ރިޕޯޓް / މީހުން

މުހައްމަދު މި ހިންގަނީ ދިވެހި މަސްވެރިންގެ ބުޅި ފެކްޓަރީ

ގދ.ފަރެސްމާތޮޑާއިން،  ފާތިމަތު ޝަނާ މުހައްމަދު، މިހާރު

31 މާޗް 2025 - 08:52

5 comments

ދޮށީގެ މަސްވެރިކަމުގައި ދުނިޔޭގައި ދެވަނައެއް ނެތް ދިވެހި މަސްވެރިންނަށް މަހެއްގެ މައްޗަށް އެތައް ހާސް ބުޅިއެއް ގދ. ފަރެސްމާތޮޑާގެ މި ކަނބުރުގެއިން ސަޕްލައިކުރެ އެވެ. އެ އަތޮޅުން ބޭރަށް ސަޕްލައި ފުޅާވެ މި ކަނބުރުގެއިން އެތަނުގެ ވެރިޔާ މުހައްމަދު މަނިކުގެ ފާޑުވެރިކަމުގައި ޖަހާފައިވާ ބުޅިތަކުން ރާއްޖޭގެ އެކި ހިސާބުން ކޮންމެ ދުވަހަކު އެތައް ހާސް މަހެއް އެ ދަނީ ބާނަމުންނެވެ.

އެކަމަކު މި މަސައްކަތުގައި މިއަދު އެ ހުރި ފަހުރުވެރި މަގާމާ ހިސާބަށް އާދެވުނީ ކުއްލިއަކަށް ނޫނެވެ.

އޭނާގެ އުމުރުން އެންމެ ހަތް އަހަރުގައި ޕޯލިއޯ ޖެހި، ހިނގާބިނގާވެ އުޅެން ޖެހުނީ އަސާއެއްގެ އެހީގަ އެވެ. މިހާރު އުމުރުން 64 އަހަރުގެ މުހައްމަދު މަނިކަށް އާމްދަނީ ހޯދޭނެ ފުރުސަތެއް އޭނާ ބޮޑުވެގެން އައި ދުވަސްވަރު މަދެވެ. މިއަދު އޭނާގެ މުޅި ދިރިއުޅުން އެކަމަކަށް ބިނާވާ މަސައްކަތް ދަސްކޮށްދޭން އުމުރުން އެންމެ 11 އަހަރުގައި އަތުގައި ހިފައިގެން ގޮސް އޭނާގެ މަންމަ ވެއްދީ އޭރު އެ ސަރަހައްދުގެ އެންމެ މަޝްހޫރު ކަނބުރުވެރިޔާ މުހައްމަދު އަލީގެ ކަނބުރުގެޔަށެވެ.

އެ ކަނބުރުގެއިން ހުޅުވުނީ ދިރިއުޅުމުގެ ދޮރެވެ.

މިކަމުގެ ފެށުމާ ހަމައަށް ހަނދާންތައް ގެންގޮސް މުހައްމަދު ބުނީ ކަނބުރުގެޔަށް ގެންދިއުމުން އެއީ އޭނާއަށް ކުރެވޭނެ ކަމެއް ނޫނޭ އޭރު ބުނި ކަމަށެވެ. އެކަމަކު އެ ބަސް ވީ އޭނާއަށް މަސައްކަތް ފުރިހަމައަށް ދަސްކުރަން ލިބުނު އެންމެ ބޮޑު ހިތްވަރަށެވެ.

މުހައްމަދު ހަދާފައިވާ އެކި ސައިޒުގެ ބުޅިތައް ދައްކާލަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"ކުޑަކޮށް ދެރަ ވެސްވި. އޭރު އުމުރުން ވާނީ 11 ވަރަކަށް އަހަރު. ބޭބެ [މުހައްމަދު އަލީ] ބުނީ މަސައްކަތް ކުރާކަށް ނޭނގޭނެއޭ. ކުޅޭށޭ އެނގޭނީ،" އޭނާ ބުންޏެވެ.

އެންމެ ފުރަތަމަ އޭނާއާ ހަވާލުކުރީ، ލަކުޑިގަނޑެއްގައި ބޮޅެއް ކުރަހާފައި އެތެރޭގައި ނަރުތަކެއް ޖަހާށެވެ. އެކަން އޭނާ ލައްވައި ކޮންމެ ދުވަހަކު ކުރުވި އެވެ. ދުވަހަކަށް ވުރެ ދުވަހެއް، ނަރު ޖަހަންޖެހޭ އަދަދު ދިޔައީ އިތުރު ކުރަމުންނެވެ.

