28 މާޗް 2025 - 09:40
ގޭގައި އުޅުއްވަނިކޮށް އެއްދުވަހު އަޑުއިވިވަޑައިގަތީ ކީރިތި ރަސޫލާގެ ހަދީސެކެވެ. އެއްބަނޑުއެއްބަފާ ބޭބެ އަޑުއަހަމުން ދިޔަ އެ ހަދީސްގައި ރަސޫލާ ވިދާޅުވަނީ މި ކާއިނާތުގައި ﷲ ލެއްވި މަހުލޫގުންގެ ތެރެއިން ކަނޑުއަޑީގައިވާ މަސްތަކާއި ހޮރުތަކުގައިވާ ހިނިތަކަށް ދާންދެން އިލްމުވެރިންގެ ފާފަ ފުއްސެވުން އެދި ދުއާކޮށްދޭނެ ކަމަށެވެ.
ބ. ހިތާދޫ ސްކޫލްގެ ގްރޭޑް 9 ގައި އޭރު ކިޔަވަމުން އައި އާޒިމް ޚާލިދަށް އެ ހަދީސްގެ މާތްކަމާއި ﷲ ގެ ހަޟްރަތުގައި ދީނީ އިލްމުވެރިންގެ މާތްކަން ވިސްނިވަޑައިގަތެވެ. އެ ހިސާބުން އަޒުމް ކަނޑައެޅުއްވީ ގްރޭޑް 10 ނިންމަވާފައި ދީނީ އިލްމުގެ ތެރެއަށް ވަދެވަޑައިގަތުމަށެވެ.
އުމުރުން މިހާރު 31 އަހަރުގެ ޝައިހު އާޒިމްގެ ބައްޕައަކީ ވެސް ދީނީ ތައުލީމަށް ލޯބިކުރައްވާ އަދި ޕާކިސްތާނުން އެކަން ފުރިހަމަ ކުރެއްވޭތޯ އުޅުއްވި ބޭފުޅަކަށް ވުމަކީ ވެސް އާޒިމް ޝައިހަކަށް ވި އެއް ސަބަބެވެ. އާޒިމްގެ ބައްޕަ ދީނީ ތައުލީމު ހާސިލް ކުރައްވަން ޕާކިސްތާނަށް ވަޑައިގަތެވެ. ގާތްގަނޑަކަށް ތިން އަހަރު ވަންދެން އެ ގައުމުގައި ބައްޕަ އުޅުއްވި ނަމަވެސް ދިމާވި ކަންކަމާ ގުޅިގެން ދީނީ ތައުލީމު ފުރިހަމަ ކުރެއްވޭ ގޮތެއް ނުވި އެވެ.
ބައްޕަ އެންމެ ބޮޑަށް ބޭނުންވި ކަންތައްތައް ހާސިލް ނުވެ، ތިން އަހަރު ފަހުން ރާއްޖެ ވަޑައިގެންނެވީ އެވެ. އެކަމަކު، ބައްޕަގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް މުޅިން ފިރިހެން ބޭފުޅުން ތިއްބެވި އެ އާއިލާ އަށް ދޫކޮށްލެއްވި އެވެ. އެއީ ބައްޕަ އަށް ހާސިލް ނުކުރެއްވުނު ދީނީ ތައުލީމު އެ ހަ ބޭފުޅުންގެ ތެރެއިން ކޮންމެވެސް އެއްކުއްޖަކު ފުރިހަމަ ކުރެއްވުމެވެ.
ރ. މީދޫގައި ދާދި ފަހުން ބޭއްވި އިހުޔާ ފޯރަމްގައި ޝައިހު އާޒިމް ދީނީ ދަރުސް ދެއްވަނީ.
"ﷲ ގެ ރަހުމަތުން އެކަމުގައި އަޅުގަނޑަށް މި ފައި ނެގުނީ ކުރިއަށް ދާން. ބައްޕަ އާއި މަންމަގެ ވަރަށް ބޮޑު އެދުމެއް އެއީ،" އާއިލާގެ ތިންވަނަ ކުއްޖާގެ ގޮތުގައި އުފަންވި އާޒިމް ވިދާޅުވި އެވެ.
ބައްޕަގެ އެ އެދުން ފުރިހަމަ ކޮށްދެއްވީ އާޒިމެވެ. އެއީ މަދީނާ ޔުނިވާސިޓީގެ ގްރެޖުއޭޓެކެވެ. މިއަދު ރާއްޖޭގައި އަރަމުން އަންނަ ޒުވާން ޝައިހުންގެ ތެރެއިން އެންމެ ހިނގާ އެއް ޝައިހެވެ. ހަމައެކަނި މި ރޯދަމަހަށް ބަލާއިރު ވެސް އެކި ރަށްރަށުގަ އާއި މިސްކިތްތަކުގައި ދީނީ ދަރުސް ދެެއްވުމުގައި އެންމެ ނަން މަޝްހޫރު ޒުވާން ޝައިހަކީ އާޒިމް ކަމަށް ބުނެވޭ ވަރަށް އޭނާ މަސައްކަތް ކުރައްވައިފި އެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ދީނީ އެކި ކަންކަމާ ގުޅޭ ކުރު ވީޑިއޯތައް ތައްޔާރުކޮށް މީހުން ހޭލުންތެރިކުރުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަ އެވެ. ކޮންމެ ފަރާތަކުން އެދުނަސް އެ ބަޔަކަށް މަރުހަބާ ކިޔަނީ އޭނާގެ ހަމައެކަނި ވަޒީފާއަކީ އެއީ ކަމަށް ނިންމައިގެންނެވެ.
ގިނަ ބަޔަކު ފާހަގަކުރާ އެއްކަމަކީ މި ޝައިހުގެ ދަރުސްތައް އަޑުއަހާލަން ފަސޭހަވެފައި، ދައްކަވާ މިސާލުތައް ސިކުނޑި އަށް ނަގައިގަންނަން ފަސޭހަކަމެވެ. އެއްވެސް ކަހަލަ އަޅައިގަތުމެއް ނެތެވެ. އާޒިމްގެ ދަރުސްތަކުގެ ތެރެއަށް އެތައް ބަޔަކު "ގަންބުވާލަނީ" އެހެންވެ އެވެ. ހުށަހެޅުމުގެ ކުޅަދާނަކަމުންނެވެ.
ދީނީ ދަރުސް ދެއްވުމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ޝައިހުންގެ "ޕޫލް" ގައި ހިމެނޭ އާޒިމް މަދީނާ ޔުނިވާސިޓީން ކިޔަވައި ވިދާޅުވީ، ޝަރީއާގެ ރޮނގުންނެވެ. ފިގްހާއި އުސޫލުން ފިގްހްގެ ބައިތައް ވަރަށް ބޮޑަށް ކިޔަވައި ވިދާޅުވި އެވެ. އާޒިމް ވަނީ ޓީޗިންގެ ދާއިރާ އިން ގައުމީ ޔުނިވާސިޓީން ޑިޕްލޮމާ ހައްދަވައިފަ އެވެ. މަދީނާ އަށް ކިޔަވައި ވިދާޅުވާން ވަޑައިގަތުމުގެ ކުރިން އެކި ސްކޫލްތަކުގައި އިސްލާމް މާއްދާ ކިޔަވައި ދެއްވި އެވެ.
ޝައިހު އާޒިމް "މިހާރު" އާ އިއްޔެ ވާހަކަ ދައްކަވަނީ: މި ރޯދަމަހު އެންމެ ބިޒީ އެއް ޝައިހަކީ މިއީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
އާޒިމްގެ ބައްޕަ މިހާރު ހުންނެވީ އެ ދަރިފުޅު ދަރުސް ދެއްވާ އަޑުއައްސަވާށެވެ. ބައެއް ފަހަރު އާޒިމް ދަރުސް ދެއްވާ މިސްކިތްތަކަށް ވަޑައިގެން ދަރިފުޅުގެ ނަސޭހަތްތައް އަމިއްލަ އަށް އަޑުއައްސަވަ އެވެ.
