26 މާޗް 2025 - 11:17
ވަރަށް އުނދަގުލުން، ހަތް އަހަރު ފަހުން ކުއްޖަކު ލިބޭތީ އާމިނަތު ނަޝްފާ ހުސެއިން (ނަޝް) އާއި މުހައްމަދު ޝުޖާއު ތިބީ ވަރަށް އުފަލުންނެވެ. އާއިލާ އަށް އިތުރު ކޮއްކޮއެއް ލިބޭތީ އެންމެން ވެސް ތިބީ ކެތްމަދުވެފަ އެވެ. ވިހާ ދުވަސް ކައިރިވިއިރު ދަރިފުޅަށް ކާން ދޭނެ އެއްޗިއްސާއި ގެންގުޅޭނެ ގޮތްތައް ސިކުނޑީގައި ހުރީ ވަރަށް ރަނގަޅަށް ކުރަހާލައިފަ އެވެ.
ސެޕްޓެމްބަރު 27، 2017 ގައި ލިބުނު ފިރިހެން ދަރިފުޅު އަދި އޭރު ހުރި ހަތް އަހަރުގެ އަލާވީ އައްޔޫބު ބުން މުހައްމަދު ޝުޖާއު (އައުބު) އާ އެކު، އެ ފުރިހަމަ އާއިލާ އިތުރަށް ފުރިހަމަވީ އެވެ.
ނަމަވެސް، އެ ހިތްހަމަޖެހުމާއި އުފާވެރިކަން ދެމިގެން ދިޔައީ ކުޑަ ދުވަސްކޮޅަކަށެވެ. މަންޒަރުތައް ބަދަލުވީ ކުރެހި ގޮތާ މުޅިން ހިލާފަށެވެ. އުދައްޔު ދާވޫދު ބިން މުހައްމަދު ޝުޖާއު (ބެބީ) އަށް ހަތަރު މަހުގައި ކުއްލިއަކަށް ބަލިވާން ފެށި އެވެ. ޑޮކްޓަރަށް ދެއްކި ފުރަތަމަ ދުވަހު އެއީ އާދައިގެ ހުމަކާއި ރޯގާއެއް ކަމަށް ބުނެ ފޮނުވާލީ އެވެ.
ނަޝް، އޭނާގެ ހަގު ދަރިފުޅުގެ މަރާއި އޭގެ ފަހުން ދިރިއުޅުމަށް އައި ބަދަލުތަކުގެ ވާހަކަތައް "މިހާރު"އަށް ކިޔައިދެނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެ ހިސާބުން ވެސް ނަޝް ހިތްހަމައެއް ނުޖެހުނެވެ. ކަމެއް ގޯސްވަމުންދާ ކަމަށް ހިތް ބުނަން ފެށި އެވެ.
"ތިން ވަނަ ދުވަހު ހޭލާފައި ބެލިއިރު އެނގުނީ ޔޫރިން ޕާސް ނުކުރާކަން. ޑައިޕާ އެއްވެސް ވަރަކަށް ވެޓެއް ނޫން. އެ ހިސާބުން ޑޮކްޓަރު ބުނަނީ ޑީހައިޑްރޭޓް ވެފައެއް ނެތޭ. ކިޑްނީ ޓެސްޓު ހަދާލާނަމޭ،" ނަޝް، 37، ބުންޏެވެ.
ޑޮކްޓަރު އެ ޓެސްޓު ރިޕީޓްކުރި އެވެ. ޑޮކްޓަރުގެ ހޯދުމަކީ އެ ތުއްތު ކުއްޖާ އުފަންވެފައި ވަނީ "ކޮންމެވެސް ކިޑްނީ ބައްޔަކާ" އެކީގައި ކަމެވެ.
"އެހެން ނޫނީ މި ޓެސްޓުތައް މިގޮތަކަށް ނުދައްކާނެއޭ [ޑޮކްޓަރު ބުނީ]. ހަމަ ކުއްލިއަކަށް ކަމެއް ދިމާވެގެންނެއް ނޫނޭ، ދެ ކިޑްނީ ވެސް ފެއިލްވީ،" ނަޝް ބުންޏެވެ.
ބެބީގެ ބޮޑު ބައްޔަށް ފަރުވާ ހޯދަން ޝުޖާއު އެ ވަގުތު އަދާކުރަމުން ދިޔަ ވަޒީފާ އިން ވަކިވެ، ނަޝް އާއި އައުބު ވެސް ގޮވައިގެން ސްރީ ލަންކާ އަށް ދިރިއުޅުން ބަދަލުކުރި އެވެ. އެކަމަކު، ރަނގަޅަށް ފަރުވާ ނުކުރެވޭތީ ދެ ތިން މަސް ފަހުން އިންޑިއާ އަށް ބަދަލުވީ އެވެ.
އެ ތަނަށް ގޮސް ހެދި ޓެސްޓުތަކުން ޔަގީންވީ މަދުން ނޫނީ ނުފެންނަ "ހައިޕައޮގްޒާލޫރިއާ ޓައިޕް-1" ނަމަކަށް ކިޔާ ޖެނެޓިކް ބައްޔެއް ޖެހިފައިވާ ކަމެވެ.
ނަޝް ބުނީ ދަރިފުޅުގެ ސިއްހީ އެއްވެސް މައްސަލައެއް ހުރި ކަން ފުރަތަމަ ގަބޫލުކުރަން ބޭނުން ނުވި ކަމަށެވެ.
"ހިތަށް އެރީ މިއެއް ބަދަލެއް ނުވާނެއޭ. އިރެވާސަބަލް ކިޑްނީ ޑެމޭޖޭ، އަޅުގަނޑު ދެން ޖެހޭނީ ދަރިފުޅު ބަލައިގަންނާށޭ ކިޑްނީއެއް ނުލިބޭހާ ހިނދަކު. އޭގެ ދެ ތިން ދުވަސް ފަހުން ޑޮކްޓަރުން ބުނެފި ޕްރޮބެބްލީ ހަމައެކަނި ކިޑްނީއެއް ނޫނޭ، ކިޑްނީ ބަލާފައި މިއީ ވަރަށް ރެއާ ޑިޒީޒްއެކޭ، ކިޑްނީއަ ލިވާއާ ޑަބަލް ޓްރާންސްޕްލާންޓެކޭ ހަދަން ޖެހޭނީ،" ބ. ހިތާދު އަށް އުފަން ނަޝް ބުންޏެވެ.