"އެހެންވީމާ މި އެނގުނީ، އޭނަ އެ އުޅުނީ އަޅުގަނޑު ފޫހި ނުވާގޮތަށް އެކަން ދަސްކޮށްދޭންކަން. ކުޑަކުއްޖަކަށްވީމާ، މާބޮޑު މަސައްކަތެއް ހަވާލު ކޮށްގެން ނުކުރެވޭނެތާ. ހަމައެބުނާހެން، ކަނބުރުގޭގައި ބޭނުންކުރާ ސާމާނު ބޭނުންކޮށްގެން ކުޅުވީ،" އޭނާ ބުންޏެވެ.

މުހަންމަދު ހަދާފައިވާ ބުޅިތަކެއް: މިހާރު އޭނާ ދުވާލެއްގެ މައްޗަށް 300 އެއްހާ ބުޅި ހަދާ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ފަހުން ފަހުން އައިސް، ބޭނުންކުރާ އާލާތްތަކަށް ހޭނި، އެ ބޭނުންކުރަން އެނގުމުން ކަނބުރު ގެއިން ކުރާ ހުރިހާ ކަމެއް ވެސް ދަސްކޮށްދިނެވެ. ކަބުރުވެރިކަން ފުރިހަމައަށް ދަސްކޮށް އަމިއްލައަށް މަސައްކަތްކުރަން ފެށީ އުމުރުން 18 އަހަރުން ފެށިގެންނެވެ. އެކަމަކު އަމިއްލަ ތަނެއް ހެދުމުގެ ކުރިން ވެސް އުމުރުން 13 އަހަރުގައި އޭނާ ބުޅި ހަދައި އެ ވިއްކަން ފެށި އެވެ.

ކަނބުރުގެއިން ގިރުނބާއަށް ދޮންކޮށްގެން ތަޅައިގެން ހަދާ ހުރިހާ އެއްޗެއް ވަރަށް ފުރިހަމައަށް އޭނާ ދަސްކުރި އެވެ. ކަތިވަޅި، ފުރޯ އަދި ވަޅި ފަދަ ހުރިހާ އެއްޗެއް އޭނާ ހަދަ އެވެ. އޭނާ ބުޅި ހަދަން ފެށީ އޭގެ ދެތިން އަހަރު ފަހުންނެވެ.

ރާއްޖޭގެ މަސްވެރިން ގެންގުޅުނު ބުޅިތަކަށް އައި ބަދަލުތައް އޭނާއަށް ވަރަށް ގާތުން ފެނުނެވެ. ހަދާ ބުޅިއަށް ބަދަލު ގެންނަނީ، އެ ބޭނުންކޮށް އޭގެ ނަތީޖާ ވެސް ބަލައިފަ އެވެ. އަދި މީހުންގެ މެދުގައި އެންމެ މަގްބޫލު ބުޅިތައް ބަލައިގެން އެތަކެތި އުފައްދަން ފެށި އެވެ.

އެންމެ ފުރަތަމަ ރާއްޖޭގެ މަސްވެރިން ބޭނުންކުރީ އަރަބި އަކުރު "ޔާ" އިންނަ ގޮތަށް ހަދާ ބުޅި އެކެވެ. ފަހުން އެ ބުޅި ބަދަލުވީ ސަތޯ ބުޅިއަށެވެ. އެއީ ޖަޕާނު ބުޅި އެވެ. މިހާރު މަސްވެރިންގެ މެދުގައި އެންމެ މަގުބޫލީ، ހަވާއީ ބުޅި އެވެ.

މުހައްމަދު ބުޅިއެއް ހެދުމުގެ މަސައްކަތުގައި: އޭނާ މިހާރު ވެސް 63 ދޯންޏަކަށް ބުޅި ފޯރުކޮށްދޭ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ބުޅި ހެދުމުގެ މަސައްކަތް ކުރި ނަމަވެސް، އޭނާ ވަނީ އެހެން ވަޒީފާތައް ވެސް އަދާކޮށްފަ އެވެ. އެސްޓީއޯގެ މެނޭޖަރެއްގެ ވަޒީފާ ނުވަ އަހަރު ވަންދެން އަދާކުރި އެވެ. އޭގެ ކުރިން 70 ގެ ދުވަސް ވަރު އޭނާ ވަނީ ރަށުގެ ކާތިބުކަމާއި ސްކޫލުގެ ޓީޗަރެއްގެ ވަޒީފާ ވެސް އަދާކުރި އެވެ. އޭނާ 19 ވަނަ އަހަރު ވަންދެން ވަޒީފާތަކުގައި އުޅުނަސް، ކަނބުރުގޭގެ މަސައްކަތް ހުއްޓައެއް ނުލަ އެވެ.

