ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު.-- ފޮޓޯ: ނިޝާން އަލީ / މިހާރު
06 އެޕްރީލް 2025 - 14:30
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާ ގުޅޭގޮތުން ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާދަމް ޝާމިލްގެ މައްސަލަ ތަހުގީގުކުރަން ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ފުލުހަށް ހުށަހަޅައިފި އެވެ.
އަޒްމިރަލްދާގެ ވަކީލުން ނެރުނު ބަޔާނުގައި ބުނީ އޭސީސީން ޖިނާއީ ތަހުގީގެއް ފަށާފައި ނުވަނީސް، ފަނޑިޔާރުގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ޝާމިލް ސިޓީއެއް ފޮނުވުމަކީ ދޮގު މައުލޫމާތު ދިނުން ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އެހެންވެ، އެ މައްސަލައިގައި އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް ފުލުހަށް ވަނީ ހުށަހަޅައިފަ އެވެ. އޭގެ އިތުރުން ފަނޑިޔާރު އަޒްމިރަލްދާއަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރި މައްސަލައިގައި ވެސް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އޭނާގެ ފަރާތުން ވަނީ ޕޮލިހަށް ހުށަހަޅައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލާގެ އަޑުއެހުމެއް ފަށަން ތައްޔާރުވެފައި ވަނިކޮށް، ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަޒްމިރަލްދާ ހިމެނިވަޑައިގަންނަވާ ގޮތަށް އިތުރު ދެ ފަނޑިޔާރުން މިދިޔަ ފެބްރުއަރީ 26 ވަނަ ދުވަހު ސަސްޕެންޑުކުރީ އޭސީސީން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެވެ.
އެކަމަކު، އެ ކޮމިޝަނުން ބަލަނީ ކޮން މައްސަލައެއް ކަމެއް މިހާތަނަށް އަދި ހާމައެއް ނުކުރެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅުމުން ވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ތުހުމަތުކޮށް އޭސީސީން ތަހުގީގު ކުރަމުން ދަނީ ކޮން މައްސަލައެއް ކަމެއް ނުބުނެ އެވެ.
އަޒްމިރަލްދާ ވަނީ ޝާމިލް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ދޮގު މައުލޫމާތު ހިމެނި ކަމަށް ތުހުމަތު ކުރައްވައި، އޭސީސީއަށް ވެސް މިދިޔަ މަހު މައްސަލަ ހުށަހަޅައިފަ އެވެ. އެ ކޮމިޝަނުން މައްސަލަ އޮތީ ބަލައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާޒީ
08 April 2025
ސާބަހޭ ފަންޑިޔާރު، ރާއްޖޭގެ ގިން ރައްޔިތުން އިތުބާރު ކުރާ ފަންޑީޔާރުންގެ ބެންޗެއް އޮތީ.
ދިޔާނާސް
07 April 2025
ކުރީ ސަރުކާރުން ފެށިގެން އޭސީސީގެ ގޮނޑި ހޫނުކުރަން އިނުން ނޫންކަމެއް ތިޝާމިލެއް ނުކުރާނެ. މިހާރު އެހެރީ މިސަރުކާރުގައި ފެނަށް ދިރިފައި. ކޮރަޕްޓް ވެވޭނީ މިހާކަށްވަރަށް. ފުރަތަމަ ތިކޮމިޝަންޖެހޭނީ ހުދުކާފޫރާ އަތަރާ ބޮކަރުން ދޮންނަން.
ކިޔަވައިގެން
07 April 2025
މިފެންނަނީ ކިޔަވައިގެންތިބި ތަންދޮރުފިލާ މީހުންނާއި ބެހުނީމަ ކަންތައްވާނެގޮތް، މިއީ ގާނޫނުުގެ ބާރުތަންފީޒުވާ ގައުމެއްނަމަ މިހާރު ތިޝާމިލު ހުންނާނީ ގޭގަ ނޫނީ ޖަލުގޮޅިއެއްގައި.
ތައްހާނު...
07 April 2025
އެއްވެސް އިންސާފެއް ހުރިނަމަ މަޖިލީހުން ތިޔަ ޝާމިލްގެ މައްސަލަ ބަލާ އޭނާ މަގާމުން ވަކިކުރަން އެބަޖެހޭ. އަޒްމިރަލްދާއަށް ވަރަށް ބޭއިންސާފުން އެންޓި ކަރަޕްޝަން އަދި ޖޭއެސްސީއިން މި ކަންތައް ކުރީ.
ގެރެންޓީ ފައިބަރު
07 April 2025
ޝާމިލް ދެން އަންނަ ސަރުކާރެއްގައި އިންނާނީ ޖަލުގައި
ދޫނި
06 April 2025
އަސްލުވެސް މަވެސް ނިންމާގެން މިހުރީ ތިކަލޭގެ ގޮވައިގެން ދައުވާ ކުރަށް ފުލެޓް ކަންތަކުގަ. އެދުވަސް ވަނީ ވަރަށް ކައިރީގަ
ޢެޑްމުންޑޯ
06 April 2025
ތިޔަޢޭސީސީގެ އަގެއްނެތް މިހާރު ، ހުރުމަތް ކަނޑާފި
ޝަޖޫ
06 April 2025
އަޒްމިރަލްޑާއަށް އައްސަރިބަހާއި ސާބަސް. މޯ ޕަވަރ ޓު ޔޫ!
ފީކޯލް
06 April 2025
ބަރާބަރު!
ބޭހާއި ނުކުޅޭތި ބަޑި!
06 April 2025
ނޭނގި ހުއްޓައި އަނދައިދާނެ!