އިންޑިއާއަށް ޖެހުނު ކޮޅިގަނޑެއްގައި ވިދައި ގުގުރަނީ: މޫސުމަށް އަންނަމުންދާ ބަދަލުތަކާ އެކު އާދަޔާ ހިލާފަށް ގުގުރައި ހޮނުއެޅުމުގެ ހާދިސާތައް ދަނީ ގިނަވަމުން.
12 އެޕްރީލް 2025 - 13:33
އިންޑިއާ އާއި ނޭޕާލަށް މި ހަފްތާ ތެރޭ އައި އާދަޔާ ހިލާފު ގުގުރީގެ ތޫފާނުތަކުގައި ހޮނު އަޅައިގެން 69 މީހަކު މަރުވެފައިވާ ކަމަށް އެ ދެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.
ފެންބޮޑުވުމާއި ވިއްސާރައިގެ ސަބަބުން ކޮންމެ އަހަރަކު ވެސް އެތައް ހާސް ބަޔަކު މަރުވާއިރު، ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން އާދަޔާ ހިލާފަށް މޫސުން ގޯސްވުމުގެ ބިރު ބޮޑުވަމުންދާ ކަމަށް ސައިންސްވެރިން ގެންދަނީ އިންޒާރު ދެމުންނެވެ.
އިންޑިއާގެ ބިހާރުގެ ޑިޒާސްޓާ އޮފިޝަލުން މިއަދު ބުނީ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ގުގުރުމާއި ހޮނު އެޅުމުގެ ސަބަބުން 61 މީހަކު މަރުވެފައިވާ ކަމަށެވެ. ނޭޕާލްގެ އޮފިޝަލުން އޭއެފްޕީއަށް ބުނި ގޮތުގައި ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ގުގުރައި ހޮނު އެޅުމުގެ ސަބަބުން އަށް މީހަކު މަރުވި އެވެ.
އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި ބިހާރަށް މިއަދު ވަރަށް ބޮޑަށް ވިއްސާރަކުރާނެ އެވެ.
ތަޖުރިބާކާރުން މިދިޔަ އަހަރު އިންޒާރު ދީފައިވާ ގޮތުގައި މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން އިންޑިއާގައި ދަނީ ހޮނުއެޅުމުގެ ހާދިސާތައް ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އާބާދީ އެންމެ ބޮޑު ގައުމު ކަމަށްވާ އިންޑިއާގައި މިފަދަ ހާދިސާތަކުގައި އަހަރަކު 1،900 ވަރަކަށް މީހުން މަރުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އިންޑިއާގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ އޮޑިޝާގެ ފަކީރު މޯހަން ޔުނިވާސިޓީގެ ދިރާސާއެއްގައި ސައިންސްވެރިން ބުނެފައިވާ ގޮތުގައި 1967 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ދެމެދު، ހޮނު އެޅުމުގެ ސަބަބުން 101،309 މީހުން މަރުވެފައިވެ އެވެ. އަދި މިފަދަ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 2010 އާއި 2020 އާ ދެމެދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިއްސާރަ.
12 April 2025
ވަރަށް ހިތާމަވެރި ކަމެއް.