މުހައްމަދު ބުނީ، ކުރިއާ މިހާރާ އެ މަސައްކަތް ކުރުމުގައި ވެސް ވަރަށް ބޮޑަށް ތަފާތު ކަމަށެވެ. އެންމެ ފުރަތަމަ ބުޅި ހެދުމުގެ މަސައްކަތަކީ ވެސް ކަނބުރުވެރިކަމުގެ އެހެން ހުރިހާ މަސައްކަތެކޭ އެއްގޮތަށް ބުރަ، ކަވި މަސައްކަތެކެވެ. އޭރު އެކަން ކުރީ ފީރުން ގާނައިގެން މަރުތޭލުން ތަޅައިގެންނެވެ. މިހާރު އެކަން ކުރަން ބޭނުން ކުރަނީ ލޭތު މެޝިނާއި ގްރޭންޑަރު ފަދަ ތަކެތީގެ އެހީގަ އެވެ. އެހެންވެ، މަސައްކަތް ވެސް ވަނީ ވަރަށް ބޮޑަށް ލުއިވެ، އަވަސް ވެފަ އެވެ. ކުރިން ދުވާލަކަށް ނިންމާލެވެނީ ފަންސަވީހަކަށް ބުޅި އެވެ. އެކަމަކު މިހާރު އެ އަދަދު ވަނީ 300 އަށް އަރައިފަ އެވެ.

ބުޅި ތޫނު ކުރުމުގެ މަސައްކަތް ކުރަނީ: މުހައްމަދުގެ މަސައްކަތުގައި އޭނާގެ ދަރިފުޅާއި އަނބިމީހާ އެހީވޭ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ކުރިން ފަރެސްމާތޮޑާއަކީ ކަނބުރުވެރި ރަށެކެވެ. އެހެންވެ، ފުރަތަމަ މަސައްކަތް ފެށި އިރު އެ މަސައްކަތުގައި އެރަށުގެ ގިނަ ކަނބުރުވެރިން އުޅުނެވެ. އެކަމަކު މިހާރު އެ މަސައްކަތް ކުރަނީ މުހައްމަދު އެކަންޏެވެ. މަސްވެރިންގެ ޑިމާންޑު ބޮޑުވެ، އެވްރެޖުކޮށް މަހެއްގެ މައްޗަށް 5،000 ބުޅި ހަދަން ޖެހެ އެވެ. އެކަމަކު ބައެއް މަސްމަހު އެއަށް ވުރެ އިތުރަށް ވެސް ބުޅި ހަދަން ޖެހެ އެވެ. މިއިން ކޮންމެ ބުޅިއެއްގެ އަގަކީ 12-15ރ. އާ ދެމެދުގެ އަގެކެވެ.

"ހަމަ އޮންނަނީ އެ މަސައްކަތް ނުކުރެވިފައި. އެވްރެޖުކޮށް މަހެއްގެ މައްޗަށް އެބަ ލިބޭ 80،000ރ. އަޅުގަނޑަށް ލިބޭ އެއްޗަކުން ދިރިއުޅުމުގެ ކަންކަން މި ހަމަޖައްސަނީ،" އޭނާ ބުންޏެވެ.

ބުޅީގައި ފަތް ހަރުކުރުމުގެ މަސައްކަތް ދެމަފިރިން އެކުގައި ކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެ މަސައްކަތުގައި އޭނާގެ ހަތަރު ދަރިންގެ ތެރެއިން އެއް ދަރިއަކު އުޅެ އެވެ. އެކަމަކު، އެކަމާ ހުސްވެގެން، އެއްވެސް ދަރިއަކު ނުހުރެ އެވެ. އެކަމަކު މުހައްމަދަށް މާ ބޮޑަށް ބާރު ބޮޑުވެއްޖިއްޔާ، އެކަމުގައި އެހީވެދެ އެވެ.

ހުވަދު އަތޮޅުގައި ވެސް އެ މަސައްކަތުގައި އުޅެނީ މަދު މީހެކެވެ. އެހެންވެ މުހައްމަދު ގާތުން މަސައްކަތް ދަސްކޮށްގެން އެ އަތޮޅު އެހެން ރަށްރަށު މީހުން ވެސް އެމަސައްކަތް ކުރެ އެވެ.

