17 އެޕްރީލް 2025 - 09:16
އާބާދީ މަދުވެ، ރަށުގައި އަސާސީ ހިދުމަތްތައް ދޭން ދަތިވާ ކަމަށް ގަބޫލުކޮށް އެހެން ތަންތަނަށް މީހުން ބަދަލުކޮށް ދ. ރިނބުދޫ ފަޅުކޮށްލަން އެތައް ފަހަރަކު އުޅެފި އެވެ. އެ ފިކުރުގައި އުޅުނު އެތައް ބަޔަކު ސުނާމީ ކާރިސާއަށް ފަހު، މި އަތޮޅުގެ ވެރިކަންކުރާ ރަށް، ކުޑަހުވަދޫގެ އިތުރުން އދ. މާމިގިލި އަދި ކ. ތުލުސްދުއަށް ހިޖުރަކުރި ގޮތަށް އެ ތަންތަނުގައި އެބަ ދިރިއުޅެ އެވެ.
މިހާރު މި ރަށުގައި ތިބީ ކޮންމެ ގޮތަކުން ވިޔަސް އުފަން ވަޒަން ދޫކޮށްފައި ދާން ބޭނުންނުވާ 356 މީހުންނެވެ. އެކަމަކު ރަޖިސްޓްރީގައި 598 މީހުން އެބަތިއްބެވެ.
އާބާދީއަށް މާ ބޮޑު ކުރިއެރުމެއް ނުލިބި އަދި މި ރަށުގެ ވާހަކަ މާ ގިނައިން ދައްކާނެ ބަޔަކު ނެތުމުން ރިނބުދޫގައި މީހުން އުޅޭކަން ހަނދާން ނެތޭ ހިސާބަށް ދިޔައީ އެވެ. އެކަން އެންމެ ހިތްދަތި ގޮތަކަށް ހާތިމް އިބްރާހިމަށް ތަޖުރިބާކުރެވުނީ، އެންމެ ފުރަތަމަ ކައުންސިލަރުން ހޮވައިގެން އޭރުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރަން މާލެ ކުރި ދަތުރުންނެވެ.
"ވަރަށް މާޔޫސްވި. އެކަމަކު ހިތްވަރު އެލުވާނުލަން. ކައުންސިލަށް އައިސްފައި 2011 ވަނަ އަހަރު މާލެ ދިޔައިން. ގޮސްފައި ޑީއެންއާރަށް ވެސް ދިޔައިން މި ރަށުގެ ސާފު ރަޖިސްޓްރީ އެބަ ބޭނުންވޭ ކައުންސިލަށް، އެ ހޯދަދޭށޭ މި އައީ މި ތަނަށް. ބައެއް މިނިސްޓްރީތަކަށް ދިޔައީމާ ބުނަނީއޭ، ރިނބިދޫގައި އުޅޭހޭ މީހުން. ވަރަށް ވަރަށް ދެރަވާނެ. މިނިސްޓަރު މި ވިދާޅުވަނީ ރިނބިދޫގައި މީހުން އުޅޭހޭ. މާނައަކީ އެހީއެއް ވެސް ނެތެއްނޫންހޭ ވެވިފައެއް. ގިނަ ބަޔަކަށް ނޭނގުނޭ،" ރިނބުދޫ ކައުންސިލްގެ ރައީސްކަން ޖެހިޖެހިގެން ތިން ދައުރު އަދާކުރެއްވި ހާތިމް ބުންޏެވެ.
