ދެވަނަ ޖަނެރޭޓަރެއް ފެއިލްވެ އިއްޔެ ވެސް އެކި ގަޑިތަކުގައި އައްޑޫން ކަރަންޓު ކަނޑާލި.
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދޫކުރާ އިންޖީނުތަކެއް މަރާމާތު ކުރުމުގެ މަސައްކަތް މިރޭ ކުރަނީ.---ފޮޓޯ: ފެނަކަ
25 މާޗް 2025 - 00:38
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ އަށް އަދިވެސް ހައްލު ނުވާތީ، މިރޭ އަނެއްކާވެސް 1.8 މެގަވޮޓުގެ ޖަނެރޭޓަރެއް އެ ސިޓީ އަށް ފޮނުވާލަން ތައްޔާރުވަމުން އަންނަ ކަމަށް ފެނަކަ ކުންފުނިން ބުނެފި އެވެ.
"މިރޭ އެ ޖަނެރޭޓަރު ފުރުވާލުމުގެ މަސައްކަތުގައި މި އުޅެނީ. މިއީ މިދިޔަ ތިން މަސް ތެރޭގައި އައްޑު އަށް ފޮނުވާ ތިން ވަނަ ޖަނެރޭޓަރު. ކުރިން ފޮނުވި ދެ ޖަނެރޭޓަރު އިންސްޓޯލްކޮށް ބޭނުންކުރަން ވާނީ ފަށާފައި،" އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވި އެވެ.
އެކަމަކު، ހައެއްކަ މަސް ވީއިރު ވެސް މައްސަލަ އަށް ދާއިމީ ހައްލެއް ނުލިބި އިއްޔެ ވެސް އެކި ގަޑިތަކުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑާލަން ޖެހުނެވެ.
ނަޖާހު ވިދާޅުވީ، އިއްޔެ ކަރަންޓު ކަނޑަމުން ދާން ޖެހުނީ އޭގެ ކުރީ ދުވަހު އެއް ޖަނެރޭޓަރަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން އެ މަރާމާތު ކުރަމުން އަންނަނިކޮށް ދެ ވަނަ ޖަނެރޭޓަރެއް ވެސް ފެއިލް ވުމުން ކަމަށެވެ.
އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަން ގެ 03 އިންޖީނެއް މަރާމާތުކުރުމުގެ މަސައްކަތް މިވަގުތުވެސް ދަނީ ކުރެވެމުން. pic.twitter.com/oMKkaX2Zof
— Fenaka Corporation Ltd (@TeamFenaka) March 24, 2025
"އެހެންވެ، އަޅުގަނޑުމެންނަށް މަޖުބޫރުވީ ކަރަންޓު ކަނޑަމުން ދާން. އެކަމަކު، ޓެކްނިކަލް މައްސަލަ ދިމާވި ދެ ޖަނެރޭޓަރުގެ ތެރެއިން އެއް ޖަނެރޭޓަރު މަރާމާތުކޮށް މިރޭ ވަނީ އަލުން ކަރަންޓު ދީފައި. އަނެއް ޖަނެރޭޓަރު ވެސް މަރާމާތު ކުރަމުން އެބަދަން،" އެމްޑީ ވިދާޅުވި އެވެ.
އައްޑޫ ސެންޓްރަލް ޕަވާ ސްޓޭޝަންގެ ޖަނަރޭޓަރުތަކެއް ހަލާކުވެ، ލޯޑު ނުހިފެހެއްޓޭތީ އެކި ގަޑިތަކަށް ބަހާލައިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑަމުންދާތާ ހައެއްކަ މަސް ވެއްޖެ އެވެ.
މި ރޯދަމަހަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް އެކަން ކާމިޔާބު ނުވީ ނަޖާހު ވިދާޅުވިގޮތުގައި، ޖަނެރޭޓަރުތަކަށް ބޮޑެތި މަރާމާތުތަކެއް ބޭނުންވާއިރު، މިއީ ރޯދަމަސް ކަމަށް ވެފައި ހަވީރު ގަޑީގައި "އޯވަލޯޑް" ވާތީ އެވެ.
"ވަރަށް އަވަހަށް ވެސް މީޑިއަމް ޓާމް ހައްލެއް ގެނެވޭނެ ކަމަށް މި ބަލަނީ،" ފެނަކައިގެ އެމްޑީ ވިދާޅުވި އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި އެންމެ މަތިން ކަރަންޓު ބޭނުންވާ ގަޑިތަކުގައި 12 މެގަވޮޓްގެ ކަރަންޓު ބޭނުންވެ އެވެ. ކަރަންޓު ފޯރުކޮށްދިނުމަށް ހިތަދޫގައި ބަހައްޓާފައި ވަނީ 20 ޖެނަރޭޓަރު ސެޓެކެވެ. އޭގެ ކެޕޭސިޓީއަކީ 26.8 މެގަވޮޓެވެ. އެކަމަކު އޭގެ ތެރެއިން ބައެއް ޖަނަރޭޓަރުތައް ހަލާކުވެ، މިދިޔަ އަހަރުން ފެށިގެން ވެސް ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވީ އެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ނުވެ ދިގުލައިގެންދާތީ އެ ސިޓީގައި މީގެ ދުވަސްކޮޅެއް ކުރިން އިހުތިޖާޖު ވެސް ކުރި އެވެ. އަދި ހިތަދޫ މެދުދާއިރާގެ މެމްބަރު އަހުމަދު އަޒާން މިރޭ ވަނީ މައްސަލަ ހައްލު ނުވެ ދިގުލައިގެންދާތީ ފެނަކައިގެ އެމްޑީ އިސްތިއުފާ ދެއްވަން ވެސް ގޮވާލައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހސިުއ
27 March 2025
ބާ ދަނގަޑޭ ކިޔާ މީހުންނަށް ތި ދިނުމުގެ ބޭނުމެއް ނެތް. ހުވަދޫ، ހައްދުންމަތި ތަންތަން ތަރައްޤީ ކުރަން އުޅުނިއްޔާ މާ ރަނގަޅު.
