މޯލްޑިވިއަންގެ ބޯޓެއް. .--ފޮޓޯ:ނިޝާން އަލީ/މިހާރު
21 މާޗް 2025 - 17:50
ރާއްޖޭގެ އެތެރޭގެ ދަތުރުތަކަށް ޕްރިމިއަމް އިކޮނޮމީ ތައާރަފުކުރި ނަމަވެސް އިކޮނޮމީ ކްލާހުގެ ޓިކެޓު ގަންނަން ދައްޗެއް ނުވާނެ ކަމަށް މޯލްޑިވިއަން އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން އިއްޔެ ބުނެފި އެވެ.
އެ ކުންފުނިން އެހެން ބުނީ، ޕްރިމިއަމް ސީޓުތަކެއް ވިއްކަން ފެށުމާ އެކު، އިކޮނޮމީ ކްލާހުން ނުވަތަ އަގުހެޔޮކޮށް ޓިކެޓް ނުލިބޭނެ ކަމަށް ބުނެ އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެވެ.
"އަޅުގަނޑުމެން އިކޮނޮމީ ކްލާހުގެ ދަތުރުތައް ހުއްޓައެއް ނުލަން. މިހާރު ވެސް ހުރި ފްލައިޓުތަކަކަށް ވަކި އަދަދެއްގެ ސީޓުތަކަކަށް ޕްރިމިއަމް އިކޮނޮމީގެ ނަމުގައި ގިނަ ހިދުމަތްތަކެއް މި ތައާރަފްކުރީ. އެއީ މިހާރަށް ވުރެ ރަނގަޅަށް ދަތުރުގެ ތަޖުރިބާ ފުރިހަމަ ކޮށްދިނުމުގެ ގޮތުން ތައާރަފްކުރި ހިދުމަތެއް." އައިލެންޑް އޭވިއޭޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ޕްރިމިއަމް އިކޮނޮމީ ތައާރަފްކުރި ނަމަވެސް ދަތިކަމެއް ނެތި އިކޮނޮމީ ސީޓުތައް އަދިވެސް ބުކް ކުރެވޭނެ އެވެ.
އެ ކުންފުނިން ބުނީ، އެކި ރޫޓުތަކަށް ޕްރިމިއަމް އިކޮނޮމީ ކްލާހުގެ ސީޓުތައް ހުންނާނީ އެކި އަގުތަކުގައި ކަމަށެވެ. އަދި ބުކިން ހައްދާއިރު، ކޮންމެ ކަސްޓަމަރަކަށް ވެސް އިނޮކޮމީ ނުވަތަ "ޕްމިއަމް އިކޮނޮމީ" ހިޔާރުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ބުންޏެވެ.
"އެހެންވީމާ އިކޮނޮމީކް ކްލާހުން ސީޓު ބޭނުންވާ ބޭފުޅުންނަށް އެ ފުރުސަތު ނުގެއްލޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
މޯލްޑިވިއަންއިން އެތެރޭގެ އުދުހުންތަކަށް ޕްރިމިއަމް އިކޮނޮމީ ތައާރަފްކުރީ މިދިޔަ ބުދަ ދުވަހު އެވެ. ޕްރިމިއަމް އިކޮނޮމީ ޓިކެޓްތަކުގައި ދަތުރު ކުރަން ފަށާނީ އަންނަ މަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ.
ޕްރިމިއަމް އިކޮނޮމީގެ ދަށުން ދަތުރުކުރާ ފަސިންޖަރުންނަށް 25 ކިލޯގެ ބެގޭޖު އުފުލޭނެ އެވެ. ދަތުރުގެ ދުވަސް ބަދަލު ކުރުމާއި ޗެކިން ކުރުމުގައި ހާއްސަ އިސްކަމެއް ދޭނެ އެވެ. ޕްރިމިއަމް އިކޮނޮމީގައި ދަތުރުކުރާ ނަމަ "މޫނިމާ ލައުންޖް" ގައި މަޑުކޮށްލައި ކެއުމުގެ އިންތިޒާމުތައް ވެސް ހަމަޖެއްސޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.
މާލޭގެ އިތުރުން ދަރަވަންދު އާއި އިފުރުން ދަތުރުކުރާ ފަސިންޖަރުންނަށް ވެސް ލައުންޖުގެ ހިދުމަތްތައް ލިބޭނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ. ދަތުރުގައި އިކޮނޮމީ ޓިކެޓުގައި ދަތުރުކުރާ ފަސިންޖަރުންނަށް ވުރެ ފެންވަރު ރަނގަޅު ކެއުންތައް ލިބޭނެ އިންތިޒާމު ވެސް މޯލްޑިވިއަން އިން ވަނީ ހަމަޖައްސައިފަ އެވެ. އަދި ދަތުރު ނިމުމަށް ފަހު، އެންމެ ފުރަތަމަ ފޮށި، ދަބަސް ވެސް ލިބޭނީ ޕްރިމިއަމް އިކޮނޮމީގައި ދަތުރު ކުރާ ފަސިންޖަރުންނަށެވެ.
މޯލްޑިވިއަން އިން އެންމެ ފުޅާދާއިރާއެއްގައި ހިންގަނީ ޑޮމެސްޓިކް ދަތުރުތައް ކަމަށް ވާއިރު، އެ ދަތުރުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެ އެވެ. އެ އެއާލައިން އިން ޑޮމެސްޓިކް ދަތުރުތަކުގައި ބޭނުން ކުރާ ހުރިހާ ބޯޓެއް މި އަހަރުގެ ތެރޭގައި އާ ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ. އެހެންވެ، އިތުރު ތިން އޭޓީއާރް ގެނައުމަށް ވެސް ވަނީ ޕްލޭންކޮށްފަ އެވެ. އިތުރު ތިން ބޯޓާ އެކު، އޭޓީއާރްގެ އަދަދު 8 އަށް އިތުރު ކުރާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުއްތަމަ އުސްތާޛް
22 March 2025
ތިޔައަށް ކިޔަނީ ބެއިތު އެންޑް ސުވިޗް . ތިއީ ގިނަ ޤައުމުތަކުގައި ޤާނޫނީ ކުށެއް.
ފުޅިމަދޭ
22 March 2025
ދެން އެންމެ ރަނގަޅު، އަގުހެޔޮ ކުރި ޓިކެޓެއް މީހަކަށް އެންމެ ފަހުން ލިބުނީ ކޮން މަހަކު؟ ދުވަހަކު އޭގެ ޓިކެޓެއް ލިބުނު މީހަކާ ދިމާނުވާތީ އަހާލީ!
ފާމުލަދޭރި ކިލެގެފާނު
21 March 2025
އާނއެކޭ އާނއެކޭ، ޒައްރެއްގެ މިންވަރު ވެސް ގެއްލުމެއް ނުވާނެތާއޭ. ކުދި މަތިންދާ ބޯޓްތަކުގައި، މިހާރު ހުރި ގޮނޑިތަކުގެ މަތީގައި ފިލާއަޅާފައި އެއިގެ މަތީ ގޮނޑި ޖަހައިގެން "ޕްރިމިއަމް" ކިލާސް އުފައްދައިގެން ޚިދުމަތް ދިނުމަކުން ކުރިން ހުރި ގޮނޑިތަކުން އެއްވެސް މިންވަރެއް އުނިވާނީކީ ނޫނިއްޔާއެވެ. މިހިރަ މިހިރަ ކަންކަމީ އަހުރެ އަހުރެމެންނަށް ނޭގުނު ނަވެސް ކަން ކުރާން ތިއްބެވި ބޭފުޅުން ނުހަނު ވިސްނަވާފައި ނިންމާވާ ކަންކަން ވިއްޔާއެވެ.
ކަރާސީނު
21 March 2025
ރަނގަޅު! އިކޮނޮމީ ޓިކެޓް ހުންނާނީ 'ސޯލްޑް އައުޓް' ވެފަ. ލިބެން ހުންނާނީ ޕުރީމިއަމް އިކޮނޮމީ ޓިކެޓް!
މޯޑް
21 March 2025
ފާޑް ފާޑް ނަންކިޔާފަ ޓިކެޓް އަގުބޮނޑް ނޫން ދެން ކޮން ކަމެއް ތީ.
ފޮނިޓައްޕު ސާޖި
21 March 2025
ވަރަށް ރަނގަޅު ނިންމުމެއް