ފުޓްބޯޅައިގެ ބައްދަލުވުމެއްގައި ޝާހް (ކ) އާއި ބޭރުގެ އޮފިޝަލެއް: ޝާހް ވިދާޅުވީ ފީފާއިން ހުށަހެޅި ޑްރާފްޓަށް ކްލަބްތަކާ އެކު މަޝްވަރާ ކުރަން ފުރުސަތު ދިނުމުން ވެސް ސުވާލު އުފެދޭ ކަމަށް --- ފައިލް ފޮޓޯ
17 މާޗް 2025 - 10:45
އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހު ކުރަން ފީފާއިން ހުށަހެޅި ޑްރާފްޓުން އެ އެސޯސިއޭޝަން ސޮއްސާލާނީ 2008 އަށް ވުރެ ފަހަތަށް ކަމަށް ކުރީގެ ސެކްރެޓަރީ ޖެނަރަލް ޝާހު އިސްމާއީލް (ސާޔާ) ވިދާޅުވެއްޖެ އެވެ.
ގަވާއިދު އިސްލާހު ކުރުމާ ގުޅޭގޮތުން އެފްއޭއެމްގެ މެންބަރު ކްލަބްތަކާ އެކު ފީފާގެ މެންބަރު އެސޯސިއޭޝަން ޑިޕާޓްމެންޓްގެ ސީނިއާ މެނޭޖަރު އަހްމަދު ހައްރާޒު އިސްވެ ހުންނަވައި ވަނީ ކޮންފަރެންސެއް ބާއްވައިފަ އެވެ.
ކޮންގްރެސްގެ ދައުވަތާ އެކު ހައްރާޒު އެފްއޭއެމާ ހިއްސާ ކުރި އަސާސީ ގަވާއިދުގެ ޑްރާފްޓް ވެސް ކްލަބްތަކަށް ފޮނުވި އެވެ. "މިހާރު" އަށް ވެސް އޭގެ ކޮޕީއެއް ލިބިފައި ވެ އެވެ.
ފުރަތަމަ ފަހަރަށް އިންތިހާބު ކުރަން 2007 ގައި ފީފާއިން އެކުލަވާލި އިންޓަރިމް ކޮމިޓީގެ ސެކްރެޓަރީ ޖެނަރަލްކަން ވެސް ކުރެއްވި ޝާހު ވިދާޅުވީ މީގެ 18 އަހަރު ކުރިން އަސާސީ ގަވާއިދު ހަދަން ވެސް ފީފާއިން ހުށަހެޅީ ހަމަ މިފަހަރު ވެސް ހުށަހެޅި ޑްރާފްޓް ކަމަށެވެ.
"އޭރު ފީފާއިން ހުށަހެޅި ޑްރާފްޓްގެ ކޮޕީއެއް އަދި ވެސް އަޅުގަނޑުގެ އަތުގައި އެބައޮތް. ހަމަ މިއީ އެކައްޗެއް. މިއީ ފީފާގެ މިނިމަމް ސްޓޭންޑަޑްގެ އެއްޗެއް. މިދައްކަނީ މީގެ 18 ނުވަތަ 20 އަހަރު ކުރީގެ ވާހަކަ،" ރާއްޖޭގެ ކުރީގެ މަޝްހޫރު ފޯވާޑް ޝާހު ވިދާޅުވި އެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީކަން ޝާހް ކުރެއްވި އިރު، އޭއެފްސީގެ އިވެންޓެއްގައި: އޭނާ ވިދާޅުވީ އެފްއޭއެމްގެ މައްސަލައިގައި ސަރުކާރުގެ ކުޅިވަރުގެ ވެރިން ޕްރޯ އެކްޓިވްކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށް --- ފައިލް ފޮޓޯ
އޭނާ ވިދާޅުވީ އެފްއޭއެމް 2008 ގައި ފުރަތަމަ ފަހަރަށް އިންތިހާބު ކުރުމަށް ފަހު، ދެން ފީފާއިން ހުށަހަޅަމުން ދިޔައީ ރީޖަނަލް އެސޯސިއޭޝަންތައް އުފައްދައި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ޓީމުތަކަށް ވޯޓް ލެވޭ ގޮތަށް އަސާސީ ގަވާއިދު އިސްލާހު ކުރުމަށް ކަމަށެވެ.