"ދެން އަނެއްކާ އެ ވެސް އަޑުއަހަން ޖެހުނީ. އޭތި ތަންކޮޅެއް އުނދަގޫ ވިއަސް އެ ވެސް ގަބޫލުކުރީ. ދެން ހިތަށް އެރީ ރުޔަސް ނުކައި އިނަސް ނުކުރެވޭނެއޭ އެއްވެސް ކަމެއް. އަޅުގަނޑަށް ހަތް އަހަރު ފަހުން ލިބުނު ދަރިއެކޭ މިއީ. މި ކުއްޖާ އަށް ހުރިހާ ކަމެއް ކޮށްދޭން ޖެހޭނެއޭ. އެ ހިސާބުން ދަސްކުރަން ފެށީ މި ބަލި."
އައުބު އަދި ބެބީ.
ޓެސްޓުތައް ހެދުމަށް ފަހު، ޑޮކްޓަރުން އަނެއްކާ ވެސް ދިނީ ހިތްފަޅައިގެންދާ ވަރުގެ ބޮޑު ޚަބަރެކެވެ. ބެބީ ދުނިޔޭގައި ހުންނާނެ ކަމަށް އެ މީހުން ލަފާކުރީ ހަ މަސް ދުވަހުގެ ކުރު މުއްދަތަކަށެވެ. އެއީ އަޑުއަހަން ކިތަންމެ އުނދަގޫ ވާހަކަތަކެއް ކަމަށް ވިޔަސް ލޮލުން ފައިބާ ކަރުނަތައް ފޮހެލާފައި، އިތުރު ހިތްވަރެއް ލައި ޑޮކްޓަރުން ދަސްކޮށްދިން ގޮތަށް ގޭގައި ޑައިލިސިސް ހަދަން ފެށި އެވެ. އެ ދުވަހަށް ފަހު 24 ގަޑިއިރު ވަންދެން އެ ކުއްޖާ އޮންނަނީ ޑައިލިސިސްގަ އެވެ. ލިވާގެ މައްސަލަތަކާ އެކު، ދިފާއީ ނިޒާމު ދަށްވުމުން އިތުރު އެހެން ބަޔަކަށް ބެބީ އުރާލައިގެން ނޫޅެވެ އެވެ.
"އަޅުގަނޑުގެ ދުނިޔެ އެއީ. ބެބީ އަށް އެއްވެސް ކަމެއް ވިޔަކަ ނުދޭނެ. ކިތައްމެ ކުޑަކުޑަކަމެއް ވިއަސް. ނުލާހިކު ބަލައިގެން ގެންގުޅޭނީ،" އޭނާ ކިޔައިދިނެވެ.
"ޕްލޭން ކުރި ހުރިހާ ކަމަކާ އިދިކޮޅަށް ދިޔައީ. ބެބީ އަށް ހަމަ ވަރަށް ބޮޑަށް ތައްޔާރުވިން."
ބެބީގެ ހާލަތުގައި އެންމެ ރަނގަޅު ގޮތަކީ ކިޑްނީ އަދި ލިވާ ޓްރާންސްޕްލާންޓު އެއްފަހަރާ ހެދުން ކަމަށް ޑޮކްޓަރުން ލަފާދިނެވެ. ގުނަވަންތައް އަމިއްލަ އަށް ހަދިޔާ ކުރަން ބޭނުންވެގެން ނަޝް އަދި ޝުޖާގެ އާއިލާ އިން ޓެސްޓުތައް ހެދި އެވެ. ނަމަވެސް، އެ ހެދި ޓެސްޓުތަކުން ވެސް ކިޑްނީ ހަދިޔާ ކުރެވޭ މީހަކާ ދިމައެއް ނުވި އެވެ.
ޕޮޒިޓިވް ޓެސްޓަކާ އެކު، ބެބީ އަށް ލިވާ ހަދިޔާކުރީ ނަޝްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ.
ބެބީގެ ވަކިވުމަށް ފަހު، އިންޑިއާގައި ނަޝްގެ އާއިލާއިން އުޅުނު އެޕާޓްމަންޓުން ބަދަލުވާތީ އައުބު ރޮނީ. އުމުރުގައި ފަރަގު ހުއްޓަސް އެ ދެ ކުދިންގެ މެދުގައި ހާއްސަ ގުޅުމެއް އޮތް.
ބެބީގެ ވަކިވުމަށްފަ ހު، އިންޑިއާގައި ނަޝްގެ އާއިލާއިން އުޅުނު އެޕާޓްމަންޓުން ބަދަލުވާތީ އައުބު ރޮނީ. އުމުރުގައި ފަރަގު ހުއްޓަސް އެ ދެ ކުދިންގެ މެދުގައި ހާއްސަ ގުޅުމެއް އޮތް.
އެ އަންހެންކުއްޖާގެ އުމުރުން އެންމެ 21 އަހަރުގައި ހަދިޔާކުރި ލިވާއިން ޓްރާންސްޕްލާންޓު ހަދައި އޮޕަރޭޝަން ކާމިޔާބު ވުމުން އެންމެން ވެސް ތިބީ ވަރަށް ހިތްހަމަޖެހިފަ އެވެ. އެކަމަކު، ޑައިލިސިސް ހަދަން ލައްވާފައި އިން ކެތީޓާ ބަދަލުކުރަން އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ހޮސްޕިޓަލަށް ގެންދިޔަ ދަރިފުޅުގެ ނެރެން ޖެހުނީ ފުރާނަ ނެތް މަސްގަނޑެވެ.
"ހިތަށް ނާރާ ކަމަކުން ބެބީ ދިޔައީ. ކޮންޝިއަސްއެއް ނައި ބެބީގެ. ނޮވެމްބަރު 21 ގައި އެގޮތަށް ދިމާވީ. އޭގެ ފަހުން ދެ މީހުން ހޮސްޕިޓަލުން ނުދަން. ފަހުން ބުނެދިން ވެންޓިލޭޓަރަކަށް ނުލާނަމޭ މި ވަގުތު، ކޮންމެހެން ހޭ އަރުވާކަށް މަސައްކަތެއް ނުކުރާނަމޭ، ބެބީ ވަރަށް ކްރިޓިކަލްއޭ. ސައުވީސް ވަނަ ދުވަހުގެ ރޭ އަޅުގަނޑުމެންނަށް ދަންވަރު 1 ޖަހާއިރު ގުޅާފައި ބުނީ ކުޑަކޮށް ސަކަރާތްކޮށް އޮތް ވާހަކަ. އެކަމަކު، އޭގެ ކުރިން ބުނި ކުޑަކޮށް ރަނގަޅޭ،" ނަޝް ބުންޏެވެ.