"ބައްޕަ ވަރަށް އުފަލުން ހުރީ. ބައްޕަ އަށް ނުވި ކަންތަކާއިގެން ދަރިފުޅަކު އެކަމުގައި ތެދުވެ މަސައްކަތް ކުރާތީ. މައިންބަފައިން އަބަދުވެސް ބޭނުންވާނެތާ މައިންބަފައިންނަށް ވުރެ ކުރިއަށް ދަރިން ދާން،" އާޒިމް ވިދާޅުވި އެވެ.
މިއީ އަޅުގަނޑަށް އެންމެ ބިޒީ ރޯދަމަސް. މި ރޯދަމަހުގެ ގާތްގަނޑަކަށް ވިއްސަކަށް ދުވަސް އަޅުގަނޑަށް މި ހޭދަކުރެވުނީ މާލެއިން ބޭރުގައި އެކި ރަށްރަށުގައި."--- ޝައިހު އާޒިމް
މަދީނާ ޔުނިވާސިޓީގައި ކިޔަވާ ވިދާޅުވާން ހަ އަހަރު ވަންދެން އުޅުއްވުމަށް ފަހު އާޒިމް ރާއްޖެ ވަޑައިގަތީ މީގެ ތިން އަހަރު ކުރިންނެވެ. ވަޑައިގެންނެވި ގޮތަށް އިސްލާމިކް މިނިސްޓްރީގެ ވަޒީފާ އަށް ވެންނެވި އެވެ. ޒިންމާއަކީ އިސްލާމްދީން ފެތުރުމާއި ދީނީ ދަރުސް ދެއްވުމެވެ. ހުތުބާތައް ލިޔުމާއި ހުތުބާތަކާއި ދީނީ ފޮތްތައް ފާސްކުރުމަކީ ވެސް އޭނާގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެވެ. އަދި ޒަކާތު އެޑްވައިޒަރީ ކޮމިޓީގައި ވެސް އާޒިމް މަސައްކަތް ކުރައްވަ އެވެ.
ޝައިހު އާޒިމް ދީނީ ދަރުހަކަށް ރަށަކަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.
ކޮންމެ ހަފުތާ ބަންދު އެއީ އާޒިމްގެ ޝެޑިއުލް އެންމެ ބުރަ ދުވަސްވަރެވެ. ބުރާސްފަތި ދުވަހު އެކި ރަށްރަށަށް ވަޑައިގަންނަވާ ގޮތަށް އެނބުރި މާލެ ވަޑައިގަންނަވަނީ ހޮނިހިރު ދުވަހު އެވެ. ބެލެނިވެރިންނާއި ކިޔަވާ ކުދިންނަށް ވަކިން އަދި މިސްކިތްތަކުގައި ހާއްސަ ދަރުސްތައް ބާއްވަ އެވެ. އެހެންވެ، އާޒިމަކީ މިހާރު އެންމެ ބިޒީ އެއް ޝައިހެވެ.
"މިއީ އަޅުގަނޑަށް އެންމެ ބިޒީ ރޯދަމަސް. މި ރޯދަމަހުގެ ގާތްގަނޑަކަށް ވިއްސަކަށް ދުވަސް އަޅުގަނޑަށް މި ހޭދަކުރެވުނީ މާލެއިން ބޭރުގައި އެކި ރަށްރަށުގައި."