ކަޅަބޭބޭ
25 March 2025
ދަބަރު ޖަހާފައި ހުރި ބައި އިންޖީނު ތަކުން 1.5 މެގަވޮޓު ގެ ބަދަލުގައި ނިކުންނަނީ ހަމަ އެކަނި އަޑު ސައުންޑު!
ސަކަރާތް
25 March 2025
އިއްޔެ ރޯދަ ވީއްލީ ކަނު އަނދިރީގައި އަދީ ޢިޝާ ނަމާދުވެސް ކުރީ ހަމަ ކަނު އަނދިރީގައި، ޝުކުރިއްޔާ ޑރ.މުއިޒު، ސަރުކާރުގެ ޙަރަދުތައް ކުޑަރުރަން ތިޔަ އަޅުއްވާ ފިޔަވަޅު ތަކަށް ހަމަ ސާބަސް. މިތިބީ ދިވެހީންގެ ރާއްޖޭގައި.
ޑޮކްޓާރ. ބަނާނާ
25 March 2025
އައްޑޫ ރައްޔިތުން ނަށް މިމުސީބާތް ޖެއްސި ސަރުކާރު ތައް އަބަދުވެސް ކިޔާއެއް ލަވައެއްއޮވޭ! އަންނަނީ...! އަންނަނީ..! އަދި މިހާލުގައި ރައްޔިތުން ޖައްސާ ރަމަޝާމް ވެސް ތިޔާ ނިންމާލީ! ޓެކްސް ފައިސާ އިން ބޮޑު މުސާރަ ނަގައިގެން ތިއްބެވި ނާގާބިލު މޭޔަރ މެންބަރުން އަދި އައްޑޫ ފެނަކައި ގެ ވެރިން ޖެހޭ މިކަމުގެ ފުރިހަމަ ޒިއްމާ ނަގަން ! ސަރުކާރޭ "ވެޅެންސާލޭ ،ކަހެރުވަކޭ " ވިދާޅު ނުވެ ގެއަށް ވަޑަގަންނަވާ! ލަދު ފުޅު ކޮބާއިތޯ؟؟؟؟ ވ ވެދުން!
އެމީލިއޯ
25 March 2025
މުއިއްޓޭ އިންޖީނެއް ހިފަގެން އައްޑު އަށް ގޮސްގެން ނޫނީ ތިޔަކަމެއް ރަގަޅެއް ނުވާނެ
ަލާމީސް
25 March 2025
ތިތިބީ އިންޖީނު ހަދަން އެ މައްޗަށް އަރާ ތިބި ވައްތަރު
މެޓްރިކްސް ހުސެއިނާ
25 March 2025
މަނިކުފާނު ތި ޖަނެރޭޓަތައް ފޮނުވިޔަސް ކަރަންޓް ހާލަތަކަށް އެއްވެސް ބަދަލެއް ނާދޭ.. ރޯދަމަސް މި ނިމެނީ ދުވާލަކު 1 ގަޑި 2 ގަޑި އިރަށް ކޮންމެދުވަހަކު ކަރަންޓް ކަނޑަމުން ދަނީ.. ތިވަރަށް މިކޮޅަށް ޖަނެރޭޓަތ ފޮނުވި އިރު ކަރަންޓް ކެނޑުމަށް ބަދަލެއް ނާންނަނީ ތި ފޮނުވަނީ ހަލާކުވެފަ ހުރި ޖެނެރޭޓަރ ތަކެއް ބާ.. ނޫނީ ނުފޮނުވާ ހަމަ އެކަނި ނޫހުގެ ހެޑިންގް އެއް އަޅާލަނީ ބާ؟؟؟؟
ބައްޕާގެ އިބުރާ
25 March 2025
މި މަހު އެންމެ ގިނަ މެގަ ވޮޓު އައްޑު އަށް ފޮނުއްވައި ދެއްވި ކަމަށްޓަކައި ޢިއްޒަތްތެރި ރައީސަށް ޝުކުރާއި ޢީދު މުބާރިކު ދަންނަވަން
ހަމްދާ
25 March 2025
ފޮނުވަން ޖެހޭނެއެވެ. އެއީ ޝުކުރުވެރިވާންޖެހޭ ކަމެކެވެ.
ފެނަކަ ސައީދު
25 March 2025
ބޮޑަތި ސިޓީ ތަކަށް ޑީސަލް ޖަނަރޭޓަރުން ކަރަންޓު ދިނުމަކީ މިޒަމާނަށް އެކަށޭނެ ކަމެއް ނޫން. ރާއްޖޭގަ ނިއުކްލިއާ ހަކަތަ އުފައްދަން މަސައްކަތް ކުރަންވީ.
ޓްސްކް
25 March 2025
އާއެއްޗެއް ގަނެފަ ދީބަލަ.