އާސަންދައިގެ ހިދުމަތަށް ވެސް މަޑުނުކޮށް، އެ ވަގުތު ދެވެން ހުރި ހުރިހާ ފަރުވާތަކެއް ހޮސްޕިޓަލުން ދިނެވެ. ނަމަވެސް، އައިސީޔޫ އިން އެދިގެން އެތެރެއަށް ވަނުމުން ބެބީގެ ހިތް ހުއްޓިއްޖެ ކަމަށާއި އެ ގުނަވަން މަސައްކަތް ނުކުރާ ކަމުގެ އެންމެ ހިތްދަތި ޚަބަރު ޑޮކްޓަރުން ދިނެވެ.
ބެބީގެ ޓީޝާޓަކާއި ޓޯއީ އަދި ދަރިފުޅަށް ހާއްސަކޮށްގެން ނަޝް ހަދާފައިވާ ކާޑެއް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ނަޝް އާއި ޝުޖާ ފުރަަތަމަ ވެސް މިސްރާބުޖެހީ މިސްކިތަށެވެ. ނަމާދުކޮށް، ﷲ އަށް ދުއާ ދަންނަވަން ތިއްބާ ހޮސްޕިޓަލުން އަނެއްކާ ވެސް ގުޅާފައި އައިސީޔޫ އަށް ދާން އެދުމެވެ. އެ ތަނަށް ދިއުމުން ހޮސްޕިޓަލުން ބުނީ ހިތް ހިނގާތޯ ވަރަށް ބެލިއްޖެ ކަމަށެވެ.
"ބެބީ އޮތް ގޮތް އާއިލާ މީހުންނަކަށް ވެސް ނުފެންނާނެ. ބެބީގެ ނޭފަތާއި އަނގަޔާ ކަންފަތުން ލޭ އަންނަނީ. ހުރިހާ ތަނެއްގައި އެއްޗެހި އަޅާފައި ހުރީ. އަޅުގަނޑަށް ފަސޭހައެއް ނޫން އެ މަންޒަރު ބަލާކަށް. އަޅުގަނޑަށް އެހާ ގިނަ ދުވަސްކޮށްފައި ލިބުނު ކުއްޖަކަށްޓަކައި، ބަލިވީއްސުރެ އަޅުގަނޑުމެން ދެ މީހުން ނުނިދާ ހުރިހާ ކަމެއް ތަހައްމަލުކޮށް އެ ވެސް އެއީ ހަމަ ލޯތްބޭ. މަންމައަކަށް ނުބެލޭނޭ ދަރިއަކު އެ ހާލުގައި އޮންނާކަށް. ބޭނުމެއް ނޫނޭ ދަރިފުޅު އެހެން އޮންނާކަށް. [ދަރިފުޅަކަށް] ނުބުނެވޭނެއޭ ވާގޮތެއް ވެސް،" ވަރަށް އަސަރާ އެކު ނަޝް ކިޔައިދިނެވެ.
"[ނިޔާވީމަ] ދެން މިހާރު އުނދަގުލެއް ނުވާނެ ނޫންހޭ. ކިތައްމެ ދެރަވިއަސް ހީވަނީ ކޮންމެ ވެސް ވަރެއްގެ ތަސައްލީއެއް ލިބުނު ހިތަށް. ދެން އަނެއްކާ މިސްކިތަށް ދިޔައީ. ގޮސްފައި ނަމާދުކޮށްފައި، އަނެއްކާ މި ހިތަށް އެރީ ނޫނެކޭ، ދަރިފުޅަށް ދެން ނާދެވޭނެކަން. އޭރު ވެސް އެނގޭ ދަރިފުޅު ނިޔާވެއްޖެކަން. އެކަމަކު ވެސް ދުއާކުރެވުނު."
ބެބީ ދިރިހުރުމަށްޓަކައި 24 ގަޑިއިރުގެ ޑައިލިސިސްގެ އިތުރުން 10 ވައްތަރެއްގެ ބޭހެއް 20 ފަހަރު ބޭނުންކުރަން ޖެހުނެވެ. ލޭގެ ޕްރެޝަރާއި އޮކްސިޖަން ހުރި ވަރާއި ހިތުގެ ވިންދު އަދި ނޭވާލާ ވަރު ކޮންމެ ދުވަހަކު ވެސް ބަލައި ގަވައިދުން ނޯޓުކުރަންޖެހެ އެވެ.
އައުބަށް 13 އަހަރުގައި އިންޑިއާގައި އިމާމުވެ ތަރާވީސް ނަމާދުކުރި ފުރަތަމަ ރެއަށްފަހު ނަޝްއާ ދެ މީހުން ފޮޓޯއެއް ނަގަނީ.
އަރާމުކުރާނެ ވަގުތެއް ނެތި، ކުޑަދަރިފުޅުގެ ދުނިޔޭގައި އުޅެމުންދިޔަ އެ ދެމަފިރިންނާއި 9 އަހަރުގެ އައުބުގެ ދިރިއުޅުން އެއް ދުވަހުން ހުއްޓުމަކަށް އަ އެވެ. ނޮވެމްބަރު 24، 2019 ގައި ނަޝް އާއި ޝުޖާގެ ހަގު ދަރިފުޅު އަދި އައުބުގެ ހުރި ހަމައެކަނި ކޮއްކޮގެ ވަކިވުމާއެކު ދިރިއުޅުން ބަދަލުވީ އެވެ.
ނަޝް ބުނިގޮތުގައި، ޗެންނާއީގައި ދަރިފުޅު ވަޅުލުމަށް ފަހު، ޖެހިގެން އައި ދުވަހު ނިދާ ހޭލިއިރު އެ ދެމަފިރިންނަށް ވަރަށް ބޮޑު ފަޅުކަމެއް އިހުސާސްކުރެވުނެވެ. ހޭލާފައި ދެ މީހުން ވެސް ތިބީ ބުނާނެ އެއްޗެއް، ދައްކާނެ ވާހަކައެއް ނޭނގިފަ އެވެ. ކައިވެންޏަށް އެތައް އަހަރެއް ވީ ފަހުން ޝުޖާ ރޯ ތަން ނަޝް އަށް ފެނުނީ ވެސް އެ ދުވަހެވެ. .
"ދެ އަހަރު ވަންދެން އުޅުނު ދިރިއުޅުން އެއްކޮށް ބަދަލުވީ. ވަރަށް އުނދަގޫވީ އެކަމަށް ފޭސްކުރަން. އެއީ އެންމެ އުނދަގޫވި ކަމަކީ. ހުރިހާ ވަގުތެއްގައި ވެސް އެމްޕްޓީ ފީލްވެފައި ހުންނަނީ. މުޅިން އެހެން ދުނިޔެއަކަށް ދެވުނުހެން ހީވީ ދެ މީހުންނަށް. ކާ އިރު ވެސް، ބެބި ނުއެއް ނިދާނެ ރޭގަނޑު ވެސް،" ސައިކޮލޮޖީން ޑިގްރީ ހަދަމުން އަންނަ ނަޝް ބުންޏެވެ.