ރިނބުދޫގެ ބީޗު ކުރިމަތީގައި ހިންގާ ޑެލްފީނޯ ގެސްޓްހައުސްގެ އެތެރެ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ސަރުކާރުގެ އިސްވެރިންގެ ފަރާތުން އެ އިވުނު ދެރަ ބަސްތަކަކީ ހިތްވަރެއްކަމަށް ބަލައިގަނެ، 11 އަހަރަށް ފަހު ކައުންސިލްގެ ރައީސްގެ ޒިންމާއިން ހާތިމް ދުރަށް ވަޑައިގެންނެވިއިރު މުޅި ރާއްޖެއަށް ރިނބުދޫ އިސްތިހާރުވެއްޖެ އެވެ. އެކަމުގައި ގެންގުޅުނީ އާއްމުންގެ ހިތްދަމައިގަންނާނެ ވިސްނުންތަކެވެ. އޭގެ އެއް މަންޒަރަކީ، ބަނދަރުން ފައިބައިގެން ހިނގާފައި ދާ މަގުގެ ދެ ފަރާތުގައި ކުރަހާފައިވާ ރީތި މަންޒަރުތަކެވެ. ރާއްޖޭގައި އާއްމުކޮށް ނުފެންނަ "މިއުރަލް އާޓްސް"ގެ ކުލަތަކުން ސޯޝަލް މީޑިއާ ފުރާލި ފަހުން މީގެ ކުރިން ހާލަކުން ފަހަރަކު މީހަކު އަރާލާ މި ރަށަށް 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެކަނި ވެސް ރަށަށް 1،200 މީހުން ޒިޔާރަތްކުރި ކަމަށް ހާތިމް ބުންޏެވެ.
ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި މި ރަށް އިސްތިހާރުކުރުމުގެ ފައިދާ ވަރަށް ރަނގަޅެވެ. އެއިން ރަށަށް ވަންނަ އާމްދަނީ އިތުރުވެގެންދިޔަ އެވެ.
ރިނބުދޫ ކައުންސިލްގެ ކުރީގެ ރައީސް ހާތިމް "މިހާރު"އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ނަމަވެސް، އެ ހިސާބުން ދިމާވީ ވަރަށް ދެރަކަމެކެވެ.
އެތައް އަހަރެއް ވަންދެން މި ރަށުގައި ހިންގަމުން ދިޔަ ގެސްޓްހައުސް، ވެރިފަރާތުގެ އެހެން ވިޔަފާރިތަކަށް ސަމާލުކަން ދިނުމަށް ވަކި ހިސާބަކުން ބަންދުކުރީ އެވެ. އެކަމަކު، އޭރު ޓޫރިސްޓު މަންޒިލެއްގެ ގޮތުގައި ރިނބުދުއަށް ކުރި އިސްތިހާރު ވައިގައި ހިފައިފި އެވެ. އެހެންވެ، ކައުންސިލްގެ ދައުރު ނިންމައި މާލޭގައި ދޮޅު އަހަރުވަންދެން އުޅުމަށްފަހު އަނބުރާ ރަށަށް ބަދަލުވެ ހާތިމް ކުރިއަށް ކުރިއަށް ގެންދިޔައީ އޭނާ ފެށި މަސައްކަތެވެ. މީގެ ކުރިން ހިންގި "ވިލާ ސްޓެއްލާ" އަދި ބީޗު ކުރިމަތީގައި ހިންގާ "ޑެލްފީނޯ" ކުއްޔަށް ނަގައި، 2-3 މަސް ދުވަހުގެ މަރާމާތަށް ފަހު ހިންގާތާ މިހާރު އަހަރެއްވެއްޖެ އެވެ. އެ ދެ ތަނުގެ ހަ ކޮޓަރި ވެސް، މި މަހާ ހަމައަށް ފުލްވެފައިވާ ކަމަށް، މިދިޔަ ޑިސެމްބަރު މަހު ދިން އިންޓަވިއުގައި ހާތިމް ވިދާޅުވި އެވެ. މި ވަގުތު ވެސް 14 މީހުން އެބަތިއްބެވެ. މި އަހަރު ހަތަރު ކޮޓަރީގެ އިތުރު ގެސްޓްހައުސެއް އޮޕަރޭޝަނަށް ގެންނާނެ އެވެ.
