27 މާޗް 2025 - 09:28
އައިޓީ ދާއިރާއިން ޑިގްރީއަށް ފަހު މާލެ އިން ލިބުނު ވަޒީފާގައި އިލްހާމާ ޔޫސުފަށް ކިތަންމެ މައްޗަށް ކުރިއަރައި ދެވެން އޮތެވެ. ސެކަންޑްރީ ޓީޗިން އިން މާސްޓާސް އަށް ފަހު އިފްހާމާ ޔޫސުފަށް ވެސް ވަރަށް ރަނގަޅު ފުރުސަތުތައް ލިބެން އޮތެވެ. ކިޔަވާ ކުދިން ގިނަ މާލޭގެ ކޮންމެ ސްކޫލަކުން ވަޒީފާ ހަމަޖެހުނީހެވެ. އެކަމަކު ސިކުންތަކަށް ވެސް ހަނދާން ނައްތާ ނުލެވުނީ މަންމަ ފާތުމަތު ނާދާ އާއި ބައްޕަ ޔޫސުފް އަބްދުﷲ ގެ ގުރުބާނީ އެވެ.
ދެ ކުދިން ކިޔަވަން މާލެ ފޮނުވައި، ކަމެއް ދަތިވިޔަ ނުދޭން ރަށުގައި ތިބެ ވަރަށް ބުރަ އުފުލި އެވެ. ހުރިހާ ވަގުތަކާއި ހަކަތައެއް އެ ދެމަފިރިން ހުސްކޮށްލީ އިލްހާމާ އާއި އިފްހާމާގެ އިތުރުން ކުޑަ ފިރިހެން ދަރިފުޅަށެވެ. ތިން ދަރިން އައީ އެ ދެމަފިރިން އަމިއްލަ އުފަލާއި ހިތްހަމަ ޖެހުމުގެ ކުރިއަށެވެ.
އިލްހާމާ އާއި އިފްހާމާ، ކޮއްކޮއާ އެކު.
"އަޅުގަނޑުމެންނަށްޓަކައި މަންމަ އާއި ބައްޕަ ވަރަށް ބުރަ މަސައްކަތްތަކެއް ކުރީ. އެއީ ހަނދާން ނައްތާލެވޭނެ ކަމެއް ނޫން،" އިލްހާމާ ބުންޏެވެ.
ކިޔަވައި ނިމުމާ އެކު ރަށަށް ބަދަލުވި އިރު މުހިއްމީ ރަށުގައި ވަޒީފާއެއް ލިބެން އޮތްތޯ ބެލުމެއް ނޫނެވެ. މުޅި ހަޔާތް އެ ކުދިންނަށްޓަކައި ހުސްކޮށްލި މަންމަ އާއި ބައްޕަ އެކަނި ރަށަށް ދޫކޮށްލާފައި އެއްވެސް ތަނެއްގައި ދިރިއުޅެން ބޭނުން ނުވީ އެވެ. އެ ދެމަފިރިންނަކީ ވެސް ހާޓް ޕޭޝަންޓުންނެވެ.
މަންމަ އާއި ބައްޕައަކީ ވޯލްޑް ބެސްޓް ހަމަ. އަޅުގަނޑުމެން ކިޔަވަން ބޭނުންވާ ވަރަކަށް ކިޔަވަން ބުރަ މަސައްކަތުން ފައިސާ ހޯދި. ދިރިއުޅުމުގައި ކުރިއަށް އާމްދަނީ ހޯދާނެ ގޮތެއް ވެސް މަންމަމެން މިއޮތީ މެދުވެރިކޮށްދީފައި.
އެކަމަކު ކުދިން ކިޔަވާ ނިމެންދެން ހަޔާތުގެ ކޮންމެ ދުވަހަކީ ވެސް އެ ދެމަފިރިންނަށް ބުރަ، ހިތްވަރުކުރި ދުވަހެކެވެ.
ކިޔެވުން ނިންމައި ރަށަށް ބަދަލުވުމުން މަންމަ އާއި ބައްޕަ އެދުނީ އަމިއްލަ ފައި މައްޗަށް ތެދުވެވޭނެ ކަމެއް ފެށުމަށެވެ. އެ ކަމުގައި އެހީ ވެސް ވި އެވެ.
ކިޔެވުމުގެ ހުރިހާ ހަރަދަކަށް ފަހު އެ ދެ ކުދިންނާ ހަވާލުކުރީ ރައްކާކޮށްފައި ހުރި ފައިސާ އެވެ. އެ ފައިސާ އެއްކުރީ ކުދިންނަށްޓަކައި ރަށުގައި ހިންގި ކުޑަ ފިހާރަ އިންނެވެ. "މަގަތް ފިހާރަ" ނަމުގައި ހިންގި އެތަނަކީ މި ރަށުގައި އެންމެ ދުވަސްވީ އެއް ފިހާރަ އެވެ.
އިލްހާމާ އާއި އިފްހާމާ.
"ރައްކާކޮށްފައި ހުރި ފައިސާ އަޅުގަނޑުމެންނަށް ދީފައި ބުނީ މަންމަމެންނަށް ކުރެވޭ ވަރަށް ބިޒްނަސްއާ އެއްޗެހި މި ކުރެވުނީއޭ. ދެން އޮތީ ދަރިފުޅުމެން ފަށަންވެފައޭ. މަންމަމެން ގައިގައި މިހާރު ނެތެކޭ އެހާ ހިތްވަރެއް ކުރިން ކުރި ވަރަކަށް ކުރާކަށް،" އިފްހާމާ ބުންޏެވެ.
މަންމަ އާއި ބައްޕަ ދައްކާ މަގަކުން ގޯސްކޮށް ކަމެއް ނުހިނގާނެ ކަމަށް ގަބޫލުކޮށް، ދެ ކުދިން ކުރިމަތިލާން ޖެހުނީ ވަރުގަދަ ޗެލެންޖަކާ އެވެ. މުޅިން އެހެން ދާއިރާއަކުން ކިޔަވައިގެން ވިޔަފާރީގެ ތެރެއަށް ވަންނަން ޖެހުމުން އުނދަގޫތަކެއް ކުރިމަތިވި އެވެ. ހުރިހާ ކަމެއް ޖެހުނީ ސުމަކުން ފެށިގެން ދަސްކުރާށެވެ.
ފުރަތަމަ ވިސްނީ ފިހާރައެއް ހުޅުވާށެވެ. އެކަމަކު އޭރަށް ބަލާ ނަމަ ރަށުގައި ރަނގަޅު ފެންވަރުގެ ރެސްޓޯރެންޓެއް ނުހުރެ އެވެ. އެހެންވެ ނިންމީ އެންމެ ރަނގަޅަށް ހިނގާނެ ވިޔަފާރީގެ ތެރެއަށް ވަންނާށެވެ.
މަނަދޫގައި މިހާރު އެންމެ ހިނގާ އެއް ކެފޭ, "މިއާއީ"ގެ ފަހަތުގައި ތިބީ ޒުވާން މި ދެ ކުދިންނެވެ.
ދެ ބުރިއަށް ހަދައި 2022 ގައި ހުޅުވި މި ކެފޭގެ ބިންގަލަކީ މަންމަ އާއި ބައްޕަ ދެކެ މި ކުދިން ވާ ލޯތްބެވެ. މަންމަމެންނަށް ނުވެގެން ވެސް ހުރީ ނުހަދަ އެވެ. އެހެންވެ އިމާރާތުގެ ގްރައުންޑް ފްލޯ ދިރިއުޅެން ހާއްސަކޮށްފައި މަތީ ދެ ބުރި ހެދީ ކެފޭއަށެވެ.
އެތަން ހަދަން އެޑްވާންސަށް ފައިސާ ނެގި މީހުން ފުރަތަމަ މަސައްކަތް ނުނިންމައި ދޫކޮށްލީ އެވެ. އެ ފައިސާ ވެސް އަނބުރާ ނުލިބުނެވެ. އަނެއްކާ ހޯދަން ޖެހުނީ މަސައްކަތް ކުރާނެ އެހެން ބައެކެވެ.
"މަންމަމެންނަކީ ވެސް ވަރަށް ބުރަ މަސައްކަތް ކުރި ދެ މީހުން. އެހެންވީމަ ދެ މީހުންގެ ކޮންފިޑެންސް އިން ކުރެވޭނެއޭ. ސިކުނޑީގައި ކާމިޔާބު ކުރުން ނޫން އެހެން ވިސްނުމެއް ނުބާއްވަން،" އިފްހާމާ ބުންޏެވެ.
ދެ ކުދިން ބޭނުންވާ ގޮތަށް ވިޔަފާރި ކުރިއަށް ގެންދަން ދޫކޮށްލިޔަސް މަންމަ އާއި ބައްޕަގެ ހިޔާލާއި މަޝްވަރާ ހޯދި އެވެ. ތަނުގެ ޑިޒައިން ވެސް ހަދާފައި ހުރީ މަންމަ ބޭނުންވި ގޮތަށެވެ.
ދެ ކުދިންގެ ބެލުމުގެ ދަށުން ހިންގާ ކެފޭ: އަތޮޅުގެ ރަށްތަކަކުން މަނަދު އަށް އަންނަ ގިނަ ބަޔަކު މި ކެފޭ އިން ހިދުމަތް ހޯދާ.
"ހުޅުވި ރޭގައި މަންމަ އާއި ބައްޕަ ބުނި ވަރަށް ބޮޑު ޒިންމާއެކޭ ތި އުފުލީ, ރަނގަޅަށް ކުރިއަށް ގެންދައްޗޭ. އިތުބާރު އެބައޮތޭ،" އިފްހާމާ ބުންޏެވެ.
ދެން އެދުނީ ކުޑަ ފިރިހެން ކޮއްކޮ ބައިވެރިކޮށްގެން ތިން ކުދިން ގުޅިގެން ވިޔަފާރި ހިންގުމަށެވެ. ކާމިޔާބު އޮތީ ތިން ކުދިންގެ ގުޅުމުގެ މައްޗަށް ކަން ވެސް ހަނދާންކޮށްދިނެވެ.
"އެގޮތަށް ކުރިއަށް މި ގެންދަނީ. ކަމެއް ޖެހުނަސް ތިން މީހުން ވާހަކަ ދައްކާފައި އެ ނިންމުމެއް މަންމަ އާއި ބައްޕަގެ މަޝްވަރާ ހޯދައިގެން އެންމެ ރަނގަޅު ގޮތަކަށް ނިންމަނީ,"
އޭގެ އިތުރުން ޑެލިވަރީ އާއި ދެން ޖެހޭ ކަންކަމުގައި ދެ މީހުންގެ ފިރިންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެ އެވެ.
ކުރިއަށްދާން މި ރަށު މީހުންގެ ސަޕޯޓް ވެސް ލިބުނެވެ. އަލަށް މި ރަށުގައި ބުފޭ ބާއްވަން ފެށުމުންނާއި އެކި މުނާސަބަތުތަކަށް ހާއްސަކުރާ ކެއުންތައް ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި ފާހަގަކޮށް ޕޮޒިޓިވް ކޮމެންޓްސް ލިބުނެވެ.
"އަންހެން ކުދިންނަށް ވެފައި ބިޒްނަސް ކުރިއަށް ގެންދާ ގޮތް ވަރަށް ރަނގަޅޭ ބުނޭ. ޔަންގް ކުދިންނާ ބަލާފައި އައިޑިއާސް ވެސް ރަނގަޅޭ. ރަށުގެ އޮފީސްތަކުން ވެސް ވަރަށް ސަޕޯޓިވް. އަޅުގަނޑުމެން އަންހެން ކުދިންނޭ ކިޔާފައި ބޮޑެތި ކަންކަން ނުދީ ނުތިބޭ. ކުރާނެ ކަމުގެ ޔަގީންކަން އޮވޭ," އިލްހާމާ ބުންޏެވެ.
ބޮޑެތި ޕާޓީތަކާއި ރަސްމިއްޔާތުތަކަށް ކޭޓަރިންގެ ހިދުމަތް ދެ އެވެ. ރިސޯޓްތަކަށް ކެއުންތައް ޑެލިވަރީ ވެސް ކޮށްދެ އެވެ.
އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވީ ވަރަކުން މަންމަގެ ބައިވެރިވުމެވެ. ދިވެހި ކެއުމެއް ނަމަ އިސްކޮށް އުޅޭނީ މަންމަ އާއި އާއިލާގެ އެހެން މެމްބަރުންނެވެ. ކެފޭގައި ތިބޭ ބޭރު މީހުން ލައްވައި ދިވެހި ކެއުން ނުހަދަ އެވެ.
ދެ ކުދިންގެ ޗެލެންޖުގައި ހިތްވަރު ހޯދީ މަންމަ އާއި ބައްޕަގެ ކާމިޔާބީންނެވެ. މި ވިޔަފާރި ފެށުމަށް ފަހު ކިޔެވި ދާއިރާ އިން އިލްހާމާ އާއި އިފްހާމާ ވަނީ ރަށަށް ހިދުމަތް ކުރަން ވެސް ފަށައިފަ އެވެ. އިލްހާމާއަކީ މަނަދޫ ކައުންސިލް އިދާރާގެ އައިޓީ އޮފިސަރެވެ. އިފްހާމާއަކީ ރަށު ސްކޫލުގެ ސެކަންޑަރީ ޓީޗަރެކެވެ.
ވިޔަފާރި ފެށި ގޮތް ވަރަށް ޝައުގުވެރިވެގެން އިފްހާމާ ގާތު ދަރިވަރުން އަހަ އެވެ.
ވަޒީފާގައި އުޅެމުން ވެސް ވިޔަފާރީގެ ކަންކަން ދުވަހުން ދުވަހަށް ބަލަ އެވެ. މަންމަމެންގެ އެދުމަކަށް ފެށި ވިޔަފާރިއަށް ހީނަރުކަމެއް އަޔަ ދޭން ނުވަނީ އެވެ. އެ ކުދިން މިހާރު އަންނަނީ އެހެން ވިޔަފާރިއެއް ވެސް ފަށަން ތައްޔާރުވަމުންނެވެ.