"މި ހުރިހާ ކަމެއް ކުރާއިރު ވެސް ނުނިދޭނެތާ. ބެބީ މުޅިން ވެސް އިންނާނީ ފިރިމީހާގެ އުނގުގައި. [ބެބީ މަރުވި ފަހުން] ފިރިމީހާ އަށް އޭނާގެ އުނގުގައެއް [ބެބީ] ނީންނާނެ. އަޅުގަނޑަށް ފެންނަނީ ބެބީ ނުލައި ފިރިމީހާ އަންނަ ތަން. އެކަން ބަލައިގަންނަން ވަރަށް އުނދަގޫވި."
ބެބީ މަރުވިތާ ތިން ވަނަ އަށް ވީ ދުވަހު އާއިލާގެ ބައެއް މީހުންނާ އެކު ނަޝް ބޭރަށް ނުކުތެވެ. އޮޓޯގައި އަނބުރާ ގެއަށް ދާން އުޅެނިކޮށް ބޯކޮށް ވާރޭވެހެން ފެށި އެވެ. އެ ވަގުތު ހުއްޓާ ނުލައި ނަޝްއަށް ރޮވެން ފެށި އެވެ. އެކަމަކު، އޭނާގެ ހިތާއި ސިކުނޑި ތެރޭގައި ދުވަމުން ދިޔަ ކަންކަމެއް އެއްވެސް މީހަކަށް ނޭނގެ އެވެ.
"އަޅުގަނޑު ހިތަށް އެރީ، އަޅުގަނޑު މި ވަޅުލީއޭ ދަރިފުޅު. ވިއްސާރަ ވެހެއޭ އެބަ، އެކަމަކު [ބެބީ] އެކަންޏޭ އެ ހުރީ. ހިތަށް އަރަނީ ނުވާނެއޭ އެހެން އެކަނި ބާއްވާކަށް. ބެބީ އެކަންޏޭ އޮތީ، ފިނިވާނެއޭ. ވަރަށް އުނދަގޫވެސް ވި. އެކަމަކު ވެސް ހިތަށް އެރި މި ކަހަލަ އެއްޗެހި ހިތަށް އަރުވާކަށް ނުވާނެއޭ އަސްލު،" ނަޝް ބުންޏެވެ.
އައުބުގެ ކްލާސް ކުއްޖެއްގެ މަންމައަކު، އޭނާގެ ދެ އަހަރުގެ ދަރިފުޅު މަރުވި ވާހަކަ ނަޝްއަށް ކިޔައިދިނީ ބެބީގެ ޖަނާޒާ ތެރެއިންނެވެ. އަންނަމުން ދިޔަ ތަފާތު ހިޔާލުތަކާ ހެދި ނަޝް އަށް އެ ވަގުތު ވިސްނުނީ އޭނާގެ އެ ހިތާމަތަށް އެންމެ ބޮޑަށް ނަގައިގަނެވޭނެ އެކަކަށް ވާނީ އެ ބެލެނިވެރިޔާ ކަމެވެ. އެ މީހާ އަށް ގުޅައި ވާހަކަ ދެއްކުމުން އެނގުނީ ކުއްޖަކު މަރުވުމުން އެފަދަ އިހުސާސްތައް އައުމަކީ ގުދުރަތީ ގޮތުން ވެދާނެ ކަމެއް ކަމެވެ. އެކަމަކު، ނަސޭހަތެއްގެ ގޮތުގައި އެ ރަހުމަތްތެރިޔާ އެދުނީ އެ ފަދަ ހިޔާލުތަކަށް ފޯކަސް ނުކޮށް ދުއާތަކުން ހިތްވަރު ހޯދުމަށެވެ.
ޝުޖާ، ބެބީގެ ޑައިލިސިސް ހަދަނީ. ދިރިހުރުމަށް 24 ގަޑިއިރު ޑައިލިސިސް ހެދި.
އޭނާ ދިން ނަސޭހަތާއެކު ތަފާތު ދުއާތައް ކިޔަން ފަށައި، ވަރަށް އުނދަގުލުން ނަމަވެސް އެ ހިޔާލުތައް ހިތުން އެއްފަރާތް ކޮށްލީ އެވެ. ނަމަވެސް، ދަރިފުޅުގެ ވަކިވުމަށް ހަތަރު މަސް ވިއިރު ވެސް ބެބީގެ ކޮންމެ ވެސް އެއްޗެއް ހިފައިގެން ނޫން ގޮތަކަށް ބޭރަކަށް ނުނިކުމެވެ އެވެ.
"އެކި މީހުން ގްރީވްކުރާ ގޮތް ތަފާތުވާނެ ކަން ނޭނގޭ. ނަޝް އަށް ވާ ގޮތަކީ ބެބީ ނިޔާވީއްސުރެ އެ ހުރިހާ އެއްޗިއް ބަހައްޓާފައި ހުންނާނީ. މިހާރު ފަސް އަހަރު ވަނީ. މިހާރު ހަމަ ހުރިހާ އެއްޗެއް ބަހައްޓާފައި ހުންނާނީ. އެއްފަހަރު ދޮވެވިސް ފިން. މި ތަނަށް އަންނަ މީހުން ހިތަށްއަރާނެ އަދި ވެސް އުޅޭ ކުއްޖެއް ބާވައޭ. އެޑްވައިޒް ވެސް ލިބުނު ނުގެންގުޅޭށޭ އެގޮތަށް އެއްޗެހި. ތިކަމާ ދުރަށް ނުދެވޭނެއޭ. އެހެން ބުނީމަ ހިތަށް އަރަނީ މިސާލަކަށް ދުނިޔޭގައި ހުންނަ ކުއްޖެއްގެ ހިޔާލުތަކަށް ނުވަތަ އެ ކުއްޖެއް ދެކެ ލޯބިވުން ވެސް ހުއްޓައެއް ނުލާނެ ނޫންތޯއޭ މަންމައަށް،" ނަޝް ކިޔައިދިނެވެ.
އެ މައުސޫމް ދަރިފުޅު ދުނިޔޭގައި ނެތަސް އަދިވެސް އެ ލޯބި ހަމަ އެފަދަ އެވެ. ނަޝް އެ ނޫން ހަނދާނެއް އަދިވެސް ސިކުނޑީގައި ނެތެވެ. އެ ދަރިފުޅު ގެންގުޅުނު އެއްވެސް އެއްޗެއް ދޫކޮށްލާ ހިތެއް ނުވަތަ އެހެން މީހަކަށް ދޭން ވެސް ބޭނުމެއް ނުވެ އެވެ.