"ރަށަށް އަންނަން ބޭނުން ވެގެން މީހުން ވަރަށް ގުޅާ. އެކަމަކު، ހިދުމަތް ދޭނެ ގެސްޓު ހައުސެއް ނެތީ. މި ރަށުގައި އެންމެ ބޮޑަށް ދެކެވުނު ވާހަކަ އެއީ މި ރަށުގެ އިކޮނޮމީ ރަނގަޅުކުރެވޭނީ ސަސްޓެއިނަބަލް ލޯކަލް ޓޫރިޒަމްގެ ތެރެއިންނޭ. މިހާރު ގިނަ ރަށްރަށުގައި ކުރާ ގޮތަށް ގެސްޓްހައުސް ހަމަ އަޅާފައި ރަށް ފުރެންދެން ގެސްޓުން އަރުވާފައި އެގޮތަށް ކުރުމެއް ނޫނޭ. ދިވެހި ކަލްޗާ ފެންނަ ގޮތަށް ދިވެހި ރަހަތަކާ އެކީގައި ހިންގާ ސަސްޓެއިނަބަލް ޓޫރިޒަމޭ،" ހާތިމް ބުންޏެވެ.
ރިނބުދޫގައި ހިންގާ ޑެލްފީނޯ ގެސްޓްހައުސް ކުރިމަތި.- ފޮޓޯ: ނިޝާން އަލީ/ މިހާރު
ގެސްޓްހައުސް ހުޅުވައި މާކެޓު ކުރުމާ އެކު އިޓަލީ މީހުންގެ މެދުގައި ވަރަށް މަގުބޫލުވެއްޖެ އެވެ. ޗައިނާ، ކޮރެއާ، ރޫމޭނިއާ އަދި ޔޫރަޕްގެ ގިނަ ގައުމުތަކުން ވެސް މި ތަންތަނަށް މީހުން އައިސްފައިވެ އެވެ.
އިންޓަވިއު ދިނުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ދުބާއީގެ މުއްސަނދި ކުންފުންޏަކުން، ޕްރޮޖެކްޓެއްގެ ކަމެއްގައި މި ތަނުގެ ކައިރީގައި އޮންނަ ސައިޓެއް ބަލައި، ރިނބުދޫގެ މައުލޫމާތު ލިބިގެން ރަށުގައި ހަތަރު ދުވަސް މަޑުކުރި އެވެ. އަނބުރާ ދިޔައީ މި ރަށަށް ގިނަ ކަންތައްތައް ކޮށްދިނުމަށް އެއްބަސްވެގެންނެވެ.
ދެ ގެސްޓްހައުސްގައި ހިންގާ ރެސްޓޯރެންޓުންނަށް ކާން ލިބޭނީ ދިވެހި ކެއުންތަކެވެ. މުރަނގަފަތު ބިސްގަނޑުން ފެށިގެން ތަފާތު އެކި ދިވެހި ރަހަތަކުގެ ސޫޕްތަކެވެ. އެކްސްކާޝަންގައި މި ރަށުގައި ގަހަނާ ހަދާ ތަންތަނަށް ޒިޔާރަތްކޮށް އެކަން އަމަލީ ގޮތުން ތަޖުރިބާ ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. މި ކަންކަމާ ހެދި މި ރަށުގައި ލޯކަލް ޓޫރިޒަމް ހިންގާ ގޮތް މީހުން ގަބޫލުކުރެ އެވެ.
"މި ރަށުގައި ވަރަށް ޕޮޒިޓިވް. ވަރަށް ސަޕޯޓިވް. މި ތަނާ ކައިރީގައި އުޅޭ މީހުން ވެސް ވަރަށް ސަޕޯޓިވް. ޓޫރިސްޓުން ވެސް އެ ވާހަކަ ދައްކާ. ތިމަންނަމެންނާ ވަރަށް ގާތޭ. އެހެން ރަށްރަށު މީހުންހެން ބީރައްޓެހި ކޮށްލާފައެއް ނޫނޭ، ވަރަށް ގާތްކޮންނޭ އުޅެނީ،" އޭނާ ބުންޏެވެ.