އާޒިމް ވިދާޅުވިގޮތުގައި ދީނީ ދަރުސް ދެއްވަން މިހާރު ވަޑައިނުގެންނެވި ބާކީ އޮތީ އެންމެ 35 ރަށެވެ. އެކަމަކު، އޭނާ ނިންމަވާފައި ވަނީ މި އަހަރު އެ 35 ރަށް ވެސް ނިންމާލާށެވެ. ދީނީ ދަރުސް ދެއްވުމަށް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ކަނޑައެޅުއްވި މަގުސަދު އޭރުން އޭނާ އަށް ހާސިލްވީ އެވެ.
އާޒިމްގެ ދީނީ ދަރުސް ދަތުރުތަކަކީ ހަމައެކަނި ދަރުސް ދެއްވާފައި ދެން އެނބުރި ވަޑައިގެން ނިންމަވާ ގޮތަކަށް ރާއްވަވާފައިވާ ދަރުސްތަކެއް ނޫނެވެ. ވަޑައިގަންނަވާ ކޮންމެ ރަށަކުން ދީނީ ކަންކަމާ ގުޅޭ މައުލޫމާތު އެއްކުރައްވަ އެވެ. މިސްކިތްތަކަށް ނަމާދަށް ދާ މީހުންގެ އަދަދު ނޯޓު ކުރައްވަ އެވެ. ދަރުސްތަކަށް ދާ މީހުންގެ ހިސާބު ވެސް ހޯއްދަވަ އެވެ.
ޝައިހު އާޒިމް "މިހާރު" އާ އިއްޔެ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ގިނަ ރަށްރަށުގައި މިސްކިތަށް ނަމާދަށް ދާ މީހުންގެ އަދަދު ގިނަ ނަމަވެސް އޭނާ އަށް "ޝޮކެއް" ލިބުނު ރަށްތަކެއް އެބަހުއްޓެވެ. އެއީ އިމާމު މީހާ އެކަނި ނަމާދަށް ދާ މިސްކިތްތަކެއް ފާހަގަވުމުންނެވެ.
"ވަރަށް ދެރަވެސް ވި. ސުވާލު ވެސް ކުރިން. [އިމާމުން] ވިދާޅުވީ ބައެއް ފަހަރު އެހެން ދިމާވާ ކަމަށް ބައެއް ނަމާދުތަކުގައި. އެއީ ވަރަށް ދެރަ ކަމެއް. އެފަދަ ރަށްރަށަށް އަޅުގަނޑުމެން އެބަޖެހޭ ގޮސް ނަމާދުގެ ވާހަކަ އެ މީހުންނަށް ކިޔައިދޭން،" އާޒިމް ވިދާޅުވި އެވެ.
އެ ރަށްތަކުގެ ނަންތައް މި އާޓިކަލަށް ވިދާޅުނުވި ނަމަވެސް އާޒިމް އަތުގައި ލިސްޓު އެބައޮތެވެ. އޭނާ ހުންނެވީ އެ ރަށްތަކަށް ވަޑައިގެން ނަމާދުގެ ވާހަކަ ގިނަގިނައިން ދައްކަވައި މިސްކިތްތަކަށް މީހުން ގެންދެވޭނެ މަގެއް ހޯއްދެވުމުގެ އަޒުމުގަ އެވެ. ނަމާދަށް މީހުން ޝައުގުވެރިކުރުވަން އިސްލާމިކް މިނިސްޓްރީން ހިންގަން ރާވާފައިވާ ޕްރޮގްރާމްގެ ތެރެއިން އެކަން ވާނެ ކަމަށް އާޒިމް ގަބޫލު ކުރައްވަ އެވެ.
"ބައެއް ފަހަރު ވާ ގޮތަކީ އަޅުގަނޑުމެން ދުނިޔަވީ ކަންކަމުގައި ބިޒީ ވުމުގެ ސަބަބުން ނުވަތަ މަސްއޫލުވުމުގެ ސަބަބުން ނަމާދަށް ދޭންޖެހޭ އިސްކަން އިހުސާސް ނުވެ ބައެއް ފަހަރު އެހެން ކަންކަމުގައި ވަގުތު ހޭދަކުރެވެނީ. ސީދާ ގަސްދުގައި އެކަން އެނގި ތިބެ ނަމާދަށް ނާރާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.