"އަޅުގަނޑަށް ބެބީ ދުނިޔޭގައި ނެތަސް އަދި ވެސް ލޯބިވެއޭ ހަމަ. ބެބީގެ ބޭބެ، އައުބު ދެކެ ލޯބިވާ ގޮތަށް އަދި ވެސް ބެބީ ދެކެ ލޯބިވެއޭ. އެހެންވެ، ބެބީގެ އެއްޗެއް އެއްލާލައި ނުވަތަ ކުއްޖަކަށް ދޭކަށް ވެސް ފަސޭހައެއް ނޫން އެއްވެސް ވަރަކަށް. އެކަމަކު، ބެބީ އަޅާނުލައި، އެހާ ބޮޑަށް އެޓޭޗް ނުވާ އެއްޗެއް ވިއްޖެއްޔާ ފަސޭހާވާނެ. އެގޮތަށް ކުއްޖަކަށް ދިނިން ޓޯއީސް، އެއީ ބެބީ އެހާ ވަރަކަށް އުޅޭ އެއްޗެއް ނޫން. އެކަމަކު، ބެބީ އެ އެއްޗަކާ ހެދި އުޅޭ އެއްޗެއް ފަސޭހައެއް ނޫން އެ އެއްޗެއް ދޫކޮށްލާކަށް."
ނަޝް ގަބޫލުކުރާ ގޮތުގައި ނިދި މަހުރޫމްކޮށް، ހާއްސަ އެހީތެރިކަން ބޭނުންވާ ކުއްޖެއްގެ ހިދުމަތުގައި މައިންބަފައިންނަށް 24 ގަޑިއިރު ދެމިތިބެވޭނީ އެ ކުއްޖާ ދެކެ ހަގީގަތުގައި ވެސް ލޯބިވާތީ އެވެ.
"އެ ދަރިފުޅު ދެއްވި ރަސްކަލާނގެ ވޮޑިވެގެންވޭ އަޅުގަނޑު ކިހާ ވަރަށް ލޯބިވާކަން. އެއީ އީމާންތެރިކަން ދަށްވުމެއް ވެސް ނޫން އަޅުގަނޑު އެ އެއްޗެހި އެއްލާނުލާ ބެހެއްޓުމަކީ. މާތްﷲ ދެނެވޮޑިވެގެންވާނެ، އަޅުގަނޑު ދުވަހަކު ވެސް ކުޑަކޮށް މި ވަރުގެ ޝަކުވާއެއް ވެސް ނުކުރަން ބެބީ އަޅުގަނޑާ ވަކިވީމަ،" ނަޝް ބުންޏެވެ.
"ބެބީއަކީ އަޅުގަނޑުގެ މިލްކެއް ނޫން. އެކަމާ އަޅުގަނޑު ހިތްހަމަޖެހުނު. ﷲގެ ނިޔާ އަށް، އަޅުގަނޑު މިންވަރަށް އީމާންވުން. ބެބީގެ އެއްޗެހި އަޅުގަނޑުގެ އަތުގައި ހުރީމަ އެ އެއްޗެހި އަޅުގަނޑު ދޭތެރެއަކުން ބަލާލާ، އެއްޗެހި ނަގައި ހަނދާން އާކޮށްލާ، އެއީ މައްސަލައެއް ނޫން."
ނަޝް ބުނީ ބެބީ މަރުވި ފުރަތަމަ ދުވަސްކޮޅު ކޮންމެ ހަފުތާއަކު މަހާނަ ކައިރިއަށް ދާ ކަމަށެވެ. އެއީ ފިރިމީހާ އަށް ފަސޭހަކަމެއް ނޫނެވެ. ނަމަވެސް، ނަޝް އަށް ހިތްހަމަޖެހުން ލިބޭތީ ޝުޖާއު ދެ އެވެ. ބެބީގެ މަރަށް ފަހު އެ ދެ މީހުންނަށް ވެސް އެކި އުނދަގޫތައް ދިމާވުމުން ދެ މީހުން "ގްރީވް ތެރަޕީ" ނަގަން ފެށި އެވެ. އޭގެ އިތުރުން ރިލީޖަސް ކޯޕިން އަކީ، ދެ ލޮލުގެ ނޫރުގެ ގޮތުގައި ބެލި ދަރިފުޅުގެ މަރަށް ފަހު ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
ނަޝްއާ ޝުޖާ އަދި އައުބު.
ނަޝް ބުނިގޮތުގައި، ލޯބިވާ ގާތް މީހަކު މަރުވެއްޖެ ނަމަ ދެވެން އޮތް ވަރަކަށް އެންމެ ފަހުގެ ވަގުތު ހޭދަކުރަން ޖެހޭނެ އެވެ. އައިސީޔޫގައި އޮތްއިރު ވެސް ނަޝް ބޭނުންވީ ދަރިފުޅު އުރާލާށެވެ. އެކަމަކު، ގިނަ މެޝިންތަކެއް ގުޅާފައި ހުރުމުން އުރާލަކަށް ނުލިބުނެވެ. އުރާލަން ލިބުނީ ހިނެވި ފަހުންނެވެ.
ނަޝް އަދި ޝުޖާ އުފުލި ހުރިހާ ވޭނަކާއި ހިތާމައެއް، ކިތައްމެ ކުޑަނަމަވެސް އައުބު ވެސް ތަހައްމަލުކުރި އެވެ. ހޮސްޕިޓަލުގައި ކޮއްކޮ އެޑްމިޓު ކޮށްފައި އޮތުމުން ހޮސްޕިޓަލުގެ ތެރޭގައި ނިދާފައި ޖެހިގެން އައި ދުވަހު ހަމަ އެ ތަނުގައި ތައްޔާރު ވެގެން ސްކޫލަށް ދިޔަ ދުވަސްތަކެއް ވެސް މަދެއް ނޫނެވެ.
ބެބީ ބަލިވިއިރު އައުބު ގުރުއާންގެ ފަސް ފޮތް ހިތުދަސްކޮށްފި އެވެ. އެކަމަކު، ހަގު ދަރިފުޅުގެ ކަންކަމުގައި ހުރިހާ ވަގުތެއް ހުސްކުރަން ޖެހުމުން، އެ ދެމަފިރިން އެންމެ ބޭނުންވި ވަރަށް އައުބަށް ސަމާލުކަމެއް ނުދެވުނެވެ. އެހެންވެ، ވަކި ހިސާބަކުން ހިތުދަސްކުރި އާޔަތްތައް ވެސް ހަނދާން ނެތުނެވެ. އެކަމަކު، ނަޝް ގަބޫލުކުރަނީ، ބައްޔާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކޮށްފައި ވިއަސް ދަރިފުޅުގެ މަރަކީ "ބިއުޓިފުލް ފްރުޓެއް" ލިބުނު ވަކިވުމެއް ކަމަށެވެ.
