ރިޕޯޓް / ރަމަޟާން 2025 މީހުން

ދިވެހި ހުނަރުގެ ފުރިހަމަކަން މި ދަބަސްތަކުން

25 މާޗް 2025 - 08:56

5 comments

ކޮޓަރީގެ އެއް ބިތުން އަނެއް ބިތަށް ޖެހޭ ވަރުގެ ބޮޑު ކަބަޑެއް ފުރައި ހުސް ފަހަން ގެންގުޅޭ ސާމާނެވެ. އެކި ކުލަކުލައިގެ ބަރަންޏާއި ފޮއްޗާއި ކެންވަސް މެޓީރިއަލްތަކެވެ. ޒީނަތު އިބްރާހިމްގެ "ފަހާ ކޮޓަރި" އޮތީ އޭނާގެ ފަހަން ގެންގުޅޭ އެކި ސާމާނުތަކުން ފުރިފަ އެވެ. މިއީ "ޒީނަތްސް" ގެ ހުރިހާ ޕްރޮޑަކްޓެއް އުފަން ކުރުވާ ކޮޓަރި އެވެ.

ޒީނަތުގެ މަސައްކަތް ބަލާލައި އިންޓަވިއު އަށް އެ ގެއަށް ވަންއިރު ވެސް ހުރީ ފަހާފައި ހުރި އެކި ސާމާނުތައް ކަބަޑުތަކުން ނަގައި މޭޒު މަތީގައި އަތުރާލައިފަ އެވެ. ދަބަހާއި ޕެންސިލް ކޭހާއި ވޮލެޓާއި ކޮސްމެޓިކް ޕައުޗުތަކާއި ކާޑު ހޯލްޑަރު ކަހަލަ އެކި އުފެއްދުންތަކެވެ.

މިއީ ހަމަ އޭނާގެ މަސައްކަތްތޯ ސުވާލުކޮށްލަން ޖެހުނީ ވެސް ފެހުންގަނޑާއި ފިނިޝިން މަސައްކަތްތައް ރީތިވެފައި ބަލާލަން ވެސް ސާފުކަމުންނެވެ. ރާއްޖެއިން ބޭރުން އިމްޕޯޓު ކޮށްގެން ގެންނަ މި ބާވަތުގެ މުދަލާއި ޒީނަތުގެ އުފެއްދުންތަކާ މާބޮޑު ތަފާތެއް ނުފެނެ އެވެ.

"މިއީ ހަމަ އަޅުގަނޑުގެ 100 ޕަސެންޓް މަސައްކަތް،" ފަހުރުވެރިކަމާ އެކު ޒީނަތު ބުންޏެވެ.

ޒީނަތު، "މިހާރު" އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ދ. މާއެނބޫދު އަށް އުފަން އެކަމަކު މިހާރު އެ އަތޮޅު ކުޑަހުވަދޫގައި އުޅެމުން އަންނަ ޒީނަތަކީ ކުރިން ޓީޗަރެކެވެ. އެކަމަކު މީގެ ދޮޅު އަހަރެއްހާ ކުރިން އޭނާ ވަޒީފާ ދޫކޮށްލީ ދަރިންނަށް ވަގުތު ދިނުމާ އެކު ސީދާ ފެހުމަށް އެއްކޮށް ހުސްވެ، ވިޔަފާރި ފުޅާކުރާށެވެ.

"ސްކޫލުގައި ޓީޗަރެެއްގެ ގޮތުގައި އުޅޭ ވަރާ ގާތަކަށް ވެސް މިކަމުން އަދި ނުލިބޭ [އާމްދަނީ]. އެކަމަކު އަޅުގަނޑު އަމިއްލަ ކަމެއް ކުރަން ބޭނުންވާތީ އަމިއްލަ ވިޔަފާރިއެއް ބޭނުންވާތީ. ސްކޫލުގައި އުޅުނުއިރު މާ ލާރި ލިބެއޭ ބުނެވޭނީ. އެކަމަކު މިހާރު މާ ހިތްހަމަޖެހެއޭ،" ދެ ކުދިންގެ މަންމަ ބުންޏެވެ.

"އެންމެ ބޮޑު ހިތްހަމަޖެހުމަކީ ގޭގައި ކުދިން ކައިރިގައި ހުރެ ބޭރަށް ތަނަކަށް ވަޒީފާއަކަށް ނުގޮސް އަމިއްލަ ވަގުތުގައި މިކަން ކޮށްލެވޭތީ."

