ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނެވި އިމާދު "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ / މިހާރު
17 މާޗް 2025 - 11:46
މި ހާލަތުގައި އިތުރަށް ފައިސާ ޗާޕުކޮށްފި ނަމަ "ސީރިއަސް މެކްރޯ އިކޮނޮމިކް" އަސަރުތަކެއް ކުރާނެ ކަމަށް ޑެޕިއުޓީ މަގާމުން މިއަދު އިސްތިއުފާ ދެއްވި އަހުމަދު އިމާދު ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ލިބިފައިވާ އޭނާގެ އިސްތިއުފާ ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި، އިތުރަށް ފައިސާ ޗާޕުކުރުމުން ބޭންކިން ސެކްޓަރުގައި ހުރި "އެކްސަސް ލިކުއިޑިޓީ" ނުވަތަ އެކްސަސް ފައިސާ ބޮޑުތަނުން އިތުރުވާނެ އެވެ. އޭގެ ސަބަބުން، އެކްސްޗޭންޖް ރޭޓު ދެމެހެއްޓުމަށް އެމްއެމްއޭ އިން ކުރަމުން އަންނަ މަސައްކަތަކަށް އިތުރު ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް އިމާދު ވިދާޅުވި އެވެ.
"ރުފިޔާގެ ލިކުއިޑިޓީ މެނޭޖް ކުރުމަށް މިހާރު ވެސް ކުރަން ޖެހިފައިވާ ހަރަދު އިތުރުވެ، އެމްއެމްއޭގެ ބެލެންސް ޝީޓު ހީނަރުވެގެންދާނެ އެވެ. އެހެން ކަމުން މި ކަންކަމަކީ އެމްއެމްއޭގެ މައިގަނޑު މަގްސަދު ކަމުގައިވާ ޕްރައިޒް ސްޓެބިލިޓީ ހިފެހެއްޓުމާ ސީދާ ފުށުއަރާ ކަމެކެވެ،" އިމާދުގެ ސިޓީގައި ވެ އެވެ.
އޭނާ އެހެން ވިދާޅުވެފައިވަނީ، އެމްއެމްއޭ އިން އެޗްޑީސީން 11 ބިލިއަނެއްހާ ރުފިޔާ އަށް ބިމެއް ގަތުމަށްޓަކައި އެ އިދާރާގެ ބޯޑުން ފާސްކޮށްފައިވަނިކޮށެވެ. އެއީ ވެސް އިގްތިސާދަށް އިތުރަށް ވައްދާ ފައިސާއަކަށް ވާތީ، ފައިސާ ޗާޕުކުރުން ކަމަށް އިގްތިސާދީ މާހިރުން ދެކެވަޑައިގަންނަވަ އެވެ. އެކަން ނިންމި އިރު އިމާދު ވެސް އެމްއެމްއޭގެ ބޯޑުގައި އިންނެވި އެވެ. އެކަމަކު އެ ކަން ފާސްކުރި ބައްދަލުވުމުގައި އޭނާ ބައިވެރިވެފައެއް ނުވެ އެވެ. އަދި އެ މައްސަލަ އަލުން ރިވިއުކުރަން އެދުމަށް އޭނާ ވަކާލާތުކުރި ކަމަށް ފަހުން ވަނީ އެނގިފަ އެވެ.
"ރުފިޔާގެ ލިކުއިޑިޓީ މެނޭޖްކުރުމަށް މިހާރު ވެސް ކުރަން ޖެހިފައިވާ ހަރަދު އިތުރުވެ، އެމްއެމްއޭގެ ބެލެންސް ޝީޓު ހީނަރުވެގެންދާނެ އެވެ. އެހެން ކަމުން މިކަންކަމަކީ އެމްއެމްއޭގެ މައިގަނޑު މަގްސަދު ކަމުގައިވާ ޕްރައިޒް ސްޓެބިލިޓީ ހިފެހެއްޓުމާ ސީދާ ފުށުއަރާ ކަމެކެވެ." އިމާދުގެ ސިޓީގައިވެ އެވެ.