"ބެބީ މޯޗަރީއަށް ގެންދަން އުޅެނިކޮށް އަންނަނީ އައުބު ސްކޫލުގެ ކުރީގެ ޕޭރެންޓެއް. އައިސްފައި ކިޔައިދެނީ އޭނާގެ ހަތަރު ކުދިން ނިޔާވެފައި އޭނާއަށް މި ލިބިފައި ހުންނަނީ އެއް ކުއްޖެއް. އަލްހަމްދުލިއްލާހި، ގުރުއާން ހިތުދަސްކޮށްފައި 10 އަހަރުގައި. އެ ފިރިހެން މީހާގެ ކާރަށް އަޅުގަނޑާއި ކޮއްކޮއާ އެރުވީ. ދެން އިތުރަށް ވެސް އެރުވީ ދެ އަހަރުގެ ދަރިފުޅު ނިޔާވެފައި ހުރި ޕޭރެންޓެއް، ފިރިހެނެއް،"
އެ ދަތުރުގައި ނަޝް އަށް އެ މީހާ ކިޔައިދިނީ ދުއާއެކެވެ. އެ ދުއާގައި މައިގަނޑު ގޮތެއްގައި ބުނާ ވާހަކައަކީ "ގެންދެވި އެއްޗަކަށް ވުރެ ރަނގަޅު އެއްޗެއް" ﷲ ދެއްވާނެ ކަމެވެ.
"އަޅުގަނޑަށް އެ ދުއާ ވަރަށް ރީތިވި. ދެން އުނދަގޫވާ ކޮންމެ ފަހަރަކު އެ ދުއާ ކިޔަނީ،" ނަޝް ބުންޏެވެ.
އައުބު، ގުރުއާނާ ބެހޭ މަރުކަޒަށް ގުރުއާން ހިތުން ކިޔައިދިނުމަށްފަހު، އެއް ވަނަ ދަރަޖައިން ފާސްވި ދުވަހު ބޮލުގައި ތާޖު އަޅުވައި، ޗޮކުލެޓު ބޮކޭއަކާއެކު ފޮޓޯއަކަށް ހުއްޓިގެން.
އެ ދުއާ ކިޔާއިރު ވެސް އޭނާގެ ހިތަށް އަރަމުން ދިޔައީ ރަނގަޅު ސިއްހަތެއްގައި ހުރި ކުއްޖެއް ލިބޭނެ ކަމަށެވެ. އޭރުން ކުރިން އުޅުނު ވޭނުގައި އުޅެން ނުޖެހޭނެ ކަމަށް އޭނާއަށް ވިސްނުނެވެ. އެ ދުއާ ކުރަން ފެށި ފަހުން ނަޝް، ޝުޖާ އަދި އައުބު ވެސް ހީނުކުރާ ގޮތަކަށް ދިރިއުޅުން ބަދަލުވި އެވެ.
ހަގު ދަރިފުޅު އެހާ ބޮޑަށް ބަލިވެ، އެ ކަމުގެ ތެރޭގައި އުޅެން ޖެހުމުން އަލުން ބައެއް ސޫރަތްތައް އައުބު އަށް ދަސްކޮށްދޭން ޖެހުނެވެ. ދާން ޖެހުނީ އޭނާ ބުނިގޮތުގައި "ވަރަށް އުނަގޫ ހިފްޒު ދަތުރަކަށެ"ވެ.
"ވަރަށް ބައިވަރު ކަންތައްތަކެއް އައުބު އަށް ވެސް ކޮމްޕްރޮމައިޒް ވެގެންދިޔަ. އެހެންވެ، ހިފްޒަކަށް ވެސް އަޅައެއް ނުލެވުނު. އޭގެ ފަހުން ހަނދާން ނެތުނީ. މި ދުއާ އަޅުގަނޑު ކިޔަމުން ދަނިކޮށް، ފަހުން ވަރަށް ސްލޯކޮށް އައުބު ހިފްޒު ދިޔައީ ވެސް، ވަކި ހިސާބަކުން އައުބު ވަރަށް ފާސްޓުކޮށް ދަސްކުރަން ފަށަނީ. ބައެއް ދުވަސް ދުވަހު އާދޭ 4-5 ޕޭޖު ކިޔައިދީފައި ވެސް. ކުރިން 1-2 އާޔަތް ވެސް ކިޔައިދޭ ބައެއް ފަހަރު ފަހަރު،" ނަޝް ބުންޏެވެ.
"ހިފްޒު ކިޔަވައިދޭ އުސްތާޒު ވެސް ހުންނަނީ ހިތްހަމަނުޖެހިފައި. އެހެން ހުއްޓާ، އަލްހަމްދުލިއްލާލި، ވަރަށް ފާސްޓުކޮށް ގެންދަނީ. ގެންދާތީ ހިފްޒު ޓީޗަރު އަހައިފި ގޭގައި ހިފްޒު ކުރަނީ ހެއްޔޭ، އެހެންވެ ބުނެފިން ނޫނެކޭ ނުކުރަމޭ. ބުނެފި ވަރަށް އަވަހޭ. ތޭރަ އަހަރުގައި، އަލްހަމްދުލިއްލާހި، 10 މަސް ދުވަހުގެ ތެރޭގައި އައުބަށް ދަސްވީ 21 ފޮތް،"
އުމުރުން 15 އަހަރުގެ އައުބު އަރަބި ބަސް ވަކިން ކިޔަަވަން ފެށި އެވެ. އެކަމަކު، ކުރިން އެ މާއްދާ ކިޔަވާފައި ނެތުމުން ގުރުއާން ކްލާހުގައި ހެދި ފުރަތަމަ އަރަބި ޓެސްޓުން 20 މާކްސްގެ ތެރެއން ލިބުނީ ސުމެކެވެ. އެކަމަކު، އަރަބި ދަސްކުރަމުން ގޮސް ކްލާހުގެ އެންމެ މޮޅު ދަރިވަރުގެ ޝަރަފު ވެސް ހޯދައި، އޭގެ ފަހުން އަރަބި މާއްދާގެ އައިޖީސީ ޓެސްޓު ހަދައި 100 އިން 96 މާކްސް ހޯދި އެވެ.
އައުބަށް ރަނގަޅަށް އަރަބި އަދި އިނގިރޭސި އެނގޭތީ އާޔަތުގެ އިނގިރޭސި މާނަ ކިޔައިދިނުމުން، މުޅި ގުރުއާނުން ވެސް އެ އާޔަތް ބުނެދެވޭ ވަރަށް ގުރުއާނަށް ފަރިތަވި އެވެ. އޭނާއަށް އެކަން އެނގުނީ އަރަބި ޑިޕާޓްމަންޓުގައި އަރަބި ހަފުތާ ފާހަގަކުރަން ހިންގި ހަރަކާތެއްގެ ތެރެއިންނެވެ.
