10 އެޕްރީލް 2025 - 10:28
މިސްރު ފޯވާޑް މުހައްމަދު ސަލާހުގެ ކޮންޓްރެކްޓް އާކުރުވުމަށް ލިވަޕޫލުން ކުރަމުން އަންނަ މަސައްކަތް ކާމިޔާބުވަމުން އަންނަ ކަމަށާއި، އޭނާ އަންނަ ސީޒަނުގައި އެ ކްލަބުގައި މަޑުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ލިވަޕޫލުގައި ފަހަކަށް އައިސް އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އުމުރުން 32 އަހަރުގެ ކުޅުންތެރިޔާގެ ކޮންޓްރެކްޓް މި ސީޒަން ނިމުމުން ހަމަވާނެ އެވެ. އޭނާ އެދޭ ވަރުގެ މުސާރައެއް ލިވަޕޫލުން ދޭން ބޭނުންނުވާތީ، ސީޒަން ނިމުމުން އޭނާ ކްލަބް ދޫކޮށްލާނެ ކަމަށް ކުރިން އޮތީ ބެލެވިފަ އެވެ.
އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި ލިވަޕޫލުން ބާއްވަމުން އަންނަ މަޝްވަރާތަކުން އަލިމަގެއް ވަނީ ފެނިފަ އެވެ. އެހެންވެ ވަރަށް އަވަހަށް ކޮންޓްރެކްޓް އާކުރާނެ ކަމަށް ބެލެވެ އެވެ.
ލިވަޕޫލަށް މި ސީޒަނުގައި 27 ގޯލް ޖަހައިދީފައިވާ ސަލާހު ވަނީ އެ ކްލަބަށް ޖުމްލަ 394 މެޗުން 243 ގޯލު ޖަހައިދީފަ އެވެ. އޭނާ އެ ޓީމާ އެކު ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކުރި އެވެ. އަދި 30 އަހަރަށް ފަހު އެ ޓީމަށް އިނގިރޭސި ޗެމްޕިއަންކަން ހޯދައިދިނުމުގައި ވެސް މުހިއްމު ދައުރެއް އަދާކުރި އެވެ.
ސަލާހު ގެންދަން ސައޫދީ އަރަބިއްޔާގެ ކްލަބްތަކުން ވެސް ބޮޑު މުސާރަތައް ހުށަހެޅި އެވެ. އެކަމަކު އޭރު ވެސް އޭނާ ބުނީ އިސްކަން ދޭނީ ލިވަޕޫލަށް ކަމަށެވެ.
ލިވަޕޫލުގެ މުހިއްމު އެހެން ދެ ކުޅުންތެރިން ކަމަށްވާ ޑިފެންޑަރު ވާޖިލް ވެން ޑައިކް އާއި، އެލެކްސެންޑާ އާނޯލްޑްގެ ކޮންޓްރެކްޓް ވެސް މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. މީގެ ތެރެއިން އާނޯލްޑް ބަދަލުވަނީ ސްޕެއިނުގެ ރެއާލް މެޑްރިޑަށެވެ. ވެން ޑައިކް ބެލެވެނީ ކޮންޓްރެކްޓް ވަރަށް އަވަހަށް އާ ކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy