ގެ ފަހުން، 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އުޅަނދުތަކަށް ތެޔޮ އަޅައިދިނުން ހުއްޓާލަން ވަނީ ނިންމާފައި،" އޭނާ ވިދާޅުވި އެވެ.
އުޅަނދުތަކުގެ އުމުރު ދެނެގަތުމަށް ޕެޓްރޯލް ސްޓޭޝަންތަކުގައި ގެޖެޓްތަކެއް ހަރުކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން، ހަނަފަސް ބިންތައް ފެހިކުރުމަށް ގަސް އިންދުމުގެ މަސައްކަތް ފަށާނެ ކަމަށާއި މިކަމުގައި ޔުނިވަސިޓީތަކުގެ ދަރިވަރުން ބައިވެރިކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ތަޣައްޔަރުވުން ކޮންޓްރޯލް ކުރުމަށް، އުސް ތަންތަނާއި ހޮޓާތަކާއި ދިއްލީ އެއާޕޯޓުގައި އެންޓި ސްމޯގް ގަން އަދި ގެޖެޓް ހަރުކުރުން މަޖުބޫރު ކުރާނެ ކަމަށް ވިދާޅުވި އެވެ.
ވައި ނުސާފުވެ އާންމު ސިއްހަތަށް ނުރައްކާވާތީ، ދަރިވަރުން މިކަމުން ސަލާމަތްކުރުމަށް، ކޮންމެ އަހަރަކު ވެސް ވަކި ދުވަސްވަރެއްގައި ސްކޫލްތައް ބަންދުކުރުމަކީ ވެސް މިހާރު ދިއްލީގައި މަޖުބޫރުވާ ކަމެކެވެ.
ފުއްޕާމޭގެ ޒަރިއްޔާއިން ލޭގެ ތެރެއަށް ވަދެ، ކެންސަރު ޖެހުމަށް މަގުފަހިކުރުވާ މައިކްރޯޕާޓިކަލްސް ކަމަށްވާ ޕީއެމް 2.5 ޕޮލިއުޓެންޓްސްގެ މިންވަރު ކިއުބިކް މީޓަރަކަށް 907 މައިކްރޯގްރާމަށް ދިއްލީގައި މިދިޔަ އަހަރު އެރި އެވެ. މިއީ ރައްކާތެރިކަމުގެ އެންމެ ދަށް މިންގަނޑަށްވުރެ 60 ގުނަ ގުނަ ގޯސް މިންވަރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަލީލީ
02 March 2025
ކޮންމެ އަހަރަކު އިރުވައިގަ ރާއްޖެއަށްވެސް މި އަންނަނީ މި ހިރަފުސްވައި. އެހންވެ ފޮގުވެފައި އޮންނަނީ
ލޮލްް
03 March 2025
ހޭޒް އާ ފޮގް އާ ހިރަފުހަކީ އެއީ ތަފާރތު އެއްޗެސް...ލިޔާތި އެއްޗެއް ފެންނަ އިރަށް...ކާރުން އަރަނީ ހަރފުހެއް ހޫން..ހިރަފުހުން ފޮގެއް ނުވާނެ...