ރާއްޖޭގެ ނުވަ ޒޯނުގެ މެންބަރުންނަށް ކޮންގްރެސްގައި ބައިވެރިވެ ވޯޓް ދިނުމުގެ ހައްގު ލިބޭގޮތަށް އިނގިރޭސި ގަވާއިދުގައި ލިޔެފައިވެ އެވެ. އެކަމަކު އެކަން އޮތީ ހަމައެކަނި ގަވާއިދުގައި ލިޔެފައި އޮތް އެއްޗެއްގެ ގޮތުގަ އެވެ. އަމަލެއް ނުކުރެ އެވެ.
މިފަހަރު ފީފާއިން ހުށަހެޅި ގަވާއިދުގެ ޑްރާފްޓްގައި ނުވަ ޒޯންގެ ވާހަކަ ނުވެސް ނެތެވެ.
ޝާހު ވިދާޅުވީ ފީފާގެ އެ ޑްރާފްޓާ އެއްގޮތަށް އަސާސީ ގަވާއިދު އެކުލަވާލައިފިނަމަ ދެން ވެސް އޮންނާނީ ހަމައެކަނި މާލޭ ޒޯނަށް ނިސްބަތްވާ ކްލަބްތައް އެކަނި ކަމަށެވެ.
"ފުޓްބޯޅަ ބަދަލުވެއްޖެ. އެހެން ހުރިހާ ގައުމެއްގައި ވެސް ފުޓްބޯޅައިގައި އެ ގައުމެއްގެ އެކި ރީޖަންތައް ބައިވެރި ކުރުމަށް އިސްކަން ދެމުން އެދަނީ. އެކަމަކު ރާއްޖޭގައި އަސާސީ ގަވާއިދު އިސްލާހު ކުރުމުގެ މަރުހަލާގައި އަދި ވެސް މި ހުށަހަޅަނީ އެންމެ ޒޯނަކަށް ފުޓްބޯޅަ ބާއްވައިގެން ކުރިއަށްގެންދާ ގޮތަށް،" ޝާހު ވިދާޅުވި އެވެ.
އެފްއޭއެމް ކޮންގްރެސްގައި ނޯމަލައިޒޭޝަން ކޮމިޓީގެ ބައެއް މެންބަރުން --- ފޮޓޯ ފަޔާޒު މޫސާ | މިހާރު
- ފުރަތަމަ ޑިވިޝަންގެ ކްލަބްތައް
- ދެ ވަނަ ޑިވިޝަންގެ ކްލަބްތައް
- ތިން ވަނަ ޑިވިޝަންގެ ކްލަބްތައް
ސަރަހައްދީ އަދި އެހެން ސަބް އެސޯސިއޭޝަންތައް އުފައްދައި އެ އެސޯސިއޭޝަންތަކަށް އެފްއޭއެމްގެ މެންބަރުކަން ދީ ކޮންގްރެސްގައި ތަމްސީލު ކުރަން ޖާގަ ދޭ ވާހަކަ އެއް ނެތެވެ.
ޝާހު ވިދާޅުވީ މި ޑްރާފްޓަށް ކްލަބްތަކާ އެކު މަޝްވަރާ ކުރަން ފީފާގެ އޮފިޝަލް ހައްރާޒަށް ފުރުސަތު ދޭން ނޯމަލައިޒޭޝަން ކޮމިޓީން އެއްބަސްވުމުން ވެސް ސުވާލު އުފެދޭ ކަމަށެވެ.