ޒީނަތަކީ މީގެ 12 ވަރަކަށް އަހަރު ކުރިއްސުރެ ވެސް ބެޑްޝީޓް ފަހައިގެން ވިއްކި މީހެކެވެ. ނަމަވެސް މިހާރު ބެޑްޝީޓަށް ވުރެ ބޮޑަށް އޭނާ އިސްކަންދެނީ އެހެން އުފެއްދުންތަކަށެވެ.

ޒީނަތު، ފަހާފައިވާ ކޮސްމެޓިކް ޕައުޗް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޒީނަތުގެ ކޮސްމެޓިކް ޕައުޗަކީ ފެންކުލައިގެ ކުރެހުންތަކަށް ރާއްޖޭގައި އެންމެ މަޝްހޫރު އާޓިސްޓް އައިމިނަތު ޝިމްހާ ޝަކީބުގެ ކުރެހުންތައް، ކެންވަސް މެޓީރިއަލްގައި ޕްރިންޓުކޮށް، ފަހައިގެން ބާޒާރަށް ނެރެފައިވާ ޕްރޮޑަކްޓެކެވެ. މިއީ ޝިމްހާގެ އަތުން އެ ކުރެހުންތައް ބޭނުންކުރުމުގެ ހުއްދަ ހޯދައިގެން އޭނާ ކުރާ މަސައްކަތެކެވެ.

ޒީނަތު ބުނިގޮތުގައި، ޗައިނާ އިން ޕްރިންޓުކޮށްގެން ރާއްޖެ އަށް އެ މެޓީރިއަލް ގެނައުމަށް ދެ މަހެއްހާ ދުވަސް ހޭދަވެ އެވެ. އެކަމަކު މެޓީރިއަލް ލިބުމާ އެކު، ފެހުމަށް މާ ގިނަ ވަަގުތެއް ނުނަގަ އެވެ. ގޭގެ މަސައްކަތަށް ނިންމާލާ ކޮންމެ ދުވަހަކު ވެސް ފަސް ޕައުޗް ފެހޭ ކަމަށް ބުންޏެވެ.

"މިހާރު އެންމެ ވިއްކަން ބޭނުންވާ ޕްރޮޑަކްޓަކީ މިއީ. މީގެ އެހެން ހުރިހާ އެއްޗަކާ ހިލާފަށް މީގައި މި ހުންނާނީ ދިވެހި އާޓް ވޯކެއް. ދިވެއްސެއްގެ ކުރެހުމެއް، އަނެއްކާ ޕައުޗް ފަހައި މި ވިއްކަން ނެރެނީ ވެސް ދިވެއްސެއް."

މިދިޔަ ދިރާސީ އަހަރާ ދިމާކޮށް ޒީނަތު ފެހި، ޕެންސިލް ކޭސްތައް ވެސް ވަރަށް ވިއްކުނެވެ.

"ހަމަ ވަރަށް ހިތްހަމަޖެހޭ ވަރަށް ޕެންސިލް ކޭސްތައް ވެސް ވިއްކާލެވުނު،" އޭނާ ކިޔައިދިނެވެ.

ޒީނަތު ފަހާފައިވާ ދަބަހެއް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ފޮތިގަނޑެއް އަތު ޖެހިއްޖެ ނަމަ ކޮންމެ އެއްޗެއް ވެސް އުފެއްދިދާނެކަން އޭނާ ސާބިތުކޮށްދިނީ ތަފާތު ތިން އޮފީސް ޕޭންޓެއް ހަލާކު ކޮށްލައިގެން އޭނާ އުފައްދާފައިވާ ދަބަހަކުންނެވެ. ދަތުރު ދާއިރު އެއްޗެހި އެޅުމަށް އުފެއްދި މި ދަބަހަކީ އަދި ވިއްކުމަށް ބާޒާރަށް ނުނެރޭ ޕްރޮޑަކްޓަކަށް ވިޔަސް އެ ވެސް ބާޒާރަށް ނެރުމަކީ އޭނާ ކުރާ އުއްމީދެކެވެ.

"މިއީ ވަރަށް މަސައްކަތް. ގަޑިއިރުން ކިޔާ ނަމަ 10 ވަރަކަށް ގަޑިއިރު ހޭދަވި މި މަސައްކަތް ކުރުމަށް."