އޭނާ ވިދާޅުވިގޮތުގައި، ފައިސާ ޗާޕުކުރުމުން "ފިސްކަލް ކޮންސޮލިޑޭޝަން" ނުވަތަ ޑެފިސިޓާއި ދަރަނި ކުޑަކުރުމުގެ ބަދަލުގައި ފިސްކަލް ސިޔާސަތު ހީނަރުވާން މަގުފަހިވާނެ އެވެ.
އިމާދު ވިދާޅުވީ، އިގްތިސާދުގެ ރިއަލް ސެކްޓަރަށް ރަނގަޅު ކުރިއެރުމެއް ލިބެމުން އައި ނަމަވެސް ފިސްކަލް ސެކްޓަރާއި މޮނިޓަރީ ސެކްޓަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ.
"ހާއްސަކޮށް ބޭރުގެ ދަރަނި އިތުރުވެގެންދާ ދިއުމަކީ މެކްރޯ އިކޮނޮމިކް ހަމަޖެހުމަށް ނޭދެވޭ އަސަރުކުރަމުންދާ ކަމެކެވެ. ހާއްސަކޮށް ބޭންކުތަކުން ސަރުކާރަށް ދޫކޮށްފައިވާ ދަރަނީގެ ރިސްކު މަތިވެފައިވެ އެވެ. ރިސްކުތައް ކުޑަކުރުމަށް އެމްއެމްއޭ އިން ޕްރޫޑަންޑް ރެގިއުލޭޓަރީ ފިޔަވަޅުތައް އަޅަން މަޖުބޫރުވެ އެވެ،" އޭނާ ވިދާޅުވި އެވެ.
ދެ ސޮފްހާގެ އެ ސިޓީގައި އިތުރަށް ވަނީ ކޮވިޑުގެ ދުވަސްވަރު ފައިސާގެ ސިޔާސަތުތަކަށް ދިން ލުއިތައް އިޔާދަކުރުމަށް ލަފާކުރި މުއްދަތު އިތުރުވި ކަމަށެވެ. އެކަން އެހެންވީ، ސަރުކާރުގެ ފިސްކަލް ހާލަތު ދަށްވުމާއި ހަރަދުތައް ކުޑަ ނުކުރުމުގެ ސަބަބުން ކަމަށެވެ.
އިމާދު އިސްތިއުފާ ދެއްވި އިރު އޭނާ އެ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވެސް އޮތީ ހުށަހަޅައިފަ އެވެ. އެއީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަލީ ހާޝިމް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާ ނުކުރައްވައި ހުންނެވިއިރު، އެ ކަންކަން ފާހަގަކުރުމަށްޓަކައި ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ޑެޕިއުޓީ ގަވަރުނަރު އިމާދު މަސައްކަތް ކުރެއްވިކަން އެނގެން ނެތް ކަމަށް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
18 March 2025
މާލީ އިދާރާތަޖުގައި ސިޔާސީ އެކްޓިވިސްޓުން ތިބުން ގޯސްކަން މިހާރު މިއެނގެނީ. ކުރީ ސަރުކާރުގެ އެއްވެސް ގޯސްކަމެއް އިގުތިސާދު މެނޭޖުކުރުމުގައި ނުފެނުނު. ސަރުކާރު ބަދަލުވުމުން އަސްްލު ފާޅުވެއްޖެ. ދެން މަގުމައްޗަށް ނިކުމޭ މުޒާހަރާތަކަށް. އޭރުން ވެރިކަން ލިބުނީމާ ގަވަރނަރުކަން ކަށަވަރުވާނެ
ސިލްމާ ޒާހިރު
18 March 2025
ސަރުކާރުން "ފައިސާ ޗާޕްކުރީމާ" އެކްސެސް ލިކުއިޑިޓީން ޤައުމު އިނދަޖެހޭވަރަށް އަގުތައް މައްޗަށް ދާނެ. މިހާރު ހުރި ޙާލަތުން ބޭރުގެ އެއްވެސް ޤައުމެއްގެ ސަރުކާރަކުން ލޯނު ނުދޭތީވެ، ޕްރައިވެޓް ބޭންކުތަކުން ބޮޑު އިންޓަރެސްޓްގައި ލޯނު ނަގަނީ ސަރުކާރު ޙިއްޞާވާ ކުންފުނިތައް މެދުވެރިކޮށް. އައިއެމްއެފް އިން ބުނަނީ މަތިބަރުކަމުން، ޚަރަދުބޮޑުކަމުންނޭ އިނދަޖެހެނީ. ސިޔާސީ މަޤާމުތައް 700 ކަަމަށް ވިދާޅުވެ 3000 އިން މައްޗަށް ދިޔާމާ ދެކޮޅެއް ނުޖެހޭނެ!
