16 އެޕްރީލް 2025 - 09:35
ސަރުކާރު ހިންގުމުގެ ހަރަދުތައް ކުޑަކުރުމުން ދައުލަތުގެ މި އަހަރުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް 3.4 ބިލިއަން ރުފިޔާއިން އަރަނިވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ މާލީ ހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ދައުލަތުގެ އާމްދަނީ ގޮތުގައި 11.2 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އަށް ވުރެ 500 މިލިއަނެއްހާ ރުފިޔާގެ އިތުރުވުމެކެވެ.
ޕްރައިމަރީ ބެލެންސް 3.4 ބިލިއަން ރުފިޔާއަށް އިތުރުވި އިރު، އޯވަރޯލަ ބެލެންސް ވެސް ވަނީ 2.1 ބިލިއަން ރުފިޔާއަށް އަރަނިވެފަ އެވެ. އޯވަރޯލް ބެލެންސްގައި ދަރަނި އަދާކުރުމަށް ދާ ހަރަދު ހިމަނާނެ އެވެ. ދަރަނި އަދާކުރުމުގެ ހަރަދެއްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މިއަހަރުގެ މިހާތަނަށް ދައުލަތުން ވަނީ 9.1 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. ހަރަދުގެ ގޮތުގައި އެ އަދަދު ހޭދަކުރި ނަމަވެސް، ބަޖެޓު ކޮންސަމްޝަން ނުވަތަ، ހަރަދުގެ އިތުރަށް ދައުލަތުން ކުރާ ހޭދަތަކުގެ ގޮތުގައި އިތުރު ގާތްގަނޑަކަށް އިތުރު 3.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެއީ ލޯނު އަނބުރާ ދެއްކުމަށް 2.4 ބިލިއަން ރުފިޔާ އާއި އިންވެސްޓްމެންޓްގެ ގޮތުގައި 400 މިލިއަން ރުފިޔާ އާއި ލޯނުގެ ގޮތުގައި ދައުލަތުން ދޭ ފައިސާގެ ގޮތުގައި 300 މިލިއަން ރުފިޔާ ހޭދަކުރި އެވެ. ލޯނުގެ ގޮތުގައި ދައުލަތުން ފައިސާ ދޫކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ.
މި އަހަރުގެ މިހާތަނަށް ޓެކްސްގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ދައުލަތުގެ އާމްދަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު، ބައި ބިލިއަނެއްހާ ރުފިޔާ އިން އިތުރުވެފައިވާއިރު، ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ އެކު، ދައުލަތް ހިންގުމުގެ ހަރަދުތައް ވެސް ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި 8.9 ބިލިއަން ރުފިޔާގައި ހުރި ރިކަރަންޓު ހަރަދު، މި އަހަރު ވަނީ 8.4 ބިލިއަން ރުފިޔާ އަށް ތިރިކޮށްފަ އެވެ.
ޖުމްލަ ރިކަރެންޓު ހަރަދު ކުޑަވެފައިވިޔަސް ދައުލަތުގެ މުސާރަ އާއި ޕެންޝަނަށް ކުރި ހޭދަ މިދިޔަ އަހަރަށް ވުރެ އިތުރެވެ.
މިދިޔަ އަހަރު މުސާރަ އާއި ޕެންޝަނަށް ކުރި ހަރަދު 3.3 ބިލިއަން ރުފިޔާ އިން މި އަހަރުގެ އެ މުއްދަތުގައި ވަނީ 3.6 ބިލިއަން ރުފިޔާ އަށް އުފުލިފަ އެވެ.
ނަމަވެސް، ޖުމްލަ ރިކަރަންޓު ހަރަދު ދަށްކޮށްފައި ވަނީ ދައުލަތުގެ އިދާރީ ހިންގުމުގެ ހަރަދުތައް ކުޑަކޮށްގެންނެވެ.
އިދާރީ ހިންގުމަށް މި އަހަރުގެ މިހާތަނަށް ހޭދަވެފައިވާ 4.8 ބިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 600 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.