ގެސްޓްހައުސް ކުރިމަތީގައި ހުރި އަތިރިމަތީގައި ގޮނޑިޖަހާފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި ފަހުން ވެސް ތިން ދުވަހަށް މި ގެސްޓްހައުސަށް އައި ބައެއް، ކައިރި ރަށަކަށް އަނބުރާ ގޮސް ހިތްހަމަނުޖެހިގެން އެއް ރޭ ކޮށްފައި އަނބުރާ އައި ގޮތަށް ގައުމަށް ދިޔައީ ދެ ހަފުތާ ފަހުންނެވެ.
ހާތިމް ބުނީ ޓޫރިސްޓުންނަށް، އާއްމުންގެ ގޭގެއަށް ގޮސް ހެޔޮ އަގެއްގައި ސީދާ ދިވެހި ކެއުންތައް ރަހަ ބަލައިލުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ. އެގޮތަށް ކެއުމުން އޭގެ ފައިދާ ދެ ފަރާތަށް ވެސް ލިބެ އެވެ. އެކްސްކާޝަންގައި ނައިޓް ފިޝިންއަށް ދަނީ އެކި މީހުންގެ ލޯންޗުގަ އެވެ.
"ލޯންޑްރީ މި ދެނީ ލޯކަލް މީހަކަށް. ކުނި ކަހަން މި ދެނީ ކޮންމެވެސް އެހެން މީހަކަށް. އެކްސްކާޝަންއަށް ދާ ލޯންޗު ރަށު ތެރެއިން އެހެން މީހެއްގެ ލޯންޗެއް މި އޮންނަނީ. މި ހުރިހާ ލާރިއެއް މި ދަނީ ރަށު ތެރެއަށް. ދިޔައީމާ އެންމެން ވެސް ހެޕީ. އެންމެންނަށް ވެސް އެނގޭ މި އިން ލިބެނީ ފައިދާކަން،" ހާތިމް ބުންޏެވެ.
އޭނާ ގަބޫލުކުރާ ގޮތުގައި ލޯކަލް ޓޫރިޒަމް ހިންގާ ނަމަ އޭގެ ފައިދާ ދައުރުވާން ގެސްޓްހައުސްގެ ހަތަރު ފާރުގެ ތެރޭގައެއް ނޫނެވެ. އޭގެ އަސަރު، މުޅި ރަށަށް ކުރަންޖެހޭނެ ކަމަށް ބުންޏެވެ. އެކަމަކު، ޓޫރިޒަމް ފުޅާވެފައިވާ ރަށްރަށުން ފެންނަނީ، ހާތިމް ބުނި ގޮތުގައި ބިމެއް ކުއްޔަށް ނަގައި އެ ތަނުގައި ހުރިހާ ހިދުމަތެއް ދޭން ފަށާ ތަނެވެ.
"އެގޮތަށް ހެދީމަ އާއްމުންނަށް މާ ބޮޑު ފައިދާތަކެއް ނުކުރޭ." ހާތިމް ބުންޏެވެ.
ހާތިމް ހުރީ އެހެންވިޔަ ނުދިނުމަށެވެ. ލޯކަލް ޓޫރިޒަމް ފުޅާވާއިރު ރަށުގެ އެންމެންނަށް އެކަމުގެ ފައިދާ ފޯރުކޮށްދޭން ހުރީ އަޒުމުގަ އެވެ. ރަށަށް ދިރުން ގެނެސް ރަށް ފަޅުވިޔަ ނުދޭން ފެށި މަސައްކަތުގައި އޭނާ ފަސްޖެހުމެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޫރުބެ
19 April 2025
ދައުލަތުގެ ހަރުދަނާ ސިޔާސަތެއް އޮންނަންވާނެ! ބޭނުން މީހަކު ބޭނުންގޮތަކަށް ބޭނުންތާކު އުޅެ ބޭނުންވާވަރަށް އަސާސީ ޚިދުމަތް ދޭންޖެހޭނަމަ ދުވަހަކުވެސް މިގައުމަށް ހިން ދެމިއެއް ނުލެވޭނެ! އިޚްލާޞްތެރި ވެރިކަމެއް އޮންނަންވާނެ.
