ގެއްލިގެން ހޯދަމުން އަންނަ މުޝްފިގު.
10 އެޕްރީލް 2025 - 15:12
މުދާ ހިފައިގެން ދަތުރުކުރަނިކޮށް ރޯވި ބޯޓުން ގެއްލުނު އަލީ މުޝްފިގު މުހައްމަދު ޝަރީފުގެ މައްޗަށް މާދަމާ ޣައިބުގައި ކަށުނަމާދު ކުރަން ނިންމައިފި އެވެ.
އޭނާ އުފަން ލ. މާވަށު ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނީ 25 އަހަރުގެ ޒުވާނާގެ މައްޗަށް ކަށުނަމާދު ކުރާނީ ހުކުރު ނަމާދަށްފަހު އެ ރަށު މަސްޖިދުލް ބިލާލުގައި ކަމަށެވެ.
އަންހެނުންނަށް ވެސް ކަށުނަމާދުގައި ބައިވެރިވެވޭނެ ކަމަށާއި ކަށުނަމާދުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކައުންސިލުން އެދޭ ކަމަށް އެ އިއުލާނުގައިވެ އެވެ.
ތ. އަތޮޅު އަދި ލ. އަތޮޅުން މުދާ ހިފައިގެން ދަތުރުކުރި އެ ބޯޓުގައި މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ރޯވިއިރު 18 މީހުން އެ ބޯޓުގައި ތިއްބެވެ.
މާވަށު ކައުންސިލްގެ ރައީސް އަހުމަދު މޫސާ "މިހާރު"އަށް ވިދާޅުވީ މުޝްފިގު ގެއްލުނުތާ ހަފުތާއެއް ފަހުން ކަށުނަމާދު ބާއްވަނީ އާއިލާއިން ބޭނުންވެގެން ކަމަށެވެ.
"މުޝްފިގު ކޮއްކޮއަށް އެނގޭ އޭނާ އަޑިއަށް ދިޔައީކަން. މިހާތަނަށް ބަލައިގެން ވެސް ނުފެނުނީމަ އާއިލާއިން 100 ޕަސެންޓު ގަބޫލުކުރަނީ މުޝްފިގު ދިރިހުއްޓާ ނުފެންނާނެކަން." އަހުމަދު ވިދާޅުވި އެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ވަޒީފާއަދާ ކުރާ ޒުވާނާގެ މައްޗަށް ޣައިބުގައި ކަށުނަމާދުކުރަން ނިންމިއިރު، އެމްއެންޑީއެފުން ބުނީ މުޝްފިގު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކަމަށެވެ. އަދި ކަނޑާއި އެއްގަމުގެ ސަރަހައްދުތައް ވެސް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕޮލިޓެކްނިކްގައި އާކިޓެކްޗާގެ ދާއިރާއިން ކިޔަވަމުންދާ މުޝްފިގް ރަށަށް ދިޔައީ ރޯދައިގެ ފަހު 10 ގައި ލިބުނު ބަންދުގައި މައިންބަފައިންނާއެކު ޗުއްޓީ ހޭދަކޮށްލުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޮނރަބްލް ބަކުރުބެ
13 April 2025
އަނބިމީހާ އެހެން މީހަކާއި ކައިވެނި ކުރަން ފިރިމީހާ ގެ މަރުގެ ސެޓިފިކެޓް ބޭނުންވާތީ ދީނުގެ އާދަކާދައަށް ބެލުމެއްނެތި އަޑިން ގުޅިގެން ހިންގި ޖަރީމާއެއް
ހެޔޮމަގު
10 April 2025
އަދިވެސް މަގޭދުޢާއަކީ އެކުއްޖާފުޅު ދިރިހުއްޓާ ފެނުން. ވަރަށްދެރަވޭ. އަހަރެމެން ހީވެސްނުކުރާހާ ގިނަގޮތްގޮތުން ﷲ ތަޢާލާ އިންސާނާ ސަލާމަތްކުރައްވާ ރައްކާތެރިކުރައްވާ.
ސައްޙާފް
10 April 2025
ރަނގަޅު ނިންމުމެއް. މިހާރު އެގޮތަށް ޤަބޫލުކުރުމުގރ ޖާގަ އެބައޮތް. ދެރައީ 100 ޕަސެންޓޭ ބުނެވުނީތީ. އަހަރެމެން މުސްލިމުން އެކަމުގެ ހަބަރު ނޭނގޭ ކަމެއްގައި 100% ނުދެން. މާތް ﷲ މި ކުއްޖާއަށް ރަޙުމަތްލައްވާށި. ދިރިދުނިޔޭގައި ނެތްނަމަ، ސުވަރުގެ މިންވަރު ކުރައްވާށި
ޝައިޚެކެވެ.
10 April 2025
ގެއްލޭ މީހުންނާމެދު ޢަމަލުކުރާނެ އުޞޫލުތަކެއް އިސްލާމީ ޝަރީޢަތުގައި އޮވޭ. ހޯދުމަށް އެންމެ މަދު މުއްދަތެއްވެސް އޮވޭ. މީގެ އިތުރުން ޝަރުޢީ ކޯޓަކުން އެމީހާ މަރުވީ ކަމަށް ކަނޑަނާޅަނީސް މިގޮތަށް ކަށުނަމާދު ކުރުމަކީ އެދެވިގެންވާ ގޮތެއް ނޫން.
މ އަތޮޅުރައްޔިތެއް
10 April 2025
މި ކުއްޖާގެ ލައިފްޖެކެޓް އަތުލިމީހާއަށް އެއްވެސް ފިޔަވަޅެއްނާޅާތަ؟