ގައުމީ އެއާލައިން މޯލްޑިވިއަންގެ، ފުރޮޅުލީ ކުދި މަތިންދާބޯޓުތައް ބޭނުންކޮށްގެން ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ވައިގެ ދަތުރުތަކުން ގުޅާލަން ނިންމައި އަގުތައް އިއްޔެ އާންމުކޮށްފި އެވެ. 

މޯލްޑިވިއަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ދެކުނުގެ ހަތަރު އަތޮޅު ކަމަށްވާ ގއ، ގދ، ފުވައްމުލައް އަދި އައްޑޫ، އެ އެއާލައިންގެ ދަތުރުތަކުން ގުޅާލަން ނިންމާފައިވާ ކަމަށެވެ. އަދި އެ ދަތުރުތައް އަންނަ މަހު ފަށާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ. 

ދަތުރުތަކުގެ އަގުތައް

  • ގަން - ފުވައްމުލައް | ކޮޅަކަށް 500ރ. 
  • ފުވައްމުލައް - ކޫއްޑޫ | ކޮޅަކަށް 650ރ.
  • ފުވައްމުލައް - ކާޑެއްދޫ | ކޮޅަކަށް 650ރ.
  • ގަން - ކާޑެއްދޫ | ކޮޅަކަށް 900ރ.
  • ގަން - ކޫއްޑޫ | ކޮޅަކަށް 900ރ.

އެ ދަތުރުތަކުގެ ބުކިން އަށް މިހާރު ހުޅުވާލާފައިވާ ކަމަށް މޯލްޑިވިއަނުން ބުންޏެވެ. 

މޯލްޑިވިއަންގެ މި އާ ހިދުމަތައް ފެށުމަށް އެ އެއާލައިނުގެ ޓްވިން އޮޓާ ބޯޓުތަކުގެ ތެރެއިން ބޯޓެއް (ޑީއެޗްސީ-ސިކްސް) މިހާރު ވަނީ ކަނޑަށް ޖައްސާ ކޮންފިގަރޭޝަނުން އެއްގަމުގެ ރަންވޭތަކަށް ޖެއްސޭ ގޮތަށް، ފުރޮޅުލީ ބޯޓަކަށް ބަދަލުކޮށްފަ އެވެ. މިހެން ހެދުމުން، އައްޑޫ ގަން، ފުވައްމުލައް، ކާޑެއްދޫ އަދި ކޫއްޑޫ އެއާޕޯޓަށް އެ ބޯޓަށް ޖެއްސޭނެ އެވެ. 

ޑީ ހެވިލަންޑް ކެނެޑާ DHC-6-300 ޓްވިން އޮޓާއަކީ ކުރު ރަންވޭތަކުން އުދުއްސާލުމާއި ޖެއްސުމުގެ ގާބިލުކަން ލިބިފައިވާ، 15 މީހުންގެ ޖާގައިގެ ބޯޓެކެވެ. އަދި އެއީ ވަރަށް އަވަހަށް ދަތުރުތަކަށް ތައްޔާރުކޮށްލެވޭ އަދި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ކުރު ދަތުރުތަކަށް އެކަށީގެންވާ ބޯޓެއްގެ ގޮތުގައި ބެލެވެ އެވެ.

ޓްވިން އޮޓާ ބޯޓު އާންމުކޮށް ރާއްޖޭގައި މިހާރު ބޭނުންކުރަނީ ސީޕްލޭންގެ ގޮތުގަ އެވެ. މާލެ އާއި ރިސޯޓުތަކާ ދެމެދު ޓޫރިސްޓުން އުފުލުމުގައި މިހާރު އެންމެ ބޮޑު ދައުރެއް އަދާކުރަނީ މި ބޯޓުތަކެވެ.

ދެކުނުގެ ގުޅުން ވަރުގަދަކުރުން

މޯލްޑިވިއަނުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ކަނެކްޓިވިޓީ ރަނގަޅުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކުރާ މަސައްކަތުގެ ދަށުން އެ އަތޮޅުތަަކަށް ހާއްސަ ދަތުރުތަކެއް އެ އެއާލައިނުން ތައާރަފުކޮށްފައިވާ ކަަމަށެވެ.

އެ ހިދުމަތުގެ މައިގަނޑު މަގުސަދަކީ ދެކުނުގެ ރަށްތަކުގެ މެދުގައި ދަތުރުފަތުރު ކުރުމުގައި އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދީ، އިތުބާރު ހުރި އަދި އަވަސް ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުން ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި؛

  • މި އާ ހިދުމަތުގެ ސަބަބުން ގއ، ގދ، ފުވައްމުލައް އަދި އައްޑޫއާ ދެމެދުގައި އޮތް ދަތުރުފަތުރުގެ ގުޅުން އިތުރަށް ރަނގަޅުވާނެ. އަދި އައްޑޫ ގަން، ދެކުނުގެ ދަތުރުފަތުރުގެ މައި މަރުކަޒެއްގެ ގޮތުގައި ތަރައްގީވެ، އެހެން ސަރަހައްދުތަކާ ގުޅުވައިދޭނެ.
  • ވަޒީފާއަށާއި ތައުލީމަށް އަދި ޒަރޫރީ ބޭނުންތަކަށް އެ ހިސާބުގެ ރަށްރަށުގެ މެދުގައި ދަތުރުކުރާ މީހުންނަށް ބޮޑު ލުޔެއް ލިބޭނެ.
  • ބަލި މީހުން އުފުލުމާއި ސިއްހީ ބޭނުންތަކަށް ކުރާ ދަތުރުތަކުގައި ކަނޑުދަތުރުފަތުރަށް ބަރޯސާވާން ޖެހޭ މިންވަރު ކުޑަވެ، މޫސުން ގޯސްވުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ލިބޭނެ.
  • ގަމަށް ދާ ޓޫރިސްޓުންނަށް ދެކުނުގެ އެހެން ރަށްތަކަށާއި ރިސޯޓުތަކަށް ދަތުރުކުރުން ފަސޭހަވެ، ގެސްޓްހައުސްތަކާއި ލޯކަލް ޓޫރިޒަމަށް އާ ދިރުމެއް ލިބޭނެ.

މޯލްޑިވިއަނުން، ފުރޮޅުލީ ކުދި މަތިންދާބޯޓުތަކުގެ ދަތުރުތައް ފަށާއިރު، ގިނަ ޑޮމެސްޓިކް އެއާޕޯޓުތަކެއް ހެދުމުގެ ބަދަލުގައި ވައިގެ ދަތުރުފަތުރުގެ ނިޒާމެއް ގާއިމު ކުރެވޭނެ އެހެން ގޮތްތަކާ މެދު ވާހަކަ ދައްކަން ރަނގަޅު ކަމަށާއި އޭގެ ބަދަލުގައި އެއާސްޓްރިޕްތައް ހަދައިގެން ކުދި މަތިންދާބޯޓުތައް ޖެއްސުމަކީ ކުރެވިދާނެ ކަމެއް ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު ވިދާޅުވެފައިވެ އެވެ.