ކުރިން ބުޅި ހަދަނީ، ދަގަނޑު ކީހައިގެން ނަމަވެސް މިހާރު ބުޅި ހަދަނީ ކޮންކްރީޓް މޮހޮރު ބޭނުންކޮށްގެންނެވެ. ވަކި ގޮތަކަށް މޮހޮރު ހޫނުކޮށްގެން، އެއަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އޭގެ މައްޗަށް ތިމަރަ އަޅަނީ އެވެ. ބުޅި އެއްގޮތަކަށް، އެއް ސައިޒަކަށް ބެހެއްޓުމަށްޓަކައި އެކަމަށް ހާއްސަ ތައްގަނޑެއް އަމިއްލައަށް ހަދައިގެން ގެންގުޅެ އެވެ. އެހެންވެ، އޭނާ ހަދާ ހުރިހާ ބުޅިއެއް ވެސް ހުންނާނީ އެއްގޮތަކަށެވެ.

ބުޅި ތައްގަނޑަށް ލައިގެން އެއްވަރު ކުރަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މުހައްމަދު ބުނީ، އެ މަސައްކަތް ކުރުމުގައި ބިދޭސީއެއްގެ އެހީތެރިކަން މިހާރު ހޯދި ނަމަވެސް، ފަންވަރު ޖެހުމުގެ މަސައްކަތް ކުރަނީ އޭނާގެ އަންހެނުން ލައްވާ ކަމަށެވެ. ފަންވަރު ޖެހުން ފިޔަވައި އެހެން ހުރިހާ ކަމެއް އޭނާއަށް ކުރެވެ އެވެ.

މި މަސައްކަތުގައި އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މަސްވެރިންގެ އިތުރުބާރެވެ. މުހައްމަދު ބުނީ މިހާރު ވެސް 63 ދޯންޏަކަށް ބުޅި ފޯރުކޮށްދެމުން އަންނައިރު ބުޅިއަކާ ގުޅޭ ގޮތުން ޝަކުވާއެއް އަންނަނީ މަދު ފަހަރަކު ކަމަށެވެ. އޭނާ ހަދާ ބުޅީގެ މާކެޓު އޮތީ ހުވަދު އަތޮޅުގައި އެކަންޏެއް ނޫނެވެ. ޅ. އަތޮޅާއި އއ. އަތޮޅާއި ލ. އަތޮޅަށް ވެސް އޭނާ ބުޅި ފޮނުވަ އެވެ. އޭނާގެ ބުޅިއަކީ މަސްވެރިކަމަށް އެންމެ މަޝްހޫރު ހުރިހާ ރަށަކަށް ވެސް މަޝްހޫރު ބުޅި އެކެވެ.

މުހައްމަދު މަނިކު. އޭނާ އަކީ އެ ސަރަހައްދުގައި ބުޅި ހެދުމުގައި އެންމެ މަޝްހޫރު ކަބުރު -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"މަސްވެރިންގެ މެދުގައި ވަރަށް މަގުބޫލު. މިހާރު ވެސް ވަރަށް ގިނަ މަސްވެރިން އެބަ ގުޅާ އަޅުގަނޑަށް ތައްޔާރު ނުކުރެވިގެން. ބުޅި ފޮނުވަން ފަށައިފިއްޔާ އަޅުގަނޑު އެ މީހަކަށް ބުޅި އަބަދުވެސް ފޮނުވަދޭނަން،" އޭނާ ބުންޏެވެ.

އޭނާ ބުޅި ސަޕްލައި ކުރާ މީހުންނަށް އޮންނަ އެންމެ ބޮޑު ޔަގީންކަމަކީ، އެއްވެސް ދަތިކަމެއް ނެތި ބުޅި ލިބުން ކަމަށެވެ. އެ މަސައްކަތް ކުރާތާ ފަންސާހަކަށް އަހަރުވީ އިރު، އަދިވެސް އެންމެ ކުރިއެކޭ އެއްގޮތަށް މަސައްކަތުގައި ކުރިއަށް ދިއުމަކީ މުހައްމަދުގެ އަމާޒެވެ.

"އާމްދަނީ ހޯދަން ކުޑައިރުއްސުރެ ކުރި މަސައްކަތަކަށްވާތީ ހަމަ ހިތަށް އެރީ މިކަން ކުރެވޭހާ އިރަކު ހުއްޓައެއް ނުލާނަމޭ. އެ މޮޓޯގައި މިހުރީ،" އޭނާ ބުންޏެވެ.