ބާ ފޮތިތަކެއް ބޭނުންކޮށްގެން، ޒީނަތު އުފައްދާފައިވާ ދަބަހެއް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އޭނާގެ މަސައްކަތްތައް އާޝޯހުކުރުވާހާ ރީޗެކެވެ. މިހާތަނަށް މި ދާއިރާއިން ކޯހެއް ހަދާފައި ނުވާ ޒީނަތު ބުނީ މިފަދަ ތަކެތި އުފައްދަން ދަސްކުރީ ޔޫޓިއުބް ޗެނަލްތައް ބަލައިގެން ކަމަށެވެ.

ވިޔަފާރި ކުރިއަރުވަން ކިިތަންމެ ބޭނުންވިޔަސް އޭނާއަށް އޮތް ހުނަރަށް އޮތް ހުރަހަކީ ރަށެއްގައި މި މަސައްކަތް ކުރަންޖެހުމެވެ. އޯޑަރުތައް ބައެއް ފަހަރު ނުނަގައި ދޫކޮށްލަން ޖެހިފައިވަނީ ޑެލިވަރީ ކުރެވޭނެ ރަނގަޅު ގޮތެއް ނެތިގެންނެވެ.

"ގިނަ ފަހަރަށް ގަންނަނީ މާލެއިން. އެހާ ކުޑަ އެއްޗެއް ބޯޓަކަށް ލައިގެން ގެއްލިދާނެ. އެހެންވެ ގަންނަ މީހުންނަށް މި ފޯރުކޮށްދޭން އެންމެ ދަތިވަނީ. ވަރަށް ގިނަ ފަހަރު އެބަ ހުރި. މި ތާ އުޅޭތީ ވަރަށް ގިނަ ފުރުސަތުތައް ގެއްލިފައި،"

"އެމީހާ ބޭނުންވެދާނެ މާދަން ހަވީރަށް. ޕްރޮޑަކްޓް އިންނަނީ ރެޑީގައި. އެކަމަކު އެހިސާބަށް ފޯރުކޮށްދޭނެ ގޮތެއް ނޯންނަނީ."

ޒީނަތުގެ އުފެއްދުމެއް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ދަތިތަކާ އެކު ވެސް ރަށުގައި ހުރެގެން އެ ވިޔަފާރި އޭނާ ދަނީ ކުރިއަރުވަމުންނެވެ. ދޭތެރެއަކުން މާލޭގައި ބާއްވާ އެކި އިވެންޓުތަކާއި މާލޭގެ ބައެއް ފިހާރަތަކުގައި ވެސް އޭނާގެ އުފެއްދުންތައް ބަހައްޓައިގެން ވިއްކަ އެވެ.

ޒީނަތުގެ އެންމެ ބޮޑު އުއްމީދަކީ އެ ދަތިތަކުން އަރައިގަނެ، އޭނާގެ ބްރޭންޑް ފުޅާކުރުމެވެ. މުޅި ރާއްޖެއިން އޭނާގެ އުފެއްދުންތައް ފެނުމެވެ.

5 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބާތު

25 March 2025

ބަލާ ބއެލުމަށް ވަރަށް ކޮލިޓީ

The name is already taken The name is available. Register?

ސުޕުންބައްޕަ

25 March 2025

ޒީނަތު ރީތިކަމަނާއެއް ހަމަ ދަބަސްތައް އެހާމެ ފުރިހަމަ

The name is already taken The name is available. Register?

ރަގަޅު

25 March 2025

ވަރަށް ރީތި ހަމަ ޝުކުރިއްޔާ މިހާރު

The name is already taken The name is available. Register?

ވަރަށް ފުރިހަމަ

25 March 2025

ވަރަށް ފުރިހަމަ މަސައްކަތެއް. ނެތްތޯ މާލޭގެ ވިޔަފާރިވެރިއެއް މި މަސައްކަތްތެރިއާ އަށް މާކެޓެއް ހޯދަދޭނެ؟ ލިމިޓެޑް އެޑިޝަންސް ގަންނަން ބޭނުންްވާ ފަރާތްތަކަށް، ނޫނީ ޔުނިކް އެއްޗެއް ގަންނަން ބޭނުންވާ ފަރާތްތަކަށް މީ ވަރަށް ސަޅި ފުރުސަތެއް.

The name is already taken The name is available. Register?

އަސކި

25 March 2025

މާލެ ތީ ކޯއްޗެއް. ތިންކް އިންޓަނޭޝަނަލް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454