"މިއަށް ވުރެ ރަނގަޅު އެއްޗެއް ހިފައިގެން އަންނަން ޖެހޭނީ މަޝްވަރާ އަށް ވެސް. ކޮމިޓީ އަށް އާގިއު ކުރެވެން ޖެހޭނެ އޭރުންނޭ މި ކޮންފަރެންސް އިންތިޒާމު ކުރެވޭނީ ވެސް،" ޝާހު ވިދާޅުވި އެވެ.
މިހާރުގެ ސަރުކާރުން އެކުލަވާލާފައިވާ ކުޅިވަރުގެ ޕްލޭން އަދި ކުޅިވަރު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ ވެސް ފީފާއިން ހުށަހެޅި ޑްރާފްޓް ގަވާއިދު ހިލާފު ކަމަށް އޭނާ ވިދާޅުވި އެވެ.
ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު، އެ ވުޒާރާއާ ހިންގުން ހަވާލުވެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރި އެއް މަސައްކަތަކީ ރާއްޖޭގެ ކުޅިވަރުގެ ޑިވެލޮޕްމެންޓް ޕްލޭން އެކުލަވާލުމެވެ. އެމެރިކާގެ އޮލިމްޕިކް ޓީމުގެ ކުރީގެ ޑައިރެކްޓަރެއްގެ ހިޔާލާ އެކު އެކުލަވާލި ޕްލޭންގައި ވަނީ ރާއްޖޭގެ މުޅި ކުޅިވަރު އަތޮޅުތެރެއަށް ވެސް ފުޅާ ކުރުމަށް ހިމަނައިފަ އެވެ. ފަހުން ކުޅިވަރު ގާނޫނަށް އެ މިނިސްޓްރީން ހުށަހެޅި އިސްލާހުތަކުގައި ވެސް އެ ޖާގަ ގާނޫނުން ވެސް ލިބިދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެންޓިޒް
18 March 2025
އަތޮޅުތެރޭ ކުދިން ގައުމީ ޓީމު ބޮއިކޮޓް ކުރަންވީ
މީޒްލީ
17 March 2025
ތިތަން އުވާލާ، ބޭކާރު މަސައްކަތެއް ކުރާބައެއް، އެހެން ގޮތަށް ބުނާނަމަ ފައިދާހުރި އެއްކަމެއްވެސް ކުރާ ބައެއްނޫން! ކޮރަޕްޝާއި، ފަސާދައާއި، ރުޅިވެރިކަމާއި ފުރައްސާރަ ކުރުން އިންތިހާއަށް އޮތް ތަނެއް! ފްޓްބޯޅަ ކުރިއަރަނީ އެއްނޫން! ބޮޑު ކަންތަށްގަނޑެއް ހިންގާތަނެއްތީ!
ޢަނީ
17 March 2025
ބައްސާމު ޖަރީމާ ހިންގި އިރު އަނގައިން ބަހެއްވެސް ނުބުނެ މިހާރު އަރާ މޮޅަތި ވާހަކަ ދައްކާނެ ކަމެއްނެތް. އާންމު ރައްޔިތުންނަށް އެމަންޒަރުތައް ފެނި ކެތްނުވެގެން މުޒާހަރާ ކުރިއިރުވެސް ތިޔަ ޝާހުގެ އަޑެއް ބަޑެއްވެސް އޭރު ނީވެ.
އަލިބެ…
17 March 2025
އެފްއޭއެމް ކޮރަޕްޝަނާނުލައި ހިގަމުން އައީ 2008 ގެ ކުރިންނެވެ. ފުޓުބޯޅައަށް ކަމެއްކުރީވެސް އޭރުއެވެ. ޢެހެންވުމުން އަތުން ގެއްލޭބައި ބޮޑުމީހުން ތިކަހަލަވާހަކަ ދައްކާނެއެވެ. ފީފާގެ ބޭނުމާކީވެސް 2008ގެ ކުރިން ހިގިފަދަ ހަރުދަނާ އެފްއޭއެމްއެއް ގެނައުމެވެ. އޮޅިގެން ތިޔަ އުޅެނީ އެތަނުން މުއްސަދިކަން ހޯދިމީހުންނަށެވެ.