5 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 93%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮރަލް

01 April 2025

ސަރުކާރާ ، ބޭންކް ތަކާ ކައުންސިލް ތައް ލަދެއް ނުގަނޭ ހެއްޔެވެ؟ 40 އަހަރު ގައުމަށް ހިދުމަތް ކޮށްދީ އަމިއްލަ މަސައްކަތެއް ކުރަމުން ދާ އިރު ފޯރު ކޮށް ދެވުނު އެހީ ތެރި ކަމެއް ފެންނާ ކަށް ނެތެވެ. ބިދޭސީން ދިވެއްސަކަށް މަހަކު ތިން ހާސް ރުފިޔާ ދީފަ މިލިއަނުން އެދަނީ ޑޮލަރަށް ހަދާ ބޭރު ކުރަމުންނެވެ. ފިހާރަ . ހޯޓާ ، ކެފޭ . ގޮޅީ ރެސްޓޯރަންޓް ހުޅުވީއްސުރެ ބަންދު ކުރަން ދެން ބިދޭސީން ނެވެ. އެންމެ ދިވެއްސަކު ނުހުރެ އެވެ. ކޭޝިއަރުން ޑިޕޯޓް ނުކުރެވެ އެވެ.

The name is already taken The name is available. Register?

ހުވަދޫ ހުސޭނު

01 April 2025

މިކަހަލަ ލެޖެންޑުންގެ ވާހަކައާ ފޮޓޯ ފެނުނީމަ ކުޑައިރުގެ އުފާވެރި ހަނދާންތައް އާވޭ. ކުޑައިރު ގޮސް މިއިން މީހެއްގެ ގާތު ގަޑިއެއްހާއިރު މަޑުކޮށްލިޔަސް ކިޔައިދިން ވާހަކަތަކުން އެލިބުނު މައުލޫމާތާ ތަޖުރިބާއަކީ ހާދަ ފައިދާއެއް ކުރި ކަމަކޭ އަހަރުމެންގެ ދިިރިއުޅުމަށް. ކޮބައިތަ އަށްޑިހައާ ނުވަދިހައިގެ އަހަރުތަކުގެ މާލެގޭ ސައިހޮޓާތައް ދިވެހި މީރު ރަހައިން ފަޅުފލިވަމުން ދިޔަ ކައްކާއިންތައް. އެއިން މީހެއް ހޯދައިގެން އިންޓަވިއުއެއް ފޮޓޯއެއް ގެނެސްދީބަލަ.

The name is already taken The name is available. Register?

އަހުމަދުގެ ރަހުމަތްތެރިއެއް

01 April 2025

بارك الله فيكم.

The name is already taken The name is available. Register?

މުސާރަނަގާދޯ

31 March 2025

ރާއްޖެތެރޭ ރަށްރަށުގައި ކުރަމުންދިޔަ ފިރިހެންވަންތަ ހުރިހާ މަސައްކަތެއް ނެތިގެންދަނީ ރަށުއޮފީހުގެ ފަރުވާ ކުޑަކަމުން އަދި ރަށުގެވެރިންގެ ގޮތުގައި ތިބޭ މީހުންގެ ކަމުންނޭ ހަމަ އެގޮތޭ މާލެ ސަރަހައްދުގައި ވެސް ވަނީ ރައީސް އޮފީހަށް ނޭގެއޭ މާލެ ސަރަހައްދުގައި ކުޑަކުޑަ ފިޔާފާޅި ގަނޑު ޖަހައިގެން ވާރކްޝޮޕް ތަކާއި ގަރާޖް ތައް ހިންގާ މީހުންގެ ވިޔާފާރި ފުޅާ ކޮށް ރާއްޖޭގައި އޮޓޯ އިންޑަސްޓްރީ އެއް އުފަން ކުރަން ބިންދޭން ތިލަފުށިންނާއި ހުޅުމާލޭން އެކަަމަކު

The name is already taken The name is available. Register?

ދިސްވޭއިން

31 March 2025

މިފެންވަަރަށް މިމަސައްކަތް 50 އަހަރު ކޮށްފިނަމަ މިކަން ކުރުމަށް ޓަކައި މުހައްމަދަށް ފަރެސްމާތޮޑާ ކައުންސިލުން ޖެހޭނެ 100 އަހަރު ދުވަހުގެ މުއްދަތަށް 10 ހާސް އަކަފޫޓްގެ ބިމެއް އަކަފޫޓަކަށް މަހަކު 1 ރުފިޔާ އެމެންނަށް ކުއްޔެއްގެ ގޮތުގައި ދައްކާ ގޮތަށް ކުއްޔަށް 100 އަހަރު ދުވަސް ތެރޭގައި ބަދަލެއް ނާންނަ އުސޫލުން ބިމެއް ދޭން އަދި ބީއެމްއެލް އިން ޖެހޭނެ ބިމުގައި ފެކްޓަރީ އެއް ހަދަން ލޯން ދޭން މީ ޖަޕާނާއި އެމެރިކާގެ އިންޑަސްޓްރީ ތައް ކުރިހޯދި ގޮތަކީ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454