ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ނ. ވެލިދުއަށް މިއަދު ފަށައިފި އެވެ.
ވެލިދުއަށް ސީޕްލޭން ދަތުރުތައް ފެށުމުގެ ގޮތުން މޯލްޑިވިއަނުން މިއަދު މެންދުރު ފަހު ވަނީ އެ ރަށުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި މޯލްޑިވިއަންގެ އިސްވެރިން އަދި ވެލިދު އާއި އެ ރަށާ ކައިރީގައި އޮންނަ ފޮއްދޫ ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އެ ރަސްމިއްޔާތުގައި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިލްޔާސް ވިދާޅުވީ ވެލިދުއަށް ސީޕްލޭންގެ ހިދުމަތް ފެށުމުން އެ ސަރަހައްދުގެ ލޯކަލް ޓޫރިޒަމަށް އިތުރު ދޮރުތައް ހުޅުވުމުގެ އިތުރުން އާންމުންގެ އަސާސީ ބޭނުންތަކަށް އަދި ވިޔަފާރި އާއި އެހެނިހެން ބޭނުންތަކަށް ކުރާ ދަތުރުތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.
މާލެއިން ވެލިދުއަށް ސީޕްލޭންގައި ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގު ވެސް ހެޔޮވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ވިޔަފާރި އުސޫލަށް ވުރެ ބޮޑަށް ރައްޔިތުންނަށް މިކަމުގައި ލުޔެއް ލިބޭނެ ގޮތަކަށް ސަރުކާރާއި މޯލްޑިވިއަން އިން ގުޅިގެން ކަނޑައަޅާފައިވާ އަގުތަކެއް،" އޭނާ ވިދާޅުވި އެވެ.
ޓިކެޓުގެ އަގުތައް
- ދިވެހިންނަށް ކޮޅަކަށް 999ރ.
- ޓޫރިސްޓުންނަށް ކޮޅަކަށް 93 ޑޮލަރު
ވެލިދުއަށް ސީޕްލޭންގެ ހިދުމަތް މި މަހު ފަށަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގަ އެވެ.
ރައީސް އެ ދުވަހު ވިދާޅުވީ ވެލިދޫ ކައިރީގައި އޮންނަ ވިހަފަރު ފިނޮޅުގައި އެއާޕޯޓެއް ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ނިންމުމަށް ކަނޑައަޅާފައި ވިޔަސް، ވެލިދުއަށް ހާއްސަކޮށްގެން ސީޕްލޭންގެ ހިދުމަތް ފަށަން ނިންމާފައިވާ ކަމަށެވެ.
މޯލްޑިވިއަނުން މިހާރު ވެސް އަންނަނީ ބ. ފުޅަދު އާއި ފެހެންދު އާއި ގޮއިދޫ އަދި ކަމަދުއަށް ސީޕްލޭންގެ ހިދުމަތް ދެމުންނެވެ. އަދި އއ. ތޮއްޑުއަށް ވެސް އަންނަ މަހު ސީޕްލޭންގެ ހިދުމަތް ފަށަން ވަނީ ނިންމައިފަ އެވެ.