ކެފޭގައި ބުފޭ ތައްޔާރުކޮށްފައި. މި ރަށުގައި އަލަށް މިކަން މި ކެފޭގައި ފެށުމުން ގިނަ ބައަކަށް ކަމުގޮސްގެން ހިތްވަރު ދިން.
އާ ކަންކަން ދަސްކުރަން ޝައުގުވެރިވާ ކުދިން މި ކެފޭއަށް މިހާރު ކަރަންޓް ދެނީ ސޯލާއިންނެވެ. އެ ހައްލު ހޯދީ ބޮޑެތި މެޝިންތައް ބޭނުންކޮށް ކަރަންޓް ބިލް ބޮޑުވާތީ އެވެ. އިލްހާމާގެ ފިރިމީހާ ދިން ހިޔާލަކަށް ފެށި އެކަން ވަރަށް ކާމިޔާބެވެ.
މި ދެ ކުދިންގެ އެންމެ ބޮޑު އުފަލަކީ މަންމަ އާއި ބައްޕަގެ ނަސޭހަތް ގަބޫލުކުރެވުމެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި ދަރިންނަށްޓަކައި މައިންބަފައިންގެ ގުރުބާނީގެ އަގު ދުވަހަކު ވެސް އަދާކޮށް ނުނިމޭނެ އެވެ.
"މަންމަ އާއި ބައްޕައަކީ ވޯލްޑް ބެސްޓް ހަމަ. އަޅުގަނޑުމެން ކިޔަވަން ބޭނުންވާ ވަރަކަށް ކިޔަވަން ބުރަ މަސައްކަތުން ފައިސާ ހޯދި. ދިރިއުޅުމުގައި ކުރިއަށް އާމްދަނީ ހޯދާނެ ގޮތެއް ވެސް މަންމަމެން މިއޮތީ މެދުވެރިކޮށްދީފައި،" އިފްހާމާ ބުންޏެވެ.
"ބަރާބަރަށް ނަމާދުކޮށްގެން އުޅެފިއްޔާ ގޯހެއް ނުވާނެއޭ އަބަދުވެސް ބުނޭ. އެކަން އަބަދުވެސް ހަނދާނުގައި ބަހައްޓަނީ."
މި ކުދިންނަށް ދިރިއުޅުމުގައި މުހިއްމީ މަންމަ އާއި ބައްޕަގެ ހިނިތުންވުމެވެ. އެކަން ދެ ކުދިން ކާމިޔާބުކޮށްފި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަޅުރަށު މީހަ
27 March 2025
ދަރިންގެ އެހީތެރިކަމަށް މައިންބަފައިން އެންމެ ބޭނުންވާ ދުވަހު އެމީހުންގެ ޤުރުބާނީގައި ކޮޅުފައިންޖަހާފަ ގޮސް ތިބެނީ މާލޭގަ ކުލީއަޅުންނަށް ވެގެން. މައިންބަފައިން އެކަނިވެރިކަމުގަ ނަފްސާނީ ވެފަ. ދަރިން ކުލީ އަޅުންގެ ނަފްސީ ބަލިމަޑުކަމުގަ. މިކުދިންހެން ރަށުގައި އުޅެން ވިސްނާނަމަ ރަށުން ތަޢުލީމުވެސް ލިބޭނެ. ޑޮކްޓަރުންވެސް ތިބޭނެ. މަސައްކަތްތަކާއި ވަޒީފާވެސް އުފެއްދޭނެ. މިހާރު ވާހެން ރަށް ފަޅުކޮށްފައި ގޮސް ރަށުގައި ކަމެއް ނެތޭ ކިޔާކަށް ނުޖެހޭނެ.
ބަރަކާތް ލައްވާށި
27 March 2025
ކޮންމެ ރަށެއްގައި ތިހެނެއް ނުވާނެ. މަނަދޫއަކީ އެ އަތޮޅުގެ އަތޮޅުވެރިކަން ކުރާ ރަށް އަދި މުޅި އަތޮޅާއި، ހޮޅުދޫ ވެލިދޫ ފިޔަވައި އެބިތުގެ އެންމެން ޑިޕެންޑްވާނީ އަތޮޅު މެދުގައިވާ މަނަދުއަށް. ސަރުކާރުގެ ގިނަ ތަންތަން ބެންކު ކަހަލަ... ހުންނާނީ އެރަށުގަ.އެހެން ވީމާ އެރަށުގައި ކޮންމެ ވިޔަފާރިއެއްވެސް ކެރިއްޖެއްޔާ ރަގަޅަށް ހިންގޭނެ، ސަރުކާރުގެ ދަތުރުތަކުގައި ދެވޭތީ، އަބަދުވެސް ތި ކަހަލަ ރެސްޓޯރަންޓަކަށް އަތޮޅުގެ އެންމެންވެސް ތިރަށުން އުއްމީދު ކުރޭ.