މީހަ
18 April 2025
މިކަހަލަ އާބާދީ މަދު ކުދިރައްތައް އުވާލާ އެއްފަސްކުރަންވީ. މިކަހަލަ އާބާދީ މަދު ކުދި ހުރިހާރަށެއްގަ ރިސޯޓްހަދާ ދައުލަތަށް ޚަރަދު ކުޑަކުރަންވީ
ާދޮންކަލޯ
18 April 2025
މުޅިންވެސް ސަޅިބައިސާ ކަނޑާގެން އުޅޭ ސޮރެއްތީ. ކަމަކަށް އަމަލީ ސިފައެއް ގެންނަން ދަންނަ މީހެއްވެސްނޫން ތީއަކީ. އަނގައެއް އޮތީމަ ކޮފަނީ.
ދުރުމި
18 April 2025
އަނގަ އޮތިއްޔާ ކޮންމެ އެއްޗެކޭވެސް ކިއިދާނެ . ހަޤީޤަތަކީ ރާއްޖެ ތަރައްޤީ ކުރަން ބޭނުންނަމަ މީހުން އުޅޭ ރަށްތަށް ބޮޑުތަނުން މަދުކޮށް އެއްފަސް ކުރަންޖެހޭ. ގެސްޓް ހައުސްް ހިންގާާެިގެން ރަށަށް މީހުން ގިނަ ކުރެވޭ ނަމަ ވ އަތޮޅު ރަށްތަށް މިހާރު އޮންނާނީ ވިހި ތިރީސް ހާސް އާބާދުވެފަ . ހަމަ ހަޤީޤަތުގައި ވެސް އެއްފަސް ކޮށްގެން ރާއްޖެ ތަރައްޤީ ކުރާނެ ވެރިޔެއް ބޭނުންވޭ އެބަ . ކުދި ރަށޭ ބޮޑު ރަށޭ ކިޔަ ކިޔާ އަބަދު ނުތިބެވޭނެ . ދުނިޔެ ދަނީ ބަދަލުވަމުން
ނާޒިމު
17 April 2025
ހާދަ ވައްތަރޭ އަމިއްލަ ވިޔަފާރި ގެއްލިދާނެތީ ދައްކާ ވާހަކަޔަކާ! ދޯ؟
ވަލުގޭ އަނީސާ
17 April 2025
ތިޔ ހާތިމްގެ ވާހަކަ ދެއްކީމަ މަ ގާތަށް އަންނަނީ ނުލަފާ ހިންޏެއް
ވިޒިޓަރސް
17 April 2025
ކާމިޔާބަށް އެދެން. ވަރަށް ރީތި ފަރެއް ވެސް އޮންނަ ރީތި ރަށެއް
ސަސްޓޭ1
17 April 2025
"ސަސްޓެއިނަބަލް" ކިޔަނީ، ހާތިމްގެ ލައިފްޓައިމްގައި ހަމަޖެހިލައިގެން އުޅެވުމަކަށް ނޫނޭ.
ހޫމް
17 April 2025
ތިޔައީ ސިޔާސީ ސޮރެއް އޭނަ ދައްކާ ވާހަކަ ހުންނާ ޓްވިޓަރގައި
ވަކަރުގެ މީހާ
17 April 2025
ރަތްމަންދޫ މެޖޯރިޓީ މީހުން ބޭނުން ވަނީ ރަށުން ފައިބާން . ޖެޓީ ދޮށު މުންޑު ޖިންނި ގެ 6 ވަރަކަށް އައުވާނުން ބޭނުން ވަނީ ރަށުގައި ދިރިއުޅެން ،އެވެސް ފިތުނަ އުފައްދަމަުން.
ބާޓާ
18 April 2025
އުޅޭނެ ހިފިނުރެ އުޅޭ އަށްޔަ ކިޔާސޮރެއް