ނަޝް، ބެބީ އުރާލައިގެން.
"ޕޭރެންޓުންނަށް ގުރުއާން ދީފައި ބުނަނީ ބޭނުން ތަނަކުން އައުބު އަށް ސުވާލުކުރާށޭ. އިނގިރޭސި މާނަ، ޔަގީނޭ ބުނާނެ. އެ ދުވަހު ވަރަށް ހިތްނުތަނަވަސް ވެސް ވި. އިނގިރޭސި މާނަ ހަމަ ބުނެލާއިރަށް އައުބު އެބަ ބުނޭ، އެންމެ ތަނެއް ފިޔަވައި އެހެން ހުރިހާ ތަނެއް ދިމާވި،" ނަޝް ކިޔައިދިނެވެ.
އޭނާ އަށް މިހާރު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އައުބުގެ ކުރިއެރުމެވެ. ގުރުއާން ވެސް ވަރަށް ފަސޭހައިން ދަސްކުރެ އެވެ. އަރަބި ބަސް ވެސް ދޭހަވާލެއް އަވަހެވެ.
"ބެބީ ހުރިއިރު ޖެހުނީ ނާސި ސޫރަތުން ފަށަން. ފަށަން ޖެހުނީމަ ކްލާހުގައި އެހެން ކުދިން އުޅެނީ މާ މަތީގައޭ ކިޔާފައި ގެއަށް އައިސް [އައުބު] ރޯން ވެސް ރުއި." ނަޝް ބުންޏެވެ.
އިންޑިއާގައި ހުރެފައި މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ހިފްޒު ކޮމެޓީއަށް ކިޔައިދީ، އެއްވެސް ކުށަކާ ނުލައި އެއްވަނަ ދަރަޖައިން ހާފިޒު ކަމުގެ ސަނަދު ނެގި އެވެ. އޭގެ ފަހުން ރާއްޖެ އަށް ބަދަލުވިތާ ގިނަ ދުވަސްތަކެއް ނުވެ، އިސްލާމިކް މިނިސްޓްރީން ވަނީ ރޯދަމަހު އިމާމުވެ ތަރާވީސްކުރާނެ ހާފިޒުން ހޯދަން އިއުލާންކޮށްފަ އެވެ. އައުބު ޝައުގުވެރިކަން ހުރުމުން އެ ފުރުސަތުގެ ބޭނުން ހިފި އެވެ. ނިމިގެން ދިޔައީ ވެސް، މިހާރު އަހުމަދިއްޔާ ސްކޫލުގައި ގްރޭޑު 10 ކިޔަވަމުން އަންނަ އައުބު ބޭނުންވި ގޮތަށެވެ.
ސެލެކްޝަން ޕްރޮސެސްއަކަށް ފަހު ކިންގް ސަލްމާން މިސްކިތުގައި އިމާމުވެ ތަރާވީސް ކުރަން ލިބުނު ހަތަރު ހާފިޒުންގެ ތެރޭގައި އައުބު ހިމެނުނެވެ. އަދި އެ ކުދިންގެ ތެރެއިން އައުބު ވަނީ އެ މިސްކިތުގައި ދަމުނަމާދުކުރަން ވެސް ހޮވިފަ އެވެ.
"...ހިތަށް އެރީ އަޅުގަނޑު ހުއްޓާނުލާ ކުރީ އެއްކަލަ ދުއާ، އެ ދުވަހު އެ މީހާ ބުނެދިން ދުއާ ކިޔަނީ މާތްﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ރަނގަޅު ސިއްހަތެއްގައި ހުރި ކުއްޖެއް ދެއްވާނެ ކަމަށް ވިސްނިގެން. އަޅުގަނޑުގެ ބައިވަރު ސިއްހީ މައްސަލަތައް ވެސް މިހާރު އެބަހުރި. ﷲއޭ ދެނިވޮޑިގެންވާނީ އަޅުގަނޑަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން. އައުބު މެދުވެރިކޮށް ﷲ ދެއްވައިފިއޭ ވަރަށް ރަނގަޅު އެއްޗެއް. ބެބީ، ކުޑަކުއްޖެއް، އިރާދަކުރެއްވިއްޔާ ސުވަރުގެ ލިބޭނެ. އެ ކުއްޖާގެ ސަބަބުން އަޅުގަނޑަށް ވެސް އިރާދުކުރެއްވިއްޔާ ސްޓޭޓަސް މަތިވެގެންދާނެ." ނަޝް ވަަރަށް ހިތްހަމަޖެހިފައި ބުންޏެވެ.
ޝުޖާ، ނަޝް އަދި އައުބު، ބެބީގެ ހަނދާންތަކާއެކު.- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ނަޝް މިއަދު ގަބޫލުކުރަނީ ބެބީ މުޅި އުމުރަށް ވަކިވެގެން ދިޔަޔަސް "އެއީ ލޮސްއެއް" ނޫން ކަމަށެވެ.
"އިންޝާﷲ، ބެބީގެ ސަބަބުން އަޅުގަނޑަށް މިހާރު މި ލިބޭ ބްލެސިން، ހުރި ދަރިފުޅުގެ ފަރާތުން އެ ލިބޭ."
ބެބީގެ ވަކިވުމަށް ފަހު ވެސް އިންޑިއާގައި ގިނަ ދުވަސް ވަންދެން މަޑުކުރީ އިތުރު ކުއްޖެއް ލިބޭތޯ ފަރުވާ ކުރާށެވެ. ނަޝްގެ ސިއްހީ އިތުރު މައްސަލަތައް ހުރުމުން އެއީ ކުރިއަށް ވުރެ އުނދަގޫ ކަމަކަށް ވުމުން، އެއް ދުވަހު ދެރަވެގެން ގުޅީ ދޮންތައަށެވެ. އެ ފޯނު ކޯލުގައި ހަނދާން ކޮށްދިނީ ނަޝްއަށް ލިބިފައިވާ ނިއުމަތްތަކެވެ.
"ދިހަ ބާރަ ކުދިންނާ ވެސް އައުބު އެއްވަރެއް ނޫނޭ. ޓީނޭޖު ޕޭރެންޓުން ކިހާ ސްޓްރަގްލްއެއް ކުރޭހެއްޔޭ. ތިމަންނައަކަށް ނުފެނެއޭ ނަޝް އެއިން އެއްވެސް ކަމެއް ދަތިވެގެން އުޅޭ ތަނެއް. އެހެންވީމަ، ހިތަށް އަރުވާލާށޭ އެންމެ ކުއްޖެއް ހުއްޓަސް އެއީ މި ޒަމާނުގައި މީހަކު 10-12 ކުދިން ހުރުމަށް ވުރެ ވެސް، އިންޝާﷲ އެ އަށް ވުރެ ބޮޑު ބްލެސިންއެކޭ. އެ ދުވަހު ހިތަށް އެރީ، ދޮންތަ އެ ބުނީ ތެދެކޭ. އައުބުގެ ސަބަބުން ނުޖެހޭ އުނދަގޫ ކަމެއް ތަހައްމަލުކުރާކަށް."
