ބިންހެލުމުގެ ސަބަބުން މިއަންމާގައި ވެއްޓިފައިވާ އިމާރާތެއްގެ ތެރެއިން މީހުން ހޯދަނީ: އެ ގައުމުން ވަނީ 100 އަށް ވުރެ ގިނަ މީހުން މަރުވެ ބޮޑެތި ގެއްލުންތައް ވެފައި. -- ފޮޓޯ: އޭއެފްޕީ
28 މާޗް 2025 - 23:59
މިއަންމާ އާއި ތައިލެންޑަށް މިއަދު އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 150 އަށް އަރައި، ވެއްޓިފައިވާ އިމާރާތްތަކުގެ ދަަށުގައި އަދިވެސް އެތައް ބަޔަކު ވާނެ ކަމަށް ބެލެވޭތީ މި އަދަދު އަދިވެސް މަތިވާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
މިޔަންމާގެ މެދުތެރޭގެ ސާގިން ސިޓީގެ ހުޅަނގު އުތުރުން މެންދުރު ފަހު ބިންހެލުން އައި ބިމުގެ ތިލަ ހިސާބަކަށް، 7.7 މެގްނިޓިއުޑްގެ ބާރު މިނުގަ އެވެ. އޭގެ މަދު މިނެޓްކޮޅެއް ފަހުން 6.4 މެގްނިޓިއުޑްގެ އާފްޓާޝޮކެއް ވެސް އައިސްފައިވެ އެވެ.
ބިންހެލުމުގެ ސަބަބުން މިޔަންމާގެ އެކި ސަރަހައްދުތަކުގައި އިމާރާތްތައް ފުނޑުފުނޑުވެ، ބްރިޖްތައް ވެއްޓި މަގުތައް ފަޅަފަޅައިގެން ގޮސްފައި ވާއިރު ބެންކޮކްގައިހަދަމުން ދިޔަ 30 ބުރީގެ އުސް އިމާރާތެއް ވެސް ވަނީ ވެއްޓިފަ އެވެ.
ބިންހެލުމުގެ ސަބަބުން މިއަންމާގައި އަނިޔާވި މީހެއްގެ ބޮލުން ލޭތައް ފައިބަނީ: ޒަހަމްވި މީހުން ގިނަވެ މިއަންމާގެ ހޮސްޕިޓަލްތަކަށް ވަނީ ބާރު ބޮޑުވެފައި. -- ފޮޓޯ: އޭއެފްޕީ
މި ކާރިސާގައި ލިބުނު ގެއްލުމުގެ ސާފު މަންޒަރު އަދި ނުފެނުނު ނަމަވެސް ދުނިޔެއާ އެކަހެރިވެގެން އޮންނަ މިޔަންމާގެ ލީޑަރު ވަނީ ބައިނަލްއަގްވާމީ އެހީއަށް ވެސް އެދިފަ އެވެ. މިއީ ވަރަށް މަދުން ނޫނީ އެ ގައުމުން ކުރާ ކަމެއް ނޫނެވެ.
އަސްކަރިއްޔާއިން ވެރިކަން އަތުލިފަހުން ދާހިލީ ހަނގުރާމައެއްގެ ތެރޭގައި އޮންނަތާ ހަތަރު އަހަރު ވެފައިވާ މިޔަންމާގެ އުމްރާނީ ވަސީލަތްތަކާއި ސިއްހީ ނިޒާމު އޮތީ ބިންހެލުން އައި އިރު ވެސް ވަރަށް ނިކަމެތިކޮށެވެ. އެހެންވެ މިފަަދަ ބޮޑު ހާދިސާއަކާ ކުރިމަތިލުމުގެ ގާބިލްކަމެއް އެ ގައުމަކު ނެތެވެ.
ގައުމުގެ އެތައް ސަރަހައްދަކުން ކަރަންޓު ވެސް ކެނޑިފައި ވާއިރު އެންމެ ބޮޑަށް ގެއްލުންވި ހަ ސަރަހައްދުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާނުކޮށްފަ އެވެ.
މިއަންމާގެ މަގެއް، ބިންހެލުމުގެ ސަބަބުން ހަލާކުވެފައި. -- ފޮޓޯ: އޭއެފްޕީ
މިއަންމާގެ އަސްކަރީ ލީޑަރު މިން އަންގް ހްލައިންގް ވިދާޅުވި ގޮތުގައި 144 މީހުން މަރުވެ، 732 މީހުން ވަނީ ޒަހަމްވެފަ އެވެ. އޭނާ ވިދާޅުވީ މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށެވެ.
ތައިލެންޑުން ވަނީ މިހާތަނަށް އަށް މީހަކު މަރުވެފައިވާކަން ކަށަވަރުވެފަ އެވެ.
ތައިލެންޑުގެ އިންޓީރިއާ މިނިސްޓަރު އަނޫޓިން ޗާންވިރާކުލް ވިދާޅުވީ މަރުވި އަށް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި މިހާތަނަށް ނުފެންނަ މީހުންގެ އަދަދު 90 އާއި 110 އާ ދެމެދުގައި އުޅޭ ކަމަށެވެ. އެހެންވެ، މަރުވި މީހުންގެ އަދަދު އެ ގައުމުން ވެސް އަދި މައްޗަށް ދާނެ ކަމަށް ބެލެވެ އެވެ.
"ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން، މަރުވެފައިވާ މީހުންގެ ހަށިތައް ދަނީ ފެންނަމުން. އިމާރާތްތަކުގެ ބައިތައް ވެއްޓި އިތުރު ހާދިސާތައް ނުހިނގާނެ ގޮތަށް މަސައްކަތްކުރަން ޖެހޭތީ، ހަށިތައް ނެގުމަށް ވަގުތުތަކެއް ހޭދަވާނެ،" އޭނާ ވިދާޅުވި އެވެ.
ބާރުގަދަ ބިންހެލުންތައް ތައިލެންޑަށް ވަރަށް ނާދިރެވެ. އެ ގައުމުގެ އުމުރުން ދުވަސްވީ މީހުން ވެސް ބުނާ ގޮތުގައި މިއީ އެ މީހުންނަށް މިހާތަނަށް ކުރިމަތިވި އެންމެ ބާރުގަދަ ބިންހެލުމެވެ.
މިޔަންމާއަށް 1930 ވަނަ އަހަރުން ފެށިގެން 1956 ވަނަ އަހަރާ ދެމެދު 7.0 މެގްނިޓިއުޑް ނުވަތަ އެއަށްވުރެ ބާރުމިނުގައި ބާރުގަދަ ހަ ބިންހެލުމެއް އައިސްފައިވާ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނެ އެވެ. އެއީ މިއަންމާގެ މެދުތެރެއިން އުތުރާއި ދެކުނަށް އޮން ސާގިން ފޯލްޓް ކައިރިއަށް އަންނަ ބިންހެލުންތަކެވެ.
އެކި ގައުމުތަކުން މިހާރު ދަނީ ބިންހެލުމުގައި ގެއްލުންވި ދެ ގައުމަށް އެހީތެރިކަން ހުށަހަޅަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy