28 މާޗް 2025 - 12:14
އެއީ 1984ވަނަ އަހަރެވެ. އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ސިފައިންގޭގެ ކަންކަން ވެސް ވަރަށް ހަރުކައްޓެވެ. އުމުރުން 27 އަހަރުގެ ހުސެއިން ގާސިމް (ދޮން ހުސޭނު) ސިފައިންގޭގައި އުޅޭތާ ފަސް އަހަރެވެ. މުސާރައަކީ 700 ރުފިޔާ އެވެ. ބުރަކޮށް އުޅެން ޖެހިފައި އެ މުސާރަ ކުޑަކަމުން ހިތްހަމަނުޖެހުނު ބަޔަކު ވެސް ތިއްބެވެ. އޭގެ ތެރޭގައި ދޮންހުސޭނު ވެސް ހިމެނި ރޭވީ ޕްލޭނެކެވެ.
ސިފައިން ގެއިން ކެނޑުމަކީ ފަސޭހަ ކަމަކަށް ނުވާތީ، ބޭނުންވީ އެތަނުން ދުރަށް ދެވޭނެ ގޮތެކެވެ. ވަޒީފާ އިން ކަނޑާލައި އަދަބު ލިބުނަސް ވަރިހަމަކޮށްލީ އެވެ.
ސިފައިންގެ ކޮންމެ މީހެއްގެ އަތަށް ވެސް އޭރު ބަޑިއެއް ދީފައި އޮވެ އެވެ. އެކަމަކު އޭގައި ވަޒަނެއް ނުހުރެ އެވެ.
"މައްސަލަ ކިޔައިދިނުން އެއީ މަނާ ކަމެއް. އެކަމަކު އަޅުގަނޑުމެން އަތަށް އޭރު ދީފައި އޮންނަނީ 8040 ބަޑިއެއް. އޭގައި ނުހުރޭ ވަޒަނެއް. ހުސް ތޮށިގަނޑެއް އެކަނި އަޅުގަނޑުމެން އަތަށް ދީފައި އޮންނަނީ،" ލ. ގަމަށް އުފަން ދޮން ހުސޭނު ކިޔައިދިނެވެ.
"ވަޒަން ނެތް އެއްޗެއް އެއީ ކީއްކުރާ އެއްޗެއް. އެއަށްވުރެ މާ ރަނގަޅުވާނެ ހޮޅިބުރިއެއް ދިނަސް. ކަމެއް ޖެހުނީމަ މަތީ ފަރާތަށް އަންގައި އެ ހުރިހާ ސަކަރާތެއް ޖަހަން ޖެހޭ."
ހުސެއިން ގާސިމް (ދޮން ހުސޭނު) ބޮޑުބެރު ޖަހަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
މުސާރަ ކުޑަވުމުން ޖެހުނު މައްސަލަ ބޮޑު ކުރުމަށް، އެކުގައި އުޅޭ 13 މީހުން ވެގެން ބަޑި އެއްލާލީ އެވެ.
"އެއްލާލީ އަނބުގަސް ދޮށަށް، އެއީ ބަޑި ގުދަނުގެ ދޮރުމަތި. އެއްލާލީމާ ކުއްވެރިވީތާ. ކުރި ހުވަޔާ ހިލާފުވީ. ޔުނީފޯމުގައި ހުއްޓާ ފުލުސް އޮފީހަށް ގެންގޮސް ހައްޔަރުކުރީ ހުރިހާ އެންމެން. ހައްޔަރުކޮށްފައި ޓީޝާޓެއް ލައްވާފައި ތިން ދުވަސް ވަންދެން ބައިތިއްބާފައި ރާއްޖެތެރޭ ރަށަކަށް ފޮނުވާލީ،" ފަސް އަހަރާ ނުވަ ދުވަސް ސިފައިންގޭގައި ހޭދަ ކުރުމަށްފަހު ނ. ކެނދިކުޅުދުއަށް އާދެވުނު ގޮތް ކިޔައިދެމުން އޭނާ ބުންނެވެ.
އޭރު އަރުވާލާ އިރު އެ މީހަކު ބޭނުން ރަށެއް ހިޔާރުކުރުމުގެ ފުރުސަތު ދެ އެވެ. އެހެންވެ ހުސޭނުގެ ރައްޓެހިން ކެނދިކުޅުދޫގައި ގިނަކަމުން އޭނާ އައީ މި ރަށަށެވެ.