އާޒިމަށް އެންމެ ގިނަ ސުވާލުތައް އަންނަނީ އޭނާ ވިދާޅުވިގޮތުގައި، ނަމާދާއި ޒަކާތް ދެއްކުމާ ގުޅޭ އަދި އާއިލީ މައްސަލަތަކަށެވެ. އޭނާ އަށް އެންމެ ބޮޑަށް ފާހަގަވީ، ދީނީ އެކިއެކި ކަންކަމާ ގުޅިގެން ހިނގާފައިވާ ހަގީގީ ހާދިސާތަކުގެ ވާހަކަ އަޑުއަހަން މިހާރުގެ ޒުވާނުން މާ ބޮޑަށް ވެސް އިސްކަންދޭ ކަމެވެ.
"ހަމަ އެ ގޮތަށް ބައެއް އާޔަތްތައް ނޫނީ ބައެއް ހަދީސްތަކާ ގުޅޭ ގޮތުން އެބަހުރޭ ދިރާސާތައް. އެއީ ސައިންސް ވިޔަސް ނުވަތަ ސައިކޮޮޖީ އެކިއެކި ރިސާޗުތައް. އެބަހުރި ދީނީކަންތައްތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ރިސާޗުތައް. އެހެންވީމާ އަޅުގަނޑުމެންގެ ދަރުސްތަކުގެ ތެރެއަށް ވާހަކަތައް ޕްލަސް މި ޒަމާނުގައި ހެދިފައިވާ އެކިއެކި ރިސާޗުތަކާއި މީހުންގެ ދިރިއުޅުމާ ގުޅޭ ގޮތަށް އެ ވާހަކަތައް ގެނެވޭތޯ އަޅުގަނޑު ވަރަށް މަސައްކަތް ކުރަން،" އާޒިމް ވިދާޅުވި އެވެ.
ޝައިހު އާޒިމް ދީނީގޮތުން މައުލޫމާތު ފަތުރަނީ.
މި ޝައިހަކީ އެ ވިސްނުމުގެ ތެރެއިން ދީނީ ދަރުސްތައް ބައްޓަން ކުރައްވާނެ ޝައިހަކަށް ވެފައިވާކަން އެނގެނީ ވިދާޅުވި ނަންތަކުންނެވެ. މަދީނާ އަށް ވަޑައިގަތުމަށް އެހީތެރިކަން ދެއްވީ މިހާރުގެ އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ޑރ. އަލީ ޒާހިރު އަދި ޑރ. އިޔާޒް ފަދަ ބޭފުޅުންނެވެ
"ހާއްސަކޮށް ޑރ. ޝަހީމްގެ ނަން ފާހަގަކުރަން. ޑރ. ޝަހީމް ވަރަށް ބޮޑަށް އެހީތެރިކަން ދެއްވި މި ކަމުގައި،" އާޒިމް ވިދާޅުވި އެވެ.
އާޒިމްއަކީ "ޝައިހުންގެ ރަށަކުން" ވަޑައިގެންނެވި ބޭފުޅަކަށް ވުމަކީ ވެސް ކުރިމަގު ރަނގަޅުވާނެ ކަމުގެ ހެއްކެކެވެ. އާޒިމްގެ ބައްޕަ ދީން ކިޔަވަން ޕާކިސްތާނަށް ވަޑައިގަތީ އެ ދުވަސްވަރު ރާއްޖެ އަށް އެންމެ މަޝްހޫރު އެއް ޝައިހު ހުސައިން ޔޫސުފްގެ އެހީތެރިކަމާ އެކު އެވެ. މި ޒަމާނުގައި އެންމެ މަޝްހޫރު ޝައިހުންގެ ތެރޭގައި ހިމެނޭ ޑރ. ސައްތާރާއި ޝައިހު އަޒީބެއަކީ ވެސް ހިތާދޫގެ އުފަން ބޭފުޅުންނެވެ.