އެ ދެމަފިރިންގެ ދިރިއުޅުމަށް އިތުރު ކުއްޖަކު ނުލިބުނަސް އެއްވެސް ޝަކުވާއެއް ނެތެވެ. އެ އަށް ވުރެ ބޮޑަށް މިހާރު ލިބިފައިވާ ނިއުމަތްތައް ގަބޫލުކޮށް، އައުބު މެދުވެރިކޮށް ދިރިއުޅުމުގެ ހުވަފެންތަކުގައި ކުލަ ޖައްސަން ބޭނުންވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަލީމަތު
27 March 2025
فَاصْبِرْ صَبْرًا جَمِيلًا ގެ ވަރަށް ރީތި މިސާލެއް.
ޫނޫރް ގެ މަންމި
27 March 2025
މި ކިޔާފައި ހިތައް ވަރައް އަސަރު ކޮއްފި. ތި ދެމަފިރިން ހާދަ ކެތްގަދައޭ. މާތް ﷲ ތިއާއިލާ އަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ދެއްވާށި. އާމީން.
ނަމޫނާ ކުދިން
26 March 2025
ރަނގަޅު އާއިލާތަކެއްގެ އެހާމެ ރަނގަޅު ކުދިންތަކެއް، މާތް ﷲ ތިއާއިލާ އަށް ފާގަތިކަމާ އުފާ މިންވަރު ކުރައްވާށި. އާމީން.
އަމްރާ
26 March 2025
ތި ދަސްކުރި ދުޢާ ބުނެލަދެވިދާނެތަ؟
ދެރަވެއްޖެ
26 March 2025
اللهم أجرني في مصيبتي واخلف لي خيرًا منها މި ދުއާ ހެން ހީވަނީ
ފުންއަސަރު
26 March 2025
އެތައް ފަހަރަކު ކިއިއްޖެ. އެތައްފަހަރަކު ލޮލުން ކަރުނަ އައިސްފި. ހިތަކަށް ކުރާނޭ އަސަރު އަންދާޒާ ކުރެވިއްޖެ. ވަރަށް ވަރަށް ބޭނުންވޭ ހިތްހަމަޖެހުން ގެނުވި ދުއާ. އެދުއާ އަކީ މަމެންނަށްވެސް ހިތުގެ އުފާކަމުގާވެދާނެ. ބޭނުންވޭ އެދުއާ ވަރަށްވެސް. މިހާރުގެ ނޫސްމެދުވެރިވެ އެކަންވެސް ކޮށްދެއްވާނޭކަމުގާ ޔަގީންކުރަން. ތިޔަ ދެމަފިރިންނަށް އިރާދަކުރެއްވިއްޔާ މިރެއަކީ އުފާވެރި ރެޔެއްކަމުގާވާނެ. އަދި ދެންހުރި ހުރިހާ ދުވަސްވެސް. އިންޝާﷲ!
ހެޔޮދުޢާ ހުރިހާ އަޚުންނާ އުޚުތުންނަށް
26 March 2025
އުއްމު ސަލަމާ ރަޟިޔަﷲ ޢަންހާ އެކަމަނާގެ ފިރިކަލުން އަވަހާރަވުމުން اللهم أجرني في مصيبتي واخلف لي خيرًا منها މިފަދައިން ދުޢާކުރުމަށް ކީރިތި ރަސޫލާ ޞައލަﷲ ޢަލައިހި ވަސައްލަމް އިރުޝާދު ދެއްވި ކަމަށް އައްތިރުމިޛީ ޞަހީހު މުސްލިމް ގައި ބަޔާން ކުރައްވާފައިވޭ. އޭގެ ފަހުން އެކަމަނާ ކީރިތި ރަސޫލާއާ ކައިވެނިފުޅު ބައްލަވައިގެންނެވި.
ޙފހފހފ
26 March 2025
اللهم أجرني في مصيبتي واخلف لي خيرًا منها މިއީތޯ އެ ދުޢާއަކީ؟
ޢުފަ
26 March 2025
ލައްބަ، އުއްމު ސަލަމާއަށް ރަސޫލާ ޞޢޥ ދަސްކޮށްދެއްވި ދުޢާ
މަންމައެއް
26 March 2025
މި ރިޕޯޓު ކިޔަން ފެށީމަ ވ ބޮޑަށް ރޮވިއްޖެ މެއަށް ވީގޮސްވެސް ބުނެދޭކަށްނޭނގޭ. ހިތްފަޅައިގެން ދިޔަކަހަލަ. ދަރިއަކު އާދައިގެ ބައްޔަކުން ބަލިވިޔަސް އަހަރެމެން މައިންބަފައިންނަށް ކެތްކުރަން އުނދަގޫކަމަކަށް އެކަންވޭ. މުޅިމީހާ މޫޑީވެ ކަމެއް ކުރާހިތްނުވެފަ ހުރެވޭ. މާޝާﷲ ނަޝް އަށް އައުބުގެ ސިފައިގައި މާތްﷲ ދެއްވި ފަދަ ނިޢުމަތެއް ހުރިހާ މައިންބަފައިންނަށްވެސް ދެއްވާށި! އާމީން
ރިކުއެސްޓެއް
26 March 2025
މިހާރުން މިރޯދަމަހު ގެނެސްދޭ މީހުންގެ ވާހަކަތައް ވަރަށް ކަމުދޭ. ޜޯދަ މަސް ނިމުނަސް މަހަކު އެއް ފަހަރު ވިޔަސް ގެނެސްދޭންވީނު
އުދުމާ
26 March 2025
އާރޓިކަލްއެއްކިޔާފަ ރޮވެނީ ވަރަށް މަދުފަހަރަކު. ވަރަށް ހިތްވަރުގަދަ ދެމަފިރިންނާއި ދަރިއެއް. މިގޮތަށް ވަޒީފާއިން ވަކިވެގެންދާންޖެހޭމީހުންނަށް ފަހުން ފަސޭހައިން ވަޒީފާލިބޭނެނަމަ ކޮންފަދައެއް. މި އާއިލާއަށް މާތް ރަސްކަލާނގެ ބަރަކާތްލައްވާށި! އާމީން