އެއް މަސްދުވަހަށް އަރުވާލި ހުސޭނު މިނިވަންވީ ނޮވެންބަރު 11، 1984ގަ އެވެ. މިނިވަން ވުމުން މި ރަށުން ދެވޭ ގޮތެއް ނުވި އެވެ. ކައިވެނިކޮށް މި ރަށުގައި ދިރިއުޅުމެއް ފެށުނީ އެވެ.
ފުރަތަމަ އެ ރަށުން އިން މީހާގެ ކައިވެނި ރޫޅުނު ނަމަވެސް އެ ރަށަށް ޖެހިފައިވާ ލޯބީގެ ސަބަބުން އަނެއްކާ ވެސް އިނީ މި މީހަކާ އެވެ. އެ ކައިވެނީގައި ދެމިހުރެ މިހާރު އުމުރުން 68 އަހަރުގެ ހުސޭނުގެ ދެ ކުދިން ތިބެ އެވެ.
އޭނާ އަކީ ރަށުގައި ސަގާފީ ކަންކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ މީހެކެވެ. އީދު ދުވަސްތަކާއި މެހެމާނުންނަށް މަރުހަބާ ކިޔުމުގެ ކަންކަން އެންމެ ފުރިހަމައަށް ކޮށްދެނީ ހުސޭނުމެންގެ ބޮޑުބެރު ޓީމުންނެވެ.
މުޅި އަތޮޅުގައި ވެސް ފާހަގަކޮށްލެވޭ މި ޓީމު އެކި ރަށްތަކާއި ރިސޯޓްތަކުގައި ވެސް ބޮޑު ބެރު ޖަހަ އެވެ.
"ފުރަތަމަ ލަވަ ކިޔަމުން ބެރު ޖެހީ. އެކަމަކު މިހާރު ގިނައިން ލަވަ ކިޔަނީ، ބެރު ވެސް ޖަހަން. ލަވަ ކިޔުމުގައި އިސްވެ ހުންނާނީ ބޭބެ،" އޭނާ ބުންޏެވެ.
ހުސެއިން ގާސިމް (ދޮން ހުސޭނު) ބޮޑުބެރު ޖަހަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ކެނދިކުޅުދޫގައި ޒުވާނުންގެ ބޮޑުބެރު ގްރޫޕެއް އޮންނަ ނަމަވެސް މުސްކުޅި ގްރޫޕާ ވެސް އެ މީހުން ވަރަށް ގުޅެ އެވެ. ކުރީގެ ލަވަތައް ދަސް ކުރުމަށް އެ މީހުން ވެސް މަސައްކަތް ކުރެ އެވެ.
އެ ދުވަހު ބަޑި އެއްލާލުމުން އަރުވާލާއި އެއީ ގޯސް މީހެއްގެ ގޮތުގައި ލޭބަލް ކުރެވުނު ނަމަވެސް މިއަދު އެއީ މުޅި ކެނދިކުޅުދޫ ފަހުވެރިވާ ބޮޑުބެރު ލެޖެންޑެޖެވެ. ސިފައިން ގޭގައި އުފެދުނު ހިތްހަމަނުޖެހުން ހައްލުކުރާނެ ގޮތެއް ހޯދައިގެން އޭނާ މި ރަށަށް ބަދަލުވުމަކީ ކުރެވުނު ރަނގަޅު ކަމެއްގެ ގޮތުގައި އޭނާ ދެކެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
31 March 2025
މައުމޫނުގެ ވިސްނުން ރަގަޅެއްނު. ސިފައިންނަކީ ވަރަށް ކެތްތެރިވާންޖެހޭ ބައެކޭ. އޭގެ ފޮނިމީރުކަން މިހާރުވެސް އެފެންނަނީ. ބޮޑު މުސާރަޔާ އިނާޔަތްތައް.
ބަޚަބަރު ރިޕޯރޓު
29 March 2025
ލެޖެންޓު ދެންވާނީ ބޮޑު ބެރު އަބުތާލަކަށް
ކަރާބެ
28 March 2025
ކަރައެއް ފަޅާލީދޯ ވަރައް ވަސްދުވާ.