ޝައިހު އާޒިމަކީ ވެސް އެ ލިސްޓުން ޖާގަ ހޯއްދަވާނެ ބޭފުޅެއްކަން އޭނާގެ އަމަލުތަކުން މިހާރު އެނގެ އެވެ. ދީނީ ދަރުސް ދެއްވުމުގައި ގެންގުޅުއްވާ ސްޓައިލާއި މީހުންނަށް ކަންކަން ތިލަކޮށް ވިދާޅުވެދެއްވުމަކީ ވެސް އާޒިމްގެ ހުނަރެކެވެ. މި ފަހުން އައްޑު އާއި ދ. މީދޫން ވެސް ބޮޑު ތަރުހީބެއް ލިބި، އެ ސަރަހައްދުގެ އެތައް ބަޔަކަށް އޭނާ މަޝްހޫރުވީ އެހެންވެ ކަމަށް ބެލެވެ އެވެ.
ދީނީ އިލްމުވެރިންގެ ގަދަރު ﷲ ގެ ހަޟްރަތުގައި ބޮޑުކަން އެނގިވަޑައިގެންނެވި ހިސާބުން އުފެދުނު ޝައުގުވެރިކަން ވަރަށް ރަނގަޅެވެ. އާޒިމަކީ ގިނަ ބައެއްގެ ވެސް ލޯބި ލިބެމުން އަންނަ ޝައިހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ ތުއްތު މަށޭ ކިޔާތަ
29 March 2025
ޝެއިހް އަކީ ވަރައް ހިތްތިރި މީހުނާ ގުޅޭ މިޒާޖެއްގެ ހިތްހެޔޮ މީހެއް. އެކަމަކު ބައެއް އެހެން ޝެއިޚުންނަކީ ފޮނި، ބޮޑާ، މަވެތިކަން ބޮޑު ޝެއިޚުން
އަބްޑޫޅް +
29 March 2025
ސޭހުންނަށް އިހުގަ ކިޔާއުޅުނި، "ދަންނަ ބޭކަލުން".
ލޮއްލަ
28 March 2025
ޝޭޚްއަށް ދޭންބޭނުންވަނީ ހަމަ އެންމެ ނަސޭހަތެއް. ސިޔާސީ އަވައިގައި ނުޖެހުމަށް ނަސޭހަތްތެރިވަން. މީހުންގެ މަގުބޫލުކަން ލިބޭވަރަކަށް ސިޔާސީ ވެރިންވެސް ކައިރިވާން ފަށާނެ. ދެން ލިބެންފަށާނީ އޮފާތަށް. އެއަށްފަހު އެބައިމީހުން ބޭނުންވާ ގޮތަކަށް ދަރުސް ދިނުމާ ފަތުވާ ނެރުމަށް އެދޭނެ. ސިޔާސީ މަންފާއަށް ބޭނުންކުރާ ޓޫލް އަކަށް ވެގެންދާނެ.
ބަބޫ
28 March 2025
ދުވަސްކޮޅަކުން ސިޔާސީ ނުވެެއްޖިއްޔާ ކިތައްމެހާވެސް ރަގަޅު
އިިދުރީސް
28 March 2025
މާޝާ ﷲ. ޝޭޚުގެ ދަރުސްތައް ގެނަސްދެއްވާގޮތް ވަރަށް ސާފު.