ރިކަރަންޓު ހަރަދުތަކުގެ އިތުރުން މި އަހަރުގެ މި މުއްދަތުގައި ސަރުކާރުން ކުރި ކެޕިޓަލް ހަރަދުތައް ވެސް ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ކެޕިޓަލް ހަރަދުތަކުގެ ގޮތުގައި ހުރި ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ ހޭދަ، މި އަހަރުގެ އެހާތަނަށް ވަނީ 693 މިލިއަނަށް ދަށްވެފަ އެވެ.
ދައުލަތަށް އާމްދަނީ ލިބުނު ނިސްބަތަށް ވުރެ ހަރަދުތައް ކުޑަކޮށްފައިވާތީ މި މަހުގެ 10 އާ ހަމައަށް ދައުލަތުގެ ބަޖެޓު ވަނީ 3.4 ބިލިއަން ރުފިޔާ އިން އަރަނިވެފަ އެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ މިންވަރު ވެސް މި އަހަރުގެ މިހާތަނަށް ވަނީ އިތުރުވެފަ އެވެ. އެގޮތުން، މި މަހުގެ 10 ގެ ނިޔަލަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް 437.1 މިލިއަން ރުފިޔާ ޖަމާކުރިއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ ފަންޑަށް ޖަމާކޮށްފައިވަނީ 342 މިލިއަން ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިނި އާދޭ ދޯ
17 April 2025
ޚަރަދު ކުޑަކުރަނީކީ ނުން، ގާބިލުކަމެއް ނެތީމަ ކަމެއް ނުހިންގެނީ
އަފާފް ސައީދު
17 April 2025
ރަނގަޅު ކަން އިނގޭ މާލިމީއެއް އައުމުން ގައުމުގެ އިގްތިސާދު ހަމަޔަކަށް އަޅުވާ ބުންވަރު ޖައްސަމުން މިދަނީ. ތަރައްގީ ގެ ޕްރޮޖެކްޓް ހިންގަން ފެށުމުން ގައުމުގެ އިގްތިސާދާ ރައްޔިތުން ތިޔާގިވާނެ
އިސްމާއިލް އުޝާމް
17 April 2025
މީގެ ސަބަބުން ތަރައްގީއަށް ބޮޑު ހޭދައެއް ކުރެވޭނެ. ކުރިޔަށް އޮތީ އުފާވެރި ދުވަސްތަކެއް އިންޝާﷲ
ނޫހް އިބްރާހިމް
17 April 2025
ރައީސް މުއިއްޒް ގަދަ. ޕްރިޖެކްޓް ހިންގަން މޮޅު ފޯމިއުލާއެއް ނެރެ ރަނގަޅަށް ބަޖެޓް މެނޭޖް ކުރަމުން މިދަނީ
ސިަފތުﷲ
17 April 2025
ކަންކަން ހަމަޔަކަށް އަޅުވަމުން ސަރުކާރުން މިދަނީ. އިގްތިސާދު ރަނގަަޅަށް މެނޭޖް ކުރަމުން
ބުރަތޭރީ
16 April 2025
އެތަށް ވިޔަފާރިތަކެއްގެ ފައިސާ، ފިނޭންސުން ނުދީ ހިފަހައްޓައިގެންތިބެ ، ބަޖެތް ސާޕްލަސްއޭ ބުނުން ހުތުރު.
ކައުންސެލަރު...
16 April 2025
އިބުރާހިމް މުހައްމަދު ސޯލިހު ވެރިއަކަށް ހުރެފާ އަމީރު ފިނޭންސުގަހުރިނަމަ ދިވެހިން މިއަދު ގިސްލާ ރުއީސް
މީވެސް ވާހަކަ
16 April 2025
ދެން ޕެންޑިންގް ޕޭމެންޓްތަށް ދޭންވީނުން
ރިބަން
16 April 2025
ތީ އަނެއްކާ ތެދެއް ބާ؟ މި ސުވާލު ކުރަންޖެހޭ ހިސާބަށް ކަންތައް ވަނީ ގޮސްފައި.
ޔުމާން
16 April 2025
އިތުރުވާނެ. އެކަމާ ހާސްވާނެ ކަމެއް ނެތް. މި ގައުމުގަ ހުރި ވެރިޔާ ތަފާތުވާނެ