27 މާޗް 2025 - 11:09
ވަލަށް ވަންނަން ކަނޑައަޅާފައި އޮންނަ ގަޑިއަށް އެންމެން ތިބޭނީ ތައްޔާރުވެގެންނެވެ. ކޮންމެ މީހެއްގެ އަތުގައި ބާލިދީއެއް ނުނީ ޓައްޕެއް އޮންނާނެ އެވެ. ބައެއް މީހުން ތިބޭނީ ތޮފި އަޅައި އަތަށް އަންގި ލައްވައި މަސައްކަތާ ވަރަށް ގަޔާވެގެންނެވެ. ގަޑި ޖެހުމާ އެކު އެންމެން އެކުގައި ދުއްވައިގަނެ އެވެ.
އަލަށް މި މަންޒަރު ފެންނަ މީހަކު އެ މީހުން ކުރަން އުޅޭ ކަމަކާ މެދު ހައިރާންވެދާނެ އެވެ. ހަޒާނާއެއް ހޮވަން ދުއްވައިގަންނީ ވެސް ހީވެދާނެ އެވެ. ކަވި މަސައްކަތަކަށް ވިޔަސް ލިބޭ އާމްދަނީއަށް ބަލާއިރު އެ މީހުން ދުއްވައިގަންނަނީ ހަޒާނާއެއް ފަހައޭ ވެސް ބުނެވިދާނެ އެވެ.
ގަޑިއިރަކުން މީހަކަށް ހާހެއްހާ ރުފިޔާ ވެސް ވަލު ތެރެއިން ހޮވިދާނެ އެވެ. އޮއްކެޔޮ ހޮވައިގެން އަވީލައި ފަޅައިގެން ވިއްކާ ކަނަމަދުގެ އަގު ހުންނަނީ ރަނުގަ އެވެ.
ބައެއް ރަށްތަކެކޭ އެއްގޮތަށް މިއީ ޒަމާނުއްސުރެން ކެނދިކުޅުދޫގައި އޮއްކެޔޮ ހޮވާ ގޮތެވެ.
ވަލަށް ވަދެވުމާ އެކު އެ މީހަކާ އެ މީހެކެވެ. އަތް އަވަސްކޮށްލާފައި ކޮންމެ މީހަކު ވެސް ބަލަނީ ބާލިދީ ފުރާލުމަށެވެ. އެ މީހުންނަށް މިކަމަކީ އާދަޔާ ޚިލާފު ހިތްހަމަޖެހުމެކެވެ.
ކެނދިކުޅުދޫގައި ބޮޑު ސަރަހައްދަކީ ވާ ހެދިފައި އޮތަސް ކައުންސިލްގެ ހުއްދައާ އެކު ނޫނީ އެއްވެސް އެއްޗެއް ނުގެންދެވޭނެ އެވެ. ރަށު އެންމެން މި އުސޫލަށް ތަބާވެ އެވެ. ބޭނުމަކީ އެންމެންގެ މެދުގައި ހަމަހަމަކަން ގާއިމްކޮށްފައި ބޭއްވުމެވެ.
ވަލަށް ވަދެ އޮއްކެޔޮ ހޮވައިގެން ގިނަ މީހުން ރަނގަޅު އާމްދަނީއެއް ހޯދަ އެވެ. ކަނަމަދު ކިލޯއެއް 600ރ އަށް ވިއްކެ އެވެ.
މިކަން ކުރަން ފެށި ހަނދާނެއް ނުހުންނަ މީހުން ވެސް އެބަތިއްބެވެ. އޮއްކެޔޮ ހޮވުމަކީ މި މީހުންގެ ދިރިއުޅުމުގެ އެއް ބައެ އެވެ.
އޮއްކެޔޮ ފަޅަން ފަށާނީ ހޮވައިގެން އައިސް އަވީލުމަށް ފަހު އެވެ. ފަހަރަކު އެއްޗެއް ފަޅައި އެތެރޭގައި އިންނަ މަދު ނެގުމަކީ ކެތްތެރި މީހަކަށް ނޫނީ ނުކުރެވެނޭ ކަވި ކަމެކެވެ.
އާމްދަނީ ހޯދުމުގެ އިތުރަށް އޮއްކެޔޮ ހޮވުން ގުޅިފައި އޮތީ މި ރަށުގެ އާދަކާދައާ އެވެ. އަދި އޮއްކެޔޮ ހޮވުމުގައި މި ރަށުގެ ފައުޖު ވަރުބައްޔެއް ނުވާނެއެވެ. މި މަސައްކަތުގައި މިއީ ކުޅަދާނަ މުރާލި ބައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭކުބެ
28 March 2025
އޮއްކެޔޮ ތީ އާއްމުބަހެއްނޫން. ޢާއްމު ބަހަކީ ގޮބު ހޮވުން.
މމމމޖހހހހ
28 March 2025
އޮއްކެޔޮ ކިޔާ ލަފުޒެއް ރަދީފްއިން ނުފެނުން
ޙަލީމާ ޢަލީ
28 March 2025
ވަރަށް ރަނގަޅު އުސޫލެއް. ރަށުގަ އުޅޭ ބިދޭސީން މީގެ ތެރެއަށް ސިއްރުންވެސް ފާލުގަވެސް ވަނަ ނުދޭތި.
ކަަތީބު
27 March 2025
މީ ވަރަށް ރަނގަޅު އުސޫލެއް.
ދަނޑުން
27 March 2025
ޥ ރަނގަޅު ކަމެއް. ބައެއްމީހުން ދަންވަރު 2 ނޫނީ 3 ޖަހާއިރުސް މަދުހޮވަން ވަލަށް ދޭ.