އާލިމް އަބްދުލް
18 March 2025
. މީނަޔަށް ފިޔަވަޅު ނާޅާ މިއޮށް ހާ ދުވަހު ހުރީމަވެސް މަ ހަމަ ހައިރާންވޭ. އިބޫ ވެރިކަމުގަ ޗަކޮއެ އަޅެ ޗާޕް ކުރީ ރަންތަ؟
ޖިން
18 March 2025
ގައުމު ހަލާކުވާން ދޫކޮށްފަ މިއަދު ކޮން ވާހަކައެއް ތިދައްކަނީ؟ އެމްޑީޕީ ވެރިކަމުގަ ކަލޭމެން މުޅި މިގައުމު ހަލާކު ކޮށްފިއޭ
އައްބާސް އަލީ
18 March 2025
އިމާދު އަށް ހަމަ ސާބަސް. މިއޮށް ހާ ދުވަހު އިމާދު ފައިސާ ޗާޕްކުރުން ނޫން އެހެން ކަމެއް ކުރިންތަ؟
ނިޔާޒްް
18 March 2025
މިދިޔަ ވެރިކަމުގަ އިމާދު ޖެހި ސަކަރާތް ބަލަން އަހަރެމެން ތިބީމޭ. ފައިސާ އެވަރަށް ޗާޕް ނުކުރަން އެވަރަށް ގޮވީމަވެސް ކުރީނުން. ދެން މިއަދު ކޮން މޮޅު ވާހަކައެއް ދައްކާކަށް.
އާދަމް ޒުހުރީ
17 March 2025
ގައުމު ދަރަނިވެރިވެފައޭ ކިޔާފަ ވާހަކަ ނުދައްކަބަލަ ހެޔޮނުވާނެ. މި ގައުމު މި ހާލަތައް ގެނައީ ކޮން ބައެއްތަ؟ މި ގައުމު އެ ހާލަތުން އަރުވަން މަސައްކަތް މި ކުރަނީ އަދިވެސް.
ނައީޖ
17 March 2025
އިބޫ ސަރުކާރުގައި ހުރިހާފައިސާއެއް ޗާޕްކިރިއިރު ބޭފުޅާކޮންތާކުތޯ ހިންނެވީ ކިހިނެތްވެގެންތޯ ކުރަނީކީތްތޯ ވެސް އަހައިލިންތޯ ދެލޯފުޅާ ؟
މުހްތާރު
17 March 2025
އިމާދްމެންގެ ސިކުޑީގަ އޮންނަނީ ކޮރަޕްޝަން ހިންގުން އަބަދުވެސް. މި ސަރުކާރުން ޗާޕްކޮށްގެން ވިޔަސް ނުކޮށް ވިޔަސް މި ގައުމު ރަނގަޅަށް ހިންގާނެ.
އަފްރާސިޔާބު
17 March 2025
އިމާދު. މިހާރު އިމާދަކީ އެއްވެސް އެއްޗެއް އެނގޭމީހަކަށްނުވާނެ. ތީ ކުރީސަރުކާރުން ލާފައި ހުރިމީހެއް. މިހާރު އިސްތިއުފާދިނީމާ އިގްތިސާދު ކުރިއަރާނެ ރޮކެޓް ސްޕީޑްގައި. ޕަޕެންޓުންގެ ހާއްޔެއް ސެންޓްރަލް ބޭންކަކީ. އަދި ސެންޓްރަލް ބޭންކުން ކުދިގުޅަ ވިއްކަންވެސް ފަށާނެ.