ނޒވަޗ
28 March 2025
ވަޒަންނެތިގެން ރުޅިއަރާމީހަކު ވަޒަންދީފައި ހުއްޓައި ރުޅިއަރާފިއްޔާ ކޮށްލާނެވަރު ހިތައްވެސް ނުގެނެވޭ. ބަޑި އެއްލާލައިފައިގޮސް ނާޗަރަންގީގައި މާމަޖާ އުތަ؟ މާދަމާއަށްވިސްނައި އަމަލު ހެޔޮކުރަހުށި
ސަގަރޭ 2
28 March 2025
މައުމޫނަށް އެނގޭ ކަލޭމެން ކަހަލަ ކަނޑުކޮހުން އަތައް ވަޒަން ލައްވާފަ ބަޑި ދީފިޔާ އަމިއްލައަށްކަން ފުރަތަމަ ވަޒަން ޖަހާނީ!!
ކެނދިކުޅުދޫ ހަސަންބޭ
28 March 2025
ވަރަށް ކުޅަދާނަ ރިޕޯޓަރުންނަށް މިފަދަ ލެޖެންޑަރުންގެ ރިޕޯރޓު ގެނެސް ދެވޭނީ
މުލޭ
28 March 2025
ނަސީބެއް ވަޒަންނުލާ ބަޑި ދީފައި އޮތްކަން. ވަޒަން ލާފައި ދީފައި އޮތްނަމަ މުސާރަ ކުޑައޭ ކިިޔާފައި ބައެއްގެ ފުރާނަ ދުއްވާލާ ކަހަލަ އެޓިޓިއުޑެއްގެ މީހެއްތީ. މިކަހަލަ ވާހަކަ ނޫސްތަކުގައި ލިޔެގެން ވެސް ނުވާނެ. ގައުމެއްގެ ދިފާޢީ ބާރާމެދު ކުޑައިމީސްކޮށް ހިތަން ހިތްވަރު ލިބޭކަހަލަ ވާހަކައެއް ދެކެވިފައި މިއޮތީ. އެއް މަސް ދުވަހަށް އަރުވާލާ ވަރަށް ވުރެ ވެސް ބޮޑު ކުށެއް ކުރެވިފައި ތިޔައޮތީ.
އެދޭށޭއެދޭށޭ
28 March 2025
ސިފައިންގެ ޚިދްމަތަށް ވުރެން ބޮޑު ގައުމީ ޚިދްމަތެއް ނޯންނާނެއޭ މުސާރަ ކުޑަވެގެން ސިފައިންގެ އިން 1984 ވަނަ އަހަރު ކެނޑިގެން ނުވާނެއޭ އެއިރުގެ ހާލަތަށް ބަލާފައި އެއީ ރަނގަޅު މުސާރަ އެކޭ ކާންދީ އަދި ނިދާނެ ތަން ވެސް ދޭނެއޭ ސިފައިންގެ އިން ބަޑި ބިންމައްޗަށް ވަޒަން ނެތަސް އެއްލާލައިގެން ނުވާނެއޭ އެއީ އެކަން ކުރަން ޖެހޭނެ ގޮތެއް ނޫނޭ އެއީ ވަރަށް ބޮޑަށް ސިފައިންގެ ގަވާއިދުތައް މުގުރާލުމޭ އެއީ މަމެން ބަލައިގަންނާނެ ކަމެއް ނޫނޭ އެކަމަށް ޖެހޭނީ މާފަށް
ބޭބޭ މެން
28 March 2025
ހުސޭނުބެ ތިޔަ ހެދީ ހެޔޮކޮއް ވ ސަލަމް
ޝަންޝަން
28 March 2025
ވަރަށްގިން ރަށްރަށުގައި ތިފަދަ ލެޖެންޑުންގިނައެވެ. ރަށުގެ ތަރަށްގީއާއި ކުރިއެރުމަށް ނުހަނު ޚިދުމަތްކޮށްދިން އެތަށްބަޔަކު ރަށަށް ބީރައްޓެހިންގެގޮތުގައި އައިސް ވަޒަންވެރިވެ އަނބިދަރިންނާ ބޯހިޔާ ވަހިކަން ފަހިކޮށް ރަށުގެ ކުރިއެރުމަށް އުމުރު ވަޤުފުކުރިޔަސް އެކަންދަންނަ މީހަކުނޫޅޭތާ ބުލީކުރުން ނުހުއްޓައެވެ. ޢަބަދުވެސް އެއީ ރަށުންބޭރު މީހެއްގެގޮތުގައި ދެކެވި، ބުނެވި އޭނާގެ ހައްގުހަނިކޮށް އިޙުތިރާމު ކުޑަކުރެއެވެ.