ހަސަނޭެެ
28 March 2025
ޝެއިހްގެ ދަރުހަކަށް ދެވުނު. އަޑުއަހާލަން ފަސޭހަ. އެންމެ ތަފާތުކަމަކީ، އަޅުކަން ކުރާއިރު ތިމާގެ ލެވެލުން ކުރަން. މިސާލަކަށް ދެއްކީ، އާދަވެގެން ގުރުއާން ނުކިޔަވާމީހަކު ރޯދަމަހާ ބައްދަލުވެ، ދުވާލަކު 2 ނުވަތަ 3 ފޮތް ކިޔަން ހަދައިފިއްޔާ ވާނީ ބުރަޔަކަށޭ، ބަދަލުގަ 1 ފޮތް ނުވަތަ ބައިފޮތް ކިޔަވާށޭ. އަދި ރޯދަމަހާ ބައްދަލުވިމުގެ ކުރިން ވޯންއަޕްކޮށް ތައްޔާރުވާށޭ. މި ބަސް އަޑުއަހައި، ހަޔާތުގަ އަލަށް އެއްވެސް ނަމާދެއް ނާޅައި ރޯދަމަހެއް ނިންމާލެވިއްޖެ.
ހުކުރު ޚުޠުބާ ކިއުއްވާ ގޮތް ވަރަށް ޝަޢުޤުވެރި
28 March 2025
މިޝެއިޚް ހުކުރު ޚުޠުބާ ވިދާޅުވަނީ ވަރަށް އަޑުއަހާ ހިތްވާ ގޮތަކަށެވެ.
ހަނދާންކޮށްދޭށޭ
28 March 2025
ދީނީ އިލްމްވެރިން އެބަޖެހޭ ވިޔާފާރިވެރިންނަށް އަމާޒުކޮށްގެން ވެސް ދީނީ ދަރުސް ތައް ދޭން ރޯދަ މަސް އައުމުން އާންމު ކާބޯތަކެތީގެ އަގު 10 ގުނަ ބޮޑުކޮށް ވިއްކާ ހަދަމުން އެމެން ނަމާދަށް ބަންޑާރަ މިސްކިތަށް ނަމާދަށް ދިއުމުން އަދި ދީނުގައިވާ ގޮތަށް އެމެންނަށް ކަންކަން ކުރެވުނީ އެއް ނޫނޭ ފުރަތަމަ ކަމަކީ ރޯދަ މަހާއި ދިމާކޮށް ވިޔާފާރިވެރިން ތަކެތީގެ އަގުހެޔޮ ކުރަން ޖެހޭއިރު އަގުބޮޑުކުރުން އެއީ ސީދާ ބޮޑުވެގެންވާ ވައްކަމެކޭ އެމެން ކުރާ މީ ސީދާ ފާފަ އެއްކަން
ރޯނުކުރެއޭދޯ
28 March 2025
މިރާއްޖެ އަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާއިރު ރާއްޖޭގައި ހޮޓާ ތަކާއި ރެސްޓޯރެންޓް ތައް ހުޅުވަން ޖެހޭނީ މައްރިބް ނަމާދާއި އިޝާ ނަމާދު ނިމުމުން ރޭގަނޑު 8 ޖަހާއިރު އެއްގޮތަކަށް ވެސް ނަމާދަށް ރޭގަނޑު 8 ގެ ކުރިން ސައިހޮޓާ ތަކާއި ރެސްޓޯރެންޓް ތައް ރޯދަ މަހު ހުޅުވައިގެން ނުވާނެއޭ ގޭގޭގެ އުނދުން ރޯކޮށްގެން އަމިއްލަ އަށް ގޭގައި ކައްކަން ދަސްކޮށްގެން ކާން އާދަކުރާނެ ގޮތް އެބަޖެހޭ ސަރުކާރުން ހަދަން މާލޭގެ ގިނަގޭގޭގައި ރޯދަމަހުވެސް އުނދުން
ާއަލީފް101
28 March 2025
ޝެއިހް އަކީ ވަރައް ހިތްތިރި މީހުނާ ގުޅޭ މިޒާޖެއްގެ ހިތްހެޔޮ މީހެއް، ހުޝަހެޅުން ވަރައް އަޑު އަހާލަން ފަސޭހަ..